މާލަސްވެއްޖެ

(އާމިނަތު އަޒްލިފާ / ގްރޭޑް 9 ބީ)

ވަރަށް ވިއްސާރަ ރެއެކެވެ. މުޅި ޖައްވުތެރޭގައިވަނީ ފިނިކަމެވެ. އެ ފިނިކަމުގެ ތެރޭގައި މޫނާ އެއްކޮށް ރަޖާއަޅައި ފޮރުވައިގެން ނިދީގެ އަރާމަށް ގެނބިފައިވަނީ ކިތައް މީހުންކަމެއްވެސް ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ ޝިފްނާގެ ލޮލުން ނިދީގެ އަސަރެއް ފެންނަން ނެތްކަމެވެ. ޝިފްނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްދަތިކަމެވެ. ޝިފްނާ އިނީ އޭނާގެ ކޮޓަރީގައިވާ އެނދުގައި އިށީނދެލައިގެންނެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. ޝިފްނާ އިނީ މާޒީގެ ޚިޔާލުތަކަށް ގެއްލިފައެވެ. އޭނާގެ ޚިޔާލުގައިވަނީ މީގެ އެއް އަހަރުކުރިން ހިނގާދިޔަ ބިރުވެރި ހާދިސާއެވެ.

އެއީވެސްހަމަ މިކަހަލަ ރެއެކެވެ. ވަރަށް ވިއްސާރައެވެ. ވައިޖެހޭލެއް ބާރުކަމުން ގަސްތަކާއި ރުއްތައް ވެއްޓެމުން ދެއެވެ. ގޭގޭގެ ފުރާޅުގައިވާ ޓިނުތައްވެސް ވަޔާ އެއްލައިލައެވެ. ހީވަނީ ބޮޑު ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ޝިފްނާ އިނީ އޭނާގެ ކުޑަކުޑަ ކޮއްކޮ ކަމުގައިވާ ޝައިނާ އުރާލައިގެންނެވެ. ޝިފްނާގެ މަންމައާއި ބައްޕައަށް ލިބިފައިވަނީ ތިން ކުދިންނެވެ. އެއީ ޝިފްނާ އާއި ޝައިނާ އާއި ނިޒާލް އެވެ. ނިޒާލްއަކީ އެގޭ އެންމެ ބޮޑު އަދި އެދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ފިރިހެން ދަރިއެވެ.

އޭރުގަޑިން ހެނދުނު 6 ޖެހީއެވެ. އަދިވެސް ވިއްސާރަ ހުއްޓާކަށް ނޫޅެއެވެ. ހައްތަހާ ބޯކުރަނީއެވެ. މިހާރު ވަރަށް ބާރަށް ވިދާ ގުގުރާންވެސް ފަށައިފިއެވެ. މުޅި މަގުތައްވަނީ ފެންބޮޑުވެފައެވެ. މިއިން އިރެއްގައިވެސް ވިއްސާރަ ހުއްޓާލަފާނެހެނެއް ހިޔެއްނުވެއެވެ. މަގުމަތީގައި ފެންބޮޑުކަމުންވެސް ހިނގޭކަށްނެތެވެ. ފެންގަނޑު ވަރަށް ބޮޑުވާން ފަށައިފިއެވެ. ގޭގެއަށްވެސް ފެންވަންނަން ފަށައިފި އެވެ. އެންމެންވެސް މަސައްކަތްކުރަމުންދަނީ އެމީހެއްގެ ގެއަށް ފެންނުވަންނާނޭގޮތެއް ހަދާށެވެ. ރުއްތަކާއި ގަސްތައް ގޭގޭ ފުރާޅުމައްޗަށް ވެއްޓެނީ އެވެ. ކުއްލިއަކަށް އައި ވަރަށްބާރު ވައިރޯޅިއަކާއެކު ޝިފްނާމެންގޭގެ ފުރާޅު ވަޔާ އެއްލައިލައިފިއެވެ. ޝިފްނާގެ ބޭބެއާއި ބައްޕަ މަސައްކަތްކުރީ ގޭގެ ފުރާޅު ރަނގަޅުކުރެވޭތޯ އެވެ. ނަމަވެސް މާލަސްވެއްޖެއެވެ. މުޅިގޭތެރޭގައިވެސް ފެންބޮޑުވެއްޖެއެވެ. ގޭތެރޭގައިވާ ހުރިހާ އެއްޗެއްވެސް ތެމިފޯވެއްޖެ އެވެ. އޭރު ޝިފްނާގެ މަންމަ މަސައްކަތްކުރީ ޝައިނާ ވިއްސާރައިން ސަލާމަތްކުރެވޭތޯއެވެ. ޝައިނާއަކީ އެންމެ ދެއަހަރުގެ ކުޑަކުޑަ ކުއްޖެކެވެ. ނަމަވެސް ޝައިނާ ހިޔަލަށް ވައްދާނެ، އެއްވެސްތަނެއް ގެއަކުނެތެވެ. ކައިރީގައިހުރި ގޭގެ ޙާލަތުވެސް ހަމައެފަދައެވެ. ހަދާނެ ނުހަދާނެ ގޮތެއް އެކަކަށްވެސް ނޭނގުނެވެ. ސަލާމަތްވެވޭނެ ގޮތެއްވެސް ނެތެވެ. ޝިފްނާހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. އަދި އެއަށްވުރެވެސް ބޮޑަށް އޭނާހުރީ ހީކަރުވައިގެންފައެވެ. ވާނީވެސް އެހެންތާއެވެ. ވައިޖެހެނީވެސް މަޑެއްކޮށް ނޫނެވެ. މިހާވަރަށް ވިއްސާރަވެހުނު ދުވަހެއް އަދި ޝިފްނާގެ ޙަޔާތުގައިވެސް ނުދެކެ އެވެ.

ކުއްލިއަކަށް ވަރަށް ބާރު އަޑެއް އިވިއްޖެއެވެ. އެއީ ކޮންމެވެސް ބޮޑު އެއްޗެއް ވެއްޓުނު އަޑެވެ. އަދި އެއަޑާއެއްކޮށް ކޮންމެވެސް މީހެއްގެ ރުއިމުގެ އަޑުވެސް އިވިއްޖެއެވެ. ޝިފްނާ އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެންވެސްތިބީ ވާނުވާ ނޭނގިފައެވެ. އެއަޑު އައީ ބޭރުންނެވެ. ޝިފްނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ބޭބެ ނިޒާލްއެވެ. އޭނާވަނީ ބޮޑު ރުކެއްގެ ދަށުވެފައެވެ. ނިޒާލްއަކަށް ހިރިވެސް ނުލެވުނެވެ. ޝިފްނާގެ މަންމަ މަގޭދަރިފުޅާއޭ ކިޔާފައި ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އެއަށްފަހު އޭނާގެ އަތުގައިވާ ކުޑަކުޑަ ޝައިނާ ޝިފްނާގެ އަތަށް ދިނުމަށްފަހު ދުއްވައިގަތެވެ. ފަހަތުން ޝިފްނާގެ ބައްޕަވެސް ދިޔައެވެ. ދިޔައިރު މާލަސްވެއްޖެއެވެ. ޝިފްނާގެ ބޭބެއޮތީ ހުއްޓިފައެވެ. މުޅިބިންމަތީގައިވަނީ ހުސްލެޔެވެ. ވެއްޓުނު ރުކުގެ ދަށުވެފައިވާ ޝިފްނާގެ ބޭބެ ފެނުމުން ޝިފްނާއަށް ވީނުވީގޮތެއްވެސް ނޭނގުނެވެ. އޭރު ޝިފްނާގެ އަތުގައިވާ އޭނާގެ ކޮއްކޮ ޝިފްނާގެ އަތުން ދޫވެގެންގޮސް ވެއްޓިއްޖެއެވެ. ކޮއްކޮ ވެއްޓުނުކަމެއްވެސް ޝިފްނާއަކަށް ނޭނގުނެވެ.

ޝިފްނާއަށް ހޭވެރިކަންވީ އޭނާގެ ބައްޕަ ކޮއްކޮ ކޮބައިހޭ އެހުމުންނެވެ. އެވަގުތު ޝިފްނާ އޭނާގެ ދެއަތަށް ބަލައިލި އެވެ. އޭނާގެ ކޮއްކޮއެއް ނެތެވެ. ޝިފްނާއަށް ވަރަށް ބަރަށް ހަޅޭލަވައިގަނެވުނެވެ. އެއަށްފަހު މުޅިތަން ހޯދަންފެށިއެވެ. މުޅިގެބެލިއެވެ. ފެންގަނޑު އެހާބޮޑުކަމުން ތަނެއް ފެންނަވަރެއްވެސް ނޫނެވެ. އެތުއްތު ދަރިފުޅު ސަލާމަތުން ހުންނަނެބާވަ އެވެ؟ ފެންގަނޑު ބޮޑުކަމުން ޝިފްނާއަށްވެސް ރަނގަޅަކަށް ތަނެއް ނުފެނެ އެވެ. ޝިފްނާގެ މަންމައާއި ބައްޕަވެސް މަސައްކަތްކުރަމުން ގެންދަނީ ޝައިނާ ފެނޭތޯ އެވެ. ނަމަވެސް ޝިފްނާހުރީ އުއްމީދު ކަނޑާލައިގެންނެވެ. އޭނާއަށް އެކުރެވުނު ކުށާދޭތެރޭގައި އިންތިހާއަށް ދެރަވެފައެވެ. އެކަންއެވީ ހަމައެކަނި ޝިފްނާގެ ސަބަބުންނެވެ. ޝިފްނާގެ ފަރުވާކުޑަކަމުގެ ސަބަބުންނެވެ. ޝިފްނާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރާނެއެވެ.

އެ ޚިޔާލުގައި ހުއްޓާ ކުއްލިއަކަށް ސިފްނާ ސިއްސައިގެންދިޔައީ އޭނާގެ ފައިގައި ކޮންމެވެސް އެއްޗެއް ޖެހުނުހެން ހީވުމުންނެވެ. ޝިފްނާ ފަހަތަށް އެނބުރުމަށްފަހު ރަނގަޅަށް ބަލައިލިއެވެ. އެއީ އޭނާގެ ކޮއްކޮގެ ފުރާނަނެތް މަސްގަނޑެވެ. އެތުއްތު ދަރިފުޅު ދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ޙާލެއްގައި އުޅެފައިކަމެއްވެސް ނޭނގެއެވެ. އެކަނިމައިއެކަނި އެތުއްތު ދަރިފުޅު އުފުލީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ސަލާމަތަށްއެދި ނުގޮވޭ ޙާލުގައެވެ. ޝިފްނާ އޭނާގެ ކޮއްކޮ ނެގުމަށްފަހު މިސްރާބުޖެހީ އޭނާގެ މަންމަ ގާތަށެވެ. ދެންވަކި ކުރެވޭނީ ކީއްހެއްޔެވެ؟ މިހާރު މާލަސްވެއްޖެއެވެ. ޝިފްނާގެ މަންމައަށް އޭނާގެ އެންމެ ތުއްތު ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ފެނުމުން ވީނުވީއެއްވެސް ނޭނގުނެވެ. މަޔަކަށް އޭނާގެ ދަރިން މަރުވުމުން ކުރާނީ ކޮންފަދަ އިހްސާސްތަކެއް ހެއްޔެވެ؟ ޝިފްނާވެސް އޭނާގެ އެންމެ ލޯބިވާ ބޭބެއާއި ކޮއްކޮ މަރުވުމުން ވަރަށް ދެރަވިއެވެ. އޭނާގެ ހިތަށް އެރި އެވެ. މިއީ ދުނިޔޭގެ ޤާނޫނުބާވަ އެވެ. ދުނިޔޭގައި އުފާ އޮންނަންޏާ ހިތާމަވެސް އޮންނާނެ އެވެ. އެއްޗެއް ލިބޭއިރެއްގައި ވަރަށް ބައިވަރު ދެއްވަ އެވެ. ނަމަވެސް އެއްޗެއް އަތުލާއިރެއްގައިވެސް އެހާބައިވަރު އަތުލައެވެ.

ޝިފްނާއަށް އޭނާގެ ޚިޔާލުން ބޭރަށް އާދެވުނީ ވަރަށް ބާރަށް ގުގުރާލި އަޑަށެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަމުންދެ އެވެ. މުޅި ދެލޯވަނީ ރަތްވެފަ އެވެ. މިއަދު ކިތަންމެވަރަކަށް ޝިފްނާ ރުޔަސް ދެންއަލުން އެދުވަހެއް، އެއުފާތަކެއް އަނބުރައެއް ނާންނާނެއެވެ. މިއަދާ ހަމައަށްވެސް ޝިފްނާ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެ އެވެ. މިހާރު ޝިފްނާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ބިރުވެރިދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. މިހާރުގަޑިން 6 ޖެހީ އެވެ. މިހާރުވެސް ކުޑަކޮށް ވިއްސާރައިގެ އަސަރު އެބަހުއްޓެވެ. ޝިފްނާ އޭނާގެ ކޮއްކޮއާއި ބޭބެގެ ހިތާމައިގައި އަދިވެސް އެނދުން ތެދުވާކަށް ގަސްދެއް ނުކުރެ އެވެ. އެހެންނަމަވެސް މިހާރު މާލަސްވެއްޖެ އެވެ. އެ ދުވަހެއް އަނބުރައެއް ނާންނާނެ އެވެ.
= ނިމުނީ =

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.