އެ ބަދަލު

ޖާނާއިމާލު ޤުރުބާންކޮށްގެން ބަލާ ބޮޑުކުރި ފާރިގު ވެގެންދިޔައީ ގޮތްދޫނުކުރުމާއި ބޮޑާކަމުގައި އަރާހުރި ނުކިޔަމަންތެރި ދަރިޔަކަށެވެ. އަންހެނުން ވަފިއްޔާއަށް ކުރެވުނު އެއްވެސްކަމެއް ނެތެވެ. ޖެހެލުންކުޑަކަމާއި ބިރުގަތުމުގެ ކުޑަވެސް މިންވަރެއް ނެތް ފާރިޤް މީހަކު މަރާކަށްވެސް ފަހެއް ނުޖެހޭނެ އެވެ. ދެ ދުވަހުން އެއްދުވަހު ރަށުކައުންސިލް އިދާރާއަށް ގެންދަނީ ކޮންމެވެސް މީހަކު ގައިގައި ޖަހައިގެން ނުވަތަ ކޮންމެވެސް މަސްތުވާއެއްޗެއް ބޮއިގެންނެވެ. ޤުރުއާނުން އަކުރެއް ކިޔަވާނުލާތާ ނަމާދަކީ ކުރަންޖެހޭ ކަމެއްކަންވެސް ނުދަނެ އެވެ.

ޢުމުރުން 5 އަހަރުންސުރެ ފާރިޤްގެ އަތުގައިހިފައިގެން ފާރިޤްއަށް 10 އަހަރުވަންދެން، މިސްކިތަށް މޫސަބެ ހިނގިހިނގުން ފާރިޤް ހަނދާން ނައްތާލީ ގްރޭޑް 6ށް ދެވުމާއެކުގަ އެވެ. ކުލާހުގައިތިބި ރިޕީޓް ކުދިންނާއި ގުޅި މިކުދިންގެ އަވައިގާ ޖެހިގެން ފާރިޤް ބަދަލުވެގެންދިޔައީ ވިސްނުމަށްވެސް ނުގެނެވޭހާ އަވަހަށެވެ. ނަމާދުގައިކިޔާ އެއްވެސް އެއްޗެއް މިހާރަކު ހަނދާން ހުރިކަމަކަށެއް ނުވެ އެވެ. ނަމާދު ނުކުރާނަމަ ހަނދާން ހުންނާނީވެސް ކިހިނަކުންތޯ އެވެ.

މޫސަބެޔާއި ވަފިއްޔާގެ ކައިވެންޏަށް ތިން އަހަރުގައި ފާރިޤް ލިބުމަށްފަހު ދެން ލިބުނު އަންހެންކުއްޖާ ވިހެއުމުގެ ތެރޭގައި ނިޔާވެގެން ދިޔައީ އެވެ. މިކަންވެގެންދިޔައީ މި ދެމަފިރިންނަށް ލިބުނު ވަރަށްބޮޑު ހިތާމައަކަށެވެ. މިހެންކަމަށްވުމާއެކު މޫސަބެމެން ދެމަފިރިން ފާރިޤް ބަލަމުންދިޔައީ ދެލޮލުގެ ނޫރުފަދައިންނެވެ. ފާރިޤް ރޯލިއަސް ކުރަންހުރި ކަމެއް ބަހައްޓާފައި ވަފިއްޔާއަށް އާދެވޭއިރު މޫސަބެ އައިސް އުރާލައިގެން މަސަލަސް ކުރެއެވެ. މޫސަބެއަކީ ވިޔަފާރިވެރިއެއްކަމުން މޫސަބެއަށް ގިނަވަގުތު ފާރިޤްގެ ކައިރީގައި ހޭދަކުރުމަށް ފުރުޞަތު ލިބެ އެވެ.

ނުކުޅެދުންތެރިކަމެއް ނެތް ފާރިޤް ވިޔާނުދާ ކުދިބަޔަކާއި އެކުވުމުގެ ސަބަބުން ކުޅެދޭމީހެއްގެ ގޮތުގައި ފެނިގެންނެއް ނުދިޔަ އެވެ. މީހުންނަށް ޖެއްސުންކުރުމާއި ގޯނާކުރުމަކީ ފާރިޤް އެންމެ ހިތްހަމަޖެހޭ ކަންތަކެވެ. ދުވާލުގެ ވަގުތުގައި ނިދުމާއި ރޭގަނޑު ހޭލާހުރުމަކީ އާދައެއްކަމުގައި ހަދައިފިއެވެ. މޫސަބެއާއި ވަފިއްޔާ ދައްކާ ވާހަކައަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އަވައްޓެރިންގެ ގޭގޭގެ ގަހެއްގާ މޭވާއެއް ފައްކާވެގެން އެމީހުންނަށް ބިނދެލާކަށް ނުލިބެއެ ވެ. ދަނޑުވެރިންނަށް ދަނޑުތަކުގައި މޭވާއެއް ހަރެއްނުކުރެވެ އެވެ. ހަމަ ފާރިޤްގެ ދުއްތުރާ ބޮޑުވީމައެވެ. ގްރޫޕް ހަދާފައި ދަނޑުތައް ހަލާކުކޮށް ގަސްގަހުން މޭވާ ބިނުމަކީ ފާރިޤްމެން މާހިތްހަމަޖެހޭ މާގަޔާވާ ކަމަކަށްވަނީ ވެފައެވެ. އެހާވެސް ފާރިޤް އުޅެނީ ކުރީގަ އެވެ.

ފާރިޤްގެ ކަންތަކާހުރެ މޫސަބެޔާއި ވަފިއްޔާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ އެވެ. ނިޔަނެތިކަމުގައި މިސާލެއްނެތް ބަނިޔާދަންކަމާއި ރީތިކަމަށް އަރާހުރި ވަފިއްޔާ އިސްކޮޅަށްވުރެ ބޮޑަށް ހިކިގެންދިއުމުގެ ސަބަބުން މުސްކުޅިން ބުނާގޮތުގައިނަމަ ފެންދަމާލާފައިވާ އިލޮޅިއެކޭ އެއްގޮތެވެ. ރަނގަޅަށް ހައިހޫނުކަން ފިލާވަރަށް ކާއެތިކޮޅެއް ދެމަފިރިންނަށް ކާނުލެވެ އެވެ. އަބަދުވެސް އިވޭނީ ފާރިޤްގެ ކޮންމެވެސް ނޭއްގާނީ ޢަމަލެއްގެ ވާހަކައެވެ. މިކަންތައްތަކުގެ ސަބަބުން ފާރިޤް ޖަލަށް ލައެވެ. ގޭބަންދުކުރެއެވެ. ދެފަހަރަކު އަރުވާވެސް ލައިފި އެވެ.

ފާރިޤްއަށް ޒުލްފާ ފެނުނީ މަގުމަތިން ދަނިކޮށެވެ. ޒުލްފާ ރީއްޗެވެ. ހިތްގައިމެވެ. ފާރިޤްއަށް ފުރަތަމަ ފެނިލުމުންވެސް ޒުލްފާއާމެދު ހިތުގައި ރިހުމެއް އުފެދުނެވެ. ދެކޭހިތްވި އެވެ. ވާހަކަދައްކާލާހިތްވި އެވެ. ފާރިޤްއަށް ނިދުމަށް ދަތިވެގެން ދިޔަ އެވެ. ޒުލްފާ ދެކޭހިތްވާތީ އެވެ. ވާހަކަދައްކަން ބޭނުންވާތީ އެވެ. ނަން އަހާލަން ބޭނުންވާތީ އެވެ. މިހާރު އަބަދުވެސް ފާރިޤްއަށް ކުރެވެނީ ޒުލްފާގެ ޚިޔާލެވެ.

ޒުލްފާއަކީ ފާރިޤް އަރުވާލެވިފައިވާ ކުމުންދޫގެ ކުއްޖެކެވެ. ފަޤީރު ޢާއިލާއެއްގެ ތިންކުދިންގެ ތެރެއިން މެދަށްހުރި ކުއްޖާއެވެ. އިސްލާމްދީނަށް ލޯބިކުރާ ތަޤްވާވެރިކަންމަތީ ދިރިއުޅޭ ޞާލިޙް ބަޔެކެވެ. ހިތްތިރި މަޑުމައިތިރި، ކެތްތެރި ބަޔެކެވެ. ފާރިޤްގެ ވަރަށްބުރަ މަސައްކަތާއެކު ޒުލްފާއާ ބައްދަލުކުރެވުނީ ޒުލްފާގެ ގެ އިންނެވެ.

ޒުލްފާގެ މައިންބަފައިން ފާރިޤްއާ ވަރަށްގިނަ ސުވާލުތައް ކުރިއެވެ. ކާކު؟ ކޮންރަށެއް؟ އަރުވާލީ ކީއްވެ؟ މިފަދަ އެތައްސުވާލެކެވެ. ފާރިޤް އެ ހުރިހާ ސުވާލަކަށްވެސް ވަރަށް ކެތްތެރިކަމާއެކު ޖަވާބު ދިނެވެ. ސަބަބަކީ ހަމައެންމެ ސަބަބެކެވެ. ޒުލްފާގެ ލޯތްބެވެ. ކޮންމެ އަގެއްދީފައިވެސް ފާރިޤް ޒުލްފާ ބޭނުމެވެ. މިހެންވުމާއެކު ފާރިޤް ޢަޒުމްކަނޑައެޅީ މިއަދުން ފެށިގެން އިސްލާޙްވުމަށެވެ.

ޒުލްފާގެ މައިންބަފައިން ފާރިޤްއާމެދު ވިސްނަމުން ދިޔައެވެ. މީނާއާ ދަރިފުޅު ޙަވާލުކުރަންވީ ބާވައެވެ؟ މީނާއަށް ޒުލްފާއާއެކު ރަނގަޅު ޙަޔާތެއް ވޭތުކުރެވިދާނެ ބާވައެވެ؟ ބަދަލުވަމުންއަންނަ ފާރިޤްއަށް ޒުލްފާގެ މައިންބަފައިން ދިނީ ދެ އަހަރު ދުވަހުގެ މުއްދަތެވެ. އުޅުން ބަދަލުކުރުމަށާއި ދިރިއުޅުމެއް ފަށާނެ ޤާބިލްކަމެއް ހޯދުމަށެވެ.

ފާރިޤް އަރުވާލެވިފައިވަނީ ހަ މަސްދުވަހަށްކަމަށް ވުމާއެކު މުއްދަތު ހަމަވުމުން ފާރިޤް ރަށަށް ދިޔައެވެ. ކޮންމެ ވަގުތަކު ބަރާބަރަށް ނަމާދުކުރުމާއި ޤުރުއާން ކިޔެވުން ވެގެންދިޔައީ މޫސަބެޔާއި ވަފިއްޔާ އަދި ރަށުގެ މީހުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހައިރާން ކަމަކަށެވެ. ކިޔަމަންތެރިކަމުގައި ދެވަނަ މިސާލެއް ދެއްކޭކަށެއް ނެތެވެ. މިޒާޖް ބަދަލުވެފައިވާ މިދަރިފުޅު ފެނުމުން މޫސަބެއާއި ވަފިއްޔާ އުފަލުން ފުރިއްޖެ އެވެ. ވިޔަފާރީގެ ކަންތައްތަކުގައި ފާރިޤް ބައިވެރިކޮށް ވިޔަފާރި ފުޅާކުރަމުން ދިޔަ އެވެ.

ފާރިޤްގެ މަންމައާއި ބައްޕައަށް ފާރިޤްއަށް މިއައި ބަދަލުގެ އަސްލަކީ ޒުލްފާކަން އެނގުމުން ޒުލްފާ ފާރިޤްއަށް ހޯދައިދިނުމަށް ނިންމިއެވެ. އަދި ދަތުރުހަދައިގެން ފާރިޤްއަށްޓަކައި ޒުލްފާ ދިނުމަށް ޒުލްފާގެ މައިންބަފައިންގެ ފަރާތުން ފާރިޤްގެ މައިންބަފައިން އެދުނެވެ.

ޒުލްފާގެ މައިންބަފައިންނަކީ ފަސްއެނބުރި ބަލާބަޔަކަށް ނުވުމާއެކު ފާރިޤްގެ މިހާރުގެ ބަދަލަށްބަލާ ޒުލްފާއާއި ފާރިޤްގެ ކައިވެނި ކޮށްދިނުމަށް ނިންމިއެވެ.

އާދެ! ކައިވެނީގެ ޙަފްލާ ދެރަށުގައިވެސް ބާއްވާގޮތަށެވެ. ފުރަތަމަރޭ ޒުލްފާގެ ރަށުގައެވެ. ދެވަނަރޭ ފާރިޤްގެ ރަށުގަ އެވެ. ކައިވެނިކުރުމަށް ހަމަޖެހުނީ ޒުލްފާގެ ރަށުގަ އެވެ. އާދެ! ބާރަ ބާރައިގަ އެވެ. 12 ޑިސެމްބަރު 2012 ގައެވެ.

އިޝްޤަކީ ބަދަލެއް އެއަށްވާ ހާދަވަރުގަދަ އެއްޗެކޭ
އިޝްޤްނެތި ކުލުނާއި ރަހުމާ ލޯބި ނުލިބޭ އެއްޗެކޭ

= ނިމުނީ =

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޝެހެނާޒް ޢަބްދުއްރަހީމް / ކީމަ، ބ. ދަރަވަންދޫ ލިޔެފައިވާ ވާހަކަ އެކެވެ.)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.