ޙައްޖާ ޢުމްރާގެ އަޅުކަން

ޙައްޖާއި ޢުމްރާގެ އަދަބުތައް(5)

ޙައްޖަކީ އަޅުކަމުގެ ތެރެއިން މާތް އަޅުކަމެކެވެ. މިއަޅުކަމަކީ މުދަލުންނާއި ނަފްސުންނާއި، ދުލުންނާއި، ވަރަށް ގިނަ ވަގުތުތަކެއް ހޭދަ ކޮށްލައިގެން އަދާކުރެވޭ އަޅުކަމެކެވެ. އެހެން އަޅުކަންތަކާއި ޚިލާފަށް މިއަޅުކަމުގައި ވަރަށް ގިނައަދަބުތަކެއް ބަހައްޓަން ޖެހޭނެއެވެ.

އޭގެ ބައެއް އަދަބުތައް ވަރަށް ކުރު ގޮތަކަށް ތިރީގައި މިވަނީއެވެ.

• ޙައްޖަށް ދިއުމަށް ޢަޒުމް ކަނޑައަޅައިފިނަމަ ފާފަތަކާ ދުރުވެ ތައުބާވުން.
• ޙައްޖާއި ޢުމްރާއާއި ގުޅިފައިވާ ޙުކުމްތައް ދަސްކުރުން
• އަނބިދަރީންނަށާއި ތިމާގެ މީހުންނަށް ވަޞިއްޔަތް ކުރުން
• މީހަކަށް އަނިޔާއެއް ދެވިފައިވާނަމަ އެމީހާގެ ކިބައިން މަޢާފަށް އެދުން
• ކުރަން ޤަސްދު ކުރާ އަޅުކަމުގައި އިޚުލާސްތެރިވުން
• މައްކާއަށް ދިއުމަށްޓަކައި ދަތުރު ފަށާ ހިނދު ދަތުރު ދުޢާ ކިޔުން
• މައްކާގައި ހޭދަކުރާ ވަގުތުގައި ދޫ ރައްކާތެރި ކުރުން
• ޙައްޖު ދަތުރުގައި ބައިވެރިވާ އެހެން މީހުންނަށް އުނދަގޫ ނުކުރުން
• ޙައްޖު ދަތުރުގެ ހުރިހާ ވަގުތެއްގައި ޖަމާޢަތުގައި ނަމާދު ކުރުމަށް މަސައްކަތް ކުރުން
• މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބޭކާރު ގޮތުގައި ޖަދަލު ކުރުން ދޫކޮށްލުން
• ޠަވާފް ކުރާ ވަގުތުގައި އެހެން މީހުންނަށް އުނދަގޫ ނުކުރުން
• ލަދުވެތިކަމާއި ޢިއްފަތްތެރިކަމާއި އަބުރުވެރިކަމަށް ރައްކާތެރިވުން
• އައުރަ ނިވާކަން ކުޑަ ހެދުން ނުލުން
• ޙަލާލު ފައިސާގައި މިމާތް އަޅުކަން އަދާކުރުން

ޙަރަމްގެ ސަރަޙައްދު(6)

މައްކާގެ ޙަރަމްފުޅަށް މައްކާގެ ވަށައިގެން ސަރަޙައްދީ އިންތަކެއް ލިބިގެންވެއެވެ. އިރުމަތީ ފަރާތުން އޭގެ ސަރަޙައްދަކީ އަލްޖަޢްރާނާއެވެ. މިއީ މައްކާއާއި 16 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ހުޅަނގު ފަރާތުން އޭގެ އިމަކީ އަލްޙުދައިބިއްޔާ އެވެ. މިހާރު އެހިސާބަށް “އައްޝުމައިސީ” އޭ ކިޔައެވެ. މިއީ މައްކާއާ 15 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އިރުއުތުރު ފަރާތުން މިތާގެ އިމަކީ “މާދީ ނަޚްލާ” އެވެ. އެއީ މައްކާގެ 14 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އުތުރު ފަރާތުން މިތާގެ އިމަކީ “އައްތަންޢީމް” މިއީ މަދީނާއަށް ދާ މަގުގައި މައްކާއާ 6 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ދެކުނު ފަރާތުން މިތާގެ އިމަކީ ޔަމަނަށްދާ މަގުގައި އޮންނަ ކަންވާހް އެވެ. އެއީ މައްކާއާ 12 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މިތަން ފާހަގަކޮށްދޭ ޢަލާމާތްތަކެއް ވެއެވެ.މިސަރަހައްދުތައް ފާހަގަ ކުރުމައްޓަކައި ބަޔާންކުރެވުނު ސަރަހައްދުތަކުގައި އެއްމީޓަރުގެ އުސްބޮޑުހިލައެއް ޖަހާފައި ހުންނާނެއެވެ. މައްކާގައި ހުން އަލް މަސްޖިދު އަލް ޙަރާމް ހުންނަނީ މިބުނެވުނު ޙަރަމް ސަރަ ހައްދުގެ މެދުގައެވެ. ޙަރަމްގެ ސަރަހައްދު ތެރޭގައިވާ ހުރިހާތަކެއްޗަކީ ޙުރުމަތް ކުރެވިގެންވާ ތަކެޗެވެ.

އަލް މަސްޖިދު އަލް ޙަރާމްގެ މެދުގައި މާތްވެގެންވާ ގެފުޅުވެއެވެ. ޙައްޖުމަހުގެ ފުރަތަމަ ދުވަހު ގެފުޅު އެތެރެ ދޮވެވެއެވެ. މިއީ ޤަދީމީ އިސްލާމީ އާދައެކެވެ. މިރަސްމިއްޔާގުގައި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމްގެ ފަރާތްޕުޅުން މައްކާގެ އަމީރު ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ އިތުރަށް ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާ އިސްލާމީ ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިން މިޝަންތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
މާތްވެގެންވާ ގެފުޅުގެ ދޮރުކޮޅު އަލްމަލިކު ޚާލިދު ބުން ޢަބްދުލް އަޒީޒުގެ ރަސްކަމުގައި ސާފު ރަނުން ހެދުނެވެެ.
ވަރަށް ޤަދީމީ ޒަމާނުއްސުރެ ގެފުޅުގައި އުރަކޮޅު ލެވެއެވެ. ހިޖްރައިން 8 ވަނަ އަހަރު ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހު މިއުރަކޮޅު ބެހެއްޓެވިއެވެ. ވޭތުވެ ދިޔަ ސައްތަ ތަކުގައި ޚަލީފާއިންނާއި ރަސްރަސްކަލުން ގެފުޅުގެ އުރަކޮޅު ހަދާ ބަދަލުކުރުމަށް އިސްކަން ދެއްވިއެވެ. މިއުރަކޮޅު އަހަރަކު އެއްފަހަރު ބަދަލުކުރެވެއެވެ.

ޙައްޖުވާޖިބުވުމުގެ ޝަރުތުތައް(7)

ޙައްޖު ވާޖިބުވާނީ ބުއްދި ސަލާމަތުންހުރި ބާލިޣްމުސްލިމުންގެ ތެރެއިން އެކަމަށް ކުޅަދާނަ މީހުންނެވެ.
އެހެންނަމަވެސް ކުޑަކުއްޖާ ކުރާ ޙައްޖު ޞައްޙަވާނެއެވެ. ނަމަވެސްއެއީ ފަރްޟް ޙައްޖަކަށް ނުބެލެވޭނެއެވެ. ބާލިޣްވުމަށް ފަހު ފަރްޟް ޙައްޖު އަދާކުރަން ޖެހޭނެއެވެ. ޢަރަފާތު ދުވަހު ޢަރަފާތުބިމުގައި ހުއްޓާ ބާލިޣް ވެއްޖެ ނަމަ އޭނާގެ ޙައްޖު ފަރްޟް ޙައްޖެއްކަމުގައިވާނެ ކަމަށް ޝާފަޢީ މަޒްޙަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ.

މުސްލިމަކު ޙައްޖުވުމަށްފަހު މުރުތައްދުވެއްޖެނަމަ ޝާފިޢީ މަޒްޙަބުގެ ޢިލްމުވެރިން ވިދާޅުވަނީ އަލުންތައުބާވިޔަސް ޙައްޖުވާކަށެއް ނުޖެހޭނެއެވެ. ޙަނަފީ މަޒްޙަބާ މާލިކީ މަޒްޙަބްގެ ޢިލްމުވެރިންވިދާޅުވަނީ އަލުން ޙައްޖުވުމަކީ ވާޖިބެކެވެ

މޮޔަމީހުންގެ މައްޗަށް ޙައްޖުވާޖިބެއްނުވާނެއެވެ. ތަންދޮރުވަކިކުރަން ނޭނގޭ ކުޑަކުދިންގެ ޙައްޖު ޞައްޙަވާނެކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ.

ޙައްޖާއި ޢުމްރާގެ މީޤާތު(8)

މީޤާތު: އެއީ ޙައްޖާއި ޢުމްރާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަކާއި ކަނޑައެޅިފައިވާ ތަނެކެވެ.
މީޤާތު ބެހިގެންވަނީ ދެބަޔަކަށެވެ.

ފުރަތަމަ ބަޔަކީ: ވަގުތު ނުވަތަ ދުވަސްތައް
މީޤާތުގެ ދުވަސްވަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުވަސްވަރު ފެށޭނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހަށެވެ.

ދެވަނަ ބައި: ކަނޑައެޅިފައިވާ ތަން
މީޤާތަށްޓަކައި ކީރީތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަނޑައަޅުއްވާދެއްވާފައިވާ 5 ތަނެއް ވެއެވެ. ޙައްޖު ނުވަތަ ޢުމުރާއަށް އަންނަން ބޭނުންވާ މީހުން މި 5 ތަނުން ކުރެ ތަނަކުން އިޙުރާމް ބަނުން ހުއްޓެވެ.

1. (ޒުލްޙުލައިފަތު) މަދީނާގެ އަހުލުވެރިންނަށް
2. (ޔަލަމްލަމް) ޔަމަނުގެ އަހުލުވެރިންނަށް ޢާއްމުގޮތެއްގައި ދިވެހިރާއްޖޭގެ ޙައްޖުވެރިން ޙައްޖާއި ޢުމްރާއަށް ނިޔަތް ގަންނާނީ މި މީޤާތުންނެވެ. މިމީޤާތަކީ މައްކާގެ ދެކުނުގައި 94 ކިލޯމީޓަރ ދުރުގައިވާ ފަރުބަދައެކެވެ.
3. (ޤަރްނުލްމަނާޒިލް) ނަޖިދު މީހުންގެ މީޤާތެވެ. މިއީ މައްކާގެ އިރުމަތީ ފަރާތުން ޢަރަފާތާ ދިމާލުން މައްކާއާއި 4. 9ކިލޯމީޓަރ ދުރުގައިވާ ފަރުބަދައެކެވެ.
4. (އަލްޖަޙްފާ) މިއީ މިސްރާއި އިޝާމްކަރައާއި ހުޅަނގު ބިތުން އަންނަ މީހުންގެ މީޤާތެވެ. މިއީ ރަތްކަނޑުގެ އިރުމަތީ އައްސޭރީގައި އޮތް ތަނެކެވެ.
5. (ޛާތުޢިރްޤު) މިއީ ޢިރާމް އަހުލުވެރިންގެ މީޤާތެވެ. މިއީ މައްކާގެ އިރުމަތިން 94 ކިލޯމީޓަރ ދުރުގައިވާ ހިސާބެކެވެ.
ޙައްޖު އާއި ޢުމުރާ ވުމަށް ޤަސްތު ކޮންގެން ދަތުރު ކޮށްފައި އަންނަ މީހާ އިސްވެދިޔަ މީޤާތު ތަކުގެ ތެރެއިން މީޤާތަކާ އަރާ ހަމަ ވުމުން އިޙްރާމް ބަނުން ވާޖިބު ވާނެއެވެ. މިގޮތަށް މީޤާތު ފަހަނަ އަޅާ ދިއުމަކީ ޙަރާމް ކަމެކެވެ. މީޤާތު ފަހަނަ އަޅާ ދިއުމަށްފަހު އިޙްރާމް ބަދެފިނަމަ ކަތިލުން ވާޖިބު ވާނެއެވެ.

މައްކާގެ އަހުލުވެރިންގެ މީޤާތަކީ މައްކާއެވެ. މައްކާގެ އަހުލުވެރިއެއް ނޫންމަވެސް، މައްކާގައި ހުރެފައި ޙައްޖުވުމަށް ޤަސްތު ކޮށްފިނަމަ، އިޙްރާމް ބަންނާނީ މައްކާއިންނެވެ.
މީޤާތާ އާއި މައްކާ އާ ދޭތެރޭގައި ގެދޮރު ހުރި މީހަކު ނަމަ އިޙްރާމް ބަންނާނީ އެމީހެއްގެ ގެއިންނެވެ. މައްކާގައި ހުރެފައި ޢުމްރާ ވުމަށް ޤަޞްތު ކުރާ މީހާ އިޙްރާމް ބަންނާނީ މައްކާގެ ޙަރަމުން ބޭރުންނެވެ.

ޙައްޖު ބެހިގެންވާ ބައިތައް(9)

ޙައްޖުބެހިގެންވަނީ ތިންބަޔަކަށެވެ.

ފުރަތަމަބައި: ތަމައްތުޢް

މިއީ ޙައްޖުގެ މައްސަރުތަކުގައި ފުރަތަމަ ޢުމުރާއަށް އިޙްރާމް ބަނުމެވެ. އަދި ޢުމްރާގެއަޅުކަން ނިމުމުން އިޙްރާމް ކަނޑައި، ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙްރާމް ބަނދެ، ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމެވެ. މިގޮތަށް ޙައްޖުކުރާމީހާ ހަދްޔު ކަތިލަން ޖެހެއެވެ. ހަދްޔު ކަތިލުމަށް ކުޅަދާނަވެގެންނުވާނަމަ އޭނާގެ މައްޗަށްވަނީ ޙައްޖުގައި ތިން ރޯދަ އަދި ޤައުމަށް އެނބުރިގޮސް ހަތް ރޯދަ ހިފުމެވެ.

ދެވަނަ ބައި: ޤިރާން
މިއީ ޙައްޖާއި ޢުމްރާއަށް އެއްކޮށް އިޙްރާމް ބަނުމެވެ. އެއަށްފަހު މައްކާއަށް ދެވުމުން ޠަވާފުލް ޤުދޫމް ކުރުމަށްފަހު ޙައްޖާއި ޢުމްރާއަށް އެއް ސަޢްޔު ކުރާނީއެވެ. ދެން އިޙްރާމް ނުކަނޑާ ހުރުމަށްފަހު ޙައްޖުމަހުގެ އަށްވަނަ ދުވަހުން ފެށިގެން ޙައްޖާއި ޢުމްރާގއ ބާކީހުރި އަޅުކަންތައްތައް ފުރިހަމަ ކުރާނީއެވެ.އެއީ ސަޢުޔުކުރުން ފިޔަވައެވެ އެހެނީ އޭނާވަނީ ޠަވާފުލްޤުދޫމަށްފަހު ޙައްޖާއި ޢުމްރާއަށް ސަޢްޔުކޮށްފައެވެ. ޤިރާންކޮށް ޙައްޖުކުރާ މީހާވެސް ހަދްޔު ކަތިލަންޖެހޭނެއެވެ.

ތިންވަނަ ބައި: އިފްރާދު

މިއީ ހަމައެކަނި ޙައްޖަށް އިޙްރާމް ބަނުމެވެ. އެއަށްފަހު މައްކާއަށް ގޮސް ޠަވާފުލް ޤުދޫމް ކުރުމަށްފަހު ޙައްޖުގެ ސަޢުޔު ކުރާނީއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަސް އަންނަންދެން އިޙްރާމް މަތީހުރެ މަޝާޢިރުތަކަށް ގޮސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނީއެވެ. އިފްރާދުކޮށް ޙައްޖުކުރާމީހާގެ މައްޗަށް ހަދްޔު ކަތިލުމެއް ނުވެއެވެ.

ތަމައްތުޢް މަގުން ނުވަތަ ޤިރާން ގެ މަގުން ޙައްޖުވާ މީހާ ހަދިޔު ކަތިލުން ވާޖިބުވާނީ އަންނަނިވިޝަރްތަށް ފުރިހަމަ ވުމަށްފުގައެވެ.

1- އަލްމަސްޖިދިލް ޙަރާމް ގެ ޙާޟިރުގައިވާ މީހަކު ކަމުގައި ނުވުން
2- ތަމައްތުޢް ވާމީހާ ޢުމްރާވީ، ޙައްޖުގެ މައްސަރުތަކުގެތެރޭގައި ކަމަށްވުން
3- އެއަހަރު ޙައްޖުވުން.
4- ޙައްޖަށް އިޙްރާމް ބަނުމަށްޓަކައި އޭނާ ޢުމްރާ އަށް އިޙްރާމް ބަން މީޤާތަށް ނުވަތަ އެހެން މީޤާތަކަށް ނުދިޔުން.

ޙައްޖުގެ ރުކުންތައް(10)

ޙައްޖުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތް ތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެ. ޝާފިޢީ މަޒްހަބުގައި އޮންނަގޮތުން ޙައްޖުގެ ރުކުންތައް ހައެކެވެ.

1. އިޙްރާމް ބަނުން
2. ޢަރަފާތުގައި ހުރުން
3. ޠަވާފުލް އިފާޟާ ކުރުން
4. ޞަފާއާއި މަރުވާ އާއި ދެމެދު ހިނގުން
5. ބޯބޭލުން ނުވަތަ ބޯކޮށުން
6. ތަރުތީބު ކުރުން

ޙައްޖުގެ ވާޖިބު ކަންތައް (11)

1. އިޙްރާމް ބަނުން
2. މުޛްދަލިފާގައި ނިދުން
3. ޖަމްރާއަށް ހިލަ އުކުން
4. މިނާގައި ރޭކުރުން،އައްޔާމު ތަޝްރީޤްގެ ތިންރެއިން ކުރެ ކޮންމެ ރެއެއްގެ ބޮޑުބައިގައި މިނާގައި ހޭދަކުރުން
5. ވަދާޢީ ޠަވާފް
6. އިޙްރާމް ބަދެގެންހުރެ ކުރުންމަނާ ކަންތައްތަކާ ދުރު ހެލިވުން

ޙައްޖުގެ ސުންނަތް ކަންތައް:(12)

1. ޙައްޖުގެ 8 ވަނަ ދުވަހުފެ ރޭ މިނާގައި ރޭކުރުން
2. ޙައްޖު މަހު 7ވަނަ ދުވަހު ޚުތްބާ ދިނުން
3. ޢަރަފާތު ދުވަހުގެ ދެޚުތުބާ އެދުވަހުގެ މެންދުރު ނަމާދުގެ ކުރިން ދެޚުތް ބާ ކިޔުން ސުންނަތް ވެގެން ވެއެވެ.
4. ޢީދު ދުވަހު މެންދުރު ނަމާދަށް ފަހު ޚުތްބާ ދިނުން
5. ޙައްޖުމަހު 12ވަނަ ދުވަހު މެންދުރު ނަމާދަށް ފަހު ޚުތްބާ ދިނުން
6. ފިރިހެނުން ބޯބޭލުން
7. ޢީދުވިލޭރޭ ފަތިސް ނަމާދަށް ފަހު އިރު އަރަން ދެން މުޒްދަލިފާގައި މަޑު ކުރުން
8. އައްޔާމު ތަޝްރީޤްގެ 3 ރޭ މިނާގައި ހޭދަކުރުން
9. ޙައްޖުގެ އަޅުކަމުގެ އެކި އެކި ކަން ކަމުގައި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތަކާ ޒިކުރުތަށް ކިޔުން.
ޙައްޖުގެ ރުކުންތަކާ ވާޖިބު ތަކާ ގުޅޭ ވަރަށް ގިނަ ސުންނަތް ތައްވެއެވެ.

ޙައްޖުގެ ރުކުނެއް އަޅައިފި މީހާގެ ޙުކުމް(13)

ޙައްޖުގެ ރުކުނެއް ދޫކޮށްލައިފި މީހާގެ ޙައްޖު ފުރިހަމައެއް ނުވާނެއެވެ. އެކަންތައް ފުރިހަމަ ނުކުރާހާ ހިނދަކު އެކަމުގެ ޒިންމާ އޮންނާނީ އެމީހެއްގެ ބޮލުގައެވެ. މިސާލަކަށް ޠަވާފުވެ އިފާޟާ ނުކޮށް އެބުރި ޤައުމަށް ގޮސްފި ކަމުގައިވާނަމަ، އޭނާ ޖެހޭނީ އަލުން އަނބުރާ އިއިސް އެކަން ފުރިހަމަ ކުރާށެވެ.

ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބު ކަމެއް ދޫކޮށްލުމުގެ ޙުކުމް(14)
މުސްލިމަކު ޙައްޖުގެ ވާޖިބު ތަކުގެ ތެރެއިން ވާޖިބެއް ދޫކޮށްލައިފި ނަމަ ކަތިލުން ވާޖިބު ވާނެއެވެ. އެކަން ކޮށްފި ކަމުގައިވާނަމަ، އިރާދަ ކުރެއްވިއްޔާ ޙައްޖު ފުރިހަމަ ވާނެއެވެ. އެހެން ނަމަވެސް ވިސްނާލަންޖެހޭ ތަންކޮޅަކީ ޙައްޖުގެ ވާޖިބު ތަކާއި ދޭތެރޭ ފަރުވާ ކުޑަ ނުކުރުމަށެވެ. އެންމެ ފުރިހަމައަށް މިމާތް އަޅުކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮށް ނިންމުމެވެ.

ޢިޙްރާމް ބަދެގެން ވާ މީހާ ކުރުން ޙަރާމް ކަންތައްތައް(15)
ފުރަތަމަ ދެނެގަންނަން ޖެހޭނެ ކަމަކީ ޙައްޖުވެރިންނަށާއި ޙައްޖާއި ޢުމްރާއަށް އިޙްރާމް ބަނދެގެން ތިބޭ މީހުންނަށް ޙަރާމް ކަންތައްތަކެއް ވާކަމެވެ. އެހެން ނަމަވެސް އިޙުރާމް ހެދުމުގައި ވާ މީހާގެ މައްޗަށް އެކަންތައްތައް ވަކިން ބޮޑަށް ޙަރާމްވާ ކަމެވެ. އެއީ ދެބައޮޑުވުމާއި، ދޭތެރެ ޖެއްސުމާއި، ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމާއި، ދޮގު ހެދުމާއި، ހަޑި ހުތުރު ބަހުން ޒުވާބު ކުރުމާއި، ޖަދަލު ކުރުމާއި، ޙަރާމް ތަންތަން ބެލުމާއި އަޑު އެހުން ފަދަ ކަންތައްތަކެވެ.

އިޙްރާމް ހެދުން ލައިގެން ހުންނަ މީހާ ކުރުން ޙަރާމް ކަންތައްތައް 3 ބަޔަކަށް ބެހިގެން ވެއެވެ. (16)

1. ފިރިހެނުންނާއި އަންހެނުން ޝާމިލު ވާކަންތައް:-
ހ. އިސްތަށި ބޭލުން ނުވަތަ ކޮށުން. ބޮލުން ނުވަތަ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ފަޅާފައި ހުރި އިސްތަށިތައް ހިމެނެއެވެ. އެހެން ނަމަވެސް އެއްވެސް ޤަސްދަކާއި ނުލައި ފައިބާ އިސްތަށި މީގެ ތެރޭގައި ނުހިމެނެއެވެ.
ށ. ނިޔަފަތި ކެނޑުން
ނ. އިޙްރާމް ލުމަށްފަހު ހުވަނދުލުން
ރ. ޖިމާޢުވުން ނުވަތަ ޝަހުވަތްތެރިކަމާއެކު އަންހެނެއްގެ ގައިގައި ބީހުން
ބ. އަތުއިސްޓާކީނުފަދަ އެއްޗެއް ލައިގެން ފޮރުވުން.
ޅ. އެއްގަމު މަސް ޝިކާރަ ކުރުން (ކެއުން ހުއްދަ)

1. ފިރިހެނުން’ނަށް ޚާއްސަ ކަންތައް:-
ހ. ފަހާފައިވާ އެއްޗެއް ލުން
ށ. ތާކިހާ ނުވަތަ ފޮތި، މިފަދަ އެއްޗަކުން ބޯފޮރުވުން.

2. އަންހެނުންނަށް ޚާއްޞަ ކަންތައްތަކަކީ:
ހ. މޫނު ފޮރުވުން
ބަޔާން ކުރެވުނު ކަންތައްތަކަކީ ޙައްޖާއި ޢުމްރާ ކުރުމަށް ދާމީހުންކުރުންޙަރާމް ކަންތައްކަމަށް ޢިލްމުވެރިން އެއްބަސްވެލައްވާ ކަންތައްތަކެވެ.

ޙަރާމް ކަމަކަށް އަރައިގަތުމުގެ ޙުކުމް
އިޙުރާމް ބަނދެގެން ހުންނަ މީހާ އޭނާގެ މައްޗަށް ޙަރާމްވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަމުގެ ޙުކުމް 3 ޙާލަތެއް ވެއެވެ.
ހ. އެއްވެސް އުޒުރަކާއި ނުލައި ނުވަތަ އެއްވެސް ކަމަކާއި ނުލައި އިޙުރާމް ބަނދެގެން ވާ މީހާ ޙަރާމް ކަމެއް ކޮށްފިނަމަ، އޭނާ ފާފަވެރި ވާނެއެވެ. އަދި ފިދާޔަ ދޭން ޖެހޭނެއެވެ.
ށ. ކޮންމެވެސް ކަމަކާ ލައިގެން ޙަރާމް ކަމެއް ކޮށްފިނަމަ ފިދާޔަ ދޭން ޖެހޭނެއެވެ.
ނ. ނޭނގިގެން ނުވަތަ ހަނދާން ނެތިގެން ނުވަތަ ގަދަ ކަމުން އެކަން ކުރުވައިފިނަމަ، ފިދާޔަ ދޭން ޖެހޭނެތޯ؟ ނުވަތަ ނޫންތޯ؟ މިއީ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު މައްސަލައެކެވެ. ގިނަ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މިޙާލަތުގައި އޭނާގެ މައްޗަށް އެއްވެސް ކަމެއް ނުހިނގާނެއެވެ.
ފިދުޔަ ދޭން ޖެހޭނެ ގޮތް:
ފިދުޔަ ދޭން ޖެހޭގޮތް އެއް ޙާލަތުން އަނެއް ޙާލަތަށް ތަފާތުވާނެއެވެ. އިޙުރާމް ބަނދެގެންވާ މީހާގެ މައްޗަށް ޙަރާމް ކަންތައްތަކުގެ ތެރެއިން ކަމަކަށް އަރައިގަނެވިއްޖެނަމަ ފިދުޔަ ދޭން ޖެހޭނެއެވެ.
އެއީ:
1. ކަންބަޅި، ބަކަރި ކަތިލުން، ނުވަތަ 60 މިސްކީނުންނަށް ކާން ދިނުން ނުވަތަ 3 ދުވަހު ރޯދަ ހިފުން. މިތިން ކަންތައްތަކުގެ ތެރެއިން ބޭނުން ކަމެއް އިޚުތިޔާރު ކުރެވިދާނެއެވެ.
2. ވާޖިބު ކަމެއް ދޫކޮށްލައިފިނަމަ ބަކަރިއެއް ނުވަތަ ކަންބަޅި ކަތިލަން ޖެހޭނެއެވެ. ނުލިބެއްޖެނަމަ 10 ދުވަހު ރޯދަ ހިފުން. ރޯދަ ހިފާނީ، 3 ދުވަހުގެ ޙައްޖުގެ ތެރޭގައި އަނެއް ބާކީ 7 ދުވަސް އެބުރި ޤައުމަށް ދެވުމުން. 3 ދުވަސް ހިފުމަށް ކުޅަދާނަކަން ނުލިބޭނަމަ އެނބުރި ޤައުމަށް ދިއުމަށްފަހު 10 ދުވަސް އެކުގައި ހިފާނީއެވެ.
3. ތަމައްތުޢު އަދި ޤިރާރުވެރިން ލޭދިނުން: ޙައްޖުވެރިންގެ ތެރެއިން މިދެބާވަތުގެ ޙައްޖުގެ އަޅުކަމަށް ނިޔަތް ގަނެފައިވާ މީހުން ދޭން ޖެހޭނެއެވެ. ލޭގެ މިންވަރަކީ ކަންބަޅިއެކެވެ. ނުވަތަ ޖަމަލެއްގެ ނުވަތަ ގެރިއެއްގެ ހަތްބައިކުޅަ އެއްބައި އެހެންވީމާ ކޮންމެ ހަތް މީހެއްގެ މަތިން ޖަމަލެއް ކަތިލެވިދާނެއެވެ. ކަތިލުމުގެ ކުޅަދާނަކަން ނެތްނަމަ 10 ދުވަހު ރޯދަ ހިފިދާނެއެވެ. އެއީ 3 ދުވަހުގެ ޙައްޖާއި އެނބުރި ޤައުމަށް ގޮސް 7 ދުވަހު ރޯދަ ހިފާނީއެވެ.
4. އިހްޞާރުގެ ފިދުޔަ: އިޙްސާރުގެ މާނައަކީ ޙައްޖު ނުވަތަ ޢުމްރާވެ މަނާސިކުތައް އަދާކުރުމަށް ހުރަސްއެޅި އެކަންތައްތައް ފުރިހަމަ ނުކުރެވޭގޮތް މެދުވެރިވުމެވެ. މިފަދަ ޙާލަތެއް އަތުވެއްޖެނަމަ ތަޙައްލުލުވާނީ ފިދުޔަ ކަތިލާ ބޯ ބާލައިގެންނެވެ. ހަދިޔު ނުލިބުނުނަމަ ހަދުޔުގެ އަގަށް (ބަކަރި) އަގުކޮށް އެއަށް ކާބޯތަކެތި ގަތުމަށްފަހު މިސްކީނުންނަށް ބަހާނީއެވެ. ނުވަތަ ތަމައްތުޢު ވެރިންނެކޭ އެއްގޮތަށް ރޯދަ ހިފުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
5. ޖިމާއުވުމުގެ ފިދުޔަ: ފުރަތަމަ ތަޙައްލުލު ގެ ކުރިން ޖިމާޢުވެއްޖެނަމަ ޖަމަލެއް ކަތިލަން ޖެހޭނެއެވެ. އެވަރު ދޭން ނުލިބެއްޖެނަމަ، 10 ދުވަހުގެ ރޯދަ ހިފުން ވާނެއެވެ. އެއީ 3 ދުވަހު ޙައްޖާއި ބާކީ އޮތް 7 ދުވަސް އެނބުރި ޤައުމަށް ދިއުމުން ހިފަން ޖެހޭނެއެވެ.
6.
ޢުމްރާ ކުރުން:(17)
ޢުމްރާގެ ރުކުންތައް ފަހެކެވެ.
1- އިޙްރާމް ބަނުން
2- ޠަވާފު ކުރުން
3- ޞަފާ އާއި މަރުވާ ދެމެދުގައި ހިގުން.
4- ބޯ ބޭލުން ނުވަތަ ބޯކުރުކުރުން.
5- އިސްވެ ދިޔަ ރުކުންތަށް ތަރުތީބު ކުރުން.
ޢުމްރާގެ ވާޖިބުތައް ދޭކެވެ. އެއީ، މީޤާތުން އިޙްރާމް ބަނުމާއި، އިޙްރާމް ބަދެގެން ހުރެ ކުރުން ޙަރާމް ކަންތަކާ ދުރުހެލިވުމެވެ.
ޙައްޖު ނުވަަތަަ ހަމަ އެކަނި ޢުމްރާ ކުރާމީހާ މައްކާއަށް ދިޔުމަށްފަހު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޠަވާފuކުރުމަށްޓަކައި އަލްމަސްޖިދުލް ޙަރާމަށް ދިޔުމެވެ.
ޠަވާފުގައި ހިމެނެނީ ހަތްބުރެވެ. ޠަވާފު ފަށާނީ އަލްޙަޖަރުލް އަސްވަދާދިމާއިންނެވެ. އަލްޙަޖަރުލް އަސްވަދާދިމާވާ ގޮތަށް ޞަފާމަރުވާއާއި ވީފަޅީގެ މަތީގައި ފެހި ކުލައިގެ އިޝާރާތެއް ދިއްލިފައިވާނެއެވެ.
ޠަވާފުގައި އޭނާގެ ފޮށާގެ މެދުބައި ކަނާތު ކިހިލި ފައްޗަށް މަހާލައިގެން އޭގެ ދެކޮޅު އޭނާގެ ވާތު ކޮނޑުމައްޗަށް އެއްލާފައި ބެވުމަކީ ސުންނަތެކެވެ. އަލްޙަޖަރުލް އަސްވަދުގައި ބޮސްދެވެން ނެތްނަމަ އަލްޙަޖަރުލްއަސްވަދަށް އިޝާރަތްކުރާނީއެވެ. އިޝާރަތްކުރާއިރު “بسم الله أكبر” ކިޔަންވާނެއެވެ. ބާރުހިނގުމެއްގައި ޠަވާފުގެ ފުރަތަމަ ތިންބުރު ޖެހުން ސުންނަތް ވެއެވެ. އެކަމަކު އަންހެނުންނަށް މިއީ ސުންނަތް ކަމެއް ނޫނެވެ.
ޠަވާފުކުރަމުންގޮސް ޔަމާނީ ރުކުނާ ހަމައަށް ދެވުމުން އެރުކުނުގައި އަތް ބީއްސުމަކީ ކުޅަދާނަ ވެގެންވާ މީހާއަށް ސުންނަތްކަމެކެވެ. ޔަމާނީ ރުކުނާ ޙަޖަރުލް އަސްވަދާ ދެމެދު ކިޔާނީ ” رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ”މިހެންނެވެ. މިގޮތަށްގޮސް ޙަޖަރުލް އަސްވަދާ ހަމައަށް ދެވުުމުން ފުރަތަމަ ބުރު ނިމުނީއެވެ. އެއަށްފަހު اللهُ أَكبرُ ކިޔާ ދެވަނަބުރު ފަށާނީއެވެ.ފުރަތަމަ ބުރުގައި ކަންތައްކުރި ގޮތަށް ހަތްބުރު ނިމެންދެން ޢަމަލު ކުރާނީ އެވެ.
ނަމާދަށް ބަންގި ގޮވައިފިނަމަ ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ޠަވާފުކުރުން ހުއްޓާލާނީއެވެ. ނަމާދުކޮށް ނިންމާފައި ޠަވާފު ހުއްޓާލެވުނު ހިސާބުން ފަށައިގެން ފުރިހަމަ ކުރާނީއެވެ. ޠަވާފުގެ ބުރުތަކުގެ އަދަދާމެދު ޝައްކުވެއްޖެނަމަ އެންމެ މަދު މިންވަރެއްގެ މައްޗަށް ބަލައިގެން ޠަވާފު ފުރިހަމަ ކުރާނީއެވެ.
ޠަވާފުކޮށް ނިމިގެން ގައިގައިލާ ފޮށާ އަލުން ދެކޮނޑުމައްޗަށް އެއްލާނީއެވެ. އެއަށްފަހުު މަޤާމް އިބްރާހީމްގެެ ފަހަތުގައި ހުރެގެން ޠަވާފުގެ ސުންނަތުގެ ދެރަކްޢަތް ކުރާނީއެވެ. ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ ސޫރަތުލް ކާފިރޫންއެވެ. ދެވަނަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ ސޫރަތުލް އިޚްލާޞްއެވެ.
މަޤާމްފުޅުގެ ފަހަތުގައި މީހުން ގިނަނަމަ އަލްމަސްޖިދުލް ޙަރާމްގެ ކޮންމެ ތަނެއްގައިވެސް މިނަމާދު ކުރެވިދާނެއެވެ. އެއަށްފަހު ދާނީ ޒަމްޒަމް ފެން ބުއިމަށެވެ. ޒަމްޒަމް ފެން ބުއިމަށްފަހު އެދޭކަމަކަށްދުޢާ ކުރާނީއެވެ.

އެއަށްފަހު ދެންދާނީ ޞަފާ މަރްވާގައި ހިނގުމަށެވެ. ޞަފާ އާ ހަމައަށް އާދެވުމާއެކު ޤިބްލައަށް ކުރިމަތިލައި ހުއްޓިކިޔާނީ ކިޔާނީ . ﭧ ﭨ ﭽ ﮄ ﮅ ﮆ ﮇ ﮈ ﮉ ﮊﮋ ﮌ ﮍ ﮎ ﮏ ﮐ ﮑ ﮒ ﮓ ﮔ ﮕ ﮖﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮞ ﮟ ﭼ البقرة:١٥٨

މާނަ: ” ހަމަކަށަވަރުން، صفاއާއި مروة ވަނީ اللَّهގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް حجވާ މީހާ ނުވަތަ عمرةވާ މީހާ، އެ ދެތާނގައި ހިނގައި سعىކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި (فرضގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّهއީ، (އެފަދަ މީހުންނަށް) شكرވެރިވެވޮޑިިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

އެއަށް ފަހުގައި ސުންނަތްވެގެންވަނީ ޤިބްލައަށްކުރިމަތިލައިިމާތްﷲއަށްޙަމްދުކޮށްތަކްބީރުކިޔުމަށްފަހު “لا إلهَ إلاّ اللهُ وَاللهُ أَكْبرُ لا إِلهَ إِلاَّ اللهُ وَحْدَه لا شَريكَ لَه له المُلْكُ، وَلَه اْلحَمدُ يحُي وَيميتُ وَهُوَ عَلى كُلِّ شَيءٍ قَدير لاإله إِلاَّ اللهُ وَحْدَه أَنْجِزْ وَعدَه وَنَصَرَ عَبْدَه وَهَزَمَ اْلاَحْزابَ وَحْدَه” ކިޔުމެވެ. އެއަށްފަހު ދުޢާ ކުރާނީއެވެ. ކުރިން ދެންނެވި ޛިކްރާއި ދުޢާ ތިންތިންފަށްކޮށް ކިޔާނީއެވެ.
ޞަފާއިން ހިނގާފައި މަރްވާއާ ހަމައަށް ދެވުމުން އެއްބުރުޖެހުނީއެވެ. ޞަފާ މަރްވާގައިި ހިނގާއިރު ގިނައިން ޛިކްރު ކުރުމާއި ދުޢާ ކުރުމަކީ ސުންނަތް ކަމެކެވެ. މިތާނގައި ހިނގާއިރު ޠާހިރު ކަންމަތީގައި ހުރުންވެސް ސުންނަތްވެގެންވެއެވެ. ކުޑަ ޙަދަޘްވެރިޔާއަށް ޞަފާ މަރްވާގައި ހިނގިދާނެއެވެ. ޠަވާފު ކުރުމަށްފަހު އަންހެންމީހާ ޙައިޟު ވިޔަސް ނުވަތަ ނިފާސް ވިޔަސް ޞަފާ މަރްވާގައި ހިގުން ހުއްދަވާނެއެވެ. އެހެނީ ޞަފާ މަރްވާގައި ހިނގުމަށްޓަކައި ޠާހިރުކަމަކީ ޝަރްޠެއް ނޫނެވެ. ނަމަވެސް އެއީ މުސްތަޙައްބު ކަމެކެވެ. ޞަފާ މަރްވާގައި ހިނގަމުންގޮސް ފެހި ހޮޅިބުރި ތަކާާ ހަމަވުމުން ހިނގުން ބާރުކޮށްލަން ޖެހޭނެއެވެ. ި އަންހެނުންނަށް ބާރަށް ހިނގުން ސުންނަތް ވެގެންނުވެއެވެ.
ޞަފާއިން މަރްވާއަށް ދިޔުމަކީ ބުރެކެވެ. މަރްވާއިން ޞަފާއަށް ދިޔުމަކީވެސް ބުރެކެވެ. ބުރުގެ އަދަދާމެދު ޝައްކުވެއްޖެނަމަ ބިނާކުރާނީ އެންމެ މަދު ޢަދަދެއްގެ މައްޗަށް ބަލައިގެންނެވެ.

އިޙްރާމް ބަނދެގެންވާ މީހާ ޞަފާ މަރްވާގައި ހިނގާ ނިންމާފައި ބޯ ބާލާނީއެވެ. ނުވަތަ ބޯ ކޮށާނީއެވެ. ފިރިހެނުންނަށް އިތުރުވެގެންވަނީ ބޯބޭލުމެވެ. ޢުމުރާވެފައި ބޯ ކުރުކޮށްލާފައި ޙައްޖުވެފައި ބޯ ބާލަން ބެހެއްޓުން އިތުރުވެގެންވެއެވެ. އެކަމަކު އަންހެނުންނަށް ސުންނަތްވެގެންވަނީ ބޯ ކޮށުމެވެ. އޭނާގެ އިސްތަށިގަނޑުގެ ނުވަތަ ބަޔަކުން އިނގިއްޔެއްގެ ބަދައެއްގެ މިންވަރު ކޮށާލާނީއެވެ. ނުވަތަ އެއަށްވުރެ މަދު މިންވަރެއް ކޮށާލާނީއެވެ. މިގޮތަށް ކަންތައް ކުރުމުން ޢުމުރާ ނިމުނީއެވެ. މިހާހިސާބުން އިޙްރާމް ބަނުމުން ކުރުން މަނާވި ހުރިހާ ކަމެއްކުރުން އޭނާއަށް އަލުން ހުއްދަ ވާނެއެވެ.

ޙައްޖުވެރިޔާ އޭނާގެ ޢުމުރާ ނިންމުމަށްފަހު މައްކާގައި ހުންނާނީ މާތްﷲއަށް އަޅުކަން ކުރުމަށާއި ޛިކްރުކުރުމަށް ޓަކައެވެ. ޙައްޖަށްގޮސް އުޅޭއިރު ޖަމާާއަތުގައި މިސްކިތުގައި ނަމާދުކުރުމަށް ރައްކާތެރިވާންވާނެއެވެ. މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ޙައްޖުގައި ފާޙިޝްކަމެއް އަދި އުރެދުމެއް ނުކޮށް ޙައްޖުވި މީހާ އޭނާގެ މަންމަގެ ބަނޑުން ވިހޭ ދުވަހު އޮތް ސާފު ތާހިރުކަމަށް އެނބުރި ހިނގައްޖެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.