ލޯބީގެ އެ ގުޅުން

މަޑުފިނި ވައިރޯޅިތަކުން ހިތްތައް މަސްތުކުރުވަމުން ދިޔަ އެވެ. ހަވީރުގެ މިހިތްގައިމު ވަގުތުން އުފާ ލިބިގަތުމަށްޓަކައި ގިނަމީހުންތަކެއް އަތިރިމައްޗަށްގޮސް އުޅުނެވެ. މީގެތެރެއިން އާމޫނަކަށް ނުވާނޭ މޫނަކީ ޒާރާ އާއި ސާރާގެ އެޗާލު ދެމޫނެވެ. އާއެކެވެ. މި ދެކުދިންނަކީ އަބަދުވެސް ސަކަރާތްޖަހާ މަޖާކޮށްލުމަށްޓަކައި އަތިރިމައްޗަށް ގޮސްއުޅޭ ދެކުދިންނެވެ.

ޒާރާގެ އުމުރުން އަދި 20 އަހަރު ވީނަމަވެސް އޭނާއަކީ ސަކަމިޒާޖުގެ ވިސްނުން ޅަކުއްޖެކެވެ. ސާރާއަކީވެސް ސަކަމިޒާޖުގެ އެހެންނަމަވެސް ވިސްނުންތޫނު 19 އަހަރުގެ ކުއްޖެކެވެ. މިދެމީހުންނަކީ ނަންމަޝްހުރު ދެ ދައްތައިންނެވެ. ސާރާއަކީ ޒާރާގެ ކޮއްކޮއެވެ. މިދެމީހުންގެ ޢުމުރުގައި އެހާބޮޑު ތަފާތުކަމެއް ނެތްކަމުން މި ދެމީހުންގެ ގުޅުން ވެގެންދިޔައީ ދައްތައަކަށް ވުރެވެސް ބޮޑަށް ދެރަހްމަތްތެރިންގެ ގުޅުންފަދަ ގުޅުމަކަށެވެ. ހުރިހާކަމެއް އަދި އެއްޗެއްވެސް އެކަކު އަނެކަކާ ހިއްސާކުރެ އެވެ. އަދި އެކަކު ކުރާ ހިތާމައެއްގައި އަނެކަކު ބައިވެރިވެ އަދި ލިބޭ އުފަލެއްގައިވެސް ބައިވެރިވެ އެވެ. ރޭގަނޑުގެ ނަލަ ހަނދު ދައްކާލުމާއެކުހެން ދެކުދީންވެސް ގެއާ ދިމާއަށް މިސްރާބު ޖެހި އެވެ. ގެއަށްވަނުމާއެކު އެ ކުދިންގެ މަންމައާއި ބައްޕަ ފެނުމުންގޮސް ބައްދާލި އެވެ. އަދި ވަރަށް ޅަގޮތަކަށް ލޯބިވާވާހަކަ ބުންޏެވެ. އައިސައާއި ދޮންމޮހޮނުވެސް އެ އަށް ޖަވާބުދާރީވެ އެއީ އެ ދެ މީހުންގެ ރަން ދޫނިތަކެއް ކަމަށް ބުންޏެވެ. އައިސަ އާއި ދޮންމޮހޮނު މިދެކުދިންދެކެ އިންތިހާ ދަރަޖައަށް ލޯބިވެ އެވެ. އަދި މި ދެކުދިން ބޭނުންވާ ކޮންމެ ކަމެއްވެސް ކޮށްދެ އެވެ. ވާނީވެސް އެހެންތާ އެވެ. އެދެމީހުންގެ ތިބި ދަރިންނަކީވެސް މިއީ އެވެ. އެހެންކަމުން މި ދެކުދިން ބެލުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެ އެވެ.

ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެވެ. މިއަދުވެސް މި ދެކުދިން ހަވީރު ވަގުތުގެ އުފާ ލިބިގަތުމަށްޓަކައި އަތިރިމައްޗަށް ދިޔަ އެވެ. މިއަދު އެދެމީހުންގެ ތަޤްދީރު ނިޔާކުރީ އެހެންކަމެކެވެ. އެމީހުންގެ ހިތް ކެކެންފެށީ އެތާހުރި ޒުވާނާގެ މޫނުފެނުމުންނެވެ. ދޮންކަމުންގޮސް ހީވަނީ ބޯކިރުކުލައިގެ ވެލިގަނޑެއްހެންނެވެ. ކިރުސަރުބަތު ތުންފަތެކެވެ. މިޒުވާނާވެސް މިދެކުދިން ފެނުމުން ވަރަށް ގަޔާވެ ބަލަންހުއްޓެވެ. އަދި މަޑު ހިނގުމެއްގައި އައިސް މިދެކުދިންތިބި މިދިލިގަސްދޮށަށް އައިސް ހުއްޓުނެވެ.

“ކޮންނަމެއްތަ ކިޔަނީ ތިދެކުދިންނަށް؟ މަށަށް ކިޔަނީ އިއާން” އެޒުވާނާ އެއްވެސް ފަސްޖެހުމެއްނެތި އަމިއްލައަށް ތަޢާރަފްވެލި އެވެ. އޭނާކުރި ސުވާލަށް ޖަވާބުދާރީވީ ހިފިނުހުރެވިގެންއުޅޭ ދޮށީކުއްޖާ ޒާރާ އެވެ.

“މަށަށްކިޔަނީ ޒާރާ. މީމަގޭ ކޮއްކޮ ސާރާ” އެހެންބުނުމާއެކު އިއާން ސާރާއަށް ބަލައިލި އެވެ. ސާރާވެސް އިސްނަގައި އިއާންއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ހަތަރުކަޅި ދިމާވިއެވެ. ސާރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނަ އެވެ. އިއާންވެސް ހަމަ ސާރާގެ ހިނިތުންވުމަށް މަރުޙަބާ ކިޔުމުގެ ގޮތުން ހީލި އެވެ. މިމަންޒަރު ބަލަންހުރީ ޒާރާ އެވެ. އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ އިޙްސާސް އުފެދުނެވެ. އެކަމަކުވެސް ކޮއްކޮއޭ ހިތަށް އަރުވާފައި އެކަން ނުދައްކަވޭތޯ ބެލި އެވެ.

“މިރަށު މީހެއް ނޫންދޯތީ؟ އިއާން ކީއްކުރަނީތަ މިރަށުގަ؟ ” ސާރާއާ އިއާންގެ ބެލުމަށް ހުއްޓުމެއް ގެނައުމަށްޓަކައި ޒާރާ ބުންޏެވެ.

” އާނ، މިރަށެއް ނޫން. މިރަށަށް މިއައީ އަސްލު ޗުއްޓީގަ” އިއާން ޖަވާބުދިނެވެ. މިގޮތަށް ޒާރާ އިއާންއާ އެތަކެއް ސުވާލެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ސާރާ މިއަދު އިނީ މަޑުންނެވެ. ހީވާހީވުމަށް ލަދުންނެވެ.

“އޭ! ވަރަށް ލަސްވެއްޖެ، ދެންދަނީ. މާދަމާ އަންނާނަން އިނގޭ!” ޒާރާ މިހެން ބުނުމާއެކު އިއާންވެސް މައްސަލައެއް ނެތޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ.

ސާރާއާއި ޒާރާ ގެއަށްދާން ހިނގައިގަތީ ހަމަޔަޤީނުންވެސް އިރުތަކެއް ވުމަށްފަހުގަ އެވެ. ދިޔަމަގުމަތީގައިވެސް ޒާރާ އިއާންގެ ވާހަކަ ދައްކަމުން ދިޔަ އެވެ.

އޭގެ އަނެއްދުވަހުވެސް އެދެކުދިން އިއާން އާ ބައްދަލުކުރި އެވެ. އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރަމުން ދިޔަ އެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް މިދެކުދިންގެ އާދައަކަށް މިކަން ވެއްޖެ އެވެ. މިބައްދަލުވުންތަކުގައި ޒާރާގެ ހިތް އިއާން އަށް ކިޔައިފި އެވެ. ސާރާވެސް އިއާންއަކާ ގަޔާނުވެއެކޭ ނުބުނެވޭނެ އެވެ. އެހެންކަމުން މައްސަލަ ގޯސްވީ މިހާހިސާބުންނެވެ. އާއެކެވެ. އިއާން ލޯބިވީ ސާރާދެކެ އެވެ. މިލޯބި އޭނާގެ ހިތުގައި ނުބާއްވާ ސާރާއަށް ލޯބި ހުށަހެޅި އެވެ. ޒާރާގެ ހިތުގައި ނަފްރަތުގެ ހުޅުރޯވީ ޙަޤީޤަތަށް ބުނާނަމަ ދެނެވެ. ސާރާވެސް އެލޯތްބަށް އިންކާރުކުރުމުގެ ބަދަލުގައި ޤަބޫލުކުރިއެވެ. ވާނީވެސް އެހެންތާއެވެ. ޒާރާ އިއާންދެކެ ލޯބިވާކަމެއް ސާރާއަކަށް ނޭނގެ އެވެ.

މިގޮތަށް އިއާންއާއި ސާރާ ލޯބީގެ ގުލްދަސްތާގައި ކޮކާތަކެއް ފަދައިން އެނބުރޭއިރު ޒާރާވީ އެމަންޒަރު ބަލަންހުންނަ މީހަކަށެވެ. އިއާން އާއި ސާރާގެ އެގުޅުން އާލާކުރަމުންދާއިރު ޒާރާދިޔައީ ސާރާއާމެދު އޮންނަ ލޯބީގެ ގުޅުން ނަފްރަތުގެ ގުޅުމަށް ބަދަލުކުރަމުންނެވެ. މީގެ ނަތީޖާއަކަށްވީ އެމީހުންގެ ޢާއިލާ ރޫޅުމެވެ. އާއެކެވެ. މިދެމީހުންގެ ނަފްރަތުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބޮއްސުންލައިގެންގޮސް ގޭގައި ތޮޅުންތައް ގިނަވަނީ އެވެ. ދެމީހުންނަށް އެއްތާކު ނުތިބެވެ އެވެ. އެއްކޮޓަރިއަކު ނުނިދެއެވެ. މީގެކުރިން އެއްތަށިންނޫނީ ނުކެވިގެން އުޅުނު ދެކުދިން މިހާރު އެއް މޭޒެއްގައި ކާންވެސް ނަފްރަތު ކުރެ އެވެ.

ކަންމިހާހިސަބަށް ދިޔުމާއެކު އައިސައާއި ދޮންމޮހޮނު އެތައްފަހަރެއްގެ މަތިން ވިސްނާފައި މޮޅު ރޭވުމެއް ރޭވި އެވެ. އެއީ އެދެމީހުންވެސް މިކޯޅުންގަނޑުގައި ޝާމިލްވުމެވެ. މިއީ މިކަމުގެ ޙައްލުކަމުގައި އެމީހުންދުއްޓެވެ.

މެންދުރުގެ ކެއުމުގެ ވަގުތެވެ. ސުފުރާމަތީގައި ކާތަށިތައް އަތުރާލާފައި ހުއްޓެވެ. ޒާރާ އާއި ސާރާ މޭޒުގެ ދެފަރާތުގައި އިނެވެ. ދޮންމޮހޮނު ވާހަކަ ފެށުމުގެ ގޮތުން ކަރުކެހެލި އެވެ.

“ދަރިފުޅާ! ދަރިފުޅުގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން ބައްޕަ ފާހަގަކުރަން. ކިހިނެއްތަވީ؟” ޒާރާއަށް އިޝާރާތްކުރަމުން ދޮންމޮހޮނު ވާހަކަ ދެއްކި އެވެ.

“ބައްޕާ! މިހުރިހާކަމެއްގެ އަސްލަކީވެސް ކޮއްކޮ. ކޮއްކޮ ފާޑެއްގެ ސޮރަކާހެދި މޮޔަވަނީ. އޭނާއާހެދި މިހާރު ކޮއްކޮއަށް ދައްތައާ ވާހަކަދައްކާލާނެ ފުރުޞަތެއްވެސް ނުލިބޭ! ” ޒާރާ ޖަވާބުދިނެވެ.

“ނޫން ބައްޕާ! އެހެންނެއް ނޫން. ދައްތަ ކޮއްކޮއާ ވާހަކަނުދައްކަނީ. އަސްލު ވާގޮތް ކޮއްކޮ ބުނަންތަ؟ ކޮއްކޮ އިއާންއާ ރައްޓެހިވީމަ ދައްތަ ހަސަދަވެރިވީ. ” ސާރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އަނެއްކާވެސް މިދެމީހުން ބުޅާކޯޅޭހެން ކޯޅެން ފަށައިފިއެވެ. ދެން އައިސަ ދޮންމޮހޮނާ ދިމާއަށް ބުންޏެވެ.

” ދޮންމޮހޮނާ! ކަލޭވެސް މާ ސާރާ ރަނގަޅުކޮށްފަ ވާހަކަދައްކަނެކަމެއް ނެތް. ސާރާވެސް ރަނގަޅެއް ނޫން. ” އައިސަ މިހެންބުނުމާއެކު ދޮންމޮހޮނު ގަދަކޮށްލާފައި ޒާރާ ނުބައިކުރަން ފެށިއެވެ. މިގޮތަށް ޢާއިލާތެރޭގައި އޮތް ލޯބި ރުޅިވެރިކަމަށް ބަދަލުވެގެން ދިޔަ އެވެ. މިކޯޅުންގަނޑު ނިންމުމުގެ ގޮތުން ދޮންމޮހޮނު ބުންޏެވެ.

އައިސާ! ކަލެއަށް ޒާރާ ރަނގަޅިއްޔާ އެމަންޖެ ގޮވައިގެންދޭ! އަހަރެން މިދަނީ ސާރާގޮވައިގެން އަހަރެންގެ މަންމަގެ ގެއަށްދާން. މީގެފަހުން މިޢާއިލާ ރޫޅުނީ. ” މިހެން ބުނުމަށްފަހު ދޮންމޮހޮނު ސާރާ ގޮވައިގެން ގެއިން ނުކުމެގެން ދިޔަ އެވެ.

އާއެކެވެ. އެއާއިލާގެ ހަމަޖެހުން ނަގާލީއެވެ. އާއިލާގެ ތެރޭގައި އޮތްލޯބި ނެތިދިޔައީއެވެ. ދުވަހަކުވެސް ދޫކޮށްނުލާނޭކަމުގެ ހުވާކުރަމުންއައި ދެދައްތައިން ވަކިވީއެވެ. މިގޮތަށް ވަކިވުމަކުންވެސް އެދެމީހުންގެ ހިތަށް އުފާވެރިކަމެއް ނުލިބުނެވެ. މާބޮޑަށް މާޔޫސްވިއެވެ. އެކަކު އަނެކަކާއެކީގައި ނެތުމުން އެކަނިވެރިކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ކަންކަން ހިއްސާކޮށްލާނެ ބައިވެރިއަކު ނެތުމުން ނުހަނު ހިތި ވޭންތަކެއް ހިތުގައި ހަރުލެވެމުން ދިޔައެވެ.

މިގޮތަށް ދުވަސްތައް ދާންފެށުމުން އައިސަ ޒާރާއަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ. “ދަރިފުޅާ! ދަރިފުޅަށް މިހާރު ވިސްނިއްޖެތަ ކޮއްކޮ ނެތުމުން ދަރިފުޅަށް ވާތަދު. ހިތްދަތިކަން. ދަރިފުޅާ ތިނަފުރަތުގެ އަސަރުތައް ދޫކޮށްލާ! ކޮއްކޮ ކައިރިއަށް ދާންހިނގާ!” މިހެން ބުނުމާއެކު ޒާރާގެ ލޮލުން ލޭކަރުނަ އޮހެންފެށިއެވެ. އާއެކެވެ. މިއަދު އޭނާއަށް އެކަން އިޙްސާސްކުރެވިއްޖެ އެވެ.

ޒާރާ ސާރާ ކައިރިއަށް ދިއުމަށްޓަކައި ދުއްވައިގަތެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ ތިކިތައް ހުއްޓުމެއްނެތި ފައިބަމުން ދެއެވެ. ސާރާފެނުމާއެކު އޭނާގޮސް ސާރާގެ ގައިގައި ބައްދައިގަތެވެ. ދެމީހުންވެސް އަޑުންއަޑުނަގާ ރޯންފެށިއެވެ. އެކަކު އަނެކަކަށް މަޢާފަށް އެދުނެވެ. އަދި ސާރާ ބުންޏެވެ. ” ދައްތާ! ކޮއްކޮއަކަށް ނޭނގޭ ދައްތަ ކޮއްކޮދެކެ އެހާވަރަށް ރުޅިއަންނާނޭކަމެއް. ދެން ކޮއްކޮ އިއާންވެސް ދޫކޮށްލާނަން. ” ސާރާ މިޖުމްލަ ބުނުމާއެކު އަނެއްކާވެސް ރޯންފެށިއެވެ.

މިދެކުދިން ހުއްޓުވީ އައިސައެވެ. ” ދަރިފުޅުމެންނޭ! މިހާރު ދަރިފުޅުމެންނަށް އިހްސާސްވެއްޖެދޯ ތިޔަދެކުދިން އެކަކު އަނެކަކުދެކެވާލޯބި! ބައްޕައާއި މަންމަ މިހެން ކަންތައް ނުކުރިނަމަ ދަރިފުޅުމެން މިއަދުވެސް ތިބޭނީ ނަފްރަތުކަމުގެ އަސަރު ބޭރުފުށުން ދައްކައިގެން. ދަރިފުޅުމެން ދެން ދުވަހަކުވެސް ތިޔަގޮތަށް ނޫޅޭތި! ތިޔަ ދެކުދިންގެ ސަބަބުން ބައްޕައާއި މަންމަވެސް ދުރުގައި ހުންނަން ޖެހުނީ.” މިހެން ބުނުމާއެކު ދޮންމޮހޮނު އައިސް އައިސަ ގައިގައި ބައްދާލިއެވެ. ޒާރާއާއި ސާރާވެސް އޮޅުލައިގަތެވެ.

އާއެކެވެ. ޢާއިލާއެއްގެ ތެރޭގައި އުފެދޭ ލޯބި އެއީ ހާދަ އަސަރުގަދަ އެއްޗެކެވެ. އެއީ އަގުކުރެވޭނެ އެއްޗެއް ނޫނެވެ. އެކަކު ނެތުމުން އަނެކަކު އެކަމާ ހިތާމަ ކުރާނޭވަރުގެ ލޯތްބެއްކަން ކަށަވަރެވެ.
= ނިމުނީ =

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޝަހީލާ މުޙައްމަދު ނަޞީރު / ގްރޭޑް 10 ބީ (ބ. އަތޮޅު މަދަރުސާ) ލިޔެފައިވާ ވާހަކަ އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.