ތަޖުރިބާ


ދުނިޔެ އެކިއިރު ދައްކަނީ އެކިކުލަވަރެވެ. ދުނިޔޭގެ އުފާތަކަކީ ސައިބޯނި ބޮތްކެއްފަދަ އެއްޗެއްކަން އަހަންނަށް ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެ އެވެ. ތެދެކެވެ. މާބޮޑަށްވެސް ލަސްވެއްޖެ އެވެ. ނަމަވެސް އަހަރެން ހިތްވަރު ދޫކޮށެއް ނުލަމެވެ. އަހަރެން މަސައްކަތްކުރީ އަހަރެންގެ ދިރިއުޅުމުގެ ބާކީއޮތް މަދު ދުވަސްކޮޅު ރަނގަޅު ގޮތުގައި ހޭދަކޮށް ކުރެވިފައިވާ ފާފަތަކަށް ތަޢުބާ ވުމަށެވެ.އެއީ މީގެ ދެއަހަރު ކުރިއެވެ. ވިޔާނުދާ ރައްޓެހިންނާޖެހި ދުނިޔޭގެ މަޖަލާއި ސަކަރާތުގައި އަހަރެން ހޭބޯނާރާ އުޅުނު ދުވަސްވަރެވެ. އަހަރެންގެ ޢާއިލާއެއް، ގާތްތިމާގެ މީހެއް ނެތްނަމައޭ އޭރު އަހަރެންގެ ހިތަށް އަރައެވެ. އޭރުވެސް އަހަރެން މަދުމަދުން މަންމަމެން ގެއަށް ވަދެލަމެވެ. ފަހުން ފަހުން އައިސް އެގެއަށް ނުވަންނަނީ މަންމަމެން އަހަރެންގެ އުޅުން ހުންނަގޮތާމެދު ފާޑުކިޔާތީ އެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ދިރިއުޅުމުގައި އެހެންމީހަކަށް އަހަރެން އުޅެންވީގޮތް ކިޔައިނުދެވޭނެކަމަށް އަހަރެން ދުށީމެވެ. އަދި މަންމަމެންގެ އާދޭހަށް އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. އަހަންނަށް އަބަދުވެސް ހެޔޮއެދޭ މައިންބަފައިންގެ އާދޭސްތައް ބޮލާލާ ޖެހުމަށްފަހު އަހަރެންގެ ރައްޓެހިންނަށް އިތުބާރު ކުރެވުނީ ކީއްވެގެންކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެ އެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެން ހައިރާންވީ ނިދާހޭލުމާއެކު އަހަރެންގެ ކަންފަތުގައި މަންމަގެ އަޑު ޖެހުމުންނެވެ. ތެދެކެވެ. މިހާދުރަށް މަންމަ އަހަރެން އުޅޭތަނަށް އެއައީ އަހަރެން ހޯދާށެވެ. މަންމައައީ ޢާއިލާގެ އެންމެން މިއަދު ދަތުރު ދިއުމަށް ހަމަޖެހިފައިވާތީ އަހަރެން ބަލައެވެ. ނަމަވެސް އަހަރެން ހަމަ ވަގުތުން މަންމަމެންނާއެކު ދަތުރު ދިއުމަށް އިންކާރު ކުރީމެވެ. ރައްޓެހި ކުއްޖެއްގެ ޕާޓީއެއް އެބައޮތްކަމަށް ބުނަމުންނެވެ.

މަންމަ މާޔޫސްކަމާއެކު އެނބުރި ގެއަށް ދިޔަ އެވެ. އެމީހުން ދަތުރު ދިއުމަށް ހަމަޖެހިފައިވަނީ ކައިރީގައި އޮތް ފަޅުރަށަކަށެވެ. އެހެންކަމުން ދަތުރަށް ބޭނުންވާ ހުރިހާ ސާމާނެއް ހިފައިގެން މަންމަމެންނަށް ފުރުނުއިރު 7:30 ވެއްޖެ އެވެ. މަންމަމެން ދަތުރު ދިޔަކަން އަހަރެން ފަހުން ހަނދާނެއް ނެތެވެ. އަހަރެން އުޅުނީ ޕާޓީގެ ކަންތައްތައް ހަމަޖެއްސުމުގަ އެވެ.

މެންދުރުން އަނބުރާ 2 ޖަހައިފި އެވެ. އަހަރެން އިނީ ޓީވީން އައި ފޯރިގަދަ ފުޓްބޯޅަމެޗެއް ބަލާށެވެ. އަހަރެންގެ މޮބައިލްފޯން ރިންގްވާންފެށީ އެވަގުތު އެވެ. ރައްޓެއްސަކު ޚަބަރުދިންގޮތުގައި އިންޑިޔާކަނޑުގެ ހުރިހާ ގައުމުތަކަކަށްވަނީ ސުނާމީ އަރާނެކަމުގެ އިންޒާރެއް ދީފަ އެވެ. އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެ އެވެ. އަހަރެން އަވަހަށް ޓީވީގެ ޗެނަލް ބަދަލުކޮށްލީމެވެ. ޓީވީއެމްއިންވެސް އަވަސް ޚަބަރުގެ ގޮތުގައި އަންނަނީ މި ޚަބަރެވެ.

ކުއްލިއަކަށް އަހަރެންގެ ހަނދާނަށްއައީ މަންމަމެން މިއަދު ދަތުރުގޮސް ވީކަމެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށި އެވެ. ހަދާނެގޮތް ހުސްވި އެވެ. އަހަރެން ފޯނުނަގާފައި އަވަހަށް މަންމައަށް ގުޅީމެވެ. ނަމަވެސް ކަންދިމާކުރިގޮތުން ޖަވާބެއް ނުދެ އެވެ. ބާކީތިބި ޢާއިލާގެ ހުރިހާ މެންބަރުންގެ ފޯނަށްވެސް އަހަރެން ގުޅީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން މާބޮޑަށް ހާސްވި އެވެ. އަހަރެން އަވަސްވެގަތީ އަވަހަށް ބޭރަށް ނުކުތުމަށެވެ. ބޭރަށް ނުކުތްއިރު މީހުންތައް ރޮއި މަރުވަނީ އެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ މާޔޫސްކަމައި ހާސްކަމެވެ. މުޅި މަގުތައްމަތީގައި އޮތީ ހުސް ލޮނެވެ. ލޮނުގަނޑު ބޮޑުކަމުން އަހަރެންގެ މެއާހިސާބަށް އަރަ އެވެ. ލޮނުގަނޑުގެ ތެރޭގައި ފަތަމުން ކަހަލަ ގޮތަކަށް އަހަރެން ކުރިއަށްދެވޭތޯ މަސައްކަތްކުރީމެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން ކުރިއަށްދެވުނެވެ.

ވަކިހިސާބަކަށް ދެވުނުތަނާ ކުރިމަތީގައި ހުރި ބޮޑު ގާފުންޏެއް އެއްކޮށް އަހަރެންގެ ގައިމައްޗަށް ވެރުނެވެ. ވީތަދުން ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަހަންނަށް ވީގޮތް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. ހޭއެރިއިރު އަހަރެން އޮތީ ހަސްފަތާލުގެ އައިސީޔޫގަ އެވެ.

އަހަރެންގެ ބޯ އެއްކޮށްވަނީ ބެންޑޭޖްކޮށްފަ އެވެ. ޑޮކްޓަރު އަހަންނަށްދިނީ ހިތާމަވެރި ޚަބަރެކެވެ. ޑޮކްޓަރު ބުނީ އަހަރެންގެ ބޮލަށާއި ފަޔަށްވަނީ ވަރަށްބޮޑަށް ގެއްލުންވެފައި ކަމަށެވެ. އަދި އަހަންނަށް ނުހިނގޭނެކަމަށްވެސް ޑޮކްޓަރު ބުންޏެވެ.

އަހަރެން ވަރަށް ދެރަވި އެވެ. ހިތާމަކުރީމެވެ. އަހަރެންގެ ދިރިއުޅުމުގެ ބާކީއޮތް ދުވަސްކޮޅު އަހަރެންނަށް ވޭތުކުރަންޖެހޭނީ ނުކުޅެދޭ މީހެއްގެ ގޮތުގަ އެވެ. މިހެން ހިތަށްއަރާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޯ ކަރުނައިން ތެމެ އެވެ.

ފަހުން އަހަންނަށް ޚަބަރު ލިބުނުގޮތުގައި އަހަރެންގެ ޢާއިލާގެ އެންމެންވެސް މަރުވީ އެވެ. އާއެކެވެ. ރިހޭފައިމައްޗަށް ފޮއި ވެއްޓުނީއެވެ. އެދުވަހުންފެށިގެން އަހަރެން އިސްލާޙްވީއެވެ. އަދި ފުރިހަމަ ތަޢުބާއަކުން ތަޢުބާވީމެވެ. މިއީ އަހަރެންނަށް ކުރެވުނު ހިތި ތަޖްރިބާއެއްކަމުގައި ބަލައިގެންނެވެ.

= ނިމުނީ =

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ނަޖުވާ އިބްރާހިމް ރަޝީދު، ބ. ދަރަވަންދޫ ލިޔެފައިވާ ވާހަކަ އެކެވެ.)

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.