ރެޑްވޭވް ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅުނު މެޗުތަކުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި ކުޑަރިކިލުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ގޮއިދޫ މޮޅުވީ މިއަދު ހަވީރު ކުޅުނު މެޗުގައި ދަރަވަންދޫ އަތުން 3-1 އިންނެވެ. މި ގްރޫޕުގައި ހިމެނޭ ކުޑަރިކިލު މޮޅުވީ މިއަދު މެންދުރު ކުޅުނު މެޗުގައި ދޮންފަނާއި ވާދަކޮށް 5-3 އިން ނެވެ.
މި މުބާރާތުގެ ދެ މެޗު މާދަމާވެސް އޮންނާނެ އެވެ. ފުރަތަމަ މެޗުގައި މާދަމާ މެންދުރު ބައްދަލުކުރާނީ ގްރޫޕް އޭ ގެ ފެހެންދޫ އާއި ކެންދޫ އެވެ. ހަވީރު ކުޅޭ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ މާޅޮހެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އާއި ދެވަނަ ޓީމެވެ. މިމަހުގެ 20ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.