ކޮންޒަވޭޝަން ފަންޑުން ހިލޭ އެހީއަށް އެދުމަށް އިތުރު މުއްދަތެއް

ހަނިފަރު: ފޮޓޯ ބައޮސްފިއާ ރިޒާވް
ހަނިފަރު: ފޮޓޯ ބައޮސްފިއާ ރިޒާވް

 

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ދޫކުރާ ހިލޭ އެހީއަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދަށުން، ޕްރޮޕޯސަލް ހުށަހެޅުމަށް ދިން މުއްދަތު ޑިސެމްބަރު 31 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ކުރިން އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާ ގޮތަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިފަންޑު ގާއިމްކޮށް ހިލޭ އެހީ ދިނުމުގެ ބޭނުމަކީ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއަ ރިޒާވްއެއްގެ ގޮތުގައި ގާއިމުކުރެވިފައިވާ މިއަތޮޅަކީ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަމޫނާ އަތޮޅެއްގެ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

މިގޮތުން މިއެހީ ދޭނީ މައިގަނޑު ތިންބަޔަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ އިތުރުން، އުނގެނުމާއި ދިރާސާ ކުރުމާއި މައުލޫމާތު ފެތުރުން ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮންވަޒޭޝަން ފަންޑުން ހިލޭ އެހީ ދޫކުރާނީ އެންމެ ގިނަވެގެން 231،300 ރުފިޔާ ކަމަށެވެ. އަދި މިއެހީގެ ދަށުން ހިންގާ މަޝްރޫއުތައް ގިނަވެގެން ދެއަހަރުގެ ތެރޭގައި ނިންމަންޖެހޭނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ރޭވިފައި ވާންވާނީ ތިމާވެށި ހިމާޔަތް ކުރުމާއެކު އާމްދަނީ ހޯދާނެ ގޮތްތަކާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށާއި ހަމަހަމަކަން ކުރިއަރުވަން މަސައްކަތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމުގައިވެސް އެމިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ އަދި ރަށު ފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އިލްމީ ދިރާސާތައް ކުރާ އިދާރާތަކަށާއި އަންހެނުންގެ ކޮމިޓީތަކަށާއި ކައުންސިލްތަކަށާއި އަދި ރިސޯޓްތަކަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާ އެއްވެސް ޕްރޮޕޯސަލެއް މިފަހަރު ގަބޫލުކުރަން ހަމަޖެހިފައި ނުވާ ކަމަށާއި އަމިއްލަ ފަރާތަކުން ޕްރޮޕޯސަލެއް ހުށަހަޅަން ބޭނުންނަމަ އެފަދަ ޕްރޮޕޯސަލެއް ހުށައަޅަންޖެހޭނީ މަދަނީ ޖަމިއްޔާއެއް ނުވަތަ އަންހެނުންގެ ކޮމިޓީއެއް ނުވަތަ ކައުންސިލް އިދާރާއެއް ތަމްސީލްކުރާ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ބައޮސްފިއާ ރިޒާވް އޮފީހުން ބުނި ގޮތުގައި ޑިސެމްބަރު 31 އަށް މުއްދަތު އިތުރުކުރީ ކުރިން ދީފައިވާ މުއްދަތު ކުރުކަމުންނާއި ވީހާ ވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.