ގައުމު އޮތް ނުތަނަވަސްކަމުން ސަލާމަތް ކުރުމަށް ޝަހީބު އިލްތިމާސް ކުރައްވައިފި

0_1380858390fdd_news

ރާއްޖޭގެ ސިޔާސީ ވެށި ވަރަށް ނާޒުކު ފައްތަރެއްގައިވާ މި ދަނޑިވަޅުގައި ގައުމީ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން ގައުމު މިހާރު މިއޮތް ނުތަނަވަސް ކަމުން ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސް ކުރައްވައިފި އެވެ.

މިއަހަރުގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ވާހަކަ ދައްކަވަމުން ކުރީގެ މަޝްހޫރު ނޫސްވެރިޔާ ޝަހީބު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވެށި ނާޒުކު ފައްތަރެއްގައިވާ މި ދަނޑިވަޅުގައި ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގައި ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ.

” އަޅުގަނޑުމެންގެ މުޖުތަމަޢު ޖަރީ ކޮއްދިން ރީތި އާދަ ތަކާއި ޖަރީ ވަމުން އައި މުއްސަނދި ޘަގާފަތާއި ޖަރީވެފައިވާ އިޖުތިމާޢީ ފޭރާން ލޫދިގެން، ވީދިގެންދާ ހިނދު ހަމައެކަނި ބަހަކުން ފުއްދައި ނުލައްވާ، މި ގައުމާއި ރައްޔިތުން، މި ދީނާއި ޡަގާފަތް، މި އާދަކާދަ އާއި މި ވަތަނުގެ ލޯބި، މި ގައުމު އެދި ގޮވާ ހިތްތަކުގެ ހަމަޖެހުން ކަށަވަރު ކޮއްދެއްވާ، މި ހިނދަށް އެންމެ އެދޭ ޚިދުމަތްތައް އަވަސްކޮއްދެއްވުމަށް އިޚުލާސްތެރި ކަމާއެކު ދަންނަވަން. ” ޝަހީބުގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ.

ޝަހީބު ވަނީ ގައުމުގެ އިޖްތިމާޢީ ހަމަޖެހުމައްޓަކައިވެސް ބްރޯޑްކާސްޓަރުން މަސައްކަތް ކޮއްދިނުމަށް އެދިވަޑައިގެންފަ އެވެ. ޝަހީބު އިތުރަށް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ކޮމިޝަނުން އެކުލަވާލާފައިވާ ގައިޑު ލައިންތަކަށް ޒިންމާދާރު ކަމާއެކު ހުރިހާ ބްރޯޑްކާސްޓާރުންވެސް ޢަމަލު ކުރުމަކީ ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާވާނެ ކަމެއް ކަމުގަ އެވެ.

ބްރޯޑްކާސްޓް ދާއިރާ އާ ގުޅޭ 162 ޝަކުވާ މިހާތަނަށް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 125 ޝަކުވާ ކޮމިޝަނުން ބަލާ ނިމިފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަސް ފާހަގަ ކުރުމަށް ކޮމިޝަނުން ނިންމީ، ރާއްޖޭގެ ވައިގެ ސަރަހައްދުގެ ތެރެއަށް ބްރޯޑްކާސްޓް ކުރުމުގެ ނަމުގައި ރޭޑިއޯ ފްރީކްއެންސީއެއް ބޭނުން ކޮއްގެން އެންމެ ފުރަތަމަ އަޑު ފޮނުވާފައިވަނީ 1961 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުގައި ކަމަށް ތާރީޚުގައި ލިޔެފައިވާތީ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ. އަދި އެކަމާއި ގުޅޭ ގޮތުން ބްރޯޑްކާސްޓަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ޚިތާބުގައި ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.