ބިދޭސީން ރާއްޖޭގެ އާބާދީއަށް ވުރެ އިތުރުވަނީ!

ބިދޭސީއަކު ސައިކަލެއް ފުހެނީ. ބިދޭސީންގެ އާބާދީ މިވަނީ ޖެހިލުންވާ ވަރަށް ރާއްޖޭގައި މައްޗަށް ގޮސްފަ. ފޮޓޯ: އަފްރާޙު
ބިދޭސީއަކު ސައިކަލެއް ފުހެނީ. ބިދޭސީންގެ އާބާދީ މިވަނީ ޖެހިލުންވާ ވަރަށް ރާއްޖޭގައި މައްޗަށް ގޮސްފަ. ފޮޓޯ: އަފްރާޙު

 

ދިވެހިރާއްޖޭގައި ފުނިޖެހެމުން އަންނަ ބިދޭސީންގެ ޢަމަލުތައް މިހާރަކަށް އައިސް ހުންނަނީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައެވެ.

މީ އިއްޔެއަކު މިއަދަކު ދެކެވޭ އަދި ފެންނަ މަންޒަރުތަކެއްވެސް ނޫނެވެ. ކުޑަ ކުދިންނާ އެކު ބަދު އަޚުލާގީ ޢަމަލު ހިންގުން، ޢިއްފަތްތެރިކަމަށް އަރައިގަތުން، ވައްކަން ކުރުމާއި މާރާމާރީ ހިންގުމެވެ. އެބައި މީހުންގެ ފަރާތުން ފެންނަ މިފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުއަށް ކުރިމާނީ ކޮންފަދަ ނުރައްކަލެއް ކަމާއި މެދު ވިސްނާލަނީ ކާކުބާ؟

ހީވެސް ނުކުރާ ފަދަ އަނގަވަޅަކަށް މި ރާއްޖެ ވެއްޓިދާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަގީގަތަށް ދަންނަވާ ނަމަ، މިހާރުވެސް ފެންނަމުން މިދަނީ އެފަދަ އަނދަވަޅަކަށް ރާއްޖެ ވެއްޓިފައިވާ މަންޒަރޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ އާބާދީގައި ހަތަރު ލައްކަ ހަމަނުވާ އިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ 80 ހާހަށް ގާތްކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހުރި ބޮޑު ބިރަކަށް ނޫނީ ނުވާނެކަން ޔަގީނެވެ. މި ނިސްބަތުން ބިދޭސީންގެ އާބާދީ އިތުރުވަމުންދާ ނަމަ، ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީއާ އެއްވަރަށް ބިދޭސީންގެ އާބާދީ އަރާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެ އެވެ.

މިގޮތަށް ބިދޭސީންގެ އާބާދީ އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް ނަޒަރު ހިންގާލުމުން އަޅުގަނޑުމެންގެ ކުރިމަގާ މެދު ވިސްނާލުމުން މޭ ތެޅި ގަންނާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންގެބާ؟

ބިދޭސީން ގެންނަނީ މަސައްކަތް ކުރުވަން ފަސޭހަ ވީމަ ކަމަށް އެމީހުން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކުން ބުނަމުންދާ އިރު، ގިނަ ފަރާތްތަކުން ބުނަމުން ގެންދަނީ އެމީހުން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ގަޑިއަށް ނުކުންނަ ކަމަށާއި ޚިޔާނާތްތެރި ނުވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގައި ބޮޑުވަމުން މިދާ ބިދޭސީންގެ އާބާދީގެ ސަބަބުން ބައެއް ކަހަލަ މަސައްކަތް ކުރާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމެވެ.

މި ގައުމުގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތަކީ ކުޑަ ޢަދަދެއް ނޫނެވެ. ބިދޭސީން ކުރަމުން މިގެންދާ މަސައްކަތުގައި މި އާބާދީ ހިފައިފި ނަމަ، ހަމަ ޔަގީނުންވެސް މި ގައުމުން ބިދޭސީންގެ އާބާދީ މަދު ކުރެވިދާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

އެހެން ނަމަވެސް މީ ވާނޭ ކަމެއްބާއޭ މީ ހަމަ ސުވާލު މާކެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަބަބުތައް ބައިވަރެވެ. ބިދޭސީން ދެކެ ދިވެހިންވާ ލޯތްބެވެ. އެމީހުން ކުރާ މަސައްކަތް ދިވެހިން ކުރުމަށް ފަކުރު ގަތުމާއި ދިވެހިން މުއްސަނދިވުމެވެ. އަދި މީގެ އިތުރުން ވަރަށް ބޮޑަށް މަޢާފާ އެކު ދަންނަވަން ޖެހެނީ ދިވެހިންގެ ކަންނެތްކަންވެސް ބިދޭސީ އާބާދީ އިތުރުވުމުގައި ޝާމިލުވާކަމެވެ.

މިއަދު ރާއްޖޭގައި ބިދޭސީން ހަރަކާތްތެރި ނުވާ އެއްވެސް ދާއިރާއެއް ނެތް އިރު، ޢިމާރާތް ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ތަޢުލީމީ ދާއިރާ އަކީ ދިވެހިން މީގެ ކުރިންވެސް ހަރަކާތްތެރިވެފައިވާ ދާއިރާތަކެވެ. ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނުގެ އިތުރުން އިޖުތިމާޢީ ތަފާތު ޚިދުމަތްތަކާއި ކުޑަކުދިންނާއި މުސްކުޅިން ބެލުމަކީ މީގެ ކުރިން ދިވެހިން ފަޚުރުވެރިކަމާ އެކު ކުރަމުން އައި އަދި ފުރިހަމަ ބާރު ދިވެހިންގެ އަތުގައި އޮތް މަސައްކަތްތަކެވެ.

އެބައިމީހުންގެ ވިޔަފާރިތައް ރާއްޖޭގައި ފުޅާވަމުން އަންނަ އިރު، ދިވެހިންނާ ކައިވެނި ކުރާ މިންވަރުވެސް އަންނަނީ އިތުރުވަމުން ނެވެ.

އެހެން ނަމަވެސް މިއަދު މިވަނީ ހާލަތު މުޅިން ބަދަލުވެފަ އެވެ. އަޅުގަނޑުމެންގެ އެންމެ ކުޑަ ޒަރޫރީ ބޭނުންވެސް ފުއްދައިދެވެން އަންނަނީ ބިދޭސީންނާ އެކުގައެެވ. މީ ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

ބިދޭސީންގެ މި ބޮޑު އާބާދީ އަޅުގަނޑުމެން މި ގައުމުން ފިލުވައިލުމަށް އަޅުގަނޑުމެން ދިވެހިން އަތުކުރި އޮޅާލާ އެންމެ ކުރީ ސަފަށް ނުކުންނަން ވަނީ ޖެހިފަ އެވެ.

އެހެން ނޫން ނަމަ، ބިދޭސީންގެ އާބާދީގެ ސަބަބުން އެމީހުންގެ ބާރުގެ ދަށަށް މިގައުމު ހިނގައިދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ގައުމުގެ ކުރިމަގާ މެދު ވިސްނާ ފިކުރު ކުރަމާހެއްޔެވެ. އަންނަން އޮތް އަޅުގަނޑުމެންގެ ޖީލަށް ވިސްނާލަމާ ހެއްޔެވެ.

ކިތަންމެ ފަސޭހައިން ކިތަންމެ ކުޑަ އަގެއްގައި ރެޔާ ދުވާލު އެމީހުން ލައްވާ މަަސައްކަތް ކުރެވުނު ނަމަވެސް މުސްކުޅި ހަރުބަހެއްގައިވާ ފަދައިން ” ފަހުން ނަގާ ރާޅު މާ ބޮޑުވާނެ ” ކަން ދަންނާށެވެ. މިހެން ވެއްޖެ ނަމަ އަޅުގަނޑުމެން ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެކަން ޔަގީނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.