
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ސާނަވީ ދަރިވަރަކަށް މިހާރު އެ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ޔަމާން އަހްމަދު އަދި އެންމެ މޮޅު މަތީ ސާނަވީ ދަރިވަރަކަށް އަލީ އަރުޝަމް ހޮވައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނަތައް ހޯދި 147 ދަރިވަރުންނަށް ވަނީ އިނާމާއި ސެޓްފިކެޓް އަދި ޓްރޮފީ ދީފަ އެވެ. އޭގެ ތެރޭގައި ވަކިވަކި މާއްދާތަކާއި އިތުރު ހަރަކާތްތަކުގެ ރޮނގުންނާއި އޯލެވެލް އާއި އޭލެވެލް އިމްތިހާނުގައި މަތީ ފާސްތައް ހޯދި ދަރިވަރުންނަށް ވެސް އިނާމުދިނެވެ.
މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށާއި ހާއްސަ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އާސިމެވެ. އޭގެ އިތުރުން އެހެނިހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުތައް ދެއްވީ ސްކޫލުގެ ޕީޓީއޭގެ ނައިބް ރައީސާ ރާނީ އަހްމަދު ނާޝިދު އާއި ސްކޫލް ބޯޑުގެ ޗެއާޕާސަން ނާޒުނީން ޔޫސުފް އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރު ޑރ. އާސިމް އަހްމަދު ވިދާޅުވީ ކިޔަވައިދިނުމުގެ ދާއިރާއަކީ މިހާރު ވަރަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދާއިރާއެއް ކަމަށާއި މި ދާއިރާގައި ޓީޗަރުންނަށްދެވޭ އިނާޔަތްތައް އިތުރުކޮށް ޓީޗަރުންނަށްދެވޭ ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ލޯން ސްކީމުތަކުގެ ތެރެއިންވެސް ޓީޗަރުންނަށް ވިން ކުރުމުގެ ފުރުސަތުތައް މިހާރު އިތުރުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކުރިއެރުމުގެ ސަބަބުން މި ފަންނުގައި ޓީޗަރުން ދެމިތިބުމަށާއި މި ފަންނަށް ޓީޗަރުން އިތުރަށް ޝައުގުވެރި ކުރުމަށް އިތުރު ބާރަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށް ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް މިނިސްޓަރު އެދިވަޑައިގެންވި އެވެ.
ދަރިވަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު ޒިންމާ އުފުލާ ބަޔަކީ މުސްތަގުބަލުގައި ކިޔަވާ ކުދިންކަމަށާއި އެހެންކަމުން ދަރިވަރުން މިއަދު ހޯދާ ތައުލީމަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން މިހާރު ލިބިފައި އޮތް ތައުލީމީ ފުރުސަތުތައް ނަގާނުލާ ރަނގަޅަށް ކިޔަވައިގެން މޮޅުކުދިންނަށްވެ، ގައުމަށް ހިދުމަތް ކުރުމަށް ދަރިވަރުންނަށް މިނިސްޓަރު ގޮވާލެއްވި އެވެ.
ބުރަ މަސައްކަތް ކޮށްގެން ތަފާތު ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުޙަބާ! ކުރިމަގަށް އުޖާލާ ކުރުވަނިވި ރޯޝަނީ ޖީލެއް ބިނާކުރުމަށްޓަކައި ބއތމަރުކަޒުން ކުރައްވާ ބުރަ މަސައްކަތަށްވެސް ތަޢުރީފު ޙައްޤު.