ޕީޕީއެމުން އުފާފާޅުކުރުމުގެ ބޮޑު ހަފްލާއެއް މިރޭ ބާއްވަނީ

ޕީޕީއެމުން ރޭ އޭދަފުށީގަިއ ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ޕީޕީއެމުން ރޭ އޭދަފުށީގަިއ ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

 

ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރައީސް ކަމުގެ މަގާމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ހޮވިވަޑައިގަތުމުގެ އުފަލުގައި އޭދަފުށީ ރައްޔިތުންނަށް ބޮޑު ހަފްލާއެއް މިރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ޕީޕީއެމްގެ ކެމްޕޭން ޓީމުގެ އޮފިޝަލަކު ބުނިގޮތުގައި މުޅި ރަށު ރައްޔިތުންނަށް ބާއްވާ ހަފްލާއަކީ ޕީޕީއެމް އާއި ގުޅިފައިވާ ޕާޓީތައް ގުޅިގެން ޔާމީން ވެރިކަމަށް ހޮވުމުގެ އުފާފާޅުކޮށް، އަދި ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކޮށް، އެކުވެރިކަން ބަދަހިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މުޅި ރަށަށް ދައުވަތުދީގެން ކުރިއަށް ގެންދާ ހަފްލާއަށް ރަށުގެ ހުރިހާ ގެ އަކަށްވެސް ދައުވަތުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިރޭ 8:30 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ މި ހަފްލާގައި ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރައީސް ކަމަށް ޔާމީން ހޮވިވަޑައިގަތުމުގެ އުފަލުގައި ބައެއް އެހެން ރަށްތަކުގެ ޕީޕީއެމް މެމްބަރުން އަންނަނީ ކެއުމާއި އުފާފާޅުކުރުމުގެ ހަފުލާތައް ބާއްވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން ވެސް އެހެން ކުދި ޕާޓީތައް ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޔާމީން ކުރި ހޯއްދެވީ 111،203 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.39 ޕަސެންޓެވެ. އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ލިބިވަޑައިގަތީ 105,181 ވޯޓާ އެކު 48.61 ޕަސެންޓެވެ.

އޭދަފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޔާމީން އަށް ލިބިފައިވަނީ 966 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 65.23 އިންސައްތައެވެ. އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް އޭދަފުށިން ލިބިފައިވަނީ 515 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 34.77 އިންސައްތަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.