ހަޤީޤީ ވާހަކަ: އެދުވަސް ފޮހެލެވޭނެނަމަ…

ޝިފާ. ޝިފާ. ދަރިފުޅާ އަދިވެސް ހޭލާކަށް ނުވޭތަ؟ މިހާރު ގަޑިން އެހެރަ 7 ޖެހީ. އަދިވެސް ތިއޮތީ ނިދާފަ. އަދި މިއީ ދަރިފުޅުގެ ފަހު އަހަރު. މިފަހަރު ދަރިފުޅު ވާނެ ބަރާބަރަށް ސްކޫލަށްދާން. އަދި ޓިއުޝަނަށްވެސް ދާން. މަންމަ އަންނާނަން ދަރިފުޅު ފެންވަރަން ވާއިރަށް ސައި ހަދާފަ. އަވަސް ކުރާތި. ފަރީދާ މިހެން ބުނެފައި ބަދިގެ ފަރާތަށް ގޮސް ސައިތައްޔާރު ކުރަން ފެށިއެވެ. ޝިފާ  އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލިއެވެ. އަސްތާ! މިހާރު އެ އޮތް ސްކޫލަށްދާ ގަޑި ކައިރިވަނީ. މިހެން ހިތަށް އަރާ ތެދުވެ ފެންވަރާލައިގެން ޔުނީފޯރމް އަޅާލިއެވެ. އަދި ފޮތްތައް ހިފައިގެން ގެއިން ނިކުންނަން ފެށުމުން ފަރީދާ އެހިއެވެ.

ފަރީދާ: ދަރިފުޅާ! މިއަދު ސައި ނުބޮއެ ސްކޫލަށްދާ ދުވަހަކީތަ؟

ޝިފާ: މަންމާ! މިހާރު މާ ލަސްވެއްޖެ އެއްނު. އިންޓަވަލް ގަޑީގަ ގެއަށް އައިސް ސައިބޯނީ.

މިހެން ބުނެ ޝިފާ ބޭރަށް ނިކުތުމުން އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ފަރީދާ ޝިފާ ގޮވައިގެން ސްކޫލާއި ދިމާލަށް ހިނގައިގަތެވެ.

އެވަގުތު ޝިފާ ބުންޏެވެ.

ޝިފާ: މަންމާ. ކޮންމެ ދުވަހަކު މަންމަ ތިޔަ ބުރަ އުފުލާކަށް ނުވާނެ. އަޅުގަނޑަކީ މިހާރު ކުޑަ ކުއްޖެއް ނޫން. އަޅުގަނޑަށް އެކަނި ސްކޫލަށް ދާން އެެގޭނެ!

ފަރީދާ: އެންމެ ރަނގަޅު. އެހެންވިއްޔާ މަންމަ މިދަނީ ގެއަށް. ….. ދަރިފުޅާ! ބަލައިގެން ދައްޗޭ.

މިހެން ބުނެފައި ފަރީދާ ގެއާއި ދިމާލަށް މިސްރާބް ޖެހިއެވެ. އަދި ގެއަށް ވަތް ތަނުން ނަސީރު ބުންޏެވެ.

ނަސީރު: ކޮބާ އެމަންޖެ. މިއަދު ސްކޫލުދޮށަށް ނުދާ ދުވަހެއްތަ؟

ފަރީދާ: ޝިފާ ބުނީ މަންމަ މިހާރު ސްކޫލް ދޮށަށް ދާނެކަމެއް ނެތޯ؟ އެހެން ނޫނަސް އެމަންޖެ މިހާރު އެހެރީ ބޮޑުވެފަ. އެކަނި އުޅެންވެސް ދަސް ކުރަންވާނެ. އެހެން ނޫންތަ ނަސީރު.

 ނަސީރު: (ފަރީދާ މިހެން ބުނުމުން ނަސީރު ބޯ ޖަހާލާފައި ބުންޏެވެ.) އެމަންޖެ އެދޭގޮތަކަށް ކަންތައް ކޮށްދީ! އެކަމު އެކަނި އުޅޭއިރު ސަމާލުވާން ވާނެ. ފަރީދާވެސް ޖެހޭނެ އޭނަ އުޅޭ ނޫޅޭގޮތް ބަލަން. އަދި ޝިހާންވެސް މިފަހަރު އެދިޔައީ ޔޫކޭޖީއަށް. އެސޮރަށްވެސް ވަރަށް ރަނގަޅަށް ފަރުވާތެރި ވާންވާނެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ސްކޫލްގެ ފަހު އިމްތިހާން ކައިރިވަނީއެވެ. ކިޔެވުމުގައި ޝިފާގެ ކުލާސް ކުދިންނާއެކު މަސްޣޫލުވެ އުޅެއެވެ. ޝިފާގެ މުޅި ދުވަސް ހޭދަކުރަމުން ދަނީ ކުލާހަށް ދިއުމުގައާއި ޓިއުޝަނަށް ދިއުމުގައެވެ. އަދި އިތުރު ވަގުތު ތަކުގައި ކުލާސްކުދިންނާއެކު އެކުދިންގެ ގޭގެއަށްގޮސް ގްރޫޕް ސްޓަޑީ ހެދުމަކީ ޝިފާގެ އާދައެކެވެ. އަދި ޝިފާ އަކީ ކިޔެވުމަށް މޮޅު ކުއްޖަކަށްވެފައި، ޢުމުރުން 16 އަހަރުގައި އޭނާގެ ސެކަންޑްރީ ސްޓޭޖް ފުރިހަމަ ކުރުން އެއީ ޝިފާގެ މައިންބަފައިން މިއަދު އުފާކުރާ އެއްކަމެވެ. އަދި ކިޔެވުމުގައި ގިނަވަގުތު ހޭދަކުރަމުންދާތީ ފަރީދާ އަބަދުވެސް ހުންނަނީ އުފަލުންނެވެ. އަދި ސްކޫލް ނިމިގެން ގެއަށް އަންނަ ގަޑިއާއި އެހެނިހެން ގަޑިތަކުގައިވެސް ޝިފާ އުޅޭ ނޫޅޭގޮތް އޭނާގެ މަންމަ އަންނަނީ ބަލަމުންނެވެ. ޝިފާވެސް ތަނަކަށް ދާނަމަ މަންމަގެ ކައިރިން ހުއްދަ ހޯދުމަކީ ޝިފާގެ އާދައެކެވެ.

ނިޝްވާ އަކީ ޝިފާގެ ކުލާހުގައި ވަރަށް ގާތް ރަށްޓެހި ކުއްޖެކެވެ. ޝިފާ އަށް ކޮންމެ ކަމެއް ދިމާވިޔަސް ނިޝްވާ އާއި އެވާހަކަތައް ހިއްސާކުރެއެވެ. އެގޮތުން ފިލާވަޅުތައް ހެދުމުގައި ވެސް އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ މިދެކުދިންގެ އާދައެކެވެ. އާދައިގެ މަތިން ރޭގަނޑުގެ އިރާކޮޅުގެ ވަގުތު ތަކުގައި ޝިފާ ނިޝްވާ ކިޔަވަން ހުންނަ ގެއަށްގޮސް ދެމީހުން އެކުގައި ފިލާވަޅުތައް ހެދުމުގައި އުޅެއެވެ. މިހެން އުޅުމުގައި ނިޝްވާ މެންގެ ގޭގައި އުޅޭ ފިރިހެން ކުއްޖަކާއި ޝިފާ ވަރަށް ގިނައިން ވާހަކަ ދައްކާ ހަދައެވެ. ޝިފާ ދެކޭގޮތުގައި ނިޝްވާ އުޅެނީ ފަލާހުމެން ގޭގައި ކަމުން ފަލާހް އާއި ވާހަކަ ނުދައްކައިފިނަމަ ނިޝްވާ ދެރަވެދާނެއެވެ. އަދި ޝިފާއަކީ މަޑުމައިތިރި ބުރުސޫރަ ރީތި ، ހިމަތޮޅި ހެދިބޮޑުވަމުން އަންނަ ލޫޅާފަތި ކުއްޖަކަށްވުމުން ސްކޫލުން ނިމިގެން ގެއަށް އަންނަ ގަޑިތަކުގައާއި ޓިއުޝަނަށްދާ ގަޑިތަކުގައި ވަރަށްގިނަ ފިރިހެން ކުދިން ޝިފާ އާއި ދިމާލަށް ތުބުން ފުމެ ހެދި ނަމަވެސް އެކަންކަމާ، ޝިފާ މާބޮޑަކަށް އަޅައެއް ނުލައެވެ. އަދި އެމީހުންނާއި ވާހަކަ ދައްކައެއް ނުހަދައެވެ.

ދުވަސްތައް މާޒީވެގެން ދެއެވެ. ނަމަަވެސް ޝިފާގެ ކިޔެވުމަކަށް ބަދަލެއް ނާދެއެވެ. އާދައިގެ މަތިން ކޮންމެ ރެއަކުވެސް ޝިފާ ނިޝްވާ މެންގެ ގެއަށް ގްރޫޕް ސްޓަޑީ ހަދަން ދެއެވެ. އަދި ޝިފާ އެގެއަށްގޮސް ހަދާގަޑިތަކަށް ފަލާހް ފާރަލަމުން ދެއެވެ. ގިނަގިނައިން ޝިފާ އާއި ވާހަކަ ދެއްކުމަކީ ފަލާހްގެ އާދައަކަށް ވަނީ ވެފައެވެ. މިގޮތުން އެއްރެއަކު ޝިފާ ޓިއުޝަން ނިމިގެން ގެއަށް ދާން ނިކުތްތަނުން ފަލާހް އަހާލިއެވެ.

ފަލާހް: ޝިފާ އެކަނިތަ ގެއަށް ދަނީ!

ޝިފާ: އާނ. މިހާރަކަށް އައިސް އަހަރެން އެކަނި ދަނީ

ފަލާހް: ބިރެއް ނުގަނޭތަ. އެކަނި ދާކަށް!

ޝިފާ: ކޮން ކަމަކާ ބިރު ގަންނަންވީ. އެވަރުގެ ކަމެއް އަދި އަހަރެންނަކަށް ދިމަލެއް ނުވޭ.

ފަލާހް: އަަހަރެން ބިރުގަނޭ. ސަބަބަކީ ޝިފާ ގެއްލި ދާނެތީ!

     ފަލާހް މަލާމާތުގެ ރާގަކަށް ޝިފާ އާއި ދިމާލަށް ބުނެލިއެވެ. އަދި ބުންޏެވެ. މިރޭ އަހަރެން ގޮސްދާނަން ޝިފާ ގެއަށްލާދޭން.

ޝިފާ: ނޫން. އެކަނި ގޮސްދާނަމޭ.

މިހެން ބުނެ ޝިފާ ގެއަށްދާން ހިނގައިގަތުމުން ފަލާހް އަނެއްކާވެސް ޝިފާ މަޑުކުރުވިއެވެ.

އަދި ވަރަށް ލަދުވެތި ރާގަކަށް ބުންޏެވެ.

ފަލާހް: ޝިފާ އަހަރެންނާ ރައްޓެހިވެދާނަންތަ.

މިހެން ބުނުމުން ޝިފާ ގެ ގާތަށް ވަރަށް ރުޅި އައެވެ. އަދި އެއްވެސް ޖަވާބެއް ނުދީ ހިނގައިގަތެވެ.

އެވަގުތު ފަލާހްގެ ހިތަށް އެރިއެވެ. ކޮންމެ ރެއަކުވެސް ޝިފާ މިގެއަށް އަންނާނެއެވެ. އަންނަ ކަމުގައި ވަނީނަމަ ޖެހޭނީ ރައްޓެހިވާށެވެ. ނުވެއްޖެ ނަމަ ކުޅި ދައްކާލާނަމެވެ. މިހެންހިތާ ޝިފާ އެގެއަށް ކިޔަވަން އަންނަ ކޮންމެ ރެއަކުހެން ފަލާހްގެ އުނދަގޫ ޝިފާއަށް ކުރަމުން ދިޔައެވެ. ގޮތްގޮތުން ރަށްޓެހިވޭތޯ އަހަމުން ދިޔައެވެ. ނަމަވެސް ޝިފާ އޭގެ ޖަވާބްގައި ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އަދި މިވާހަކަ ޝިފާ އެއްވެސް މީހަކަށް ނާންގައެވެ. އޭނާގެ ބޭނުމަކީ ކިޔަވައިގެން މޮޅު ކުއްޖަކަށްވުމެވެ.

އޭގެ 14 ވަރަކަށް ދުވަސް ފަހެވެ. ވަގުތަކީ ހަވީރުގެ ވަގުތެކެވެ. ޝިފާ އާދައިގެ މަތިން ސްކޫލް ޕްރޮޖެކްޓެއް ހަދަން ނިޝްވާ މެންގެ ގެއަށް ދިޔައެވެ. އޭރު އެގޭގައި ފަލާހްވެސް އުޅެއެވެ. ނަމަވެސް ފަލާހް މާބޮޑަކަށް އެވަގުތަކު ޝިފާ އާއި ވާހަކަ ދައްކާކަށް ނޫޅެއެވެ.  ޝިފާ އާއި ނިޝްވާ ޕްރޮޖެކްޓް ހެދުމުގައި ގާތްގަނޑަކަށް 3 ގަޑި އިރެއްހާއިރު ހޭދަކުރިއެވެ. އަދި ރޭގަނޑު 8 ޖެހުމުން ޕްރޮޖެކްޓާއި ބެހޭ ފޮޓޯތަކެއްގެ ފޮޓޯ ކޮޕީ ނަގަން ޖެހޭ ވާހަކަ ނިޝްވާ ގާތު ޝިފާ ބުންޏެވެ. އަދި ފޮޓޯ ކޮޕީ ނަގަން ދިއުމާ މެދު ދެމީހުން ވާހަކަ ދައްކަން ތިއްބައި ފަލާހް އެތަނަށް އައިސް ބުންޏެވެ.

ފަލާހް: ކޮންކަމެއްތަ ނުވެގެން ތިއުޅެނީ.

ނިޝްވާ: މިއުޅެނީ ޝިފާގެ ޕްރޮޖެކްޓަށް ބޭނުންވާ ފޮޓޯތަކެއްގެ ކޮޕީ ނުނެގިގެން. އަހަރެން ހުންނާނެ އަހަރެންގެ ޕްރޮޖެކްޓްގެ ފޮޓޯ ތަކުގެ ކޮޕީ ނަގާފަ. އެކަމު ޝިފާ ބުނީ އަންނަމުން ފޮޓޯ ކޮޕީ ނަގަން ހަނދާން ނެތުނީޔޯ.

ނިޝްވާ މިހެން ބުނުމުން ފަލާހް ހީލާފައި ބުންޏެވެ.

ފަލާހް: ތީ އެއްވެސް ކަމެއް ނޫން. މަ ތިކަން ކޮށްދީފާނަން.

ފަލާހް މިހެން ބުނުމުން ޝިފާ އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ. ނަމަވެސް ނިޝްވާ ބުނި ބުނުމަށް ފޮޓޯތަކުގެ ކޮޕީ ނަގަން ފަލާހް އާއިއެކު ބޭރަށް ނިކުތެވެ. އަދި ފަލާހް އާއިއެކު ސައިކަލްގައި ދިޔައެވެ. ގޮސް މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ” ގްރީންވިއު” ރެސްޓޯރެންޓް ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. އެތަނަށް މަޑުކުރުމަށްފަހު ފަލާހް ބުންޏެވެ.

ފަލާހް: މި ސައިކަލް މަތީގަ ޝިފާ މަޑުކުރޭ. އަހަރެން އެބަ އަންނަން.

މިހެން ބުނެފައި ޝިފާ އެ ރެސްޓޯރެންޓް ކައިރީ ސައިކަލް މަތީގައި މަޑުކުރުމަށް ބުނެފައި އެތާ ކައިރީ ހުރި އޮފީހެއް ކަހަލަ ތަނަކަށް ފަލާހް ވަނެއެވެ. އޭރު އެއީ ކޮންތަނެއްކަމެއްވެސް ޝިފާ އަކަށް ހުދު ނޭގެއެވެ. ސަބަބަކީ ޝިފާ އަކީ އެއް އިރެއްގައިވެސް މާލެތެރެއަށް އެގޮތަށް ނިކުމެ ހަދާ ކުއްޖަކަށް ނުވުމެވެ.

އޭގެ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހެވެ. ފަލާހް އެތަނުން ނިކުމެގެން ޝިފާ ކައިރިއަށް އައެވެ. އަދި ބުންޏެވެ.

ފަލާހް: ޝިފާ. އަދި ކުޑައިރުކޮޅެއް ނަގާނެ. މިތާ މަޑުކޮށްލާ

ޝިފާ: އެކަމު ހާދަ ގިނައިރެކޭ.

ފަލާހް: ނުވާނެ ދެން މާގިނައިރެއް.  އެނިމެނީ.

މިހެން ބުނެފައި އަނެއްކާވެސް ފަލާހް އެތަނަށް ގޮސް ވަނެވެ. ފަލާހް އެތަނަށް ވަނުމުން ޝިފާ ފަލާހް އެވަތް ތަނުގެ ކައިރިއަށްގޮސް ދޮރު މަތީގައި މަޑުކޮށްލިއެވެ. އެވަގުތު ޝިފާއަށް އެތަނުގެ ނަން ބޯޑަށް ބަލާލެވުނެވެ. ” މާނިއު ގެސްޓް ހައުސް” އަދި ހިތަށް އެރިއެވެ. މިތަނަށް ފަލާހް އެއައީ ކީއްކުރަން ހެއްޔެވެ. މީ ފޮޓޯ ކޮޕީ ނަގާތަނެއްވެސް ނޫން ވިއްޔާއެވެ. އޭރު އެގެސްޓް ހައުސް ކުރިމަތީ 06 ވަރަކަށް ފިރިހެން ކުދިން މަޑުކޮށްލައިގެން ތިއްބެވެ. އަދި އެމީހުން ޝިފާ އާއި ދިމާލަށް ބަލާކަން ކޮންމެވެސް ވަރަކަށް ޝިފާއަށް ހީވިއެވެ. ނަމަވެސް އެއިން މީހަކާއި ޝިފާ ވާހަކައެއް ނުދައްކައެވެ. އަދި ފަލާހްވެސް އެމީހުންނާއި ތަންކޮޅެއް ދުރުގައި ގެސްޓް ހައުސް ތެރޭގައި ހުއްޓެވެ. ފަލާހްވެސް އެމީހުންނާއި ވާހަކަ ނުދެއްކުމުން ޝިފާގެ ހިތަށް މާބޮޑު އެއްޗެހިތަކެއް ނާރައެވެ.

ކުއްލިއަކަށް ޝިފާގެ ފުރަގަހުން މީހަކު އައިސް އަތުގައި ހިފިއެވެ. އެވަގުތު ޝިފާއަށް ހަޅޭއްލަވައި ގަނެވުނެވެ.

ޝިފާ: ދޫކޮށްލާ! ތީކާކު. ދޫކޮށްލާ!

ޝިފާ ހަޅޭއްލެވި ނަމަވެސް އެމީހުން ފިޔަވައި އިތުރު މީހަކު އެހިސާބަކުން ފެންނާކަށްްނެތެވެ. އަދި އެމީހާ ގަދަކަމުން ކަހަލަ ގޮތަކަށް އެގެސްޓް ހައުސްގެ ރިސެޕްޝަން ތެރެއަށް ޝިފާ ވެއްދިއެވެ. އޭރު ރިސެޕްޝަން ކައިރީގައި 11 ވަރަކަށް ފިރިހެން ކުދިން ތިއްބެވެ. އަދި ޝިފާ ހަޅޭއްލަވާ ގަދަހަދަން ފެށުމުން ރިސެޕްޝަން ތެރޭގައި ތިބި  މީހުން ޝިފާ އާއި ދިމާކޮށް މަލާމާތުގެ ރާގަކަށް ހޭން ފެށިއެވެ. އަދި ޝިފާ ވަރަށް ބާރަށް ރޯން ފެށުމުން އެމީހާ ޝިފާގެ އަތުގައި ހިފާ އެގެސްޓް ހައުސްގެ 3 ވަނަ ފޮލޯގައި ހުންނަ 12 ނަމްބަރ ކޮޓަރި ތެރެއަށް ގަދަކަމުން ވެއްދިއެވެ. އޭރު ފަހަތުން ފަލާހް އާއިއެކު އިތުރު ބަޔަކު އަންނަތަންވެސް ޝިފާއަށް ފެނުނެވެ. ކޮޓަރިތެރެއަށް ވެއްދިއިރު އެކޮޓަރިތެރޭގައި ހުސްގަޔާ ފިރިހެން ކުއްޖަކު އޮށޯވެލައިގެން އޮތް މަންޒަރު ޝިފާޔަށް ފެނުނެވެ. އެވަގުތު އެމީހާ ކޮޓަރިތެރެއަށްވަދެ ކޮޓަރިތަޅުލައި ތަންޑު އެޅުވިއެވެ. އަދި އޭނާ ގަދަކަމުން ޝިފާ ބަރަހަނާކުރަން އުޅުނެވެ.

އެވަގުތު ޝިފާ ރޮމުން ބުންޏެވެ.

ޝިފާ: ކީއްކުރަން. ގައިގަ އތްނުލާ! ދޫކޮށްލާ!. ދޫ ކުރާށޭނު މިބުނީ.

 މިހެން ބުނެ ޝިފާ އަޑުން އަޑު ނަގާ ވަރަށް ބާރަށް ރޯން ފެށިއެވެ.

ޝިފާ ރޯން ފެށުމުން އެމީހާގެ ގާތަށް ވަރަށް ރުޅިއައެވެ. އަދި ވަރަށް ހަޑިހުތުރުބަހުން ޝިފާ އާއި މުހާތަބުކުރަން ފެށިއެވެ. އެވަގުތު އެދުމަތީގައި އޮތް ކުއްޖާ، ފުންމައިގެން އައިސް ފުރަގަހުން ޝިފާގެ ގައިގައި ހިފައިގަތެވެ. އަދި އެކުއްޖާ ޝިފާގެ ނާޒުކު ގުނަވަންތަކާއި ގަދަކަމުން ބެހި ހަދަމުން ގެންދަން ފެށިއެވެ. އެކުއްޖާ މިހެން ކަންތައް ކުރަން ފެށުމުން ޝިފާ ވަރަށް ރުޅިއައިސްގެން ގަދަހަދަން ފެށިއެވެ. އޭރު އެކުއްޖާގެ ގައިގައި އޮތީ ހަމަ އެކަނި ލައިގެން ހުރި ޖިންސް އެކަންޏެވެ. ނަމަވެސް ޝިފާގެ ރުޅި އިހުނަށްވުރެ ވަރުގަދަވެ ހަޅޭއްލަވަން ފެށުމުން ”ތިޔަލަވާ ހަޅޭއްކެއްގެ އަޑު އަހާނެ މީހަކު ނުހުންނާނެޔޭ” ޝިފާ އެކޮޓަރި ތެރެއަށްވެއްދި މީހާ ބުންޏެވެ. އަދި ބުންޏެވެ. ”މީ ކިހާ ސަޅި ކަމެއް ހެއްޔެވެ. މީ ތިމަންނަގެ ފްރެންޑުންނޭ އެމީހުން އޯކޭ ވާނެޔޭ” ބުންޏެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. އަދި އެމީހާ ކޮޓަރި ދޮރުހުޅުވަން ދާންފެށުމުން ތިހެން ނުހަދާށޭ ކިޔާ އެމީހާގެ ފައިގައި ޝިފާ ހިފިއެވެ. ހަމަ ހިފުމާއެކު އެމީހާ ފައިފޮޅާލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ. އޭރު ކޮޓަރީގައި ކުރިންވެސް އޮތް ކުއްޖާ ޝިފާގެ ގައިގައި ގަދަކަމުން ބައްދައިގެން އޮތެވެ. އެމީހާގޮސް ދޮރުހުޅުވުމުން ކުއްލިއަކަށް 07 ވަރަކަށް މީހުން އެކޮޓަރީގެ ތެރެއަށް ދެމިގަތެވެ. ނަމަވެސް ފަލާހް އެއް ނެތެވެ. އަދި ޝިފާ ކޮޓަރީގެތެރެއަށް ވެއްދި މީހާ އެމީހުންނާއި ކޮންމެވެސް ވާހަކަ ތަކެއް ދެއްކުމަށްފަހު ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.

ޝިފާގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަނެވެ. އަދި މުޅި މީހާ ހާސްވެ ދާހިތްލަން ފެށިއެވެ. ކުރާނެކަމެއް ނެތެވެ. އެތަށް ބައެއްގެ ޝިކާރައަކަށް މިއަދު ޝިފާގެ ހަށިގަނޑު ވެއްޖެއެވެ. ކޮޓަރީގެތެރެއަށް ވަތް މީހުން ގަދަކަމުން ޝިފާ ގެންގޮސް އެދުމަތީގައި ބޭއްވިއެވެ. އަދި އެމީހުން ގަދަކަމުން ޝިފާއާއިމެދު ބަދުއަހްލާޤީ އަމަލު ހިންގަމުން ގެންދިޔައެވެ. މިއީ ތަޤްދީރެވެ. މިއީ އިންސާނިއްޔަތު ކަމެއް ނޫނެވެ. ޝިފާ ފަދަ މަޢުސޫމް ކުއްޖެއްގެ ދިރިއުޅުން މިއަދު މިވަނީ ވެއްޔާ މޮޑެވިފައެވެ. ހަޔާތް ބަރުބާދު ވެއްޖެއެވެ.

އެރޭގެ ކަޅު އަދިރިކަން އިންތިހާޔަށް ދިޔައީ ބޮޑުވަމުންނެވެ. ހަޔާތުގައި އެންމެ ފަހަރަކު އައި ކަޅު ވިލާގަނޑެއްގެ ސަބަބުން ދިރިއުޅުން މުޅިން އަދިރިކޮށްލިއެވެ. ބަނަކޮށްލިއެވެ. ދެން އައީ އެހެން ތޫފާނެކެވެ. އެމީހުން އެމީހުން ބޭނުންވާ މަޤުސަދު ހާސިލްވުމުން ޝިފާއަށް އިތުރަށް ބިރު ދައްކަން ފެށިއެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަން ފެށިއެވެ. އަދި އެމީހުންގެ ތެރެއިން މީހަކު ދޮރުހުޅުވާލުމުން ފަލާހް އެކޮޓަރީގައި ތިބި މީހުންގެ އަތަށް ދެ ފޯނު ދިއްކޮށްލުމަށްފަހު ފޮޓޯ ނެގުމަށް ބުންޏެވެ. އަދި އެމީހުން ފޮޓޯނަގަން އުޅުމުން ޝިފާ އެއްޗެހިލުމަށް އަވަސްވެގަތެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. ޝިފާ އެއްޗެހިލުމަށް އެމީހުން ހުރަސް އެޅިއެވެ. ބަރަހަނާ ހާލަތުގައި ގަދަކަމުން އެނދުމަތީގައި ބޭންދުމަށްފަހު އެކިގޮތްގޮތަށް ޝިފާގެ ފޮޓޯ އެމީހުން ނަގަމުން ދިޔައެވެ. ފޮޓޯ ނެގުމަށްފަހު އެއްޗެހިލާށޭ ބުނުމުން ޝިފާ އަވަސް އަވަހަށް ހެދުން ލިއެވެ.

ޝިފާ ހެދުން ލުމުން ފަލާހް އާއި އިތުރު މީހަކު ކޮޓަރީގައި މަޑުކުރުމަށްފަހު އެހެން އެންމެން ކޮޓަރި ތަޅުލުމަށްފަހު ނުކުމެގެން ބޭރަށް ދިޔައެވެ. އެވަގުތު ޝިފާ ބިރު ގެންނެވުމުގެ ގޮތުން ފަލާހް ބުންޏެވެ.

ފަލާހް: (ޝިފާއަށް ފޯނުގައި ހުރި ފޮޓޯތައް ދެއްކުމަށްފަހު ބުންޏެވެ) މިވާހަކަ އެއްވެސް މީހަކުގާތު ބުނެފިނަމަ ފޮޓޯތައް ލީކުކޮށްލާނަން.

ޝިފާ: ފަލާ. ތިހެން ނުހަދާ އަހަރެން ދޫކޮށްލާ!

ޝިފާ މިހެން ބުނުމުން ވަރަށް ހަޑިހުތުރުބަހުން ޝިފާ އާއި ދިމާލަށް ބުނެލިއެވެ.

ފަލާހް: މިވާހަކަ ޝިފާގެ ފަރާތުން މީހަކަށް އެގިއްޖެނަމަ ޝިފާ މަގުމަތިން ފެނުނަސް ކުޅި ދައްކާލާނަން.

ފަލާހް މިހެން ބުނުމުން ޝިފާ އަގައިންވެސް ނުބުނެ ބަސް ހުއްޓިފައި އިނެވެ. އޭރު ޝިފާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ. މޫނުގެ ކުލަ ވަނީ ބަދަލުވެފައެވެ. ފެންނަނީ ހިތާމައެވެ. އަދި ވަރަށް ދެރަވެފައި ފަލާހް އާއި ދިމާލަށް ބުންޏެވެ.

ޝިފާ: ކީއްވެ އަހަންނަށް ތިހެން ތިހެދީ. އަހަންނަށް ކުރެވުނު ކުށަކީ ކޮބާ! އާދޭސްކޮށްފަ މިބުނީ.

ފަލާހް: އަހަރެމެންނަށް މީ އާކަމެއް ނޫން. ތިޔައީ މިހެން ހެދި ފުރަތަމަ ކުއްޖާއެއް ނޫން. ކިތަންމެ ކުއްޖަކަށްވެސް ހުންނާނެ މިހެން ހަދާފަ. ސޮރީ. ޝިފާ.

މިހެން ބުނެފައި ފަލާހްގެ ފަޓްލޫނުގެ ޖީބުން ލައިފް ފެން ހުސްކުރި ކުޑަފުޅިއެއް ނަގާ ދައްކާލަމުން ޝިފާ އާއި ދިމާލަށް ބުންޏެވެ.

ފަލާހް: އަހަރެން މިހުރީ މި ބޮއެގެން. އެހެންވެ މީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން. ހިނގާ ގެއަށްދާން.

ފަލާހް މިހެން ބުނުމުން ޝިފާ ވަރަށް ރުޅިއައިސްފައި ބުނި.

ޝިފާ؛ އަހަރެން އެކަނި ގޮސްދާނަން. އިތުރު މީހަކާ އެކު ދެން ދާކަށް ބޭނުމެއް ނޫން. ކަލޭމެންނަށް ކަލޭމެންގެ އެދުން ފުރިހަމަ ވެއްޖެ އެއް ނޫން. އަހަރެން ދެން ދޫކޮށްލާ! ޕްލީސް

ފަލާހް: ތިހެނެއް އެކަނި ގެއަކަށް ނުދެވޭނެ.

މިހެން ބުނެ ފަލާހް ގަދަ ހަދަން ފެށުމުން ޝިފާ ބިރުންހުރެ ފަލާހްގެ ސައިކަލުގެ ފަހަތަށް އެރިއެވެ. އަދި ފަލާހް އާއި އެކު ނިޝްވާމެންގެ ގެއަށް ޝިފާ ދިޔައެވެ. ޝިފާ އެގެއަށް ބޭލުމަށްފަހު ފަލާހް ވަރަށް ބާރަށް ސައިކަލްގައި ނައްޓާލިއެވެ.

ޝިފާ ގޮސް ނިޝްވާމެންގެ ގެއަށް ވަނުމާއެކު ޝިފާ ހާސްވެ ދެރަވެފައި ހުރިތަން ނިޝްވާއަށް ފެނުނެވެ. އަދި ޝިފާގެ ކައިރިއަށްގޮސް ނިޝްވާ ސުވާލުކުރަން ފެށިއެވެ. އެވަގުތު ޝިފާ ވަރަށް ބާރަށް ރޮއެގަތްފައި ނިޝްވާގެ ގައިގައި ބައްދާލިއެވެ. އަދި ޝިފާ ރޯން ފެށުމުން ނިޝްވާ ބުންޏެވެ.

ނިޝްވާ: ޝިފާ ކީއްވެތަ ތި ރޮނީ. ހާދަ ލަހަކުން ތިޔައީ. ކޮބާ ނަގަންދިޔަ ފޮޓޯތަކުގެ ކޮޕީ. ނުރޮއެ ކިޔާދީބަލަ. ކިޔައިދިނީމަ ނޫން އެނގޭނި. އެއްވެސްކަމެއް ސިއްރުކުރާކަށް ނުވާނެ.

ނިޝްވާ މިހެން ބުނުމުން ޝިފާ ރޮވުން ހުއްޓާލާފައި ، ވަރަށް ހިތާމަވެރި ރާގަކަށް މިވާހަކަތައް ނިޝްވާއަށް ކިޔައިދޭން ފެށިއެވެ. އަދި އެރޭ ކަންތައްވީގޮތް ނިޝްވާއަށް ވަރަށް ތަފްސީލްކޮށް ކިޔައިދިނުމަށްފަހު އެމީހުން ޝިފާއާއި އެރޭ ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިންގާފައިވާކަމަށާއި، އޭނާއަށް އަނިޔާކޮށްފައިވާ ވާހަކަވެސް ބުންޏެވެ. އަދި އެމީހުން ކޮށްފައިވާ ބައެއް އަނިޔާތަށް ނިޝްވާއަށް ޝިފާ ދެއްކިއެވެ. ޝިފާގެ މިއަސަރުގަދަ ވާހަކަ ނިޝްވާއަށް އަޑު އިވުމުން ނިޝްވާވެސް ބޭނުންވީ ހަމަ އެވަގުތުން ފެށިގެން ފަލާހްމެންގެ ގެއިން ނިކުމެގެން ދާށެވެ. އެކަމަކު ނިޝްވާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ.

 ނިޝްވާ: މިގެއަކު އަހަރެންނެވެސް ދެނެއް ނުހުންނާނަން

ނިޝްވާ މިހެން ބުނުމުން ޝިފާ ބުންޏެވެ.

 ޝިފާ:  ރޮމުން ރޮމުން ބުންޏެވެ. ”ދެން ވަކި ކޮންތާކަށްތަ ނިޝް ދާން ތިއުޅެނީ!”

ނިޝްވާ: ވަކިތަނެއް ނެތް. އެކަމަކު ދެނެއް އަހަރެންނެތް މިގެއަކު ނޫޅޭނަން. މިނޫންގޮތެއް ނެތިއްޔާ ރަށަށް ގުޅާ އަހަރެންގެ މަންމައަށް ޝިފާ އަށް ދިމާވި ތި ކަންތައް ކިޔާދޭނީ. އޭރުން މަންމަމެންވެސް ނުރުހުންވާނެ މިގޭގަ ހުންނަން.

ނިޝްވާ މިހެން ބުނުމުން ޝިފާ ނިޝްވާގެ އަތުގައި ހިފާފައި ބުންޏެވެ.

ޝިފާ: މީގެ ފަހުން ނިޝްވާ ހުންނާނީ ޝިފާ މެންގެ ގޭގަ. ހިނގާ ދާން.

މިހެން ބުނެ ނިޝްވާގެ ހެދުންތައް ފޮއްޓަށް އެޅުމަށްފަހު ގެއިން ނިކުމެގެން ކާރެއްގައި ޝިފާ އާއި އެކު ޝިފާ މެންގެ ގެއަށް ދިއައެވެ. ދިޔަ މަގުމަތީގައި ނިޝްވާގެ މަންމަ އަށް ފޯނުން ގުޅައި މިވާހަކަ ކުރުކޮށް ކިޔައިދިނުމުން ނިޝްވާގެ މަންމަ މައްސަލައެއް ނެތްކަމަށާއި ނިޝްވާއަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެކަމަށާއި، އަދި ނިޝްވާވެސް ބަލައިގެން އުޅުމަށް ބުނެ ފޯނު ބޭއްވިއެވެ.

ކާރު ގޮސް ޝިފާމެންގެ ގޭދޮށަށް މަޑުކުރުމާއެކު ނިޝްވާ ފޮށި ހިފައިގެން ޝިފާއާއި އެކު ޝިފާމެންގެ ގެއަށް ވަނެވެ. އޭރު ޝިފާގެ މަންމަ ފަރީދާ އިނީ ގޭގެ ސިޓިންގ ރޫމްގައި ފިލުމެއް ބަލާށެވެ. ޝިފާއަށް މަންމަ ފެނުމާއެކު ވަރަށް ބާރަށް ރޮއެ ގަނެވުނެވެ. އަދި ދުވެފައިގޮސް ފަރީދާގެ ގައިގައި ޝިފާ އޮޅުލައިގަތެވެ.

ފަރީދާ ކުއްލިއަކަށް ހައިރާންވިއެވެ. ޝިފާއަކީ އެއް އިރެއްގައިވެސް އެގޮތަށް ރޮއެއުޅުނު ކުއްޖެއް ނޫންކަމުން ކޮންމެވެސް ކަމެއް ހިނގައިފިކަން ފަރީދާއަށް އެނގުނެވެ. އަދި ނިޝްވާ ފޮށި ހިފައިގެން ހުރިތަން ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ފަރީދާ ޝިފާއަށް ހިތްވަރުދީފައި ރޮވުން ހުއްޓާލާ، ވެގެން އުޅެގޮތެއް ކިޔައިދިނުމަށް އެދުނެވެ. ނަމަވެސް ޝިފާއަކަށް އެވާހަކަތައް މަންމައަކަށް ކިޔައިދޭނެހާ ހިތްވަރެއް ނުލިބުނެވެ. އަދި އެވަގުތަކީ ނަސީރު ގޭގައި ނޫޅޭ ވަގުތެއްކަމުން ނަސީރަށް ފޯނުކޮށް އަވަހަށް ގެއަށް އައިސް ދިނުމަށް ފަރީދާ އެދުނެވެ. އެވަގުތު ނިޝްވާ ވެގެން އުޅޭގޮތް ފަރީދާއަށް ކިޔައިދޭން ފެށިއެވެ. އަދި ނިޝްވާ ގެއިން ނިކުމެގެން އައިވާހަކަވެސް ނިޝްވާ ފަރީދާއަށް ކިޔައިދިނެވެ.

މިވާހަކަތައް ފަރީދާ އަޑުއަހާފައި ވަރަށް ބާރަށް ރޮއެގަތެވެ. އެވަގުތު ޝިފާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ނިޝްވާވެސް ގިސްލަ ގިސްލާފައި ރޮނީއެވެ. މިއަޑަށް ނިދާފައި އޮތް ކުޑަކުޑަ ޝިހާން ހޭލައިގެން ރޮމުން ރޮމުން އައިސް ފަރީދާގެ ގައިގައި ބައްދާލިއެވެ. ފަރީދާއަށްް ގޮތް ހުސްވިއެވެ.

ކުއްލިއަކަށް ނަސީރު އައިސް ގެއަށް ވަދެއްޖެއެވެ. އޭރުވެސް ޝިފާ އޮތީ ހޭނެތިފައެވެ. ފަރީދާއާއި ނިޝްވާ އަޑުން އަޑުނަގާފައި ރޮނީއެވެ. ނަސީރު ގެއަށް ވަނުމުން ފަރީދާ ރޮމުން ރޮމުން ބުންޏެވެ.

ފަރީދާ: ނަސީރު. އެމަންޖެ ސަލާމަތްކޮށްދީ. ސަލާމަތްކޮށްދީ. މިހެން ބުނުމުން ނަސީރުއަށް ކަމެއް ގޯސްވެގެން އުޅޭކަން އެނގުނެވެ. ނަމަވެސް މާގިނަ ވާކަހަތަކެއް ނުދައްކާ ވަގުތުން އެމްބިއުލާންސް އަށް ގުޅާ ޝިފާ އައި.ޖީ.އެމް އެޗަށް ގެންދެވުނެވެ. އޭރުވެސް ޝިފާ ހެއެއް ނާރައެވެ. ޝިފާ އޮތީ އެމެޖެންސީގައެވެ. އެތަންފެނިފައި ފަރީދާ ހޭނެތިގެން ވެއްޓިއްޖެއެވެ. އަދި ނަސީރު ފަރީދާ ނަގައިގަނެގެން ގޮސް ޖެހިގެން ހުރި އެނދު މަތީގައި ބޭއްވިއެވެ. އެވަގުތު ޑޮކްޓަރުންނާއި ނަރުހުން ފަރީދާ ހޭއެރުވޭތޯ މަަސައްކަތް ކުރަމުން ގެންދެއެވެ. އެހެނަސް މާގިނައިރުތަކެއް ނުވަނީސް ފަރީދާއަށް ހޭވެރިކަން ވެއްޖެއެވެ. ފަރީދާ ހޭއެރުމުން މިހާދިސާ ހިނގައި ދިޔަގޮތް ފަރީދާ ޑޮކްޓަރުންނަށް ކިޔައިދިނެވެ. މިކަވާހަކަތައް ޑޮކްޓަރަށް ކިޔައިދިނުމުން ހޮސްޕިޓަލުން މިކަން ފުލުހުންނަށް ރިޕޯރޓްކުރިއެވެ.  އަދި ޝިފާގެ ކައިރީ އޭނާ ހޭއެރުވޭތޯ ވަރަށް އަވަދިނެތި ޑޮކްޓަރުން މަސައްކަތް ކުރަމުން ގެންދެއެވެ.

ނިޝްވާ ޝިހާން އުރާލައިގެން އައި.ޖީ.އެމް.އެޗްގެ އެމެޖެންސީ ރޫމްގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭރުވެސް ނިޝްވާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ވިސްނެނީ ޝިފާގެ ހާލާއި ދޭތެރޭގައެވެ. އަދި ހިތަށް އެރިއެވެ. ”ފަލާހް އެއީ އިންސާނެއްބާއެވެ. އުނހު.. އެއީ އިންސާނެއްގެ ސިފައިގައިހުރި ޖަނަވާރެކެވެ. ހަމަ ޖަނަވާރެކެވެ. މިހެން ނިޝްވާގެ ހިތުން ތަސްބީހައެއްހެން ކިޔާލަ ކިޔާލާ ހުއްޓެވެ.”

ފުލުހުންގެ ތަހްޤީޤް ޓީމެއް އެތަނަށް އަތުވެއްޖެއެެވެ. އަދި ޑޮކްޓަރުންގެ މަސައްކަތުން ޝިފާ ހޭއަރައިފިއެވެ. އޭރު ޝިފާގެ ހަށިގަނޑުން ހުރީ ވަރަށް ގަދަޔަށް ދާހިއްލާފައެވެ.  ފުލުހުން އައިސް ކަން ހިނގާދިޔަ ގޮތާއި ބެހޭގޮތުން ސުވާލުކުރުން ޝިފާ ކަން ހިނގާދިޔަގޮތް ކުރުގޮތަކަށް ކިޔައިދިނެވެ. އަދި ޑޮކްޓަރުގެ ރިޕޯރޓް ފުލުހުންނަށް ލިބުމުން ޝިފާ ގެއަށް ދޫކޮށްލުމުން މިމައްސަލަގައި ބަޔާން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ދިއުމަށް ޝިފާގެ މައިން ބަފައިންގެ ގާތު ފުލުހުން އެދުމަށްފަހު ފުލުހުން އެނބުރި ހިނގައްޖެއެވެ. އެވަގުތު ޝިފާއަށް އޭނާގެ ބައްޕަ އާއި، މަންމަ ފެނުމުން ރޮވިއްޖެއެވެ. ނަމަވެސް ފަރީދާ ޝިފާއަށް ހިތްވަރު ދިނެވެ. އަދި ފަރީދާ ނަސީރު ގޮވައިގެން އެމެޖެންސީ ރޫމުން ބޭރަށް ނިކުމެ، ޝިފާ އަށް ދިމާވި މިހާދިސާ ތަފްސީލްކޮށް ކިޔައިދިނެވެ.

ފުލުހުން ދިއުމުން ފަރީދާ ބުންޏެވެ.

ފަރީދާ: ދަރިފުޅާ!  މިކަމުގައި ދަރިފުޅުގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ދޭންވާނެ.

 ފަރީދާ މިހެން ބުނުމުން ޝިފާ މިހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލްކޮށް ފަރީދާއަށް ކިޔައިދިނެވެ. އަދި މިވާހަކަތައް މީހަކަށް ކިޔައިދީފިނަމަ ހޭއަރުވާލާނެކަމަށް އެމީހުން ބުނެފައިވާކަމަށްވެސް ޝިފާ ބުންޏެވެ. ނަސީރު ވަރަށް ރުޅިއައެވެ. އަދި ހިތާމަކުރިއެވެ. ހުރި ހަމަ އެންމެ އަންހެން ދަރިއަކަށް ބަޔަކު މިފަދަ އިހާނެތިކޮށް ކަންތައް ކޮށް އިންސާނީ ހައްޤުތަކަށް އަރައިގަތީމައެވެ.  ޝިފާގެ ކުށަކީ ކޮބާ ހެއްޔެވެ.

ޖެހިގެން އައި ދުވަހު ޝިފާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ. ގެއަށްދިއުމަށްފަހު ފެންވަރާލައި ގެން ޝިފާގެ މަންމަ އާއި ބައްޕަ އާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ދިޔައެވެ. އަދި ފުލުހުން އެދުނު ފަދައިން ކަންތައް ހިނގާދިޔަގޮތް ވަރަށް ތަފްސީލްކޮށް ޝިފާ ފުލުހުންނަށް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު ފަލާހް ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނެވެ. މިމައްސަލަ ބަލަައި ކާމިޔާބްކަމާއެކު ފުލުހުންގެ ތަހްޤީޤް ނިންމަލީ މިމަައްސަލާގައި ހިމެނޭ އެންމެން ފުލުހުން ހައްޔަރުކުރުމަށްފަހު އެވެ.

އޭގެ އެއްމަސް ފަހެވެ. އަބަދުވެސް ބަނޑެއްގައި ރިއްސާތީ ޝިފާ އުޅޭތަން ފެނެއެވެ. ނަމަވެސް އެކަމަކަށް ހައްލެއް ނައެވެ. މިކަމާއި ގުޅިގެން ޝިފާގެ މަންމަގެ އެދުމުގެ މަތިން ޝިފާ ޑޮކްޓަރަށް ދެއްކުމުން ޝިފާ ބަލިވެ އިންކަމަށް ޑޮކްޓަރުގެ ރިޕޯރޓްތަކުން ދެއްކިއެވެ. މިކަމާ ޝިފާ ހުންނަނީ ވަރަށް ލަދުންނެވެ. މީހުންގެ ތެރޭގައި ޝިފާ ފަލީހަތްވެދާނެތީއެވެ. ނަމަވެސް ޝިފާގެ މައިން ބަފައިން ޝިފާއަށް ހިތްވަރުދެމުން ގެންދެއެވެ.

ފަރީދާ: ކެތްކުރޭ ދަރިފުޅާ! މިއީ މިއަދު ދަރިފުޅު ކެތްކުރަންވީ ވަގުތު. މަންމަވެސް ދެރަވޭ ދަރިފުޅަށް ތިހެން ވުމުން. އެކަމު ހުރިހާކަމެއްވެސް ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. ދުޢާކުރޭ ދަރިފުޅާ.

މިހެން ތަކުރާރުކޮށް ޝިފާ ގާތު އޭނާގެ މަންމަ ފަރީދާ ބުނަމުން ދެއެވެ. ނަމަވެސް މިހާދިސާއާއި ގުޅިގެން ޝިފާ މިހާރުވަނީ ސްކޫލުންވެސް ވަކިކޮށްފައެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މަޢުސޫމް ކުށެއްނެތް ކުއްޖަކަށް ޖެހުނު މިފަދަ އިންސާނިއްޔަތުކަމެއްނެތް ހަޑިމުޑުދާރު ކަޅު އަދިރިގަނޑެއްގެ ސަބަބުންނެވެ. ނަަމަވެސް މިއަދު މިވަނީ ކެތް ކުރަން މަޖުބޫރުވެފައެވެ.

ޝިފާގެ ބަނޑަށް ދެ މަސް ވެއްޖެއެވެ. ބަނޑަށް ތަދުވާވަރުން ކެތް ނުކުރެވޭ ވަރަށް ޝިފާއަށް ވޭން އަޅައެވެ. އަބަދުވެސް ފެންނަނީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ. ހަމައެކަނި އެކުވެރިއަކީ ނަޝްވާ އެވެ. މަގުމައްޗަށް ނިކުމެ އުޅޭކަށް ނުކެރެއެވެ. ބައެއްގެ މަލާމާތް ރައްދުވެދާނެތީއެވެ. ނަމަވެސް މީ ޝިފާގެ ކުށެއް ނޫނެވެ. މިކަން މަދު ބަޔަކަށްމެ ނޫނީ ނޭގޭނެއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެކެވެ. އޭރު އަދި ބަނޑަށް ދެ މަހެވެ. ކުއްލިއަކަށް ބަނޑުގައި ރިއްސާފައި ހޮޑުލަނީއެވެ. މުޅި މީހާ ތެޅި ފޮޅެނީއެވެ. ކޮޓަރިތެރޭގައި ކައިރީގައި ޖެހިގެން ހުރި އެނދުގައި ނިޝްވާ ނިދާފައި އޮތެވެ. މިއަޑަށް ނިޝްވާއަށް ހޭލެވިއްޖެއެވެ. އަދި ޝިފާގެ މަންމައަށާއި ބައްޕައަށް ގޮވުމަށްފަހު ޝިފާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރ ޓެސްޓްތަކެއް ހަދާ ބެއްލެވުމަށްފަހު ޝިފާގެ ބަނޑުގައި ވާ ކުއްޖާ މަރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ބަނޑު ސާފްކުރުމަށްވެސް ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައި އެދެމަފިރިން ޝިފާ ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. އިންޑިޔާއިން ދެއްކި ޑޮކްޓަރ ބެއްލެވުމަށްފަހު ޝިފާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ދެން ދުވަހަކުވެސް ކުއްޖަކު ނުލިބޭނެކަމަށް ވިދާޅުވިއެވެ. މިކަމާ ޝިފާގެ މައިން ބަފައިން ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އެދެމަފިރިން މެދުކެނޑުމެއް ނެތި ޝިފާ އަށް ހިތްވަރު ދެމުން ދިޔައެވެ.

އޭގެ ދެ ހަފްތާފަހުން ޝިފާ ގޮވައިގެން މާލެ އަތުވެއްޖެއެވެ. ނަމަވެސް ޝިފާ ގެ އެއްވެސް ދިރުމެއް ނުވާކަހަލައެވެ. މީހަކާ ވަހަކައެއް ނުދައްކައެވެ. މީހަކު ވާހަކަ ދައްކަން އުޅުނަސް ރޮވެއެވެ. ފިރިހެނުން ދެކެ އިންތިހާއަށް ބިރު ގަނެއެވެ. ކޮޓަރިތެރޭގައި ގަބުއަރާފައި އިންނަ މީހެއް ފަދައިން ރޮއެލަ ރޮއެލާ އިންނަނީ އެވެ. މުޅި މީހާ ހިކި އަނަރޫފަ ވެއްޖެއެވެ. ފަރީދާ ޝިފާއަށް ވިސްނާ ދެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ކިތަންމެ ލޯބިން ކުއްޖަކު ގެންގުޅުނަސް އަދި ކިތަންމެ ބަލައިގެން އުޅުނަސް ތަޤްދީރަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މުޖުތަމަޢުގައި އުޅޭ ފާހިޝް އަމަލުތައް ކުރާ އިންސާނިއްޔަތުކަމެއްނެތް މިފަދަ މީހުންގެ ހަޑިމުޑުދާރު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރަމާ ހިނގާށެވެ. މިއަދު އަހަރެންގެ ދަރިފުޅު ޝިފާގެ ހަޔާތަށް އެޅުނު ހަމަ އެންމެ ކަޅު ހިޔަންޏެއްގެ ސަބަބުން ދިރިއުޅުމުގެ މަތިން މިވަނީ ފޫހިގެފައެވެ. ދަރިފުޅުގެ ދިރިއުޅުން މިވަނީ ނެގި ކަޅު އަދިރިގަނޑެއްގެ ތެރެއަށް ވަދެ ގެއްލިފައެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބުނު އަނިޔާ ތަކެއްގެ ސަބަބުން މުޅި ހަޔާތް މިއަދު މިވަނީ ބަނަވެފައެވެ. އެދުވަސް ފޮހެލެވޭނެ ހެއްޔެވެ؟ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ވިޔާނުދާ ހަޑިމުޑުދާ އަމަލުކުރާ މީހުންގެ ކިބައިން މިފަދަ މަޢުސޫމް ކުދިން ސަލާމަތް ކުރައްވާށިއެވެ.(އާމީން)

(މުޖުތަމަޢުގައި ދިރިއުޅޭ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުގެ ސަބަބުން މިފަދަ އެތައް މައުސޫމް ދަރިންތަކެއްގެ މުސްތަޤުބަލް ބަރުބާދުވެގެންދާކަމީ ހިތާމަހުރިކަމެކެވެ.)

  (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.