ބެޑްމިންޓަން ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަނީ

އޭދަފުށީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ޗެމްޕިއަން ޓްރޮފީއާއެކު

މާލޭގައި ކުރިއަށް ދިޔަ 5 ވަނަ އަތޮޅު ލީގު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ބެޑްމިންޓަން ޓީމު އެނބުރި މިއަދު ރަށަށް އަންނަ އިރު ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުން އެބަދެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އަތޮޅު ކައުންސިލާ ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 3 ޖަހާއިރު ރަސްމީ ފާލަން ދޮށަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

ނޮވެމްބަރު 25 އިން ޑިސެމްބަރު 4 އަށް ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުގައި އޭދަފުށި މޮޅުވީ، 2008، 2009 އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ފުވައްމުލަކު ބީޑީސީގެ ޓީމާ ވާދަކޮށް ވަރަށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ވާދަކުރީ މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ އަހަރު ތިންވަނަ ހޯދިއިރު މިދިޔަ އަހަރު އެޓީމު ވަނީ ދެވަނަ ހޯދައިފައެވެ.

ފަސް ވަނަ އަތޮޅު ލީގުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަންވެސް ހޯދީ އޭދަފުށީ ބީޑީސީގެ ކުޅުންތެރިންނެވެ. އެއީ ބ. އޭދަފުށީ އަބްދުލްމަތީން އަހުމަދާއި ހުސެއިން މުހައްމަދުގެ ޕެއާ ފައިނަލުގައި އައްޑޫ ސިޓީގެ އިބްރާހިމް މުހައްމަދާއި އިބްރާހިމް ނަޝީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އަދި މުބާރާތުގެ އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ފުވައްމުލަކު ސައުދުﷲ އިބްރާހިމް އަތުން ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫ އަލީ ޝަރުމީލެވެ.

މިއީ ގައުމީ ފެންވަރުގެ މުބާރާތަކުން އޭދަފުއްޓަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމު މި ހޯދި ކާމިޔާބީއާ ގުޅިގެން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި ޓީމަށް ”އީޓީ” ންނާއި ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.