ކޮންޒަވޭޝަން ފަންޑުން ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ
ބ. އަތޮޅުގައި ހިމާޔަތް ކުރެވިފައިވާ ހަނިފަރު ސަރަހައްދު ފޮޓޯ/ޔުނެސްކޯ

 

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ދޫކުރާ ހިލޭ އެހީއަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިފަންޑު ގާއިމްކޮށް ހިލޭ އެހީ ދިނުމުގެ ބޭނުމަކީ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއަ ރިޒާވްއެއްގެ ގޮތުގައި ގާއިމުކުރެވިފައިވާ ބ. އަތޮޅަކީ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަމޫނާ އަތޮޅެއްގެ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

މިގޮތުން މިއެހީ ދޭނީ މައިގަނޑު ތިންބަޔަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ އިތުރުން، އުނގެނުމާއި ދިރާސާ ކުރުމާއި މައުލޫމާތު ފެތުރުން ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮންވަޒޭޝަން ފަންޑުން ހިލޭ އެހީ ދޫކުރާނީ އެންމެ ގިނަވެގެން 231،300 ރުފިޔާ ކަމަށެވެ. އަދި މިއެހީގެ ދަށުން ހިންގާ މަޝްރޫއުތައް ގިނަވެގެން ދެއަހަރުގެ ތެރޭގައި ނިންމަންޖެހޭނެ ކަމުގައިވެސް އެމިނިސްޓްރީން ބުނެ އެވެ.

އެމިނިސްޓްރީން ބުނީ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ރޭވިފައި ވާންވާނީ ތިމާވެށި ހިމާޔަތް ކުރުމާއެކު އާމްދަނީ ހޯދާނެ ގޮތްތަކާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށާއި ހަމަހަމަކަން ކުރިއަރުވަން މަސައްކަތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމުގައިވެސް އެމިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ އަދި ރަށު ފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އިލްމީ ދިރާސާތައް ކުރާ އިދާރާތަކަށާއި އަންހެނުންގެ ކޮމިޓީތަކަށާއި ކައުންސިލްތަކަށާއި އަދި ރިސޯޓްތަކަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާ އެއްވެސް ޕްރޮޕޯސަލެއް މިފަހަރު ގަބޫލުކުރަން ހަމަޖެހިފައި ނުވާ ކަމަށާއި އަމިއްލަ ފަރާތަކުން ޕްރޮޕޯސަލެއް ހުށަހަޅަން ބޭނުންނަމަ އެފަދަ ޕްރޮޕޯސަލެއް ހުށައަޅަންޖެހޭނީ މަދަނީ ޖަމިއްޔާއެއް ނުވަތަ އަންހެނުންގެ ކޮމިޓީއެއް ނުވަތަ ކައުންސިލް އިދާރާއެއް ތަމްސީލްކުރާ ގޮތަށް ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބ އަތޮޅު ކޮންޒަވޭޝަން ފަންޑުން ދޫކުރާ ހިލޭ އެހީގައި ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރީ ޕްލޭނިން ޕްރޮޕޯޒަލް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.