ގެއްލުނު މާޒީ

ދުވަހަކީ ވައިރޯޅި މަޑު ނަމަވެސް ހިތްގައިމު ދުވަހެކެވެ. ކ. މާފުށީޖަލުން ނިކުމެގެން އެއަންނަނީ ރ އިނގުރައިދޫ މޫސަ އެވެ. ފެންނަފެނުމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުވެފައިހުރި މީހެއްކަން ފާހަގަވެގެންދެ އެވެ. އެއީ ލާފައިހުރި ހެދުމުންނާއި ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކަމުންނެވެ. މޫސަ ޖަލުން ނިކުމެފައި ހިންދަމާލިއެވެ. މިނިވަންވީމާހުރީ ވަރަށް އުފާވެފައިހުރި ކަހަލަ ގޮތަކަށެވެ.

ދެދުވަސް ނުވަނީސް ސިފައިންގެ އެހީގައި މޫސަ ރަށަށް ދިޔަ އެވެ. ރަށަށް ފޭބުމާއެކު ކުރުވީ އެހެންކަހަލަ އިޙްސާސްތަކެކެވެ. މޫސަގެ ހަނދާނަށްއައީ މީގެ ތިރީސް އަހަރުގެ ކުރީގެ ހަނދާންތަކެވެ. އޭނާގެ ޒުވާން ޢުމުރުގައި އުޅުނު ގޮތުގެ ހަނދާންތަކެވެ. އޭރު މޫސައަކީ ނުކިޔަވައި ވަރަށް ގޯސްކޮށް އުޅުނު މީހެކެވެ. މައިންބަފައިންގެ ބަހެއް ދުވަހަކުވެސް ނާހާނެ އެވެ. މިހެންއުޅެމުންގޮސް މޫސަ އެރަށުގެ ނިކަމެތި އަންހެނަކާ އިނދެފި އެވެ. އެވެސް މައިންބަފައިންގެ ނުޤަބޫލުގަ އެވެ. އާމްދަނީ ހޯދުމަށްކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މޫސަގެ މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔައިފި އެވެ. މޫސައަށް ބައްޕަގެ ފަރާތުން އަޅާލުމެއް ނުލިބެ އެވެ.

މިހެން އުޅެނިކޮށް މޫސައަށް ވަރަށްދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ހަމައެކަނި މޫސައަކަށް ނޫނެވެ. މުޅި ދުނިޔެއަށްވެސް މިދުވަސްތަކާ ކުރިމަތިލާން ޖެހުނީ އެވެ. އެއީ ދެވަނަ ބޮޑުހަނގުރާމަ ފަށައިގެން އުޅުނު ދުވަސްވަރެވެ. އޭރު މޫސަގެ އަންހެނުން ޙައްވަ އިނީ ވިހަން ކައިރިވެފަ އެވެ. މިހަނގުރާމައެއް ފަށައިގެން އުޅޭކަންވެސް އެނގުނީ މާފަހުންނެވެ. އެއީ އޭރަކީ މުވާޞަލާތީ ޚިދުމަތް ލިބެންހުރި ޒަމާނަކަށް ނުވާތީ އެވެ. މިހެންކަމުން މޫސައަކަށް މަސްބާނަން ދެވޭނެގޮތެއް ނުވި އެވެ. ހަމައެކަކަށްވެސް މަހަށްދާކަށް ނުކެރުނެވެ. ހަނގުރާމައިގެ މައިދާނުގައި މުޅިރާއްޖެ އޮތީ ހިޞާރުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ކާޑުގެ ބާވަތްތައްވެސް އެތެރެއެއް ނުކުރެވުނެވެ.

މޫސަ ހަދާނެގޮތް ހުސްވެއްޖެ އެވެ. ގަހަކުން އެއްޗެއް ނުލިބެ އެވެ. ނުވިތާކަށް ކަނޑުމަހެއްވެސް ނުލިބެއެވެ. އަނބިމީހާއަށް ކާންދޭނެ އެއްޗެއް ނުލިބެ އެވެ. ވަރަށްދަތި ޙާލުގައި އުޅެމުންވެސް ޙައްވަ ވިހަންވާއިރަށް އެއްޗެހި ހޯދަން ފެށި އެވެ. ޙައްވަހުރީ ހައިރާންވެފަ އެވެ. އެންމެ ލޯލާރިއެއް ނުލިބެގެން އުޅުނު މޫސަ މިއަދު އޭނާ ވިހަންވާއިރަށް އެއްޗެހި ހޯދާ ނިންމައިފި އެވެ. މަދުމަދުންނަމަވެސް ކާލާނެ އެއްޗެހި ލިބެއެވެ. ގޮނޑުދޮށުގައި ހުންނަ ބޯށި ގަސްތަކުން އެއްބައިދުވަސްދުވަހު ބޯށިކައެވެ. މިކަމުގެ ސަބަބުން މޫސަގެ އަންހެނުންގެ ބަނޑުގައިއޮތް ދަރިފުޅަށް ގެއްލުމެއް ލިބިދާނެކަމުގެ ޚިޔާލެއްވެސް ނުގެންގުޅެއެވެ. މޫސަބަލަނީ އަބަދުވެސް އަންހެނުންނަށް ކާއެއްޗެހި ހޯދޭނެ ގޮތެއް ހޯދުމެވެ. މޫސަ ގިނަފަހަރަށް ހުންނަނީ ރޯދައަށެވެ.

ސާދަ ރަޖަބުވީ ހުކުރުވިލޭރޭ މޫސަގެ އަންހެނުން ލޯބިލޯބި އަންހެން ކުއްޖެއް ވިހައިފި އެވެ. އެހެންނަމަވެސް ދުނިޔެއަށް ކުޑަވަގުތުކޮޅަކަށް ނޭވާލުމަށްފަހު އެ ތުއްތު ތުއްތު ފުރާނަ މި ދުނިޔެއާ އަލްވަދާޢު ކިޔައިފި އެވެ. މިކަންވެގެންދިޔައީ އެދެމަފިރިންނަށް ލިބުނު ނުހަނު ބޮޑު ހިތްދަތިކަމަކަށެވެ. މޫސަގެ އަންހެނުން މިކަމާހެދި ދުނިޔެއިން މޮޔަވީ އެވެ. އެހެންނުވާނީ ކީއްވެގެންހެއްޔެވެ؟ ޙައްވަ މަޔަކަށްވީ އެންމެ މަދު ސިކުންތު ކޮޅަކަށެވެ. ނުވަމަސްދުވަހާއި ނުވަދުވަހު ބަނޑުގައި އެތައް ވޭންތަކެއް އަޅަމުންވެސް ދަރިފުޅު ދުނިޔެއަށް އުފަންވާއިރަށް ސިކުންތުކޮޅެއް ނުވަނީސް މަރުވީވިއްޔާ އެވެ. މިކަމާހެދި މޫސަ ބޯގޮވައިފި އެވެ. ހަތަރު އުދަރެސް ފެނުޖެހިއްޖެ އެވެ. ހަދާނެގޮތް ހުސްވެއްޖެ އެވެ. މޫސަގެ އެކަކުވެސް މިހާރު ދުނިޔެއަކު ނެތްކަހަލަ އެވެ. ގައިމު މަންމަމެންގެ ބަސްއެހުނުނަމަ މިޙާލެއް މޫސައަކަށް ނުޖެހުނީސްވިއްޔާ އެވެ. ބައްޕަގެ ލޯތްބާއި އަޅާލުން މިއަދު ލިބުނީސް ވިއްޔާ އެވެ. މިހެން ވިސްނަންއިންދާ އެތަނަށްއައީ އޮފީހުން ފޮނުވައިގެން އައިސްތިބި ދެމީހުންނެވެ. އެމީހުން ބުނާގޮތުން މޫސަވަނީ ވަރަށް ގިނަ ލާރިތަކެއް ވަގަށްނަގާފަ އެވެ.

މޫސަ މިކަމާ އެއްބަސްވެ އިޢުތިރާފް ވިއެވެ. އެއީ އެލާރިއަކީ މޫސަގެ އަންހެނުން ވިހޭގެއަށް ބޭނުންވާނެ ސާމާނުގަންނަންވެގެން ވަގަށްނެގި ލާރިތަކެކެވެ. އެކަންވެސް ވެގެންމިދިޔައީ ބޭކާރުކަމަކަށެވެ. ފަހަރުގައި މިއީ އޭނާގެ ތަޤްދީރުގައި މާތްﷲ ލައްވަފައިވާ ގޮތްކަން ނޭނގެ އެވެ. އޭނާގެ ހިތަށް މިކަހަލަ ބައިވަރު އެއްޗެހި އަރަމުންދިޔަ އެވެ. މޫސަކުރި ވައްކަމުގެ ސަބަބުން ތިރީސްއަހަރަށް ޖަލުގައި ބަންދުކުރެވުނެވެ.

މޫސަގެ ހަނދާންތަކުން ނުކުމެވުނީ މޫސަގެ ގައިގައި މީހަކު ކޮއްޓާލުމުންނެވެ. އެމީހަކު ބުންޏެވެ. ” ތީ ކާކު؟ ކޮންރަށަކު ކުއްޖެއް؟” ޖަވާބުގައި މޫސަ ބުންޏެވެ. ” އަހަންނަށް ކިޔަނީ މޫސަ. އަހަންނަކީ މިރަށު މީހެއް. ތީކާކު؟” އެމީހާބުންޏެވެ. ” އަހަރެންވެސް މީމިރަށުމީހެއް. އަހަންނަށް ކިޔަނީ ޢުމަރު” މޫސަބުންޏެވެ. ” ތީ އުމަރުބެތަ؟” އުމަރުބެ ބުންޏެވެ. ” ކިހިނެއްތަ އެކޮޔަށް އެނގުނީ. އާނ، އާނ ވިސްނިއްޖެ. ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ތަކުރުފާނުގެ ދަރި މޫސަދޯ!” މޫސަބުންޏެވެ. ” އާނ! އުމަރުބޭ މީމޫސަ. އުމަރުބޭ އަހަންނަށް މާފްކުރޭ. އަހަރެން އުމަރުބެގެއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިން. އެކަމާ އަހަރެން ދެރަވެ ހިތާމަވެސް ކުރަން. މިހާރު އަހަރެން ކުރި ކުށަށް އަހަރެން ތަޢުބާ ވެއްޖެއިން. އުމަރުބެ އަހަންނަށް މާފުކުރާނަންދޯ!” އުމަރުބެ ބުންޏެވެ. ” އެކޮއި ދެން އަޅާނުލާ އެވީގޮތެއް އެވީ . އެކޮއި ބޭބެގާތު އެންމެ ފަހަރަކުވެސް ބުނިނަމަ ރީތިކޮށް ދިނީމުހޭ.” އުމަރުބެ މޫސައަށް ހަމްދަރުދީވިއެވެ. އުމަރުބެ މޫސައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މޫސަގެ އަންހެނުންނާއި މޫސަގެ ބައްޕަވެސް މިހާރު ދުނިޔޭގައި ނެތްވާހަކަ ބުންޏެވެ. މޫސަ އެކަނިވީއެވެ. އޭނާގެ އެކަކުވެސް މިއަދަކު މިދުނިޔެއަކު ނެތެވެ.

އުމަރުބެ މޫސައަށް ވިސްނައިދިނެވެ. އަލުން އާދިރިއުޅުމެއް ފަށަންޏާ ކުރީގައިވީ ކަންތައް ހަނދާންނައްތާލާ މާތްﷲއަށް އީމާންވެ ދިރިއުޅުން އާރާސްތު ކުރުމަށެވެ. އަދި މިކަމުގައި އުމަރުބެ މޫސައަށް އެހީތެރިވާނެކަމަށާއި މޫސައަށް އަޅާލާނެކަމަށްވެސް އުމަރުބެ ބުންޏެވެ.

އާޙަޔާތެއް ފަށައިފިއެވެ. އުމަރުބެއާއެއްކޮށް މޫސަ ވިޔަފާރިއެއް ފަށައިފިއެވެ. ދީނުގެ ކަންތައްތަކަށް ސަމާލުވެ އަޅުކަމައިގެން އުޅެންފަށައިފިއެވެ. މޫސަ އަލުން ދުނިޔެއަށް އުފަންވީކަހަލައެވެ. ދުވަސްތައް ހަފްތާތަކަށް ބަދަލުވެ ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދެއެވެ. މިހާރު މޫސައަކީ މުޅި ރާއްޖޭގައިވެސް ނަންވިދާލާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މީހުން ކަންކަމައިގެން މޫސަކައިރިއަށް އާދެއެވެ. ވާނީވެސް އެހެންވިއްޔާއެވެ. ރާއްޖޭގައިހުރި މަޝްހޫރު ވިޔަފާރިވެރިޔަކަށްވީތީއެވެ. މޫސަޔަށް ކުރެވުނު ކުށާދޭތެރޭ މިހާރު އޭނާ ދެރަވެއެވެ. އަމިއްލަ ނަފްސުދެކެ ލަދުގަނެއެވެ. މޫސައަށް އެއައީ އަޑިގަނޑަކަށްފަހު އުސްގަނޑެކެވެ.
= ނިމުނީ=

(ނޯޓް: މިއީ ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާ އާއި އީޓީ ގުޅިގެން މިއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އާމިނަތު ފަޒްލާ (ގްރޭޑް 10 ބީ) ބ. ދަރަވަންދޫ ލިޔެފައިވާ ވާހަކަ އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.