
ރިޔާސީ އިންތިހާބުގެ އިދާރީ އެކި ކަންކަމުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް މަރުގެ އިންޒާރުގެ އެސްއެމްއެސް ލިބެމުންދާ ކަމަށް ބައެއް އޮފިޝަލުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މިއަތޮޅު ރިސޯޓެއްގައި ބަހައްޓާ ވޯޓު ފޮއްޓަކާ ހަވާލުވެ ހުރި އޮފިޝަލަކު ބުނީ މަރުގެ މެސެޖްތައް ރޭ ދަންވަރުން ފެށިގެން ލިބެމުން އަންނަ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ އިދާރީ އެކި ކަންކަމުގައި ހަރަކާތްތެރިވާ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި އޮފިޝަލުންގެ އާއިލާތަކަށް މަރުގެ އިންޒާރުދީ އެސްއެމްއެސް ފޮނުވަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު ހަވީރަށް ވިދާޅުވީ އެކި ނަމްބަރުތަކުން އޮފިޝަލުންނަށް މަރުގެ އިންޒާރުގެ މެސެޖް ފޮނުވާކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިމް ހަވީރަށް ވިދާޅުވީ ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވާ އޮފިޝަލުންގެ ނަންތައް އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ އޮފިޝަލުންގެ ޒާތީ އެއްވެސް މައުލޫމާތެއް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެންގެ އޮފިޝަލުންގެ މޮބައިލް ނަމްބަރާއި އައިޑީ ކާޑު ނަމްބަރެއް ނުފޮނުވަން،” އާސިމް ހަވީރަށް ވިދާޅުވި އެވެ.
މަރުގެ އިންޒާރުގެ ބައެއް މެސެޖް ތަކުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާއި ދިވެހި ގައުމުގެ ގާނޫނު އަސާސީއާ ހިލާފަށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާ ބައިއަތު ހިފައިގެން ވޯޓުގެ ކަންކަން ހިންގައިފި ނަމަ މަރާލާނެ ކަމަށެވެ.