
ޔޫތު މިނިސްޓްރީން ދެއްވާފައިވާ ދެލައްކަ ރުފިޔާ ހަރަދު ކޮށްގެން ބ. އޭދަފުށީ ރަސްމީ ބޯޅަ ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފަށައިފި އެވެ.
ބ. އޭދަފުށީ ކައުންސިލުގެ މެންބަރު އަބްދުލްވާޙިދު ވިދާޅުވީ، ބޯޅަ ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަމުންގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން ރޭނުމަށް ހަމަޖެހިފައިވަނީ ފުޓްބޯޅަ ދަނޑުގެ އިރުމަތީ ވަށާފާރު ކަމަށެވެ.
“ފުރަތަމަ ފިޔަހީގައި ރޭނުމަށް ހަމަޖެހިފައިވަނީ، އިރުމަތީ ފަރާތު ވަށާފާރު، ދެވަނަ ފިޔަވަހީގެ ދަށުން ދަނޑުގެ އުތުރފަރާތާއި ދެކުނު ފަރާތުގެ ވަށާ ފާރުވެސް ރޭނުމަށް ވަނީ ހަމަޖެހިފައި، އަދި ތިންވަނަ ފިޔަވަހި ނިމޭއިރު ފެންސްވެސް ޖެހިފައި ހުންނާނީ” ވާހިދު ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ މި މަސައްކަތް ހަވާލުކޮށްފައިވާ އޭދަފުށީ އާހިލް އިންވެސްޓްމަންގެ ފަރާތުން މި މަސައްކަތް ކުރަމުން އަންނަ އިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި އީދު ކުރިން ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެއްކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭދަފުއްޓަކީ ފުޓްބޯޅައިގެ ދިގު ތާރީޚެއް އޮތް ރަށެކެވެ. އޭދަފުށީ ފުޓްބޯޅަ ޓީމެއް ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވީ 1966 ވަނަ އަހަރުއެވެ. އޭގެފަހުން ގައުމީ ފުޓްބޯޅަ މުބާރާތް ތަކުގައިވަނީ ބައިވެރިވެފައެވެ. އެގޮތުން 1984 ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނަމުގައި ފުޓްބޯޅަ ޓީމެއް ދެވަނަ ޑިވަޝަނުގައި ބައިވެރިވެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދާފައިވެއެވެ.
ރާއްޖޭގެ ގައުމީޓީމާއި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގައި އޭދަފުށީގެ ގިނަ އަދަދެއްގެ ކުޅުންތެރިން މިހާރުވެސް ކުޅެމުންގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިރަށުގައި މިހާރުވެސް ގިނަ ޢަދެއްގެ ފުޓްބޯޅަ ކުޅުންތެރިންދަނީ އުފެދުމުންނެވެ. ނަމަވެސް ކުޅޭނެ އެކަށީގެންވާ ރަގަނޅު ދަނޑެއްނެތުމުގެ ސަބަބުން ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީ ކުރެވޭނެ ފުރުސަތުވަނީ ނެތިފަ އެވެ.