ވެދިންޤުރުބާނީ

ކުރިމަތިން ފެންނަމުންދަނީ ކުލަކުލައިގެ ބޮކިތަކުން ޖަރީކުރެވިފައިވާ މަގެކެވެ. މާލޭ މާފަންނު މަގުގައި ކޮންމެވެސް ހަފްލާއެއް ފާހަގަކުރަނީ އެވެ. މުޅި މަގުމަތިވަނީ ހަލަބޮލިވެފައެވެ. މީހުންނައިގެން ފުރިބާރުވެފަ އެވެ. ނަމަވެސް އެހާޖަރީކުރެވިފައިވާ ރީތި މަގެއްގެ އެއްކައިރީގައި ވީރާނަވެފައިވާ ފުދޭވަރަކަށް ކުޑަކުޑަ ގެއެއް އެބަހުއްޓެވެ. އެގޭގެ ފުރާޅުގައިވަނީ ލޯވަޅު ހެދިފަ އެވެ. ގެހަދާފައިވަނީ ފާޑުފާޑުގެ ގޯންޏާއި ޓިނު ބޭނުންކޮށްގެންނެވެ. އެގޭ ދޮރުމަތީގައި ފުދޭވަރަކަށް އިސްކޮޅުންދިގު، ހަންގަނޑުގެ ކުލަ ކަޅު ދެބައި ޢުމުރަށް ދާވަރުގެ ފިރިހެނެއް ހުއްޓިގެން ހުއްޓެވެ.

އާއެކެވެ. އެއީ ރިފްޢަތެވެ. އަމިއްލަ ފުރާނައަށް ވިސްނުމެއްނެތި ޚުދު އޭނާވެސް ނުދަންނަ މީހެއްގެ ފުރާނަ ސަލާމަތްކުރި އޯގާވެރިޔާއެވެ.

ދުވަހަކީ ހަމަހިމޭން ދުވަހެކެވެ. އެހެންދުވަސްދުވަހެކޭވެސް އެއްފަދައިން މިއަދުވެސް ރިފްޢަތު ގޭން ނިކުތީ މަސްމާރުކޭޓަށް ދާށެވެ. ނަމަވެސް އޭނާ މަސްމާރުކޭޓަށް ދިޔައީ އެއްވެސް ކަހަލަ ފައިސާއެއް ހިފައިގެންނެއް ނޫނެވެ. އޭނާގެ އަތުގައި އޮތްހާވެސް އެއްޗަކީ ކުޑަކުޑަ ފެންފުޅިއެ ކެވެ.

ރިފްޢަތު މަސްމާރުކޭޓަށް އެދަނީ ކީއްކުރަންތޯ އެވެ! ހަމަގައިމުވެސް ފައިސާ ނުލާގޮސް މަހެއް ނުގަނެވޭނެއެވެ. ރިފްޢަތަކީ މަހަށްގޮސް އުޅޭ މީހެއްވެސް ނޫނެވެ. އެހެންކަމުން އޭނާއަކަށް މަސްވިއްކާކަށެއްވެސް ނުދެވޭނެ އެވެ. އެއްވެސް ބޭނުމެއްނެތި އެހާ އަވިގަދަ ދުވަހެއްގައި މަސްމާރުކޭޓަށް ރިފްޢަތު ދިއުމުގެ ބޭނުމަކީ ކޮބައިބާ އެވެ؟

މަޑުމަޑު ހިނގުމެއްގައި ރިފްޢަތުގޮސް ހުއްޓުނީ ބަޔަކުމީހުން މަސްކަނޑާތަނެއްގައެވެ. ފަހަރަކު މީހެއްގެ ކައިރިއަށް ޖެހިލުމަށްފަހު ރިފްޢަތު އެއްޗެކޭ އެމީހުންގެ ގާތު އަހަމުންދެއެވެ. ” ބޭބޭ. ބޭބޭ! އަހަންނަށް މަސައްކަތެއް ޙަވާލުކޮށްބަލަ! އަހަރެން ތިމަސްވެސް ކަނޑައިދީފާނަން. އެންމެ ކުޑަވެގެން ބޭބެތި އުކާލާ ކަރުގޮހޮރުތައްވެސް އަހަރެން އުކާލަން ހިނގައިދާނަން. އަހަރެންގެ ބަނޑުހައިހޫނުކަން މިއަދަށް ފިލުވާލެވޭނެ ގޮތެއް ހަދައިދީބަލަ! ” އާދޭހުގެ ރާގެއްގައި ރިފްޢަތު އެތައް މީހެއްގެ ގާތުގައި އަހައިފި އެވެ. ނަމަވެސް އެކަކުވެސް އާނއެކޭ ނުބުންޏެވެ.

މަސައްކަތެއްނެތި ބޭކާރުވެއްޖެ އެވެ. ކުރާނެހަމަ އެއްވެސްކަމެއް ނެތުމުން ކަރުއެލުވާލައިގެންހުރެ މާރުކޭޓުން ނުކުތެވެ. ކުއްލިއަކަށް ރިފްޢަތުގެ ކަޅިހުއްޓުނީ ބަޔަކުމީހުން ގަޔަށްބޮލަށްއަރާ ތަޅާފޮޅާ މަންޒަރަކަށެވެ. ބާރު ހިނގުމެއްގައި ރިފްޢަތުގޮސް ހުއްޓުނީ އެމީހުންގެ މެދަށެވެ. ވެގެންއުޅޭގޮތް އޮޅުންފިލުވުމަށެވެ. ރިފްޢަތަކީ ކިތަންމެ ފަޤީރު ނިކަމެއްޗަކަސް އޭނާ ، އޭނާ ދިރިއުޅެމުންދާ މުޖުތަމަޢާދޭތެރޭގައި ވިސްނަ އެވެ. ދުވަހަކަށްފަހު ދުވަހެއް ގޯސްވަމުންދާތީ އެވެ. އެކަންކަމުން އޭނާއަށްވެސް ގެއްލުންލިބޭނެކަމަށް އޭނާއަށް ވިސްނޭތީ އެވެ.

ރިފްޢަތު ވަރަށް މަސައްކަތް ކޮށްފި އެވެ. މައްސަލަ އޮޅުންފިލުވުމަށެވެ. ނަމަވެސް މައްސަލަ ޖެހިގެންއުޅޭ ދެފަރާތުންވެސް ރުޅިއައިސްފައި ތިބިލެއް ބޮޑުކަމުންނާއި ލަވާހަޅޭކުގެ އަޑުގަދަކަމުން އެއްޗެއް އެހޭގޮތެއް ނުވެ އެވެ. ނަމަވެސް އޭނާއަށް އެނގޭހާވެސް އެއްޗަކީ ކޮންމެވެސް މީހަކު ވައްކަންކޮށްފިކަމެވެ. ނަމަވެސް އޮޅުމެއް ނުފިލަ އެވެ.

ރިފްޢަތު ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ނޭވާ ހާސްވާން ފެށުމުންނެވެ. އުނދަގޫވާތި އެވެ. ރިފްޢަތު ފަހަތަށް ޖެހިލިވަގުތު ރިފްޢަތުގެ ކުރިމަތީގައި ހުރި މީހާ ތޫނު ހަންޖަރެއް ނެގި އެވެ. ހަމައެއާއެކު އިތުރު ވިސްނުމަކާއި ފިކުރެއްނެތި ރިފްޢަތު ކުރިއަށް ޖެހުނެވެ. ދެންކަންތައްވީ ހީވެސްކޮށްފާނެ ގޮތަކަށެއް ނޫނެވެ. ވައްކަންކުރި ކުއްވެރިޔާއަށް ސަލާމަތަށްޓަކައި ރިފްޢަތު ޚުދު އޭނާގެ ފުރާނައަށް ގެއްލުންވިޔަ ދިނެވެ. އާއެކެވެ. އެތޫނު ހަންޖަރު ހެރުނީ ރިފްޢަތުގެ ކަނާތުފައިގެ ފަލަމަސްގަނޑަށެވެ. ވާނުވާބަލަންތިބި އެންމެން އެ ދިމާއަށް ދުއްވައިގަތެވެ. އޭރު އެއްބަޔަކުވަނީ ސިފައިންނަށް ގުޅާފަ އެވެ.

މުޅިތަން އަނދިރިވެއްޖެ އެވެ. ވާނުވާއެއް ނޭނގުނެވެ. މަޑުމަޑުން ތިރިވަމުންތިރިވަމުންގޮސް ރިފްޢަތު ބިންމައްޗަށް ވެއްޓިއްޖެ އެވެ. އެތޫނު ހަންޖަރު ރިފްޢަތު ގަޔަށް ހަރާލިމީހާ ދުވެ ފިލައިފި އެވެ. މާލަސްތަކެއްނުވެ ސިފައިން އަތުވެއްޖެ އެވެ. އެވަގުތު ރިފްޢަތުވަނީ ހޭނެތިފަ އެވެ. ޚަބަރު ހުސްވެފަ އެވެ. އެތަނުން މީހަކު ވީގޮތް ސިފައިންނަށް ކިޔައިދިނެވެ. އޭރުވެސް ރިފްޢަތުގެ ފައިން ހޯސްލާފައި ލޭފައިބައެވެ. މަގުމަތިހީވަނީ ލޭގެ ކޯރެއްދަމާލާފައި އޮތްހެންނެވެ.

އެންމެންވެގެން ރިފްޢަތަށް އަވަހަށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔައެވެ. އޮޕަރޭޝަން ތިއޭޓަރަށް ރިފްޢަތު ވެއްދުމަށްފަހު ނެރުނީ ދެގަޑިއިރާ ފަނަރަ މިނެޓް ވީފަހުންނެވެ. އެއަށްފަހު ރިފްޢަތު އައިސީޔޫއަށް ވެއްދުނެވެ. ބައިގަޑިއިރު ފަހުން ރިފްޢަތު ހޭ އެރި އެވެ. އޭނާގެ ވަށައިގެންވަނީ މީހުންނެވެ. ހުސް ނުދަންނަ މީހުންނެވެ. ސިފައިންގެ ދެމީހަކުވެސް ރިފްޢަތުގެ ކައިރީގައި ހުއްޓެވެ. ސިފައިން އެމައްސަލަ އިތުރަށް އޮޅުންފިލުވުމަށްޓަކައި ރިފްޢަތު ގާތުގައި އެއްސެވެ. ރިފްޢަތު ތެދުތެދަށް އެ ވާހަކަތައް ކިޔައިދިނެވެ.

ރިފްޢަތު އެދުވަހުގެ ހަތަރުދަމު ނުކައިހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއެކު ފާޚާނާއަށް ދިއުމަށްޓަކައި އެނދުން ފައިބަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް ނުފޭބުނެވެ. ފަޔަށް އުނދަގުލެއްވަނީއެވެ. ތަދުވެސް ވަނީއެވެ. ރިފްޢަތު ބެޑްޝީޓްނަގާ ހިއްލައިލިއެވެ. ރިފްޢަތުގެ ދެލޯ ފެންކަޅިވިއެވެ. އޭނާގެ ދެއަތުން ފައިގައި އަތްކާއްތަން ފެށިއެވެ. އޭނާއަށް ރޯންފެށުނެވެ. ކެތްކުރިއެވެ. މޭގައި އަތްއަޅާލުމަށްފަހު އެނދުގައި އޮށޯތެވެ. އޭނާ ހިތާހިތާ ކިޔާލިއެވެ.” އަހަރެންކަހަލަ ނިކަމެތި ފަޤީރަކަށް މިހެން ކަންތައްވާން ﷲ ނިޔާކަނޑައެޅުއްވީ ކީއްވެގެން ހެއްޔެވެ؟ ކޮންކުށެއް އޮވެގެން ބާވަ އެވެ. އަހަރެންނަށް ލިބިފައިވާ ނިކަމެތިކަމާއެކު އުޅެނިކޮށް އަނެއްކާ އިތުރު ނިކަމެތިކަމެއް މެދުވެރިވީ ކީއްވެބާވަ އެވެ؟ އާއެކެވެ. އަހަންނަކީ މިހާރު ނުކުޅެދޭ މީހެކެވެ.”

ރިފްޢަތުގެ ހިތް ފަޅައިގެން ދިޔަކަހަލަ އެވެ. ވާނީވެސް އެހެންތާ އެވެ. ރިފްއަތުގެ ފަޔަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ފައިބުރިކޮށްލަން ޖެހުނީ އެވެ. އެނޫންގޮތެއް ނެތީ އެވެ.

މާފަންނު މަގުގައި ފާހަގަކުރަމުންދާ ޕާޓީއާ ދިމާއަށް ބަލަން ހުރުމަށްފަހު ރިފްޢަތު ދަނޑިބުރީގެ ބާރުގައި ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ހަމައެވަގުތު ކާރެއް އައިސް ރިފްޢަތުގެ ވީރާނާވެފައިވާ ގެއާދިމާއަށް ހުއްޓިއެވެ. ކާރުން ނިކުމެގެން އައި ދެމީހަކު ރިފްޢަތަށް ގަނޑުކޮޅެއް ދިނެވެ. އެގަނޑުކޮޅަކީ ސެޓްފިކެޓެކެވެ. އެ ސެޓްފިކެޓްގައި އޮތީ ރިފްޢަތު ކުރި ފުރިހަމަ މަސައްކަތަށްޓަކައި، މުޖުތަމަޢަށް ވެދިން ޤުރުބާނީއަށްޓަކައި ދެލައްކަ ރުފިޔާގެ އެހީއެކެވެ. ހަމައެއާއެކު ރިފްއަތަކީ މިހާރު ނުކުޅެދޭ މީހަކަށްވުމުން ކޮންމެ މަހަކު ދެހާސްރުފިޔާގެ ޕެންޝަނެއް ލިބޭނެވާހަކަވެސް އޮތެވެ.

އާއެކެވެ. މިފަހަރު ރިފްޢަތުގެ ދެލޯ ފެންކަޅިވިއެވެ. ހިތާމައަކުން ނޫނެވެ. އުފަލުންނެވެ. އެހާގިނަ އަހަރުތަކަކަށްފަހު ލިބުނު ހިތްހަމަޖެހުމަކުންނެވެ.
= ނިމުނީ =

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި މަރިޔަމް ފާޚިރާ (ގްރޭޑް 9 ބީ) ބ. ދަރަވަންދޫ ލިޔެފައިވާ ވާހަކަ އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.