
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް 50 ދުވަހާއި ރޭ ވަންދެން ޖަލުގެ ކުޑަގޮޅީގައި އޮންނެވި ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުށީގައި ޕީޕީއެމުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުޑަގޮޅީގައި އިށީންނާނެ ތަނެއް ނީންނާނެ ކަމަށާއި ކުޑަގޮޅީގައި އައްޓެއް އަޅާފައި ހުންނައިރު އެތަނުގައި އިށީންދެގެން އިނުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ ކަމަށާއި އޭގައި އޮންނަން ޖެހޭނީ އޮށޯވެގެން ކަމަށެވެ.
“އަޅުގަނޑު ކުޑަ ގޮޅިއެއްގައި އޮތީ 50 ރޭ 50 ދުވަން ވަންދެން، އެކަން ވެސް ނިމިގެން އެދިޔައީ، އޭގެ ފަހުން އަޅުގަނޑު އަރުވާ ވެސްލި، ކޮންމެހެން އެވާހަކަތައް ދަންނަވާކަށް ބޭނުމެއް ނޫން.” ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ބައެއް ފަރާތްތަކުން އެފަރާތްތަކަށް އަނިޔާ ލިބުނު ވާހަކަ އާއި އެތައް ދުވަހެއް ވަންދެން ޖަލަށްލި ވާހަކަ އާއި އަރުވާލި ވާހަކަދައްކަމުންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާބިލްކަން ލިބިވަޑައިގެންފައިވަނީ އެވާހަކަތައް ދައްކައިގެން ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކަށް އަނިޔާކޮށް ޖަލަށްލާ އަރުވާލާ ހަދާފައިވާ ކަމަށާއި ނަމަވެސް އެއީ މީހުންގެ ހަމްދަރުދީ ހޯދަން ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
“އަޅުގަނޑަށް ވެސް ޖަލުގައި ވެސް އޮތީމޭ، ކުޑަގޮޅީގައި ވެސް އޮތީމޭ، އަރުވާލާފައި އަތޮޅެއްގެ ރަށެއްގައި ހުރީމޭ ވަރަށް ގިނަ ދުވަސްވަންދެން، މިހުރީ ބައެއް ފަހަރަށް ދިމާވާ ކަންތައްތަކޭ، އެކަމަކު އެއީކީ ކަމަކަށް ހަދައިގެން އެވާހަކަ ދައްކައިގެން ރައްޔިތުންގެ ހަމްދަރުދީ ހޯދައިގެން އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަކަށް ވާކަށް މަސައްކަތްކުރާކަށް ނުޖެހެއޭ.” ރައީސް މައުމޫން ވިދާޅުވި އެވެ.
އެއް ރިޔާސީ ކެންޑިޑޭޓަކު ނެރެން ވަރަށް ކުރިންސުރެ ވަރަށް ގިނަ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އެއް ކެންޑިޑޭޓަކު ނެރެން އެންމެނަށް އެއްބަސްވާ ފޯމިއުލާއެއް ނުނެރެވުނު ކަމަށް ރައީސް މައުމޫން މިރޭ ވަނީ ވިދާޅުވެފައެވެ. މައުމޫން ވިދާޅުވީ ގިނަ ދުވަހު މަޝްވަރާތައް ކޮށްގެން ވެސް ކޮންމެވެސް ސަބަބަކާހުރެ އެންމެން ގަބޫލު ކުރާ ފޯމިއުލާއެއް ނުނެރެވުނު ކަމަށެވެ.
އޭދަފުށި ކަހަލަ ކިޔަވައިގެން ތިބި ، މުޖުތަމަޢަށް ހޭލުންތެރި ބަޔަކު ތިބި ރަށެއްގެ، ރަށު ކައުންސިލް ރައީސަކަށް ހުންނެވި ބޭފުޅަކު ރޭގެ ޖަލްސާގައި ވާހަކަ ބިނާ ކުރެއްވި ގޮތުން އަޅުގަނޑަށް ލިބުނީ ޙައިރާން ކަމެއް! އަޅުގަނޑުގެ ސުވާލަކީ މިއަދު އެވާހަކަތަކުން އޮތީ ކޮންފައިދާއެއް ތޯ؟ އަމިއްލަ ނަފްސު ބޭޒާރުވުން ފިޔަވާ އެހެން ކަމެއްނެތް. ކުރިއަރަމުން އަންނަ ތަހްޒީބީ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި މަޤާމުތަކަށް މީހުން އައްޔަން ކުރާއިރު ކަމަށް ޤާބިލު ވާހަކަ ދެއްކުމުގެ ފަންނަށްވެސް ލޯހުޅުވިފައިވާ މީހުން އައްޔަނު ކުރުން މުހިންމު. ކޮންމެ ވެރިކަމެއްގައިވެސް ކޮންމެވެސް ބަޔަކަށް އެކިވަރުގެ ކަންކަމާ ކުރިމަތިލާން ޖެހޭނެ. އެހެން ނޫންނަމަ ޢަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި ތަފާތު މުއައްސަސާތައް ހުރުމުގެ ބޭނުމެއް ނެތް.