(އާމިނަތު ޝިހާމާ / ގްރޭޑް 8 ބީ)
ކުރިމަތީގައިހުރީ ވަރަށްވެސް ވީރާނާވެފައިވާ ގެއެކެވެ. ތަންތަންގަނޑުގައި ޖަހާފައިހުރި ފަންތައް ގިނަދުވަސްވުމުން ވަނީ ވެއްޓިފަ އެވެ. އަހަރެންގޮސް ގޭތެރެއަށް ވަދެލީމެވެ. ބޭރުން ފެންނަ ވަރަށްވުރެ އެތެރޭގެ ޙާލަތު މާބޮޑެވެ. ނަމަވެސް އެތާނގައިހުރި ދަގަނޑު ގޮނޑިއަކީ ފެންނަގޮތުގައި ރަނގަޅު ގޮނޑިއެއްކަމުން އަހަރެންގޮސް އެގޮނޑީގައި އިށީނދެލީމެވެ. ރަނގަޅަށް ހަމަޖެހިލުމަށްފަހު އަހަރެން މައިނޭވާއެއް ލީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. “މިއީ އަހަރެން އުޅުނު ގެ ބާވައެވެ؟ ޔަޤީނެވެ. މިއީ ހަމަ އެގެ އެވެ. ތަފާތެއް ނެތެވެ. އެކަމަކު އަހަރެންގެ ސަބަބުން މިގޭގެ ދިރުން ގެއްލުނީ އެވެ. އެއީހަމަ އަހަރެންގެ ސަބަބުން” މިހާހިސާބަށް ދިޔަތަނާ އަހަރެންގެ ހަނދާނަށް އަންނަމުންދިޔައީ މީގެ ދިހަވަރަކަށް އަހަރުކުރިން ދިމާވި ހާދިސާއެ ކެވެ.
ގޭ ތެރޭގައި ވަރަށް އަވަދިނެތި ކެއްކުމުގެ ކަންތަކުގައި މަންމަ އުޅެ އެވެ. އަހަރެންގެ ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފަ އެވެ. އަހަރެން މިއީ މަންމަގެ ހުރި ހަމައެކަނި ދަރިކަމުން މަންމަ އަހަރެންދެކެ ވަރަށް ލޯބިވެ އެވެ. ދުވަހަކީ އަހަންނަށް އަށާރަ އަހަރުފުރޭ ދުވަހެވެ. އެހެންކަމުން އަހަރެން މަންމަ ގާތުގައި މިރޭ ތަންކޮޅެއްލަހުން ގެއަށް އާދެވޭނެ ވާހަކަ ބުނެފައި ނުކުމެގެން ދިޔައީމެވެ. އެހެންދުވަސްތަކެކޭވެސް އެއްގޮތަށް އަހަރެންދިޔައީ އަހަރެންގެ އެކުވެރިންނާއެކު ހެދިގޮނޑުދޮށަ ށެވެ. އަހަރެމެން އެތަނަށްގޮސް އެތާ އިށީނދެލައިގެން ތިބީމެވެ. ނަމަވެސް މިއަދު ވަރަށް އާދަޔާޚިލާފު ކަމެއް ވި އެވެ. އަހަރެންގެ އެކުވެރިއެއް ކަމަށްވާ ނިޝާން އަތުގައި އެހެންނޫނިއްޔާ އޭނާ ނުގެންގުޅޭ ވައްތަރުގެ އަގުބޮޑު ފޯނެއް އޮތެވެ. އަހަރެން ނިޝާން ގާތު އަހާލީމެވެ. “ތިއީ ކޮންތާކުން ގެނައި ފޯނެއް؟” “އެކުވެރިންނަށް ކޮންކަމެއް ސިއްރުކުރާކަށް. މިއީ އަހަރެން ވަގަށްނެގި ފޯނެއް.” ނިޝާން ޖަވާބުދިނެވެ. ” ވަގަށޭ! ކޮންތާކުން ވަގަށްނެގީ؟” އަހަރެންނަށް ބުނެލެވުނެވެ. “މިއީރޭގަ އަހަރެން ފޯނުވިއްކާ ތަނަކަށްގޮސް އެތަނުން ވަގަށްގެނައި އެއްޗެއް” ނިޝާން ޖަވާބުދިނެވެ. ” މިރޭވެސްވާނެ އެހެން ފިހާރައަކަށްދާން. ވަރަށް މަޖަލޭ. ” ނިޝާން އަނެއްކާވެސް ބުނެލި އެވެ. އަހަރެންވެސް ދާނަމޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. ނަމަވެސް އަހަރެންނަކީ ދުވަހަކުވެސް މިގޮތަށް ގޯސް އަމަލެއް ކުރުމަށް އާބަސް ބުނެފައިވާ މީހެއް ނޫނެވެ.
ގަޑިން އަށެއް ޖަހައިފި އެވެ. އަހަރެމެން އެންމެންތިބީ ރެސްޓޯރެންޓެއްގައި ކާށެވެ. ކައިނިމިގެން އަހަރެމެން ދެން މިސްރާބުޖެހީ ފިހާރަތަކަށް ދިއުމަށެވެ. އެރޭވީ އަހަރެމެންނަށް ވަރަށްވެސް ކާމިޔާބު ރެއަކަށެވެ. ވަރަށްގިނަ ތަކެތި އަހަރެމެންނަށް ގެނެވުނެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދެއެވެ. މިހާރު އަނެއްކާވެސް އަހަރެމެންނަށް ގޯސް އެހެން އަމަލެއް ފެއްޓިއްޖެ އެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރަން ފެށުމެވެ. އަހަރެން އެންމެ ފުރަތަމަ މިކަމާ ދެކޮޅު ހެދީމެވެ. ނަމަވެސް އަހަންނަށް މާގިނަދުވަހަކު މިގޮތުގައި ނުހުރެވުނެވެ. އެންމެފަހުން ނަތީޖާއަކަށްވީ އަހަރެންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހުމެވެ.
އެއްރެއެއްގެ ދަންވަރު ވަގުތެވެ. އަހަރެން ގެއަށް ނައިސްގެން މަންމަ ގޭ ދޮރުމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. އަހަންނަށް މަންމަ ފެނުމުން ވީ ކީއްކަން އެނގުނެވެ. މަންމަ އަހަރެން ނައިސް މާބޮޑަށް ލަސްވުމުން އަހަރެން އާދޭތޯ ބަލަން ނުކުތީ އެވެ. އަހަރެން އައިސް ގޭދޮރުމައްޗަށް ހުއްޓެލިތަނާ މަންމަ އަހަރެންނާ ދިމާއަށް ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ” ކީއްކުރަނީތި، މިހާދަންވަންދެން ގެއަށްނައިސް އެތަން މިތާނގާ؟ ކޮންކަމެއްތީ ދެން ކޮންމެ ރެއަކު އެހާ ލަސްވަންދެން ބޭރުގަ އުޅެފާ ދުވާލުދާ ހަތަރުދަމު ނިދުން. ތީއަޅެ އިންސާނުން އުޅޭ ވައްތަރުތަ؟”
“ކޮންކަމެއްތަ މަންމައަށް އަހަރެން ކޮންމެ ކަމެއް ކުރިޔަސް. މަންމައަކާ ނުބެހެވޭނެ އަހަރެންކުރާ ކަންތަކަކާ.” ބޭއިޚްތިޔާރުގައި އަހަންނަށް މަންމައާ ދިމާއަށް ހަޅޭލަވައިގަނެވުނެވެ. އެ ރެއަކީ ފުރަތަމަފަހަރަށް އަހަރެން މަންމައާ ދިމާއަށް އެއްޗެއްބުނި ރެ އެވެ. އައިރުޅީގައި އަހަރެން ވަރަށް ބާރަށްގޮސް ކޮޓަރިއަށްގޮސް ކޮޓަރި ތަޅުލީމެވެ.
އެހެން ދުވަހެކެވެ. އަހަރެމެން އެންމެންތިބީ މަސްތުވާތަކެތި ބޭނުންކުރަން ނިޝާންމެން ގޭގަ އެވެ. އަހަރެމެންނަށް މަސްތުވާތަކެތި ގެނެސްދެނީ މާލޭގެ ވަރަށް ނަން މަޝްހޫރު ގޭންގަކުންނެވެ. މަސްތުވާތަކެތި ގެނައުމަށްޓަކައި ލާރިހޯދަނީ އަހަރެމެން ވައްކަންކޮށްގެންނެވެ. ” މިގޮތަށް މިތާ ތިއްބާ އަހަރެމެން މިކުރާ ކަންތައް ފަޅާއަރައިފިއްޔާ ވާނީ ކިހިނެއް؟” އަހަރެން ބުނީމެވެ. ” ސިއްރުސިއްރުން އުޅެންޏާ ކޮން ފަޅައެއްތަ އަރާނީ. އެކަމަކު ކަލޭމެން ގޮސް ރަށުއެންމެންގެ ގާތު މިވާހަކަ ދައްކައިފިއްޔާ އިސާހިތަކު ފަޅާއަރާފާނެ.” ނިޝާން ބުނެލި އެވެ. އަހަރެމެން މިގޮތަށް މަސްތުވާތަކެތީގެ އަވާގައި ޖެހިފައިތިއްބާ ކުއްލިއަކަށް މީހަކުއައިސް ދޮރުގައި ޓަކިދިންއަޑު އިވުނެވެ. އެންމެންތިބީ ވަރަށް ބިރުގަންފަ އެވެ. ދޮރުގައި ޓަކިދިނީ ސިފައިންގެ މީހެއްކަމަށް ހީކޮށެވެ. އާއެކެވެ. ކަންތައްވީވެސް ހަމަހީކުރިގޮތަށެވެ. ޓަކިދީދީ ދޮރުނުހުޅުވުމުން ދޮރުފަޅާލާފައި އެވަނީ ސިފައިންގެ 5 މީހުންނެވެ. އޭރު އަހަރެމެން އެންމެންނަށްވެސް ތިބެވުނީ މާބޮޑަށް ޢަމަލުވެފައިކަމުން ދުއްވައެއް ނުގަނެވުނެވެ. ނަތީޖާއަކަށްވީ އަހަރެމެން އެންމެން ސިފައިންގެ މަރުކަޒަށް ގެންދިޔުމެވެ. އަދި މައިންބަފައިންވެސް ސިފައިންގެ މަރުކަޒަށް ހާޒިރުކުރެވުނެވެ. މައްސަލަ ތަހުގީގުކޮށް ނިންމާފައި އަހަރެމެން އެންމެން މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ މައްސަލައިގައި ދިހަ އަހަރު ދުވަހަށް ޖަލަށްލި އެވެ.
އަހަރެން ޖަލަށްލީތާ މާގިނަދުވަސްތަކެއްނުވެ އަހަރެންނަށް ލިބުނީ އަދި މާހިތާމަވެރި ޚަބަރެކެވެ. އަހަރެންގެ މަންމަ އަހަރެން ޖަލަށްލުމުން އެ ހިތާމަ ބަރުދާސްތު ނުކުރެވިގެން ނިޔާވި ޚަބަރެވެ.
އަހަންނަށް އެ ފުންޚިޔާލުގެ ތެރެއިން ނުކުމެވުނީ މީހަކުއައިސް އަހަރެންގެ ކޮނޑުގައި އަތްއެޅުމުންނެވެ. އަހަރެން ސިއްސައިގެންގޮސް ފަހަތް ބަލައިލިއިރު އެއީ އަހަރެންގެ ކުރީގެ އެކުވެރިއެއް ކަމުގައިވާ ނިޝާން އެވެ. އަހަރެންނަށް ނިޝާން ފެނުމުން ރޮއިގަނެވުނެވެ.
“އަހަންނަށް މާފުކުރޭ! އަހަރެންގެ ސަބަބުން އެކުވެރިޔާއަށް މި ހާހިތި މާޒީއެއް ލިބުނީ.” ނިޝާން އަހަރެންގާތު މާފަށް އެދުނެވެ. އަހަރެން ނިޝާންއަށް މާފުކޮށްފައި ދެމީހުން ދެން ދުވަހަކުވެސް އެކަހަލަ ގޯސް ޢަމަލެއް ނުކުރުމަށް ހުވާކުރީމެވެ.
= ނިމުނީ =
(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުން ސްކޫލު ދަރިވަރުންގެ ތިންވަނަ އަށް ހޮވުނު ވާހަކަ އެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 20 ވާހަކަ ގެނެސްދެވޭނެ އެވެ.)