ރަނގަޅު، ނަމަވެސް ހިތި ….

ފަލާޙާ ޢަބްދުއްލަޠީފް / ރިޔާޒް، ބ. ދަރަވަންދޫ

އުޑުމަތިން ދައްކަމުން ދިޔައީ ހާމަކުރަންދަތި އެތަކެއް ހިތްގައިމު މަންޒަރުތަކެވެ. އިރު ފެނުން ތޮޅެލީ ދުނިޔެމައްޗަށް އާ ކުލަތަކެއް ދައްކަމުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ދައްކަމުންނެވެ. އަމާންކަން ދައްކަމުންދިޔަ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ރާޅުބާނިތަކާއެކު ކޮވެލިތަކާއި ދޫނިތައް އެ އެއްޗެތީގެ އެންމެ ޗާލު އަޑުން މިޔުޒިކީ ރާގުތައް އިއްވަމުންދިޔައެވެ. މިމަންޒަރުތައް ބަލަން ޝެރީން އަތިރިމަތީގެ ދޮންވެލިގަނޑުގައި އިށީދެލައިގެންއިނީ މަޑުމަޑު ހިނިތުންވުމަކާއެކުގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އަޅާހާވޭނެއް އެގޭނީ ޚުދު އޭނާއަށެވެ. އެ ހިނިތުންވުމާއެކު ކައިރީގައި އިން ޝާހީއަށް ޝެރީންގެ ތަޖުރިބާތައް ކިޔައިދޭން ފެށިއެވެ.

މީގެ ފަސްއަހަރު ކުރިއެވެ. އޭރު އަހަރެންނަކީ ހަމަ އެހެން އަންހެންކުދިންނެކޭ އެއްފަދައިން ހީސަމާސާކޮށް ކުޅެންދުވެ އުޅުނު އާދައިގެ އަންހެން ކުއްޖެކެވެ. އަހަންނަކީ އަޚުލާޤު ރަގަޅު ކުއްޖަކަށްވުމުން އަހަރެންގެ މައިންބަފައިން އަހަންނަށް ވަރަށް އިތުބާރު ކުރެއެވެ. މިކުރި އިތުބާރަށް ވަރުގަދަ ލޮޅުމެއް އައިއިރުވެސް އަހަންނަކަށް އެކަން އިހްސާސެއް ނުކުރެވެ އެވެ. މަންމައާއި ބައްޕަ އަހަންނަށްދިން މައިވަންތަކަމުގެލޯބި އަހަންނަށް އަގުވަޒަންކުރަން ނޭގުނީ އެވެ.

އާއެކެވެ. އަހަންނަށް ލޯބިވެވުނީ އެވެ. ޢާޠިފް ދެކެއެވެ. މި ލޯބީގައި އަހަރެން ދީވާނާވެގެން ދިޔައީ ޢާޠިފް އަހަންނަށް ދައްކަމުންދިޔަ ފޮނި ހުވަފެން ތަކުންނާއި ދެމުންދިޔަ ހިތްގައިމު ވަޤުތުތަކުގެ ސަބަބުންނެވެ. ދުވަސްތައް ފާއިތުވަމުންދިޔަގޮތްވެސް ނޭގޭކަހަލައެވެ. ހީކުރެވުނީ ރީތި ފިނިފެންމާ ބަގީޗާއެއްގެ ތެރޭގައި އުޅެވުނުހެންނެވެ. ނަމަވެސް ޢާޠިފްއާއި އިދެގެން ދެތިން އަހަރު ވީފަހުން އަހަންނަށް އިހްސާސްކުރެވުނީ ފިނިފެންމާ ގަހުގައިވެސް ތޫނު ނަމަވެސް ކަށި ހުންނަކަމެވެ.
މަންމައާއި ބައްޕަގެ ނުގަބޫލުގައި އަހަރެން ޢާޠިފް އާއި އިދެގެން އުޅުނު ދެއަހަރަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ ހިތްދަތި އަދި ވޭންދެނިވި ދެ އަހަރެވެ. ދިމާވާ ކުޑަކުޑަކަމަކާވެސް ރުޅިއައިސް ހީވާނީ ގޭތެރެއިން ސަންގެއް ފުމެލާހެންނެވެ. އަހަރެންގެ ގައިގައި ތަޅާ އަނިޔާކޮށް ހަދައެވެ.

އަހަރެއްގެ މި ހަށިގަނޑުގައި އަޅާވޭން އިހްސާސްކުރެވޭ ކޮންމެ ފަހަރަކު އަހަންނަށް ގިސްލާ ރޮވެއެވެ. ކުރާ ކޮންމެ ނަމާދެއްގެ ފަހުގައި އެ ގޮތެއްނެތް އިންސާނާގެ ކިބައިން ސަލާމަތް ކޮށްދޭތޯ ދުޢާކުރަމެވެ. ނަމަވެސް އަހަރެން ލޯބިވީ ހަމަ އެ ޢާޠިފް ދެކެއެވެ. ލޯބީގެ އައްސޭރި މިހާބަނަވާނެ ކަމަކަށް އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަމެވެ.

އާދުވަހަކަށް އިރުއެރީ އަހަރެންގެ ޙަޔާތަށްވެސް އާ ޞަފްޙާއެއް ހުޅުވާދެމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައިވެސް ކިތަންމެ ދިރިއުޅުމެއް ބަދަލުވެގެން ހިނގައިދާނެކަން އަހަންނަށް އެގުނީ އެ ދުވަހުއެވެ. އާދައިގެމަތިން އަހަރެން ޢާޠިފް ނިދާހޭލުމުގެ ކުރިން ފިހާރައަށްގޮސް ބަދިގެއަށް ބޭނުންވާ ސާމާނު ގަންނަންދަމެވެ. ފިހާރައިން ސާމާނުކޮތަޅު ހިފައިގެން ނުކުމެވުނީ މީހުންތައް ހަޅޭލަވަމުން އަވަހަށް ސަލާމަތްވުމަށް އެދިގޮވަމުން ދަނިކޮށެވެ. އަހަންނަށް ވާނުވާ ނޭނގިފައި ހުރިފިޔަވަޅުމަތީގައި ހުރެވުނެވެ. މިއަދު މިދެއްކެވީ ކޮންފަދަ ދުވަހެއްބާވައޭ ހިތަށް އެރިއެވެ. ކުރިމަތިންފެނުނީ ފަރުބަދައެއްހާ ބިޔަ ރާޅެއް އަންނަތަނެވެ.

ލިބުނު ސިހުމާ ވާނުވާ ނޭނގިހުއްޓާ ރާޅުއައިސް ބިންދާލީ އަހަރެންގެ ބޯމައްޗަށެވެ. އެމީހަކާ އެމީހެކެވެ. ލޮނުގަނޑު ތެރޭގައި ކުޑަކުދިންނާއި އެކިމީހުން ސަލާމަތްވުމަށް ރޮމުން ހަޅޭލަވަމުން ދަނީއެވެ. އަހަންނަށް ފަތަން ނޭގުނު ކަމުގައިވިޔަސް ލޮނުގަނޑުތެރޭގައި ތެޅިތެޅި އޮތީމެވެ. ކުރިމަތިން އައި ބޮޑުގަސްގަނޑެއް އަހަންނާއި ކައިރީގައިވާ ފާރާލާ ފިއްތާލިއެވެ. ދެން އަހަންނަކަށް ވީނުވީއެއް އެއްގޮތަކަށްވެސް ނޭގުނެވެ.

އަހަންނަށް ލޯހުޅުވާލެވުނީ ކުޑަކުދިންނާއި މައިންގެ ރުއިމުގެ އަޑަށެވެ. ލޯހުޅުވާލުމާއެކު ވަށައިގެންވާ މާޙައުލަށް ރަގަޅަށް ބަލާލެވުނެވެ. އަހަރެންގެ މި ހިތަށް ކެތްކުރެވޭވަރެއް ނުވިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ފެންނަންތިބީ މައުޞޫމް ތުއްތު ތުއްތު ކުދިންގެ ފުރާނަނެތް މަސްގަނޑުތަކެވެ. މައިންނެވެ. ބަފައިންނެވެ. ދަރިންނެވެ. ޢާއިލާތަކެވެ. ރޮއިރޮއި އެ ހަށިގަނޑުތަކުގައި އެއްވެސްކަމެއްނެތެވެ. ރަށަށްއެރި ބޮޑުރާޅުގައި އެތައް ފުރާނަތަކެއް ގެއްލިގެން ހިގައްޖެއެވެ. ޢުމުރު ހޭދަކޮށް ބޮލާހަމަކުރި ގެތައް ބިމާހަމަވެއްޖެއެވެ. ކުދިކުދި ވެއްޖެއެވެ. ދުނިޔޭގެ ޙާލުގައި ޖެހިއްޖެ އެވެ.

މި ހުރިހާ މަންޒަރެއްބަލަން އޮވެފައި ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަހަރެންގެ އެންމެލޯބިވާ އަހަރެންގެ މަންމައެވެ. ލެއާއި އޭތިމީތި އުގުޅިފަ އެވެ. މަންމާއޭ ކިޔާފައި އަޑުންއަޑުނަގާފައި ހަޅޭލަވައި ގަނެވުނެވެ. މަންމަ ކައިރިއަށްދާން އަހަރެން މަސައްކަތްކުރިނަމަވެސް ކާމިޔާބެއްނުވި އެވެ. އަހަރެންގެ ގައިގައި އަހަރެންގެ ދޮންތަ ހިފެހެއްޓި އެވެ. ގިސްލާ ރޮވުނެވެ. އާއެކެވެ. އަހަންނަކީ މިހާރު ނުކުޅެދޭ މީހެކެވެ. އަހަރެންގެ އެއްފައިގެ ކަކުލުން ތިރިއެއްނެތެވެ. ބުރިވެފަ އެވެ. މާތް ރަސްކަލާނގެ އަހަންނަށް ދުވަހެއް ދައްކަވައިފި އެވެ. މަންމައާއި ބައްޕަގެ ފުރާނަނެތް މަސްގަނޑު އަހަރެންގެ ކުރިމަތީގަ އެވެ. ޢާޠިފް އަށް ވީނުވީއެއް ނޭގުނެވެ.

މި ވާހަކަތައް ޝާހީއަށް ކިޔައިދެމުންދިޔައިރި ޝެރީގެ ލޮލުން ވޭނީ ކަރުނަތައް ކޯތާފަތްމައްޗަށް އޮހެމުން ދިޔައެވެ. ޝާހީއަކީ މާލޭގައި ކިޔަވަންގޮސްހުރި ޝެރީންގެ އަންހެން ކޮއްކޮ އެވެ. އޭނާ އަހާލިއެވެ. ދައްތާ ދެން ޢާޠިފްއަށް ކިހިނެއްތަވީ؟ ޝެރީން ޖަވާބުގައި ބުންޏެވެ. ޢާޠިފްދޯ، މާތްﷲ އަހަރެން އެ ރަޙުމްކުޑަ އިންސާނާގެ ކިބައިން ސަލާމަތްކުރެއްވީ ،އޭނާއޮތީ މިދިމާ މޫދުދޮށަށް ޖެހިގެންއައި ދުވަހު މަރުވެގެން ލައްގާފަ، ޝެރީން ޢާޠިފްގެ ކިބައިން ސަލާމަތްވި ކަމަށްޓަކައި ޝުކުރުވެރިވި އެވެ. ނަމަވެސް އެއީ ޝެރީން އިންތިހާއަށް ލޯބިވި މީހެއްކަމެއް ހަނދާނެއްނުނެތެ އެވެ.
އެވަގުތު ޝެރީން ޝާހީގާތުގައި ބުންޏެވެ.” ޝާހީ މީ އަހަރެން މަންމަގެ ބަސްނޭހުނީތީވެ ލިބުނު ޙައްޤު އަދަބުކަންނޭގެ، ޢާޠިފްގެ ކިބައިން ސަލާމަތްވުމުން އަހަރެން އުފާކުރަން، އެކަމަކު އަހަރެންގެ މަންމައާއި ބައްޕަވެސް ވަކިވެގެންދިޔައީ،” ކަރުނަތައް ފުހެލުމަށްފަހު ޝާހީގެ އެހީއާއެކު ބިންމަތިންތެދުވެ ފުރޮޅުލީ ގޮނޑީގައި އިށީދެ ޙަޔާތުގެ މަންޒިލަކަށް ދަތުރުފެށި އެވެ.
= ނިމުނީ =

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.