ކަލާދެކެ ލޯބިވަން…

ޖަލްވާ އިބްރާހީމް ރަޝީދު / ރާޙަތު، ބ. ދަރަވަންދޫ

ދުވަހަކީ އާދައިގެ ވަރަކަށް ވައިޖެހޭ އުޑުމަތި ސާފު ހިތްގައިމު ދުވަހެކެވެ. އީޝަލްއިނީ ވާހަކަފޮތެއް ހިފައިގެން އަތިރިމަތީގައި ވާހަކަ ކިޔާށެވެ. މާގިނަ އިރުތަކެއް ނުވަނީސް އީޝަލްގެ ބެސްޓްފްރެންޑް އައެވެ. އެހެންނަމަވެސް ވާހަކައިގެ ތެރެއަށް ގެއްލިފައިވާ އީޝަލްއަށް އެކަމެއް ނޭގުނެވެ. އާލް އީޝަލްގެ ކަންފަތްބުޑުގައި ވަރަށްބާރަށް ހަޅޭއްލަވައިގަތެވެ. އީޝަލް ދިޔައީ ސިއްސައިގެންނެވެ. ހަމައެއާއެކު އަތުގައި އޮތްވާހަކަ ފޮތްވެސް ވެއްޓުނެވެ. އީޝަލް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެހެންކަމުން އާލް އީޝަލް ހެއްވުމަށް އެތައްބައިވަރު މަސައްކަތެއް ކުރަމުންދިޔަ އެވެ.

އީޝަލް ނުހޭންވެގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަނީއެވެ. ކުއްލިއަކަށް އީޝަލްގެ ލޮލުގައި އަޅައިގަތީ ވަރަށްރީތި ފިރިހެން ކުއްޖެކެވެ. އޭނާގެ އަތުގައި ދަބަހެއް އޮތުމުން އެއީ ހަމަދެންމެ މިރަށަށް އައި ކުއްޖެއްކަން އީޝަލްއަށް ވިސްނުނެވެ. އޭނާއައީ އީޝަލްމެންނާ ދިމާއަށެވެ. އެކުއްޖާ އީޝަލްއާއި ކައިރިއަށް އައިވަރަކަށް އޭނާގެ ރީތިކަން އިހުނަށްވުރެ ބޮޑަށް ފާޅުވަމުންދެއެވެ. ފިރިހެންވަންތަ ހިނގުމެކެވެ. މަސްތީ ބެލުމެކެވެ. އަޖައިބު ކުރުވަނިވި ހިނިތުންވުމެކެވެ. އޭނާ އައިގޮތަށް އައިސް ކަރުދާސްކޮޅެއް އީޝަލްއަތަށް ދިނެވެ. އީޝަލް ބަލައިލިއިރު އޭގައި އޮތީ އާލްމެންގެ ގޭގެ އެޑްރެސް ލިޔެފައެވެ. އެހެންކަމުން އެއީ އާލްގެ ދޮންބެގެ ބެސްޓްފްރެންޑްކަން ޔަޤީންވިއެވެ. އީޝަލްއާއި އާލް އޭނާ ގޮވައިގެން އާލްމެންގެއަށް ދިޔަ އެވެ.

އީޝަލްހުރީ ހައިރާންވާ ވަރުވެފައެވެ. އެންމެ ފުރަތަމަ އޭނާ ފެނިލުމާއެކު އީޝަލްގެ ހިތަށްކުރި އަސަރު ދުވަހަކުވެސް އެހެން ފިރިހެން ކުއްޖަކު ފެނިގެނެއް ނުކުރެއެވެ. އެހެންކަމުން އީޝަލް ހީކުރީ އޭނާ ދެކެ އީޝަލްއަށް ލޯބިވެވުނީ ކަމަށެވެ. ނަމަވެސް އީޝަލް ކުރިން ހީކުރަނީ ފުރަތަމަ ނަޒަރުން ލޯތްބެއް ނުވެވޭނެކަމަށެވެ. މިއަދު އެއީ ގޯސް ޚިޔާލެއްކަން އީޝަލްއަށް އެނގުނެވެ. އީޝަލްއަށް އޭނާ ފެނުމުން ވީގޮތުގެ ވާހަކަ އާލްއަށް ކިޔައިދިނެވެ. އާލްހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އެއީ މީގެކުރިން ދުވަހަކުވެސް އީޝަލް އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީއެވެ. އީޝަލް އާލް ގާތު އެ ކުއްޖާގެ ނަން ހޯދަދޭން އެދުނެވެ. އަދި އެކަން ކޮށްދޭނެކަމަށްވެސް އާލް ބުންޏެވެ.

އީޝަލްހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އީޝަލް ބޭނުންވަނީ ވީ އެންމެ އަވަހަކަށް އޭނާދެކެ ލޯބިވާކަން އަންގާށެވެ. އީޝަލްގެ ހިތުން އެ ގޮތްނޭނގޭ ޒުވާނާއަށް ވަރަށް މަތިވެރި މަގާމެއް ދެވުނެވެ. އެކި އެކި ޚިޔާލުތަކުގައި އީޝަލްއޮއްވާ ނުދަންނަ ނަމްބަރަކުން ފޯނެއް އައެވެ. އީޝަލް ފޯނު ނެގުމާއެކު އެކޮޅުން ވާހަކަދައްކަން ފެށިއެވެ. ” އަހަންނަކީ ޖީން، އީޝަލް ދޯ ވާހަކަދައްކަނީ؟” ” އާނ. އަހަންނަކީ އީޝަލް . އެކަމަކު އަހަރެންގެ ނަމާއި ނަމްބަރު ލިބުނީ ކިހިނެއް؟ ތީ ކާކު؟ ކޮން ބޭނުމަކު އަހަންނަށް ތިގުޅީ؟” ހިތްހަމަނުޖެހޭ ރާގެއްގައި ސުވާލުތަކެއް އެއްފަހަރާ އީޝަލް އަމުނާލިއެވެ. އެކޮޅުން ވާހަކަދެއްކި މީހާ ހުރީ ކޮންމެވެސް ވަރަކަށް ހިނިއައިސްފައެވެ. އެކަން އޭނާގެ އަޑުން ރަނގަޅަށް ހާމަވިއެވެ.” އަހަންނަށް ތި ނަމްބަރުދިނީ އާލް. އަހަންނަކީ މިއަދު އީޝަލްގެ ހިތް އަތުލި ޒުވާނާ.” އީޝަލްއަށް ހީވީ އީޝަލްގެ ގަޔަށް ކަރަންޓްއައި ހެންނެވެ. ވަރަށް ލަދުންހުރެ އީޝަލް ބުންޏެވެ. ” ސޮރީ، ކާކުކަން ނޭނގުނީ.”

އެ ފޯންކޯލަށްފަހު ޖީންއާއި ބައްދަލުކުރަން އީޝަލް ނިންމިއެވެ. އަދި މިރޭ ކޮންމެވެސް ވަގުތެއްގައި އާލްމެންގެ ގެއަށް ދާން އީޝަލް ބޭނުންވިއެވެ. އީޝަލްއަށް އިންތިޒާރު ކުރެވެނީ މިރޭ އަށެއް ޖަހާނެ ވަގުތަކަށެވެ. ފޮނި ފޮނި އިންތިޒާރުތަކަކަށްފަހު އީޝަލް ގެއިންނުކުތީ ޖީންއާއި ބައްދަލުކުރުމުގެ މަގުޞަދުގައެވެ. އާލް އިނީ ޓީވީ ބަލާށެވެ. އެހެންކަމުން އީޝަލް ގޮސް އާލްގާތުގައި އިރުކޮޅަކު އިނުމަށްފަހު ޖީން ކޮބާހޭ އަހާލިއެވެ. ހަމަ އެވަގުތަކީ ޖީންކޮޓަރިން ބޭރަށް ނުކުތްވަގުތެވެ. ޖީން އައިސް އީޝަލްއާއި ޖެހިގެން ހުރި ސޯފާގައި އިށީނެވެ. އޭރުވެސް އީޝަލްގެ ހަށިގަނޑުގައިވާ އެންމެ ހިމަނާރުތަކުގައި ކަރަންޓް ޖެހިފައިވާ ކަހަލައެވެ. އީޝަލްގެ ހިތް ބާރު ބަރަށް ތެޅެމުންދެއެވެ. ސާދަވީލޭރޭގެ ހަނދުހެން ހީވާ އިޝަލްގެ މޫނަށް ވަރަށް އަސަރާއެކު ޖީން ބަލަން އިނެވެ. ފަން އިސްތަށިގަނޑެކެވެ. ރީތި ލޮލެކެވެ. އަސަރުން ފުރިފައިވާ ބެލުމެކެވެ. ކިރު ޝަރުބަތު ތުންފަތެވެ. ޖީން އެންމެ އަޅައިގަތީ އީޝަލްގެ ކޮލުގައިވާ ދެ “ޑިންޕަލް” އަށެވެ. އީޝަލް ލައިގެން ހުރި ރަތް ކުލައިގެ ހެދުމުން އީޝަލް އަށް އިތުރު ފުރިހަމަ ކަމެއްލިބިފައިވެ އެވެ.

ޖީންގެ ބެލުންތަކުން އީޝަލް އިނީ ލަދުގަންފަ އެވެ. އީޝަލް ގެ ދޮން އަނބެއް ފަދަ މޫނު މިހާރުވަނީ ލަދުން ގޮސް ރަތްވެފަ އެވެ. ޖީން ވަރަށް މަޑު މަޑުން އީޝަލްގާތުގައި ހިނގާލަން ދާން އަންނާށޭ ބުންޏެވެ. ދެ މީހުން އެކުގައި އަތިރިމައްޗަށް ދިޔަ އެވެ. ވެލި ގަނޑުގައި އިށީނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫއަޅުވާލައިފައި ޖީން ވާހަކަ ދައްކަން ފެށިއެވެ. ” އީޝަލް އަހަރެން ދެކެ ލޯބިވޭތަ؟” އީޝަލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. ޖީން ގެ ހިތް ފުރިގެން ބަންޑުން ވިކަހަލަ އެވެ. ވަރަށް ލޯބިން ޖީން އީޝަލްގެ އަތުގައި ހިފާ ޖީންވެސް ލޯބިވާ ވާހަކަ ބުންޏެވެ. އީޝަލް ވަރަށް އުފާވި އެވެ. ޖީންގެ ދިރި އުޅުމުގެ ވާހަކަތައް އީޝަލް އަށް ތެދުތެދަށް ޖީން ކިޔައިދިނެވެ. ޖީން އަކީ މަންމަ އެއް، ބައްޕައެއްގެ އަޅާލުން ނުލިބި ފަޤީރު ހާލުގައި އުޅެ ފައިވާ ޔަތީމެކެވެ. ޖީން ގެ އުމުރުން ދެ އަހަރުގައި މަންމަ އާއި ބައްޕަ ކަނޑުވެ މަރުވީ އެވެ. އޭރުއްސުރެ ޖީން ވަނީ ލޯތްބަކަށް ފެންބޮވައިގެންފަ އެވެ. ޖީން ކުޑަ އިރު އުޅުނީ އޭނާގެ ބޮޑުދައިތަގެ ގޭގައެވެ. އެގެއިންވެސް ޖީން އަށް ބަނޑު ފުރާ މުއްތި ކުރެވޭވަރަށް ކާކަށް ވެސް ނުދެ އެވެ.

އާލް ގެ ބޭބެ އާއި ދިމާވީ އެއްފަހަރެއްގައި މިރަށަށް އައިސް އުޅެނި ކޮށް ކަމަށާއި ޖީން އީޝަލް އާއި ދުވަހަކުވެސް ވަކިވާން ބޭނުން ނުވާ ވާހަކަ ޖީން ބުންޏެވެ. އެ ދެ މީހުން ދެމެދުގައި ދެއްކި ވާހަކަތައް އަޑުއަހަން އެތާންގައި އީޝަލްގެ ބައްޕަވެސް ހުއްޓެވެ. އެއީ ވަރަށް ރުޅިގަދަ މީހެކެވެ. އެހެން ނަމަވެސް އީޝަލް މެންނަށް އެކަމެއް ނޭނގެއެވެ. އީޝަލް ޖީންގެ އަތުގައި ހިފާލީ ޖީން ކިތަންމެ ފަޤީރަކަސް ދުވަހަކުވެސް ޖީން ދޫކޮށްލާފައި ނުދާނެކަމަށް ހުވާކުރަމުންނެވެ. މިތަން ބަލަން ހުރި އީޝަލްގެ ބައްޕަ އިބްރާހިމް ވަރަށް ރުޅިއައިސް ހުރެ ދިޔަގޮތަށްގޮސް އީޝަލްގެ އަތުގައި ހިފާ ދަމަމުން ގެއަށް ގެންދިޔަ އެވެ. އީޝަލް ރޮމުން ޤިސްލަމުން ބައްޕާ ތިހެން ނުހަދާށޭ ކިޔާ އަޑު ޖީންގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ޖީން ހީކުރީ ޖީން އަކީ ފަޤީރެއްކަމުގައި ބުނުމުން އީޝަލް ޖީން އާއި އެކީގައި ނޫޅޭނެ ކަމަށެވެ. އެހެންނަމަވެސް ހަޤީޤީ ލޯތްބަކީ މާ މަތިވެރި އެއްޗެއްކަން އެވަގުތު ޖީން އަށް އިޙްސާސް ކުރެވުނެވެ. އީޝަލްގެ ބައްޕަ އީޝަލްމެންގެ ގުޅުމަށް ނުޤަބޫލުވީ ޖީން އަކީ ފަޤީރެއްކަމަށް ބުނެފައިވާތީ އެވެ.

އީޝަލް ގެއަށްގޮސް ވަރަށް ރުޔެވެ. އަދި ހިތާހިތުން އީޝަލްގެ ނަސީބު ދެރަކަމަށް ބުނަމުން ދެއެވެ. ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ތަންދެމުން ދުނިޔެއާއި ޢަލްވަދާޢު ކިޔައިފި އެވެ. އޭރުވެސް އީޝާލް އޮތީ ހޭލަ އެވެ. އޭނާ އަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހިތާމަޔަށް ބަދަލުވީ އެވެ. ކުރި ހުރިހާ އުންމީދެއް ފުނޑު ފުނޑުވީ އެވެ. ދުށް ރީތި ހުވަފެން ވިއްސި ވިހާލިވީ އެވެ. ލޯބީގެ ގަނޑުވަރު ފުނޑު ފުނޑުވެ ވެއްޔަށްވީއެވެ. މާޔޫސް ކަމާއެކު އެނދުން ތެދުވެ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ރީތި ވެލި އެވެ. އީޝަލް އޭނާގެ ބައްޕަ އަށް ނަފްރަތު ކުރިއެވެ. ކުޑައިރުއްސުރެ އީޝަލް ދެކެ އެންމެ ލޯބިވި ބައްޕަ މިއަދު އީޝަލްގެ ދިރިއުޅުން ބަރުބާދު ކޮށްލީއެވެ. ދަރިއެއްދެކެ ބައްޕައެއް ލޯބިވާނަމަ އެދަރިއެއްގެ ފުރާނަ އެދަރިޔަކާއި ވަތްކެއް ނުކޮށްލާނެއެވެ. އާނއެކެވެ! ޖީން އެއީ އީޝަލްގެ ފުރާނަ އެވެ.

އީޝަލް ގޭގެ ސިޓިންގްރޫމަށްގޮސް ސޯފާގައި އިށީނެވެ. ހަމަ އެވަގުތު ޖީން ގެއަށް އައިސްވަނެވެ. ޖީން ސަލާމްގޮވުމާއެކު އިބްރާހިމް އައިސް ގެއިން ނުކުންނާށޭ ކިޔާ ހަޅޭއްލަވައިގަތެވެ. ޖީން އެހަށް މަޑުކުރާށޭ މިއައީ ޙަޤީޤަތް އޮޅުން ފިލުވާދޭށޭ ބުންޏެވެ. ” އަހަންނަކީ ކުޑައިރު ފަޤީރެއް. އެހެންނަމަވެސް މިއަދު އަހަންނަކީ މާލޭގައި ހުންނަ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖަރ. އަހަރެން ރޭގައި އީޝަލް ގާތު އަހަންނަކީ ފަޤީރެކޭ ބުނީ އީޝަލް އަހަރެންދެކެ ހަޤީޤީ ލޯބިވޭތޯ ބަލަން. މިހާރުގެ ގިނަ އަންހެންކުދިން ބޭނުންވަނީ ފައިސާއާއި މުދާ. ނަމަވެސް އީޝަލް ބޭނުންވީ އަހަރެން. އެހިނދުކޮޅުން ފެށިގެން އީޝަލް އަހަރެންދެކެ ޙަޤީޤީ ލޯބިވާކަން އަހަންނަށް ޔަގީންވި. ” އީޝަލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފަ އެވެ. އިބްރާހިމް ހުރީ އޭނާއަށް ކަންތައް ކުރެވުނުގޮތާމެދު ދެރަވެ ލަދުގެންފައެވެ. އިބްރާހިމް ދުވެފައިގޮސް މާފަށް އެދުނެވެ. އަދި ޖީންއާއި އީޝަލްގެ ގުޅުމަށް ހުރަސް ނާޅާނެ ކަމަށްވެސް ބުންޏެވެ.

އީޝަލް ދުވެފައިގޮސް ޖީންގެ ގައިގައި ބައްދާލިއެވެ. ދުވަހަކުވެސް ޖީންއާއި ވަކިވެގެން ނުދާނަމޭ ބުނާކަހަލަ ގޮތަކަށެވެ. އީޝަލް ވަރަށް މަޑު މަޑުން ޖީންގެ ކަންފަތްދޮށުގައި ބުންޏެވެ. ” ޖީންގެ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއްނުލާނަން. ނަމަވެސް އެފަދަ ދުވަހެއް އައިއްސިނަމަ އެއީ އަހަރެން މި ދުނިޔެއަށް ނޭވާލާ އެންމެފަހުދުވަސް.”

= ނިމުނީ =

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.