ގްރީން ޓެކްސްގެ ގޮތުގައި ބ. އަތޮޅުން ހަތް މިލިއަން ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މާޗް މަހު ބ. އަތޮޅުން ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މާޗު  މަހު 83 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު 79 މިލިއަން ރުފިޔާ ލިބިފައިވާއިރު މާޗް މަހު އެ އަދަދު ވަނީ ހަތަރު މިލިއަނަށް އިތުރުވެފަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެ އަތޮޅުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ދައްކައިފަ އެވެ. ދެވަނައަށް އދ. އަތޮޅުން 10 މިލިއަން ރުފިޔާ ލިބިފައިވާއިރު ތިން ވަނައަށް ބ. އަތޮޅަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ ހަތް މިލިއަން ރުފިޔާ އެވެ.

ބ. އަތޮޅަކީ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި މިހާރު ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަތޮޅެވެ. އެގޮތުން ދަރަވަންދޫ އާއި، މާޅޮސް އަދި ފުޅަދޫ އާއި ފެހެންދޫ އަކީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށްތަކެވެ.

އަތޮޅުތަކުގެ އިތުރުން ސަފާރީތަކާއި ލިވާބޯޑުތަކުން ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ވަނީ 3 މިލިއަން ރުފިޔާ ލިބިފަ އެވެ.

މި އަހަރުގެ ނިޔަލަށް 892.7 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ. މިދިޔަ ހަފްތާއާ ހަމަޔަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 339.3 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2015 ވަނަ އަހަރު އެވެ. އެގޮތުން އެންމެ ފުރަތަމަ މި ޓެކްސް ނަގާފައި ވަނީ ރިސޯޓުތަކާއި ސަފާރީތަކުގައި އުޅޭ ޓޫރިސްޓުންގެ އަތުންނެވެ. ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ގެސްޓް ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.