ހަޤީޤީ ހާދިސާ: ރީލޯޑް

މިހާރަކަށް އައިސް މީހުންނަށް ފޯނުކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން ބޮޑެތި އަގުގައި ރީލޯޑާއި ރާސްޓަސް ހޯދަމުންދާ މީހުން މި މުޖުތަމަޢުގައި އުޅެމުންދޭ. މިކަމަށް ސަމާލުވެލައްވާ!

އަހަރެންނަކީ ޢުމުރުން 50ގެ އަހަރުތައް ގުނަމުންދާ  ރާއްޖެތެރޭގައި ދިރިއުޅޭ މީހެކެވެ.  ދިރިއުޅެނީ އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ އަކުން ފުއްދާ ލައިގެންނެވެ. މީހަކު ކަމަކު އެދިއްޖެނަމަ އެކަމެއް ކޮށްލައިދިނުމަކީ އަހަރެންގެ އާދައެކެވެ. މިގޮތުން އަހަރެން ދިރިއުޅެމުންދާ ރަށަކީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން މަސައްކަތްކުރަނީ ރިސޯޓްތަކުގައެވެ. އަދި މިރަށަކީ މަސްވެރިކަންކުރާ ރަށެއް ނޫންކަމުން ކައިރި ރަށްރަށުންނާއި ކައިރި އަތޮޅުތަކުގެ މަސްދޯނި ފަހަރު މިރަށަށް މަސްވިއްކަން އާދެއެވެ. އަދި އެމީހުންނާއި ރަށުގެ މީހުންނައި ދެމެދު އެކުވެރިކަން ބަދަހިވެއެވެ.

މިގޮތުން އެއްރެއަކު އަހަރެން ގޭގައި އުޅެނިކޮށް ނުދަންނަ ނަންބަރަކުން އަހަރެންނަށް ގުޅިއެވެ. އަދި މިއީ އިއްސެ (އަސްލު ނަމެއް ނޫން) ކިޔާ މީހެއްކަމަށާއި، އަހަރެންގެ ކޮއްކޮގެ ރައްޓެއްސެކޭ ބުންޏެވެ. އަދި އިއްސެއަކީ މިރަށަށް މަސްވިއްކަން އަންނަ ދޯންޏެއްގައި އުޅޭ މީހެއްކަމަށާއި މިރޭ މިިރަށަށް މަސްވިއްކަން ދާނަމޭ އޭނާ ބުންޏެވެ. އަދި މިހާރުވެސް މިއުޅެނީ ކަނޑުމަތީގައި ކަމަށާއި، މިރޭ މިރަށުގައި މަޑުކުރަންޖެހޭތީ މިރަށު ރައްޓެއްސައްކަށް ގުޅުމުން އޭނާ އިއްސެއަށް އަހަރެންގެ ނަންބަރު ދިނީކަމަށް ބުންޏެވެ. އެއީ އަހަރެންގެ ކޮއްކޮގެ ރައްޓެއްސެއްކަމުން އަހަރެން މާބޮޑަކަށް އެކަމަކާ ނުވިސްނަމެވެ. ނަމަވެސް އޭނާ އަހަރެންނަށް ގުޅައިގެން އެކިވާހަކަތައް ދެއްކުމަށްފަހު މިއުޅެނީ ކަނޑުމަތީގައި ކަމަށާއި، ފޯނުން ލާރި ހުސްވަނީކަމަށް ބުންޏެވެ. އަދި 300 ރުފިޔާގެ ރީލޯޑެއް ކޮށްދިނުމަށް އަހަރެންގާތު އާދޭސް ކުރަން ފެށިއެވެ. އިއްސެގެ ވާހަކަތައް މިހެން ހުރުމުން އަހަރެން އޭނައާއި ދިމާލަށް ތިޔައީ މަކަރުން އުޅޭ މީހެއްކަމަށާއި، ތިހާބޮޑު ފައިސާއެއްގެ ރީލޯޑެއް މިހާރު އަޅައެއް ނުދެވޭނެކަމަށް އަހަރެން ބުނަމުން ދިޔައީމެވެ. އެހެންނަމަވެސް މިރޭ ތިރަށަށްގޮސް އަނބުރާ އެފައިސާ ދޭނެކަމަށާއި، މަކަރެއް ނުހަދާނެކަމަށް އިއްސެ އަހަރެންގެ ކައިރީ ބުނަމުންދިޔައެވެ. އޭރު އަހަރެންގެ އަތުގައިވެސް އޮތީ ހަމައެކަނި 500 ރުފިޔާއެވެ. އެއީ އަނބިދަރިންނަށް ޚަރަދުކުރުމަށް ހަމައެކަނި އޮތް ފައިސާކޮޅެވެ. ނަމަވެސް އިއްސެ ކުރި އެ އާދޭހަށް އަހަރެން 300 ރުފިޔާގެ ރީލޯޑް އިއްސެގެ ފޯނަށް އަޅައިދިނީމެވެ.

އެއަށްފަހު އަހަރެންގެ ކޮއްކޮއަށް އެކަން އެންގުމަށް ކޮއްކޮއަށް ގުޅައި މިވާހަތައް ކިޔައިދިނީމެވެ. ކޮއްކޮގާތު މިވާހަކަތައް ބުނުމާއެކު އޭނާ ރުޅި އައިސްގެން އިއްސެއަށް ގުޅިއެވެ. ނަމަވެސް އިއްސެ ފޯނެއް ނުނަގައެވެ. ދެން ކޮއްކޮ އަހަރެންނަށްގުޅައި މީހަކު ބުންޏަސް އެފަދަކަމެއް ކޮށްދީގެން ނުވާނެކަމަށް ބުންޏެވެ. އަދި އިއްސެ ފޯނު ނުނަގާކަމަށް ބުންޏެވެ. ކޮއްކޮ މިހެން ބުނުމުން އަހަރެން އިއްސެގެ ފޯނަށް އެތައް ފަހަރަކު ގުޅުމުންވެސް އިއްސެ ފޯނެއް ނުނަގައެވެ. މިވާހަކަތައް ރަށުގެ މީހުންނަށް އެނގުމުން އިއްސެ ކިޔާ އެމީހާ ރަށުގެ ބައެއް މީހުންނަށްވެސް މިފަދަ އޮޅުވާލުންތައް އޮޅުވާލައި ބޮޑެތި ރީލޯޑްތައް އޭނާގެ ފޯނަށް އަޅާފައިވާކަން އެނގުނެވެ. އަދި އެއީ އޮޅުވާލައިގެން މީހުންގެ އަތުން ފޭރޭ މީހެއްކަމާއި  މަކަރުވެރި ހީލަތްތެރިއެއްކަންވެސް އެނގުނެވެ.  ރަށުގެ އެންމެންވެސް މިކަމަށް މިއަދު ސަމާލުކަން ދީފިއެވެ.  ދެނެއް އެފަދަ މީހަކަށ މިރަށަކުން ޖާގައެއް ނެތެވެ.

މުޖުތަމައުގައި ހިނގާ މިފަދަ ކުށްތަކަށްބަލާއިރު، މިހާރަކަށް އައިސް މަކަރާއި ހީލަތުން މީހުންނަށް ފޯނުކޮށް އަޮޅުވާލައިގެން 500 އަށްވުރެ ގިނަ ރުފިޔާގެ ފޯނުކާޑް ނުވަތަ ރީލޯޑް / ރާސްޓަސް އަތުލާފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ގިނައީ މުސްކުޅި ފުރައިގެ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލަތަކެވެ. މީގެއިތުރުން ބެންކުން ލާރި ނަގާނެގޮތް ނޭގިގެން އޭޓީއެމް ތަކަށްގޮސް ތިބޭ ބިދޭސީންނާއި މުސްކުޅިންނަށް ފައިސާ ނަގާދޭނަމޭކިޔާ އޮޅުވާލައިގެން މަކަރާއި ހީލަތުން އެމީހުންގެ ފައިސާކޮޅު ފޭރިގަނެގެންދާ މީހުންވެސް މިއަދު މިވަނީ އިތުރުވެފައެވެ. އެހެންކަމުން ތިޔައިން ހަމަ ކޮންމެ މީހަކުވެސް މިފަދަ ކަންކަމަށް މިއަދު ސަމާލުވާން ވެއްޖެއެވެ.

                                    ……………………     

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.