
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ފޭލި ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގައި 291 ފަރާތުން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް އޯގަސްޓް 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިން ކިޔަވަންޖެހޭ ގޮތުގެ ތަރުތީބު މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ފޭލިން ބުންޏެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތަކީ ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމާއި، ރީތިކޮށް ތަޖުވީދުމަގަށް ގުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ބާއްވާ 10 ވަނަ މުބާރާތެވެ.