ޝާޔާން

ޝާޔާން އަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. މެދުފަންތީގެ ޢާއިލާއަކަށް އުފަން، އަޚްލާޤް ރަނގަޅު ގެވެހި ކުއްޖެކެވެ. އަމިއްލަ ރަށުގައި އުޅެ ބޮޑުވި، ޢާއިލާދެކެ ނުހަނު ލޯބިވާ ކުއްޖެކެވެ. ބައެއް އަންހެން ކުދިންނެކޭ އެއްފަދައިން ޝާޔާންވެސްވަނީ ލޯބީގައި ހިތި ތަޖްރިބާތަކެއް ކޮށްފައެވެ. ޝާޔާން އަށް ހީކުރެވޭގޮތުގައި ހުރިހާ އެންމެންވެސް ހަދާނީ އެއްގޮތެކެވެ. އެތައް ޒުވާނުންނެއް ޝާޔާން އަށް ލޯބި ހުށަހަޅަމުން ދެއެވެ. އޭގެތެރެއިން އެއް ޒުވާނަކީ ޝާމިން އެވެ.

ޝާމިން އަކީ އެހެން ފިރިހެންކުދިންނާ ތަފާތު، އަޚްލާޤް ރަނގަޅު، ދީނީ ކަންތައްތަކަށް ލޯބިކުރާ ހީވާގި ޒުވާނެކެވެ. ޝާމިންގެ ޢުމުރުންވީ ބާވީސް އހަރެވެ. ޝާމިންމެން ދިރިއުޅެމެންދަނީ މާލޭގައެވެ. ބަލި ދައްތައެއް ބަލަންޖެހިފައިވާތީ ރަށުގައި އުޅެވެން ނެތީމައެވެ. ޝާމިންއަކީވެސް ރާއްޖެތެރެއަށް އުފަން މެދުފަންތީގެ ދިރިއުޅުމެއް އުޅެމުންދާ ޒުވާނެކެވެ. ޝާމިންއަށް ޝާޔާން ކާމިޔާބު ކުރެވުނީ އެތައް އާދޭހަކާއި އެތައް އިންތިޒާރަކަށް ފަހުގައެވެ. މިދެމީހުން ބައްދަލުވީ ޗުއްޓީއެއްގައި ޝާޔާންގެ ރަށަށް ޝާމިން އައިސް އުޅުމުގެ ތެރޭގައެވެ. ޝާޔާން ޝާމިން އަށް އާބަސްބުނީ އުފާވެރި ދިރިއުޅުމެއް ލިބޭނެކަމުގެ ޔަޤީންކަން ޝާމިން ދިނުމުންނެވެ.

ޝާޔާން އާއި ޝާމިންގެ ގުޅުމަށް އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެ އެވެ. ޝާމިން ކޮންމެ ދުވަހަކުވެސް ޝާޔާންއަށް ގުޅަ އެވެ. ޙާލުބަލަ އެވެ. އެކަކު އަނެކެއްގެ ކަންތައްތައް ހިއްސާކުރެ އެވެ. މިހާރު މި ދެ ޒުވާނުންގެ ހިތުގައި ވަނީ ލޯބި އުފެދި އެކަކު އަނެކަކާ ނުލައި ނޫޅެވޭ ވަރުވެފަ އެވެ. ޝާޔާންގެ އެކަނިވެރި ޙަޔާތް އުފާވެރިވެ އުޖާލާވީ އެވެ.

ޝާޔާންއާ ޝާމިންގެ ގުޅުންގޯސްވާންފެށީ ޝާމިންގެ ފޯންކޯލްތައް މަދުވާންފެށިހިސާބުންނެވެ. ޝާޔާން ގުޅިޔަސް ގިނަފަހަރަށް ޝާމިން ފޯނު ނުނަގަ އެވެ. އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ޝާޔާން ނަމާދުކޮށްލައިގެން އައިސް ޝާމިންއަށް ގުޅިއެވެ. ޝާމިން ފޯން ނެގިއެވެ. އަދި އެބަގުޅަމޭ ކިޔާފައި ފޯން ކަނޑާލިއެވެ. ޝާޔާން ދެރަވިއެވެ. ޝާޔާންއަށް މާގިނައިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ޝާމިން ގުޅިއެވެ. ޝާޔާން ފޯން ނެގި އެވެ. އަދި ހަލޯއޭ ބުނިއަޑާއެކު ޝާމިންގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނެވެ. ޝާޔާން ހާސްވި އެވެ. އަދި އަވަސްއަވަހަށް ސުވާލުތައް ކުރަންފެށިއެވެ. ޝާމިން ވާހަކަދައްކަން ފެށި އެވެ. ޝާޔާންގެ އެއްވެސް ކުށެއްނެތި ޝާޔާން ދޫކޮށްލަން ޖެހޭތީ ދެރަވާކަމުގައި ބުންޏެވެ. އަބަދުވެސް ޝާޔާންދެކެ ލޯބިވާނެކަމަށާއި ޝާމިންއަށް އިންތިޒާރުކުރުމަށް އެދުނެވެ. ޝާޔާންއަށް ހީވީ މީހަކު ޝާޔާންގެ ހިތަށް އަރާފިތާލިހެންނެވެ. ގިސްލަގިސްލާފައި ރޯންފެށި އެވެ. އަދި ޝާމިން އެގޮތަށް ކަންތައްކުރަނީ ކީއްވެތޯ ސުވާލުކުރަން ފެށިއެވެ. ޝާމިން ރޮމުންރޮމުން ޝާމިންއަށް އެހެން ކައިވެންޏެއްކުރަން މަޖުބޫރުވީކަމުގައި ބުންޏެވެ. ދައްތަގެ ބައްޔަށް އިތުރު ޝިފާއެއް ހޯދުމަށް ލާރި ބޭނުންވެގެން އެނޫންގޮތެއް ނެތްކަމުގައި ބުނަމުން ދިޔަ އެވެ. ޝާޔާން ހިތާމަ ނުކުރުމަށާއި ޝާމިން އަދި ޝާޔާން ކައިރިއަށް އަންނާނޭކަމުގައި ބުނަމުން ދިޔަ އެވެ.

ޝާޔާންގެ ޙަޔާތަށް އައި ބަހާރުމޫސުމް ނިމި މިހާރުމިވަނީ ވޭނާއި ހިތާމަ އުފުލަންޖެހިފައެވެ. ޝާމިންއާއެކު ލޯބިން އުޅުނު ހަނދާންތައް އާވާކޮންމެފަހަރަކު އަޑުންއަޑުނަގާ ރޯންފަށަ އެވެ. ކާހިތްނުވެ އަބަދު ކޮޓަރީގައި އޮވެވެނީއެވެ. ހިތާމަޔާއި ހިތްދަތިކަމުގަ އެވެ. ޝާޔާންގެ ޙާލުބަލާކަށް ޝާޔާންގެ ޢާއިލާއަށް ކުޅަދާނައެއް ނުވި އެވެ. ޝާޔާންގެ ޢާއިލާއިން ނިންމީ ޝާޔާން އެހެންމީހަކާ ކައިވެނި ކުރުވުމަށެވެ. ނަމަވެސް ޝާޔާން އެގޮތެއް ބޭނުމެއް ނުވި އެވެ. ޝާޔާން ޝާމިންއަށް އިންތިޒާރު ކުރާނެ އެވެ. މުޅި އުމުރަށްވިޔަސް ހެޔޮކަމުގަ އެވެ. ޝާޔާންގެ ޢާއިލާގެ މެންބަރުންގެ އެދުމުގެ މަތިން ޝާޔާން ކައިވެނި ކުރުމަށް އާބަސްބުންޏެވެ. ނަމަވެސް ކުޑަދުވަސްކޮޅެއް، އެ ޒުވާނާޔާއެކު ހޭދަކުރުމަށް ބޭނުންވާކަމުގައި ބުންޏެވެ. އެ ޒުވާނާއަކީ ޝާޔާންގެ މަންމަގެގާތް ރައްޓެއްސެއްގެ ދަރިއެ ކެވެ. ޝާޔާން މާހިތްހަމަޖެހޭވެސް ޒުވާނެއް ނޫނެވެ. އެކަމަކު ޢާއިލާއަށްޓަކައި އާބަސްބުނީ އެވެ.

ޝާޔާން މިވާހަކަތައް ޝާމިންއާއެކު ހިއްސާކުރަމުން ދިޔައެވެ. ޝާމިން ކޮންމެ ދުވަހަކުވެސް ޝާޔާންއަށް ގުޅައި ޙާލުބަލައެވެ. އިންތިޒާރުކުރުމަށްއެދި އާދޭސްކުރެ އެވެ. ޝާމިންގެ ވާހަކަތައް ހުންނަގޮތުން ޝާމިން އުޅެނީ އުފަލުން ނޫންކަން ޝާޔާންއަށް އެނގެ އެވެ. ޝާޔާންއަށް ގުޅާ ކޮންމެ ފަހަރަކު ޝާމިން ރޮއެވެ. އެދިރިއުޅުން ބޭނުންނުވާކަމަށާއި ޝާމިން ބޭނުންވަނީ ޝާޔާން ކަމުގައި ބުނަމުން ދެއެވެ. ޝާމިންގެ އަންހެނުން ޝާމިންއަށް ހަދަނީ ހަދާނެގޮތެއް ކަމަށާއި ޝާމިންއަކީ އޭނާއަށް ނަމެއްގައިހުރި މީހެއްކަމުގައި ބުނަމުންދެ އެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝާޔާން ޝާމިންއަށް ގުޅި އެވެ. ޝާމިން ވަރަށް ހާސްވެހުރެ ދައްތަ ވަރަށް ސީރިއަސްކަމަށާއި ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމުގައި ބުންޏެވެ. ޝާޔާން ދެރަވި އެވެ. އަދި ޝާމިންއަށް ހިތްވަރުދެމުން ޝާޔާން އަބަދުވެސް ޝާމިންއާއެކު ވާނެކަމުގައި ބުނަމުން ދިޔަ އެވެ. ޝާޔާން ބޭނުންވީ މިވަގުތުވެސް ޝާމިންއާ އެކުގައި ވުމަށެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ޝާޔާންއަށްޖެހެނީ ރޯލާފައި ހުންނާށެވެ. ގޮތްހުސްވެފަ އެވެ.

ޝާޔާންގެ ޢާއިލާއިން ޝާޔާންއާ ކައިވެނިކުރުމަށް ކަނޑައެޅި ޒުވާނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި އެވެ. ޝާޔާންއާއި ޝާޔާންގެ ޢާއިލާ އުފާކުރިއެވެ. އެފަދަ ޒުވާނެއްގެ ކިބައިން ސަލާމަތްވެވުނީމަ އެވެ. ޝާމިންގެ ފޯންކޯލަށް އިންތިޒާރުކުރަމުންދިޔަ ޝާޔާންވަނީ ކެތްމަދުވެފަ އެވެ. އެވާހަކަތައް ޝާމިންއާއެކު ހިއްސާކުރުމަށެވެ. ޝާމިން ޝާޔާންއަށް ނުގުޅާތާ ދެދުވަސްވަނީ އެވެ. ޝާމިންގެ ޚަބަރެއް ނުލިބި ވަނުވާނޭނގިފައި ޝާޔާން އޮތެވެ. ކުއްލިއަކަށް ޝާޔާންއަށް ލިބުނީ މެސެޖެކެވެ. ޝާމިން ވަރަށް އަވަހަށް ޝާޔާންގެ ކައިރިއަށް އަންނަކަމުގެ ޚަބަރެވެ. ޝާޔާން އުފަލުން ނަށަންފެށިއެވެ. ހިތުތެރޭގައި އެތައް ސުވާލުތަކެއް ހުރެމެ އެވެ.

އާދުވަހަކަށް އިރުއަރައިފި އެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ޝާޔާންގެ ހިތްވަނީ އުފަލުން ނަށަނަށަ އެވެ. މިލާމޯޅިވެފައިވި މޫނުމަތިން ހިނިތުންވުން ފެންނަމުން ދެއެވެ. އާއެކެވެ. ޝާޔާން އިންތިޒާރުކުރަމުން އައިދުވަސް އައީއެވެ. ޝާޔާންގެ ޝާމިން، ޝާޔާންގެ ކައިރިއަށް އައީއެވެ. ޝާމިން އައީ އޭނާގެ އަންހެނުން ވަރިކޮށްފަ އެވެ. ޝާމިންގެ ދައްތަގެ ބަލިޙާލު ބޮޑުވެ މިދުނިޔެއިން ވަކިވީއެވެ. އެހާހިސާބުން ޝާމިންގެ އަންހެނުން އޭނާއަށާއި އޭނާގެ ޢާއިލާއަށް އަޅައެއް ނުލައެވެ. އޭނާ އުޅެންފެށީ އުޅޭނެ ގޮތަކަށެވެ. ޝާމިންވެސް އޭނާގެ ޢާއިލާއާއެކު ރަށަށް ބަދަލުވީއެވެ. އާޢަޒުމްތަކަކާއި ފޮނި އުއްމީދުތަކަކާ އެކުގަ އެވެ. ޝާމިންއާއި ޝާޔާން އެކުގައިބެލި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކަ އެވެ.

ޝާޔާންއާއި ޝާމިންގެ ކައިވެނި ކުލަގަދަގޮތެއްގައި ކުރެވިއްޖެއެވެ. ހިތާމަތަކަކަށްފަހު މިދެލޯބިވެރިންމިވަނީ އުފާވެރިކަމާއި ލޯބިން ފުރިފައިވާ ޙަޔާތެއް ފަށާފައެވެ. އެކަކު އަނެކަކާއެކު ތާއަބަދަށް އުޅުމަށް ވައުދުވަމުން ނެވެ.

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޢައިޝަތު ސާނިޔާ / ސައިމާގެ، ބ. ދަރަވަންދޫ ލިޔެފައިވާ ވާހަކަ އެކެވެ.
= ނިމުނީ =

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.