ހަގީގީ ހާދިސާ: ޑްރަގްގެ ވަބާ

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

…………………………

ނަބީލް އަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ މީހެކެވެ. އަދި މީނާ ފުޅާދާއިރާއެއްގައި މިކަން ކުރަމުންދަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައެވެ. މިކުދިން ނަބީލް ކައިރިއަށް ދަނީ ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށް ސިއްރުންނެވެ. ޢާއްމުކޮށް ނަބީލް އާއިއެކު އުޅޭ ދެކުއްޖެކެވެ. މިދެކުދިންނަކީ މައިން ބަފައިންގެ އަޅާލުން ނުލިބި ރަށުތެރޭގައި ވިޔާ ނުދާ އުޅުމެއް އުޅެމުންދާ ދެ ކުދިންނެވެ. އެކަން ނަބީލްއަށް ވަރަށް ސާފްކޮށް އެގެއެވެ. އެކަމަކު މީހުންނަކަށް ނަބީލް އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމެއް ނޭގެއެވެ. ނަބީލް ބުނާގޮތަށް މިދެކުދިން މަސައްކަތް ކުރަމުން ގެންދެއެވެ. މިދެކުދިން ރަށުތެރޭގައި މިތަކެތި ޑީލްކޮށް ހަދާކަން މަސްތުވާތަކެތި ބޭނުންކުރާ މީހުން ދަނެއެވެ. ނަމަވެސް މިދެކުދިން މިތަކެތި ހޯދަނީ ކިހިނެއް ކޮންގޮތަކުން ކަމެއް އެކަކަށްވެސް ނޭގެއެވެ.

ދުވަސްތައް މާޒީވެދެއެވެ. ނަބީލްގެ މިމަސައްކަތަށް އެއްވެސް ކަހަލަ ހުއްޓުމެއް ނާދެއެވެ. އެކަމަކު މިދެކުދިންނަށް ފާރަލާ ނުވަތަ ކަޅިއަޅާ ލޯތައް ގިނަވެއްްޖެއެވެ. ނަބީލަކަށް އެކަމެއް ނޭގެއެވެ. އެގޮތުން އެއްރެއަކު މިދެކުދިން ވަރަށް ސިއްރު ސިއްރުން ނަބީލްގެ ގެއަށް ވަންނަތަން ބަޔަކަށް ފެނުނެވެ. އަދި މިކުދިން މިކުރާ ކަންތައް ވަރަށް ސާފްކޮށް މިމީހުން ހޯދައިގަތެވެ. އަދި މިމީހުންވެސް ނަބީލްގެ ގެއަށް ދަންވަރުގެ ގަނޑިތަކުގައި ދަންފެށިއެވެ. މިހެން ވުމުން ނަބީލް ހީކުރީ ނަބީލްގެ މި ވިޔަފާރި އިތުރަށް ފުޅާވި ހެންނެވެ. ނަމަވެސް މިކަމަކަށް ހުށިޔާރު ފާރަވެރިންވެސް ތިބޭނެއެވެ.

އޭގެ މާގިނަ ދުވަސްތަކެއްނުވެ ޢާއްމުރައްޔިތެއްގެ ފަރާތުން ފުލުހުންނަށް މިހަބަރު ލިބުނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މިގޭތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް ފުޅާދާއިރާއެއްގައި މިކަން ކުރާކަން ފުލުހުންގެ އިންޓެލިޖެންސް އަށް އެގުނެވެ. އެހެންކަމުން ފުލުހުން މީނާ އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. އަދި ނަބީލްގެ ހަރަކާތްތަކަށް ފާރަލަމުން ގެންދިޔައެވެ. އެގޮތުން އެއްދުވަހުގެ ދުވާލު މެންދުރުގެ ވަގުތެއްގައި ނަބީލް ސައިކަލްގައި ބާޒާރު ކޮތަޅުތަކެއް އެލުވާލައިގެން ދަނިކޮށް ފުލުހުން މީނާ ހުއްޓުވައި ބެލިބެލުމުން އެކޮތަޅުތަކުގެ ތެރެއިން ކޮތަޅެއްގައި ނޫސްކަރުދާސް އަޅާ ރައްކާކޮށްފައި ހުރި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ސެލޯފިން ކޮޅުތަކެއް ފެނުނެވެ. މިމައްސަލައާއި ގުޅިގެން ނަބީލް ފުލުހުންގެ ބެލުމުގެދަށަށް ގެނެދެވުނެވެ. އަދި ނަބީލް ދިރިއުޅޭގެ ފުލުހުން ބަލާ ފާސް ކުރިކުރުމުން އެގޭތެރެއިން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަކަމަށް ތުހުމަތުކުރެވޭ ސާމާނުތަކެއް ފެނިފައިވެއެވެ.  އަދި މިމައްސަލަ ފުލުހުން އިތުރަށް ތަހްޤީޤްކުރަންފެށިއެވެ. އަދި މައްސަލަ ކާމިޔާބުކަމާއެކު ފުލުހުންގެ ތަހްޤީޤް ނިންމާލީ މިމައްސަލާގައި ހިމެނޭ އެހެން މީހުންވެސް ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށްފަހުގައެވެ. އަދި ހެއްކާއެކު މިމައްސަލަ ފުލުހުން ކޯޓަށް ހުށަހެޅުމުން ކޯޓުން މިމީހުންނަށް ޖަލު ހުކުމް ތަންފީޒްކުރިއެވެ. އަދި މިމީހުންނަށް ރަނގަޅަށް ވާނުވާނޭގޭ ވަބާއެއްކަން އެނގުނު އިރު ތިބީ ޖަލު ބަންދުގައެވެ. 

…………………………………………

މުޖުތަމައުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތަކުގެ  ސަބަބުން ގިނަ ޒުވާނުންތަކެއް ހަލާކުވެ ވިއްސި ވިހާލިވެގެންދާކަމީ މިއަދު އަޅުގަނޑުމެން ދިވެހިން ހިތާމަކުރަންޖެހޭކަމެކެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީހިނދު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ނިސްބަތުން ގިނަކަން ހިތާމަޔާއެކު ފާހަގަކޮށްލަންޖެހެއެވެ. މިއަދުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމައުގައި  މާރާމާރީއާއި ވައްކަން ކުރުން މިއަދު މިވަނީ އިންތިހާއަށް ގިނަވެފައެވެ. މިފަދަ ކަންތައްތައް ކުރަން ދިމާވާ އެންބޮޑު އެއްސަބަބެއްކަމަށް ވެފައިވަނީ މަސްތުވާތަކެތީގެ ވަބާކަން މިއަދު އަޅުގަނޑުމެން ހިތާމަޔާއެކީ ދަންނަވަން ޖެހެއެވެ.

ރާއްޖޭގެ އާދަކާދައާއި ސަޤާފަތަށް ބަލާއިރު ދިވެހިން އުޅެމުންއައީ ވަރަށްވެސް ހިތްހަމަޖެހި އެއްވެސް ބިރުވެރިކަމެއްނެތްް އަމާން މާހައުލެއްގައެވެ. އެއް ގެއެއްގައި ކައްކާ އެއްޗެއް، ޖެހިގެން ހުރިގެއަށް ގެންގޮސްދިނުމާއި، އަވަށްޓެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އެއަވަށްޓެރިޔާއަށް އެހީތެރިވެދިނުމަކީ ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތަރައްޤީއާއިއެކު އައި ގްލޯބަލައިޒޭޝަންގެ ނޭދެވޭ ކަންތައްތަކުގެ ސަބަބުން މަދު އަހަރުތަކެއްތެރޭގައި މިކުޑަ ދިވެހިރާއްޖެ ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޢާއްމު ވެފައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ގޭންގުތައް އުފެދުމާއި، މާރާމާރީ ހިންގުމާއި، މަގު ފޭރުމާއި، ކުދި ބޮޑެތި ވައްކަންތައް ކުރުމާއި، ގަދަކަމުން ޖިންސީގުޅުން ހިންގުމާއި، ޒިނޭކުރުން މިކުޑަ ދިވެހިރާއްޖޭގައި ޢާއްމުވެފައިވާއިރު މިއިން ކޮންމެކަމެއް ކުރުމުގެ ސަބަބެއްކަމަށް ވެފައިވަނީ ވަސްތުވާތަކެތީގެ ސަބަބުންކަމަށް މިއަދު ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ޒުވާނުން ނުވަތަ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރާ ސަބަބެއް ކަމަށްވަނީ އެކުގައިއުޅޭ ރައްޓެހިންގެ ސަބަބުންނާއި، މައިންބަފައިން ދަރިންނަށް އަޅާލަން ޖެހޭވަރަށް އަޅާނުލުމުގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކޭއިރު، އެކުގައި އުޅޭ ރައްޓެހިންނަކީ އެފަދަ ކަމެއްކުރާ ބައެއްނަމަ ވަރަށް އަވަހަށް ކުއްޖާ އެމަގަށް އަޅުވާލާ. އެގޮތުން، ވަރަށް ގިނަ ފަހަރު މައިންބަފައިންނަށް އަޅާލާންވާވަރަށް އަޅާނުލެވޭތީ ކުދިން އެކުދިންގެ ރައްޓެހިންނާއި ދިމާލަށް ދެއެވެ. އެއީ އެކުދިން ދެކޭގޮތުގައި އެކުދިންނަށް އަޅާލާނެ، ހެޔޮއެދޭ އަދި ރައްކައުތެރިކޮށް އެކުއްޖާއަކީވެސް ‘ބައިގަނޑެއްގެ ބައެއް’ ކަން އިޙްސާސްކޮށްދޭ ބަޔަކީ އެކުދިންގެ ރައްޓެހިންކަމަށްދެކޭތީއެވެ. މިފަދަ ރައްޓެހިންނާއިއެކު ކޮންމެ ގޮތެއްހަދާފައިވެސް އުޅެން އެކުދިން ތިބެނީ ތައްޔާރަށެވެ. މިހެންދަމުންގޮސް އެކުދިންގެ ރައްޓެހިން އެމީހުންނާއި އެކު އުޅެން ބޭނުންނަމަ އެމީހުންކުރާ ކަންތަކުގައި ބައިވެރިވާންޖެހޭނެކަމަށް ބުނެ މަޑުމަޑުން އެކުދިން އެމީހުންނާއިއެކު އެކިތަންތަނަށް ގެންދަން ފަށައެވެ. އަދި އެމީހުންގެ ވިޔާނުދާ އަމަލުތަކަށް އެކުދިން ހާނުވަންފަށައެވެ. މިކަމުގެ ސަބަބުން އެކުދިން މަސްތުވާތަކެތީގެ ވަބާގައި ޖައްސައެވެ. އަދި ރަނގަޅަށް މަސްތުވާތަކެތީގެވަބާގައި ޖެހުމުން ދެން މަސްތުވާތަކެތި ހޯދުމަށްޓަކައި ރައްޓެހިން އެކުއްޖާ ލައްވާ އެކިގޮތް ގޮތުން ފައިސާ ހޯދަމުންދާއިރު، މިކުދިން ލައްވާ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައިގެންނާއި އެނޫންވެސް ގޮތްގޮތުން ފައިސާ ހޯދަމުން ދާކަމީ މިއަދު އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާންވީ މައްސަލައެކެވެ.

މައިން ބަފައިން ނުވަތަ ބެލެނިވެރިން ދަރިންނަށް އަޅާލަން ޖެހޭވަރަށް އަޅާނުލުމުގެ ސަބަބުން ދަރިން މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ މިއަދު މަދެއްކޮށެެއް ނޫނެވެ. މައިން ބަފައިން އަޅާނުލާ ބޮޑެތިވާ ކުދިން އެކުދިން މަގުމަށްޗަށް ނިކުމެ މަގުމަތީގައި އުޅޭ ބޮޑެތި ގްރޫޕް ތަކާއިގުޅި މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާއިރު، މިފަދަ ކުދިން މަސްތުވާތަކެތީގެ ކުޑަ އެތިކޮޅަކަށް  އެކިވަރުގެ ވައްްކަމާއި މާރާމާރީގައި ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. މާރާމާރީ އާއި ވައްކަން ވެސް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކެއެވެ.

މަސްތުވާތަކެތިން ދުރުހެލި ވުމަށްޓަކައި ނުވަތަ ދުރަށްދިއުމަށްޓަކައި މުޖުތަމަޢުގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިވަނީ މިހާރު ކުރަން ޖެހިފައެވެ. މަސްތުވާތަކެތިން މި ޒުވާން ޖީލް ސަލާމަތްކުރުމަށްޓަކައި މައިން ބަފައިން ނުވަތަ ބެލެނިވެރިން އަދާކުރަންޖެހިފައިވާ ރޯލްވަރަށްވެސް ބޮޑެވެ. މިގޮތުން ކުދިން ގެއަށް ގެންނަ ތަކެއްޗާއި، އަދި ގެންގުޅޭ ތަކެއްޗަކީ ކޮބައިކަންދެނެގަތުމާއި، އަދި ތިމާގެ ދަރިފުޅާއިއެކު އުޅޭ ރައްޓެހިން ދެނެގަތުމާއި އުޅޭ އުޅުން ބަލާ ދެނެގަތުން ވަރަށް މުހިއްމެވެ.

 މިހާރަކަށްއައިސް ރޭގަނޑުގެ ވަގުތުތަކަކީ އެންމެގިނައިން މަސްތުވާތަކެތި ބޭނުންކުރާގަޑިކަމަށް ގިނަބަޔަކު ދެކެމުންދާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ކުއްޖާބޭރުގައި އުޅޭނަމަ ބެލެނިވެރިން އެކަމަށް ސަމާލުވުމާއި، ތިމާގެ ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރާނަމަ ސިއްރުކުރުމުގެ ބަދަލުގައި ކަމާބެހޭފަރާތަށް އެންގުން ނުވަތަ ފަރުވާ ހޯދުމަށް އެކަމާއިބެހޭ ސެންޓަރަކަށް ފޮނުވުމަކީވެސް މިކަމަށް އޮތް ހައްލެއްކަމަށް ވީހިނދު  މަސްތުވާތަކެތި ރާއްޖެއަށް އެތެރެވިޔަނުދިނުމާއި، އެތެރެކުރާމީހުންނަށާއި ވިއްކާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުންނާއި ޢާއްމު ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ މި ޤައުމުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ ކޮންޓްރޯލް ކުރުމަކީ ގާތްކަމަކަށް ވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.