ލިޔުނީ : މަރިޔަމް ޙުސައިން / ހދ.ކުޅުދުއްފުށި
އަޔާޒާއި ލިވީގެ މެދުގައި އޮންނަނީ އާދަޔާ ހިލާފް އެކުވެރިކަމެކެވެ. ކުޑައިރުންސުރެން އެއްފުރާޅެއްގެ ދަށުގައި އުޅެންޖެހުމުން ދެކުދިން މެދުގައި އޮންނަނީ އާއިލީ ގާތްކަމެކެވެ. ބޭބެއަކާއި ކޮއްކޮއަކާއި މެދު އޮންނަ ފަދަ ލޯތްބެކެވެ. އަޔާޒުގެ މަންމަ މިދުނިޔެއާއި އަލްވަދާއުކީ އަޔާޒް ވިހަން އުޅުމުގެ ތެރޭގައެވެ. އެދުވަހުން ފެށިގެން އަޔާޒް ބަލަނީ ލިވީގެ މާމަ ހަދީޖާއެވެ. އަޔާޒްވެސް ހަދީޖާއަށް ކިޔަނީ މާމައެވެ. އެއީ ލިވީ އާއި ގޭގެ އެހެންކުދިން އެހެން ކިޔާތީއެވެ. އެހެނަސް ލިވީގެ މަންމަ ލަތީފާއަށް އަޔާޒް ކިޔަނީ ދައްތައެވެ. އަޔާޒަކީ ހަދީޖާގެ ދުރުތާ ތިމާގެ މީހެއްގެ ކުއްޖެކެވެ. ހަދީޖާގެ މާމަ ދަރިންނާ އަޔާޒް އެއްގޮތަކަށްވެސް ތަފާތެއް ނުކުރެއެވެ. ހަދީޖާގެވެސް ފިރިހެން ދަރިއަކު ނެތުމުން އޭނާ އަޔާޒް ދެކެ ލޯބިވަނީ އިންތިހާއަށެވެ.
ލިވީ އާއި އަޔާޒް އަބަދުހެން އުޅޭނީ އެކީއެވެ. ލިވީ އާއި އަޔާޒް ސްކޫލަށް ގޮސް ޓިއުޝަނަށް ގޮސް ހަދަނީ އެކީއެވެ. ފިލާވަޅުތައް ހަދާ ކަނީވެސް އެކީގައެވެ. އަޔާޒާއި ލިވީ އެކީ އުޅޭތީ ގޭއެންމެންވެސް ތިބެނީ އުފަލުންނެވެ. ދެމީހުން އެއްތަން ވެއްޖެނަމަ ކޯޅޭކޯޅުންވެސް ވަކި މަދެއްނޫނެވެ. ރުޅިއަކުންނޫނެވެ. ލޯބިންނެވެ. އެކަކު އެނެއްކަކު ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. ބައެއްފަހަރު މަޖާކޮށްލުމުގެ ބޭނުމުގައެވެ. ގޭތެރޭގައި އަޔާޒާއި ލިވީ އުޅޭނަމަ އެހެން މީހަކުވެސް ފޫއްސެއްނުވާނެއެވެ.
ކާމިޔާބު ކަމާއި އެކު ދެކުދިން ތައުލީމީ ޙަޔާތް ނިންމާލީ އެކުއެކީގައެވެ. އެއުމުރުގެ ގިނަކުދިން ކުދިންނާ ރައްޓެހިވެގެން އުޅުނަސް އެއިން ކުއްޖަކު އަދި އެކަހަލަ ހިޔާލެއް ނުކުރާ ކަހަލައެވެ. ލިވީ އާއި ރައްޓެހިވާން ކުދިން އެހިޔަސް އޭނާގެ އެފަދަ ޝައުޤުވެރިކަމެއްނެތެވެ. ލިވީ ބޭނުންވީ މަތީތައުލީމް ޙާސިލްކުރާށެވެ ކުޑައިރުން ސުރެން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހަދާށެވެ. އެއާ ހިލާފަށް އަޔާޒް ބޭނުންވީ އަވަހަށް ވަޒީފާއަކަށް ދާށެވެ. މަންމަޔައި ބައްޕަޔަކާއި ނުލައި އޭނާ ބަލާބޮޑުކުރީ ހަދީޖާއެވެ. އުމުރުން ދުވަސްވެފައިވާ ހަދީޖާއަށް އިތުރު ތަކުލީފެއް ޖައްސާކަށް އަޔާޒް ބޭނުމެއްނުވިއެވެ. ހަދީޖާގެ ބުރަ މަސައްކަތުން އޭނާއަށް ކިޔަވައިދީފިއެވެ. ދެން އަޔާޒް ބޭނުންވަނީ ހަދީޖާ އެމުރުގެ ބާކީ އޮތްބައި އަރާމްކުރާށެވެ. އެމާމައަށް ހުރިހާ ގޮތަކުންވެސް އެހީވާން އަޔާޒް ހުރީ ތައްޔާރަށެވެ.
އަޔާޒަށް އެއަރޕޯޓުން ވަޒީފާ ހަމަޖެހުމުން އެންމެ ދެރަވީ ލިވީއެވެ. އަޔާޒަށް ކާމިޔާބަށް ނޭދޭތީއެއް ނޫނެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅޭނެތިންނެވެ. ލިވީގެ ކިޔެވުން ފެށެން ގިނަދުވަސް އޮތުމުން އަޔާޒް ނެތުމުން އިންތިޙާއަށް ފޫހިވާނެތިންނެވެ. އަންހެން ރައްޓެހިންނާއި އެކު ލިވީ ބޭރަށްދިއުމަކީ ލަތީފާ ރުހޭކަމަކަށް ނުވާތީ އޭނާޔަށް ޖެހޭނީ ގޭގައި އިންނާށެވެ. އަޔާޒް ނޫން މީހަކާއި އެކު ލިވީ ތަންތަނަށް ފޮނުވަން ލަތީފާވެސް ޖެހިލުންވެއެވެ. އަޔާޒްގެ މާތް އަޙްލާގާއި ރިވެތި އާދަތަކުން އަޔާޒަށް ކުރާ އިތުބާރާއި ޤަދަރު އެހާވެސް ބޮޑެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަޔާޒް ހޭލައިގެން އާއިރު ލިވީ އިނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން މޫނު ހަދާފައެވެ. ލަތީފާ ހުއްޓައިނުލާ އެއްޗެހި ކިޔަމުންދެއެވެ. އަޔާޒް ފެނުމުން ލިވީއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އުނދުންކައިރީ ދޮރަށް ފުރަގަސްދީގެން ހުރި ލަތީފާއަށް އަޔާޒް އެތަނަށް އައިކަމެއް ނޭގެއެވެ.
” ދެން އަޅެ ޕުލީޒް މަންމާ….ފޮނުވަ ބަލަ އަޔާޒްވެސް ދާނޭ………..” އަޔާޒް ލިވީއާ ދިމާލަށް ބަލާލީ ވެގެން އުޅޭގޮތް ނޭގޭ ހާލުއެވެ. އަޔާޒް އެއްޗެއް ބުނަން ހީކޮށްލިތަނުން އަޔާޒްގެ އަތުގައި ލިވީ ވިކައިގަނެފައި އަތުގެ އިޝާރާތުން އެންގީ ވާޙަކަ ނުދައްކާ އިނުމަށެވެ. އުނދުންމަތީ ހުރި ތެލިން ރިހަ އަޅައިގެން ލަތީފާ އެނބުރުނު ވަގުތު އަޔާޒް މޭޒު ދޮށުގައި އިނުމުން ލަތީފާ ކުޑަކޮން ސިހޭ ގޮތްވިއެވެ. އަދި ލިވީ ދެކެ އައިސްފައިވާ ރުޅި ވަގުތުން ފިލައިގެން ދިޔަ ކަހަލައެވެ. އަޔާޒާއި ކުރިމަތިލީ ހިނިތުން މޫނަކާއިގެންނެވެ.
” އެތެދެއް އަޔާޒްވެސް ދަންތައް……؟ ” އަޔާޒަށް ބަލާލެވުނީ ލުބާގެ މޫނަށެވެ. ލިވީ ނިތްއެއްލި ގޮތުން އާއެކޭ ބުނާށޭ ބުނާފަދައެވެ. ޖަވާބު ނުދެވި ލަސްވާންފެށުމުން ލިވީގެ ފައިން އަޔާޒްގެ ފައިގައި ޖަހާލިއެވެ. ލަތީފާއަށް ނޭގޭނެހެންނެވެ.
” އާނ އާން…..” ލިވީ ޖެހީ އަޔާޒް ކުޅެން އުޅެނިކޮށް ތަދުވެފައި އޮތް ފައިގައެވެ. އަޔާޒަށް ވީ ގޮތްފެނިފައި ލިވީގެ ހިނިގަނޑު ހިފަހައްޓާނުލެވުނެވެ.
” ކޮބާ އަޔާޒްވެސް އަހަރެންނާއެކު ދާނެޔޭ……ދެން މަންމަ ބުނެބަލަ އާއެކޭ…..” ލަތީފާ އެއްޗެއް ނުބުނުމުން ލިވީ ކުސްތަޅާލީ ފަސްހައަހަރުގެ ކުޑަކުއްޖަކު ފަދައިންނެވެ. ލަތީފާ އެއްފަހަރު ލިވީގެ މޫނަށް އަނެއްފަހަރު އަޔާޒްގެ މޫނަށް ބަލާލިއެވެ.
” އެންމެ ރަނގަޅު ޕާޓީ ނިމުނުހާ އަވަހަކަށް އަންނަންވާނެ…….އޯވަރ ނައިޓަކަށް ނުފޮނުވޭނެ އެގޮތާ ރުހެންޏާ ދާންވީ …….” އަޔާޒް ކަޅިޖަހާނުލައި ބަލަން އިނީ ލިވީއަށެވެ. ދެކެވެމުންދާ ވާހަކަ އޮޅުން ފިލުވަން ބޭނުންވެފައިވާ މީހެއް ފަދައިންނެވެ. ލަތީފާ އެތަނުން ނިކުމެގެން ދިޔައީ އަޔާޒަށް ކެވޭނޭހެން މޭޒުމަތި ތައްޔާރުކޮއްދީފައެވެ.
” ކޮން ޕާޓީއެއް….ކޮންތާކަށް ނުދެވިގެންތަ ހެނދުނު ހެނދުނާ ފުސްމޫނު ހަދައިގެން ތިޔައިނީ……….” އަޔާޒް ވާޙަކަދެއްކީ ނިކަން މަޑުމަޑުންނެވެ. ހަމައެކަނި ލިވީއަށް އަޑުއިވޭ ވަރަށެވެ.
” ސްސް…… މިރޭ ޖުމާގެ ބާތުޑޭ ފާހަގަކުރަން ހުޅުމާލެއަށްދާންވެގެން…….ކުރިން އޮތީ އޯވަރނައިޓްވެސް ކުރާ ގޮތަށް އެކަމަކު މަންމަ އޯކޭ އެއްނުވި………” މޫނަށް ވައްތަރެއް ޖައްސާލަމުން ލިވީ ބުނެލިއެވެ.
” އޭ އަހަރެން އެކީ ދާނަންދޯ ” ކަންބޮޑުވެފައި ލިވީ އަހާލިއެވެ.
” އަހަރެން ނުގޮއްސިއްޔާ…….” އަޔާޒް ބޭނުންވީ ލިވީ ތަޅުވާލާށެވެ.
” އުހޫން ދާންވާނެ ޕުލީޒް……”
” އަހަރެން މިހާރު ފިޒާމެން ކައިރީވެސް ދެވޭނޭ ބުނެފިން ….އަހަރެން ނުގޮއްސިއްޔާ ފަނިވާނެ އިނގޭ……..” ލިވީ އިނީ ވަރަށް ކަންތައް ބޮޑުވެފައެވެ.
” އޯކޭ ތިހެން ވިއްޔާ…..އަހަރެން މިދަނީ ޑިއުޓީއަށް އަންނަންވާއިރަށް އަހަރެންގެ ބެޑް އަޅާލަދޭތި ކޮޓަރީގަ މޮއްޕުލާތި އަދި އަހަރެންގެ އެއްކަލަ ކަޅު ގަމީސް އިސްތިރިކޮށްދޭންވެސްވާނެ ……” ކުރަންވީ ކަންތައް ކިޔައި ދިންއިރު ލިވީއަށް އަޑުއަހަން އިނދެވުނީ ފާޑަކަށް ދެލޯ ބޮޑުކޮށްގެންނެވެ. އެކަންކަން ކުރަން ލިވީ އެއްބަސްވީ ޕާޓީ ކެންސަލްވެދާނެތީއެވެ.
ގަޑިން އަށެއްޖެހިއިރު ލިވީ ޕާޓީއަށްދާން ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ. ލޭރަތްކުލައިގެ ކަކުލުން ތިރިއަށްހުރި އެހެދުމުގައި ލިވީ ފެންނަލެއް ވަރަށްވެސް ރީއްޗެވެ. އޭރު އަޔާޒްވެސް ތައްޔާރުވެގެން އިނީ ގޭ ބޮޑު އުނދޯލީގައެވެ. ހަދީޖާވެސް އެއުނދޯލި އެއްފަރާތުގައި އިނެވެ. ލަތީފާ ކުޑަ ދަރިއަށް ކާންދެވޭތޯ ދުވެލަ ދުވެލާ ހުއްޓެވެ.
” މަންމާ ….މާމާ…..މިދަނީ ” ފައިވާން ހަރުގައި ހުރި ރަތްކުލައިގެ ބޫޓަކަށް އަރަމުން މަންމަޔާއި މާމާޔާ މުޙާތަބުކޮށް ލިވީ ބުނެލިއެވެ. އެހެން ބުނިއިރު އަޔާޒް ހުރީ ތެދުވެ ކޮޅަށެވެ.
” ކޮންތާކަށް ތިދަނީ އަޔާޒްވެސްދަންތަ؟ ” އަޔާޒްގެ މޫނަށް ބަލާލަމުން ހަދީޖާ ބުނެލިއެވެ. ތަނަކަށްދާން އުޅޭކަމެއް ހަދީޖާއަށް އެނގިފައެއްނެތެވެ.
” އާން މާމާ މި ލިވީ ……..” އަޔާޒް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ވިޔަކަ ލިވީ ނުދެއެވެ.
” ރައްޓެހި ކުއްޖެއްގެ ޕާޓީއަކަށް މިދަނީ ހުޅުމާލެއަށް…………” ލިވީ ހިނިތުންވެފައި ހަދީޖާގެ މޫނަށް ބަލާލިއެވެ. އަދި ހަދީޖާއަށް ނުފެންނާނެހެން އަޔާޒަށް ލޯއަޅާލިއެވެ.
” ހުޅުމާލެ އަށޭ……މިއޮއް ރޭގަނޑު ……..” އަޔާޒްގެ މޫނަށް ހަދީޖާ ބަލާލުމުން އޭނާއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.
” ދަރިފުޅާ! ލިވީ ރަނގަޅަށް ބަލާތި …….” އަޔާޒްގެ އަތުގައި ފިރުމާލަމުން ހަދީޖާ ބުނެލިއެވެ.
” ބަލައިގެން އުޅޭތި……ޕާޓީ ނިމުންހާ އަވަހަކަށްވާނެ އަންނަން……..މަޑު ނުކުރާތި…….” ލަތީފާ އިތުރަށް ބުނެލިއެވެ.
” އަޔާޒް….ލިވީ ބަހައްޓާފަ ދުރަށްނުދާތި އޭނަ އުޅޭ ނޫޅޭގޮތް ބަލާތި………..” އަޔާޒަށް ބަލާލަމުން ލަތީފާ ބުނެލިއެވެ. ބޯޖަހާލަމުން ލިވީގެ ފަހަތުގައި ހުރެ އަޔާޒް ގެއިން ނިކުތެވެ. ލަތީފާ ލިވީ އެޕާޓީއަށް އެފޮނުވީ ހިތާދެކޮޅަށެވެ. އެގޮތަށް ޒުވާނުން ގުރޫޕް ހަދާފައި ގޮސް ޕާޓީކުރުމުގެ ނަމުގައ އެތަށް ކަމެއް ކުރެއެވެ. އެތަށް ފާފައަކަށް އަރައިގަނެއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅު އެފަދަ ގޮތަކަށް އުޅެން ލަތީފާ ބޭނުމެއް ނޫނެވެ.
ހުޅުމާލެއަށް ދެވުނުއިރު ނުވައެއްޖަހަނީއެވެ. ލިވީ އާއި އަޔާޒް އެކީ ފިޒާ އާއި އައިންތު ބައިވެރިވިއެވެ. ދެން އެގުރޫޕްގައި ތިބޭނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޓެހިންނެވެ. އެހެންވެ އެމީހުންނާ ބައްދަލުކުރާނީ ހުޅުމާލެއިންނެވެ. ފިޒާމެން ބުނި ތަނަށް ދެވުނުއިރު އެހެން ބައިވެރިންވެސް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އަންހެން ފިރިހެން ދެޖިންސުގެ ކުދިން ތިބިތަން ފެނި އަޔާޒް ކުޑަކޮން ހިތްހަމަނުޖެހުނެވެ.
” އޭ ފިރިހެން ކުދިންވެސް ……..” އަޔާޒް ވާޙަކަދެއްކީ ހަމައެކަނި ލިވީއަށް އިވޭ ވަރަށެވެ.
” އާން ތަން ޑެކެރޭޓްކޮށްދެން އެމީހުން ގެނައި………” ލިވީ ހަމަޖެހިލާފައި ބުނެލިއެވެ. ޖުމާއަށް ސަޕްރައިޒްދޭން ހަމަޖެހިފައި އޮތީ ފަޅަށްހުރި އިމާރާތެއްގައެވެ. އެއިމާރާތުގެ ތެރެއަށް ވަދެ ބޮކިތައް ޖައްސާލުމަށްފަހު އެންމެން އަވަސްވީ ތަންތައްޔާރުކުރާށެވެ.
” ލިވީ ކޮބާ ގެނައި ކުދި ކޭންޑަލްތައް؟ ” ލިވީ އޭގެ މަތިން ހަނދާންވީ ފިޒާއެހެން ބުނީމައެވެ.
” އޯހް……..ހަނދާންވެސް ނެތް….” އަޔާޒްގެ މޫނަށް ބަލާލިއިރު އަޔާޒްވެސް ހުރީ ލިވީއަށް ބަލަހައްޓައިގެންނެވެ.
” ދާންވީތަ ގަންނަން……..މިކޮޅުންވެސް ލިބޭނެ ……..” އަޔާޒް އަހާލިއެވެ.
” އާން ކޭންޑަލްތަކާއި ނުލައި މިކަން ޕާރފެކްޓެއް ނުވާނެ……” ފިޒާ ޖަވާބު ދިނެވެ.
” އައިމަން……ގިޔާ ހީލިއަމް އަޅަންދިން ބެލޫންތައްވެސް ހުރީ ނިމިފައި ދާން ވިއްޔޭނުން ބަލައި……” ފިޒާ އެހެން ގޮވާލުމުން އެދެމީހުން ނިކުތީ ބޭރަށެވެ. އެދެމީހުން އެކީ ފިޒާ ބުނި ދިމާލަށް ނައްޓާލީ ސައިކަލުގައެވެ. އަޔާޒް ހިނގައިގަތީ އުއްބައްތި ގަންނަން ފިހާރަޔަކާއި ދިމާލަށެވެ. ހަތް އަންހެން ކުދިން އެކަނިވީއެވެ.
ކުއްލިއަކަށް ލިވީ ފާހާނާޔަކަށް ދާން ބޭނުންވިއެވެ. އެތަނުގައި ފާހާނާ ކުރެވޭނެ ގޮތެއްނެތެވެ. އެނޫން ހުރިހާ ތަނެއް ހުރީ ތަޅުލައިފައެވެ. ރިމީ ދިރިއުޅޭ ފުލެޓް ހުންނަނީ އެތަނާއި ދާދިކައިރީގައެވެ. ސްކޫލުގައި އުޅުނުއިރު މަދުމަދުން ނަމަވެސް އެގެއަށް ގޮސްއުޅޭތީ އެގޭ މީހުންވެސް ވަރަށް ރައްޓެއްސެވެ. އެގެއަށް ފާހާނާ ކުރަން ދިޔައީ އެކަންޏެވެ. އެނބުރި އަންނަމުން މަގުކުރުކޮށްލުމަށް ބޭނުންކުރީ ދެފަރާތުގައި ގަސްތައް ފަޅާފައި އޮތް މަގެކެވެ. ހަނދުވަރުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ނުފެނެއެވެ. އެމަގުން ލިވީ ހިނގާފައި ދިޔައީ ފިކުރެއް ހިޔާލެއްނެތިއެވެ. ގަސްތަކުތެރެއިން ނިކުމެ ލިވީގެ ކުރިމައްޗަށް އައިސް މަޑުކުރީ ޖާނުން ވަރުގަދަ މީހެކެވެ. ލިވީއަށް އެމީހާގެ ނޭވާގެ ހޫނު އިހްސާސްވާހާ ކައިރިގައެވެ. ލިވީގެ އަނގަމަތީގައި އަތްއަޅާއިގެން އެމީހާވަނީ ގަސްތަކުތެރެއަށެވެ. ސަލާމަތް ވޭތޯ ލިވީ ގަދަހެދިއެވެ. ތެޅިފޮޅުނެވެ. އެމީހާ ހުޝީޔާރުކަމާއިއެކު ލިވީގެ ދެއަތް ބަންދެލިއެވެ. އަދި އަނގަޔަށް ފޮތިގަނޑެއް ގަންނަވާލީ އޭނާ ހަޅޭލަވާ އަޑުއިވިދާނެތިންނެވެ. އަދި ލިވީ ގައިމައްޗަށް ޖެހިގަތީ ބަލިކަށިޖަނަވާރަކަށް ސިންގާއެއް ހަމަލާދޭފަދައިންނެވެ. ލިވީ ގައިމަތިން އެމީހާ ތެދުވެތީ އޭނާ ހިތް ފުރޭވަރު ވުމުންނެވެ. އޭރު ލިވީގެ ހަށިގަނޑުގައި ފޭރާމެއްނެތެވެ. އެނުލަފާމީހާ އެހާލަށް ލިވީ ދޫކޮށްލާފައި ބެލީ މީހަކަށް ފެނުމުގެ ކުރިން އަވަހަށް އެތަނުން ދެވޭތޯއެވެ.
އުއްބައްތި ގަނެގެން އެނބުރި ޕާޓީ ބާއްވާ އިމާރާތައް އަންނަން އަޔާޒް ހިނގައިގަތެވެ. ކޮޅުކޮޅަށް ދުއްވާ އެއްޗެހިން ސަލާމަތްވާން އަޔާޒް ހިނގައިގަތީ ދެފަރާތުގައި ވިނައާއި ފިތުރޯނު ގަސްތަކުން ފުރިފައިވި މަގަކުންނެވެ. އެމަގުގެ މެދާ ހިސާބަށް އާދެވުނުތަނުން މީހަކު ކުކުރާ އަޑުކަހަލަ އަޑެއް އަޔާޒްގެ ކަންފަތުގައި ޖެހުނެވެ. އަޔާޒް ހުރި ފިޔަވަޅުމަތީ ހުއްޓުނީ އިތުރަށް ޔަގީންކުރާށެވެ. އެހެނަސް އެއީ ހީވިގޮތް ނޫންކަން އެނގުނީ އެއަޑު ތަކުރާރުކޮން އިވެންފެށުމުންނެވެ. އަޔާޒް ވަށައިގެން ހޯދާލާފައި އަޑު އައިދިމާއަށް ހިނގައިގަތީ ފޯނުން އަލިކޮށްގެންނެވެ. ގަސްތަކުގެ ތެރެއަށް އަޅާލީ ދެފިޔަވަޅެވެ. ބިންމަތީގައި ބަރަހަނާ ހާލު އޮތް އަންހެންކުއްޖާ ފެނިފައި އަޔާޒަށް މޫނުމަތީގައި އަތްއަޅާލެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފޯނުން އަލިކޮއްލީ އެކުއްޖާގެ މޫނަށެވެ.
” ލިވީ………” އަޔާޒަށް ގަބޫލުކުރަން އުނދަގޫވިއެވެ. މީގެ ވިއްސަކަށް މިނެޓްކުރީގައި ނިކަން ހެވިފައި ހުރި ލިވީއަށް އެޖެހުނީ ކޮން ޙާލެއްހެއްޔެވެ؟ ލިވީގެ އަނގަޔަށް ކޮއްޕާފައިވާ ފޮތިގަނޑު އަޔާޒް ދަމައިގަތެވެ. އެއާއެކު ނިކަން އުނދަގޫގޮތަށް ނޭވާލާންފެށިއެވެ. ދެއަތް މޮހެދިނުމަށްފަހު އަޔާޒް ލިވީއަށް ފުރަގަސްދިނެވެ. ބިންމަތީގައި ގުޅަޔަކަށް އޮތް ހެދުންނަގާ ލިވީ ބެލީ އޭނާގެ ހަށިގަނޑު ނިވާކުރެވޭތޯއެވެ. ލިވީގެ ގިސްލުމުގެ އަޑަށް ކެތްނުވެގެން އަޔާޒް ހިނގައިގަތީ ދުރަށެވެ. އޭރު އެދެލޮލުގައިވީ ކަރުނައިގެ އަސަރެވެ. ލިވީގެ ހާލާއިމެދު ވިސްނާލުމުން އަޔާޒަށް އޭނާގެ އަމިއްލަ ނަފްސަށް ބާރުފޯރުވަންވެސް އުނދަގޫވިއެވެ. ރުޅި އައިސްގެން މީހާ ކެކިގަތެވެ.
” ކާކު ކާކު ތިހެން ލިވީއަށް ހެދީ………ކޮބައި އެޖަނަވާރު އަތުޖެހިއްޖެއްޔާ ނޮޅާލާނަން……”
” ނޭގެ…” ލިވީގެ އަޑުގަދަވިއެވެ. އެބިރުވެރިކަމުން ފުރިގެންވީ ވަގުތު އެންމެ ސިކުންތަކަށް ހަނދާންނައްތާލުމަކީވެސް ވާނޭކަމެއްނޫނެވެ. ވަރަށް ހިތްވަރުކޮއްފައި ކަންވީގޮތް އަޔާޒަށް ކިޔައިދިނެވެ. އަތުގައި އޮތް ފޯނުނަގާ އަޔާޒް އުޅުނީ ފުލުހުންނަށް ގުޅާށެވެ. އަޔާޒްގެ އަތުން ފޯނު އަތުލައި އެކަން ހުއްޓުވީ ލިވީއެވެ.
” އަޔާޒް މޮޔަވީތަ؟ އަޔާ ތިއުޅެނީ މަ ގިނަކުރަންތަ ؟ ” އަޔާޒް ހައިރާންވެގެން ލިވީގެ މޫނަށް ބަލާލިއެވެ.
” ފުލުހުންނަށް އެންގިދާނެ…..އެމީހާ ހޯދޭނެތަ؟ ” ލިވީ ބުނިއެއްޗަކާއި މެދު އަޔާޒްވެސް ވިސްނާލިއެވެ.
” ނޫސްތަކުގެ ފަލަ ސުރުހީއަށް މިޙަބަރު އަރާނެ…..އެންމެނަށް މިކަން އެނގޭނެ….އިންސާފެއް ނުލިބޭނެ…..”
” ބަދުނާމުވާނީ އަހަރެން ގިނަވާނީ އަހަރެން ……އެނުލަފާ މީހާ އެދިޔައީ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަނެގެން…..” ލިވީއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ.
” މިކަން ސިއްރެއްގެ ގޮތުގައި ބޭއްވުން މާ ރަނގަޅުވާނެ…..މުޅި މާލެތެރެއަށް ގިނަވާނީ އަހަރެން” ލިވީގެ އާދޭހުގެ ސަބަބުން އަޔާޒަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޕާޓީގައި ބައިވެރިނުވެ އެމީހުން އެނބުރި މާލެ ދިޔައީއެވެ.
އެހާދިސާއަށް މަސްދުވަސްވެގެން ދިޔައިރު ލިވީގެ ދިރިއުޅުމަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިހެވެ. ކުރިން އަބަދު މަޑުންނުހުންނަ ލިވީ އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ކެއުމާއި ދުރުވެ ނިދުމުން ވަނީ މަޙްރޫމްވެފައެވެ. މީހުންނާ ވާޙަކަދެއްކައެއް ނޫޅެއެވެ. އެކަނިވެރިކަމަށް ލޯބިކޮށް ގިނަވަގުތު އެކަނި އިންނަންފެށިއެވެ. ކޮޓަރީގައި ހޭދަކުރާ ވަގުތު ގިނަވިއެވެ. ލިވީއަށް އަންނަމުން ދިޔަ ބަދަލު ލަތީފާއަށް ފާހަގަ ކުރެވުނެވެ. އެކަމާ ސުވާލުކުރުންވެސް ލިވީ ކަމެއް ނުވެޔޭ ބުނެ ހަމަޖައްސާލިއެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަޔާޒް ސައިބޯން ބަދިގެއަށް ވަނުމުން ލަތީފާ ބުނީ ލިވީ ސައިނުބޯވާހަކައެވެ. އެހެންވެ އަޔާޒް ބޭނުންވީ ލިވީއަށް ގޮވާށެވެ. ފަހަރެއްގައި އަޔާޒް ބުނެގެން ސައިގައި ބައިވެރިވެދާނެކަމަށް ހީކޮށެވެ. ލިވީ ކޮޓަރީގައި ޓަކި ދިނުމުންވެސް ޙަބަރެއް ނުވުމުން އަޔާޒް ދޮރުހުޅުވާލިއެވެ. ލިވީ އޮތީ ބިންމައްޗަށް ދެމިފައެވެ. ލިވީ ކައިރީގައި ބޭސްފުޅިއެއް އޮތެވެ. އޭގެނަން ބަލާލުމާއި އެކު އަޔާޒް ބިރުގަތެވެ. ލިވީ އޭ ކިޔާ އަޔާޒަށް ހަޅޭލަވައިގަނެވުނެވެ. ގޭއެންމެން އެތަނަށް އައެވެ. ވީ އެންމެ އަވަހަކަށް ލިވީ ހޮސްޕިޓަލަށް ގެންދެވުނެވެ.
ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލިވީ ވަނީ މިކެހިވެރިދުނިޔެއާ ތާއަބަދަށް ވަކިވެފައެވެ. ވިހައެއް ބުއިމުގެ ސަބަބުން ލިވީ މަރުވި ޙަބަރު ދިނުމުން އެންމެވެސް ސުވާލުއުފެދުނީ ލިވީ މަރުވާންވީ ކީއްވެގެން ހެއްޔެވެ؟ އަޔާޒް ކައިރީގައި ވެސް ލިވީއަށް ވީ ކިހިނެތްތޯ އާ އެފަދަ ގޮތަކަށް ލިވީ މަރުވާންޖެހުނީ ކީއްވެތޯ މީހުން ސުވާލުކުރިއެވެ. އެހެނަސް އެސުވާލަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭގެއެވެ. ލިވީ ވަނީ އެކަން ސިއްރުކުރުމަށް ބުނެފައެވެ. ލިވީ ނެތް ދުނިޔެއެއްގައިވެސް އެވާހަކަ ބުނާކަށް އަޔާޒް ބޭނުމެއް ނޫނެވެ. އެސިއްރު އޭނާ ބާއްވާނީ ސިއްރެއްގެ ގޮތުގައެވެ. އެކަން މީހުނަށް އެނގިގެން ލިވީ އެނބުރިއެއް ނާންނާނެ އެވެ.
ލިވީ އާއި ތާއަބަދަށް ވަކިވާންޖެހުމަކީ އަޔާޒަށް ވަރަށް އުނދަގޫކަމެކެވެ. ކުޑައިރުންސުރެން އެހާ އެކީ އުޅުނު ގާތް މިތުރަކު ވަކިވެ ދިއުމުން ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. ދެރަވާނެއެވެ. ލިވީގެ ހަނދާންތައް އަޔާޒްގެ ހިތުގައި ތާއަބަދަށް ހުންނާނެކަން ޔަގީނެވެ.
ނިމުނީ