ކޯސްޓްލައިން ހޮޓެލް އެންޑް ރިސޯޓްސް އިން ދަރަވަންދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް ހިންގައި ބަލަހައްޓަން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާ ހަވާލުކޮށްފި އެވެ.
ބ. އަތޮޅުގައި ތަރައްގީކުރާ ޑޮމެސްޓިކް މި އެއާޕޯޓުގެ އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ހާރިސް އެވެ. އަދި ކޯސްޓްލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މަނިކެވެ.
އައިއޭއެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ ހުޅުވަން ތައްޔާރުވަމުން އަންނަ މި އެއާޕޯޓުގެ “މެނޭޖްމަންޓް އެންޑް އޮޕަރޭޓިން” ކޮންޓްރެކްޓެއްގައި ސޮއިކުރުމަކީ އެ ކުންފުންޏަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.
“މިހާރު އެއާޕޯޓުގެ ބޮޑުބައި ވަނީ ނިމިފައި. މިހާރު ހުރީ ކުދިކުދި މަސައްކަތްތަކެއް. އެހެންވެ އެ ކަންތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ،” ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިއޭއެސް އިން އެއާޕޯޓެއް ހިންގަން ހަވާލުވި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި މަސައްކަތް ފެށުމުގެ ކުރިން އަދި ބައެއް ކުދިކުދި ކަންތައްތައް ފުރިހަމަކުރަންޖެހޭ ކަމަށެވެ.
“އެތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ދިނީ ކޯސްޓްލައިނުން. އަދި އެތަނަށް ބޭނުންވާ ސްޓާފުން ވެސް އަދި ތަމްރީން ކުރަންޖެހޭ. އަދި މި ނޫން ވެސް އިތުރު ކަންތައްތައް ކުރަން އެބަހުރި،” ނަޝާތު ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓް ކޯސްޓްލައިނާ ހަވާލުކޮށްފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބޭ ގޮތަށެވެ. ދަރަވަންދޫ ކައުންސިލުން މިދިޔަ މަހު ބުނެފައިވަނީ އެ އެއާޕޯޓުގައި ޓެސްޓް ޕްލައިޓްތައް މިމަހު ޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. (ޚަބަރު / ހަވީރު އޮންލައިން)