ވިލާ ކޮލެޖުން ޕީއެޗްޑީގެ ކޯސްތައް ފަށަނީ

    ވިލާ ކޮލެޖް ހުންނަ އިމާރާތް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެ ކޮލެޖުން އަވަހަށް ޕީއެޗް.ޑީގެ ކޯސްތައް ފަށާނެ ކަމަށް ބުނޭ  -- ހަވީރު ފައިލް ފޮޓޯ
ވިލާ ކޮލެޖް ހުންނަ އިމާރާތް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ ހަފްތާ ކޯސްތައް ފަށާނެ — ހަވީރު ފައިލް ފޮޓޯ

ވިލާ ކޮލެޖުގައި ވަރަށް އަވަހަށް ޕީއެޗް.ޑީގެ ކޯސްތައް ފަށާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލެޖްގެ ޑައިރެކްޓަ ޑިވެލޮޕްމެންޓް އެންޑް އެންޓަ ޕްރައިސް މުހައްމަދު އަޒީމް ހާރޫން ހޯމަދުވަހު ހަވީރު އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ތަފާތު ދާއިރާތަކުން އެ ކޮލެޖުން ޕީއެޗް.ޑީގެ ކޯސްތަކަށް ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީ ވެސް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން ޖަރުމަނުގެ ހެއިލްބްރޮން ޔުނިވަސިޓީއާ އެކު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން އެތަނުގެ ޕްރޮފެސަރުން ވިލާ ކޮލެޖުގެ ދަރިވަރުންނަށް ޕީއެޗް.ޑީ ތީސީސްއާ ގުޅޭގޮތުން މައުލޫމާތު ދީ، ދަރިވަރުން ތީސީސް ކަނޑައެޅުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް އަޒީމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެޗް.ޑީ ކުރިއަށް ގެންދިޔުމަށް މިހާރު ކަނޑައަޅާފައިވަނީ ބިޒްނަސް އާއި އެޑިއުކޭޝަން ދާއިރާއިންނެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް މި ކޯސްތައް ތައާރަފްކޮށް، މިތަނުގެ ކިޔެވުން އިތުރަށް ފުޅާކުރާނަން،” އަޒީމު ހަވީރަށް ވިދާޅުވުވެފައި ވެ އެވެ.
ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ވިލާ ކޮލެޖުގައި އުފައްދާފައިވާ ރިސާޗް ސެންޓަރުން ހެއިލްބްރޮން ޔުނިވަސިޓީގެ ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ދިރާސާތަކެއް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
އަޒީމް ވިދާޅުވީ ޓޫރިޒަމާއި ވިޔަފާރި އާއި ސޯޝަލް ހިއުމަނިޓީސް ދާއިރާ އިން ކުރާ އެ ދިރާސާތައް ކުރިއަށް ގެންދާނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީތެރިކަމާ އެކު ބައިނަލްއަގްވާމީ ކޮންސަލްޓަންސީ ހޯދައިގެން ކަމަށެވެ.
ވިލާ ކޮލެޖުން އަންނަނީ އެ ތަން އަންނަ އަހަރު ޔުނިވަސިޓީއަކަށް ވެސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.