ދުނިޔޭގެ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޢުމުރުން ދުވަސްވީ ދެމީހަކު
ޢުމުރުން ދުވަސްވީ ދެމީހަކު

 

 

 

 

 

 

 

 

 

ދުނިޔޭގެ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ހިއުމަން ރައިޓްސް ފޮނުއްވައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ މީހަކީވެސް ދުނިޔޭގައި ދިރިއުޅުމުގެ ނިޢުމަތް ލިބިއްޖެ ނަމަ، ޢުމުރުން ދުވަސްވާނެ މީހެއް ކަމަށާއި އެގޮތުން ޢުމުރުން ދުވަސްވުމުން ކޮންމެ މީހަކަށްވެސް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ އެމީހުންގެ ހައްގުތަކަކީ އެހެނިހެން އިންސާނީ ހައްގުތަކެކޭ އެއްވަރަށް އޭގެ މުހިއްމުކަމާއި ބެހޭ ގޮތުން ވާހަކަ ދެކެވޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ބައިނަލްއަގުވާމީ މުޢާހަދާއެއް އަދި ނެތް ކަމަށާއި ދިވެހިރާއްޖޭގައިވެސް މިކަމަށް ވަކި ގާނޫނެއް، ޤަވާޢިދެއް ހެދިފައިވާ ނުވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. މިކަމުން އަންގައިދެނީ ބައިނަލްއަގުވާމީ އަދި ގައުމީ ނަޒަރަކުން ބެލި ކަމުގައި ވިޔަސް ޢުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަ ކޮއްފައިވަނީ ރާއްޖޭގައިވެސް އެއް ދުވަހުން އަނެއް ދުވަހަށް ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން ދިޔަ ނަމަވެސް، މި މުޖުތަމަޢުގައި އެމީހުންނަށް ދެވޭ އިޙްތިރާމާއި ގަދަރާއި ރައްކާތެރިކަން ހީނަރުވަމުން ދާކަމަށެވެ.

އިހުޒަމާނުގައި ޢުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރި ހައިސިއްޔަތެއް ދެވިފައިވާ ބަޔަކަށް ވިޔަސް، މިހާރު މިވަނީ ހާލަތު ބަދަލުވެފައި ކަމަށާއި މިއަދު އަޅުގަނޑުމެންގެ ދުވެހި މުޖްތަމަޢުގައި ޢުމުރުން ދުވަސްވުމުގެ ސަބަބުން ޚާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުން މަދު ނޫން ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންގެ ސާދަ މައްސަލައެއް ހުށަހެޅިފައިވާ އިރު، މީގެ ތެރެއިންވެސް ގިނަ މައްސަލަތަކަކީ ޢުމުރުން ދުވަސްވުމުގެ ސަަބަބުން އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ހިނދު އެ އަޅާލުން ނުލިބުމާއި އިހްމާލާއި އެކިބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭ ހިމެނޭ ކަމަށްވީ ހިނދު، މިފަދަ ކަންކަމުގައި އަޅުގަނޑުމެން ހުރިހާ ރައްޔިތުން އަޑު އުފުލުމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.