ނަޝީދުގެ ފަރާތްޕުޅުން ކޮންމެ މީހަކަށް ފޯނު ކޯލެއް

"ހިތާ ހިތުގެ ގުޅުން" ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ނަޝީދު ބައެއް މީހުންނަށް ގުޅުއްވަނީ
“ހިތާ ހިތުގެ ގުޅުން” ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ނަޝީދު ބައެއް މީހުންނަށް ގުޅުއްވަނީ

 

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންނަށް ގުޅުމަށް “ހިތާ ހިތުގެ ގުޅުން، އެއްބުރުން” ނަމުގައި ޕްރޮގްރާމެއް ރޭ ފަށައިފި އެވެ.

ރޭ ސްޓެލްކޯގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ‘ހިތާއި ހިތުގެ ގުޅުން’ ކެމްޕޭން ހަރަކާތުގެ ތެރެއިން އެޕާޓީގެ މެމްބަރުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީކޮޅަށް ބުރަވެފައިވާކަމަށް ހީކޮށް ތިބެގެން ނުވާނެކަމަށެވެ. އެގޮތުން، މިހާރު އެޕާޓީން ކުރިއަށްގެންދާ ‘ކުރިއަށް ކުރިއަށް ކުރިއަށް’ ކެމްޕޭން ބާރަށް ކުރިއަށް ގެންދަން އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ކުރިއަށްގެންދާ ދޮރުން ދޮރަށް ކެމްޕޭނާއި، އަދި ފޯނުން ގުޅައިގެންވެސް، 125،000 ވޯޓް އެޕާޓީއަށް ލިބޭނެކަމުގެ އުއްމީދު ވަރަށް ފޮނިކަމަށެވެ. މާލޭގެ ރައްޔިތުންގެ ކިބައިން އެމްޑީޕީއަށް 25،000 ވޯޓް ލިބޭނެކަމަށް ލަފާކުރައްވާކަަމަށާއި، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ 35،000 ރައްޔިތުން އެމްޑީޕީ މެދުވެރިކޮށް އިންތިޚާބުގައި ރަޖިސްޓްރީކޮށްފައިވާތީ، ސީދާ އަތޮޅު ތެރެއިން ލިބޭނެކަމަށް ބެލެވޭ ވޯޓްގެ އަދަދަށް ބަލާއިރުގައި، އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމާއި މެދު ހިނގަނީ ވަރަށް ކުޑަ ޝައްކެއްކަމުގައި ވިދާޅުވިއެވެ.

“މަސައްކަތް ވަރަށް ބާރަށް ކުރެވެންޖެހޭ. މިއަދު އަޅުގަނޑުމެން ދެކިއްޖައިމު ބަޣާވާތުގެ އެގްރީމެންޓް. ދެން އެބާވަތުގެ އިތުރު އެއްޗެހިވެސް އަޅުގަނޑަށް ޔަޤީން ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެންނަމުންދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒު ނަގާ ނުލައި، ނަޒަރު ނުގެއްލި، ހަމަސީދާ ބާރަށް މަސައްކަތް ކުރީމަ، އަޅުގަނޑުމެން މިއެދޭ ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ލިބޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

“ހިތާއި ހިތުގެ ގުޅުން’ މިނަމުގައި ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި، އަދި އެހަރަކާތުގައި ބައިވެރިވި އެޕާޓީގެ މެމްބަރުންވަނީ އެކި ރައްޔިތުންނާއި ފޯނުން ގުޅާ އެމްޑީޕީގެ ސިޔާސަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. ރައީސް ނަޝީދުވެސް ރޭގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަށް ގުޅުއްވާ، އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުއަރުވައި، އެމްޑީޕީގެ ސިޔާސަތްތަކާއި، އެމްޑީޕީއަށް ވޯޓް ދޭންވީ ސަބަބު އޮޅުން ފިލުވައިދެއްވާފައިވާކަމަށް އެޕާޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.