
ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ހަރަކާތްތައް ނިންމާލުމުގެ ގޮތުން “ރެޑްމާޗް” ގެ ނަމުގައި މުޅި ރާއްޖޭގައި އެއްވަގުތެއްގައި ބާއްވާ ހާއްސަ ހިނގާލުން މިއަދު ހަވީރު އޭދަފުށީގައިވެސް އޮންނާނެކަމަށް އޭދަފުށީ ކެމްޕޭން ޓީމުން ބުނެފި އެވެ.
ޖުމްހޫރީ ގުޅުމުގެ އޭދަފުށީ ކެމްޕޭން ޓީމުން ވާހަކަ ދެއްކި މުހައްމަދު ނައުރީފް ބުނީ މިއަދު ހަވީރު 4:30 ގައި އޭދަފުށީގެ މަގުތަކުގައި މި ހަރަކާތް ކުރިއަށްދާނީ “މަގުމަތީ ކާނިވަލެއް”ގެ ގޮތުގައި ކަމަށެވެ.
“މިރަށުގައި ޕެރޭޑް ކުރިއަށްދާނީ މަގުމަތީ ކާނިވަލެއްގެ ގޮތުގައި ޖުމްހޫރީ އާއިލީ ޕެރޭޑެއްގެ ގޮތުގައި އެންމެންނަށްވެސް ބައިވެރިވެވޭގޮތަށް. މި ކާނިވަލުގައި ކުޑަކުދިންނަށް ތަފާތު ހަދިޔާވެސް ދެވޭނެ. ހުރިހާ ފަރާތްތަކުންވެސް ރަތް ކުލައިގެ ހެދުމެއްގައި ބައިވެރިވެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،” ނައުރީފް ބުންޏެވެ
މި ކާނިވަލުގައި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޖުމްހޫރި ގުޅުމުގެ އޭދަފުށީ ކެމްޕޭން ޓީމުން ބުންޏެވެ.
ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ނިންމާލުމުގެ ހިނގާލުން މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާއިރު އެ ހަރަކާތް މާލޭގައި ފަށާނީ އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށާއި، ނިންމާނީ ސޯޝަލް ސެންޓަރު ކައިރިއަށް ޖުމްހޫރީ ގުޅުމުން ވަނީ ބުނެފައެވެ.
މާލޭގައި ބާއްވާ ރެޑްމާޗް ގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ރަނިންމޭޓް ޑރ. ހަސަން ސައީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ހިނގާލުމުގައި ގާސިމް ވެވަޑައިގެންފައިވާ ވައުދުތައް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ އެވެ.