ބެހިގެންދިޔަ ކޮކާ

ފާތުމަތު ޒީނާ / ތަރަޙަ، ބ. ދަރަވަންދޫ

މާއިން އިނީ އޭނާގެ ގޭގެ ދޮރުމަތީގައިހުރި ކުޑަ ޖޯލިފައްޗެއްގައި އިށީނދެލައިގެންނެވެ. ކުޑަކުޑަ ކުދިންތަކެއް ކުޅެމުންދާތަން ބަލާށެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ހިނގަމުންދަނީ މާދުރުގެ އެހެން ތަސްވީރެކެވެ. އޭނާގެ ކުރީގެ ހިތިމާޒީއެވެ. އެމާޒީއަކީ އޭނާގެ މުޅި ޙަޔާތުގައި ދުވަހަކުވެސް ހަނދާންނުނެތޭނޭ ދުވަސްތަކެކެވެ.

ދުވަހަކީ ވަރަށްސާފު އުޑުމަތީގައި އެންމެ ކަޅު ވިލާކޮޅެއްވެސް ފެންނަން ނެތް ދުވަހެކެވެ. މާއިން އާއި އޭނާގެ ކޮއްކޮހުރީ ވަރަށް އުފަލުންނެވެ. އެކުޑަކުޑަ ޢާއިލާ އާ ގެއަކަށް ދެވޭތީވެ އުފަލުން ފޮޅެނީއެވެ. ކަށިކެޔޮފަތުން ވިޔެފައިވާ ކުދިކުދި ފޮށިތަކަކަށް ދެކުދިންގެ ހެދުންތައް އަޅައިގެން ދުވަނީއެވެ. އެއްކުއްޖަކަށްވުރެ އަވަހަށް އަނެއްކުއްޖަކު ދިއުމަށެވެ. އެއުފާވެރި ޢާއިލާ އުފަލުން ފޮޅިފައިވެއެވެ. އިރުއޮއްސުމަށްދިޔައިރު ހުރިހާ ތަކެއްޗެއް ގެންދެވި ގެއެއްކޮށް ތައްޔާރުވެއްޖެއެވެ. ދެކުދިންނާއި މަންމައާއި ބައްޕަ ރޭގަނޑުގެ ކެއުމަށްފަހު އަރާމުކުރުމަށް ކޮޓަރިއަށް ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. މާއިންއާއި އޭނާގެ ކޮއްކޮއަށް އިތުރު ކޮއްކޮއެއް ލިބެނީއެވެ. މާއިންހުރީ ވަރަށް އުފަލުންނެވެ. މާއިންގެ ޢުމުރުން 4 އަހަރުވީއެވެ. ކޮއްކޮ ލިބުމާއެކީ ކޮއްކޮގެ ކަންތައްތައް ކޮށްދިނުމަށް މާއިން ވަރަށް އުފަލާއެކީ ބައިވެރިވަމުން ދިޔައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އެހާކުޑަކުޑަ ކުއްޖަކާބަލާ އެކަށީގެންނުވާ މަސައްކަތްތަކެއް މާއިންއަށް ކުރަންޖެހުނެވެ. ކެއްކުމުގައި މާމައާއި ބައިވެރިވުމާއި މުޅިގެ އެއްކޮށް ކުނިކެހުމާއި ކޮއްކޮމެން ބެލުމުގެ ބުރަ މަސްޢޫލިއްޔަތު ، މަންމަ ވަލަށްދިއުމުން ނަގަންޖެހުނީ ކަންދިމާކުރިގޮތުން މާއިން އަށެވެ. ރައްޓެހިކުދިން މަގުމަތީގައި ކުޅެ މަޖާކުރަމުންދާއިރު މާއިން އަބަދުވެސް ހުންނަނީ މަސައްކަތެއްގައި، ނޫނީ ކޮއްކޮމެން އުރައިގެންނެވެ. ކުޅެލާ މަޖާކޮށްލަން އެންމެ ވަގުތުކޮޅެއްވެސް ނުލިބެއެވެ. އެއްދުވަހަކު ރައްޓެހިކުދިންކޮޅަކާ ވާހަކަދައްކާލަން މަޑުކޮށްލީމާވެސް މަންމަ އޭނާއަށް ގޮވާ ގެންގޮސް ވަރަށް އެއްޗެހިކިޔާ ، ތަންތަނަށް ނުގޮސް ގޭގައިހުރި މަސައްކަތްތައް ކުރުމަށް ބުންޏެވެ. މާއިންގެ ރައްޓެހިންނާއެކު ވާހަކަދެއްކުންވެސް ހުއްޓާލީއެވެ. މާއިންއަށް އޮތް ހިތްހަމަޖެހުމުގެ ހުޅުކޮޅު ކުޑަވަމުން ދިޔައެވެ. އަބަދު ހުންނަނީ ބިރުގަންފައެވެ. ގެއިން ބޭރަށް ނިކުންނަނީ ހަމައެކަނި މަންމަ ބުނީމާ ލައިގެންކާ އެއްޗެއްބަލާ އަވައްޓެރިގޭގެއަށް ދިއުމަށެވެ. ކިތަންމެ ލަދުގަތަސް އެއީ ކުރަން މަޖުބޫރު ކަންކަމެވެ.

މަންމައާއި ބައްޕަ އެއްކުއްޖަކަށްފަހު އަނެއްކުއްޖަކު ހޯދަމުން ދެއެވެ. ބައްޕަ ހުންނަނީ އަބަދުވެސް މާލޭގައެވެ. ރަށަށް އަންނަނީ ވަރަށްމަދު ދުވަސްކޮޅަކަށެވެ. ގޭގެޙާލަތު ދުވަހެއްދުވަހަކަށް ގޯސްވަމުންދިޔައެވެ. ކުދިންގެ ކެއުމުގެ ކަންތައްތައް ހަމަޖައްސަމުން ދިޔައީ މާމަ ފަންގިވިދެގެން ހޯދާ ފައިސާކޮޅުންނެވެ. މަންމަގެ ކަމަކީ އަބަދުވެސް ރައްޓެހިން އެއްކޮށްގެން މަޖާކުރުމެވެ. ކިރިޔާހެން މާއިން ބޭރަށް ބޯދިއްކޮށްލިޔަސް މަންމަ ހުންނާނީ ރުޅިއައިސްފައެވެ. އަދި ފާރަލަނީ ކަމުގައި ބުނާނެއެވެ. މާއިންގެ ހިތް ކުދިކުދި ކޮށްލާކަހަލަ އެއްޗެހި މަންމަ ވަރަށްގިނައިން ބުނެއެވެ.

މާއިންގެ ސުކޫލު ދައުރު ފެށިއްޖެއެވެ. އެންމެ ދުވަހަކުވެސް ފޮތްތައް ހަމައެއް ނުވެއެވެ. ފިލާވަޅުތަކެއް ނުހެދެއެވެ. ސުކޫލަށް ދާންޖެހެނީ އެކަނިމާއެކަންޏެވެ. ފޮތްދަބަސް ކޮނޑުގައި އަޅުވައިގެން ކިރިޔާ ހިނގޭވަރުވަނީއެވެ. އެހެންކުދިންގެ މައިންބަފައިން އެކުދިންގެ ފޮތްދަބަސް ހިފައިގެން ދާތަން މާއިންއަށް ފެނެއެވެ. ބެލެނިވެރިން މާއިންގެ މަންމައަށް މަލާމާތްކޮށް ވާހަކަދައްކާ އަޑުވެސް ސުކޫލަށްދާ ގަޑީގައި އިވެމުންދެއެވެ.

މާއިންގެ މަންމަގެ މަސައްކަތަކީ އަވައްޓެރިގޭގޭގެ އަންހެނުން ގޭދޮށަށް އެއްކޮށްގެން ބޭކާރު ވާހަކަދެއްކުމެވެ. ފަހުން ފަހުން މާއިންއަށް މަލާމާތްކޮށް އޭނާގެ މަންމަ އޭނާގެ ރައްޓެހިންނާއެކު ހީހަދަންފެށިއެވެ. މިކަމުގެ ސަބަބުން މާއިންއަށް ވަރަށް އަސަރުކުރިއެވެ. އަވައްޓެރި ގޭގޭ ކުދިންނާ ކިޔެވުމުގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އަޅާކިޔަންފެށިއެވެ. މިހުރިހާކަމެއްގެ ތެރެއިންވެސް މާއިންއަށް ހިތްހަމަޖެހުމެއް ދޭމީހަކަށް ހުރީ އޭނާގެ އެންމެ ލޯބިވާ މާމައެވެ.

ޢާއިލާއަށް ފަސްކުދިން ލިބިއްޖެއެވެ. ހަމަކޮންމެ ދުވަހަކުވެސްދަނީ ވޭނުން ފުރިގެންދާ ގޮތަކަށެވެ. މަންމައާއި ބައްޕަގެ އަރައިރުން ބޮޑުވާންފެށިއެވެ. ހުރިހާކުދިން ތިއްބާވެސް ވަރަށް ހަޑިހުތުރުބަހުން މުޚާޠަބު ކުރަމުން ދެއެވެ. ރޭގަނޑުގެ ވަގުތުގައި މަންމަގެ ގިސްލުމުގެ އަޑު އިވެން ފަށައިފިއެވެ. ބައްޕަ އެހެންމީހަކާ ގުޅެން އުޅޭކަމުގެ ޚަބަރު މަންމައަށްލިބި ދެމީހުން ވަކިވުމަށް ކޯޓަށް ސިޓީލީކަން ޔަޤީންވެއްޖެއެވެ. ދެމީހުން ވަކިވެއްޖެއެވެ. އަހަރުނުވާ ތުއްތު ދަރިފުޅާ ހަތަރުކުދިން ދޫކޮށްލާފައި މަންމަ އެހެން ގެއަކަށް ހިނގައްޖެއެވެ.

މާއިން އާއި އޭނާގެ ބައްޕަ އަދި މާމަހުރީ ކުދިންނާ އެކުގައެވެ. މާމަގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމުން މާއިންއައި އޭނާގެ ކޮއްކޮމެންނަށް ހިތްވަރު ލިބުނެވެ. އިތުރު ހިތްވަރަކާއެކު އެތުއްތު ދަރިފުޅާއެކު ކުރިއަށްދާން ފެށިއެވެ. މާއިން އޭނާގެ ކޮއްކޮމެންނަށްޓަކައި ކިޔެވުން ދޫކޮށްލުމަށް ހިތަށް އަރަމުންދިޔައެވެ. ނަމަވެސް މާމަގެ އާދޭހުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިޔައެވެ. ސުކޫލަށްދިޔަކަމަކު މާއިން ވެފައިހުންނަ ވަރުބައްޔެއްގެ ސަބަބުން ކިޔެވުމަކާނުވެއެވެ. ކިޔެވުން ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. ކަންކަމުގައި ކުރިމަތިލުމަށް ދިޔައީ ވަރަށްބޮޑަށް ފަސްޖެހެމުންނެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީ ހިތާ ދެކޮޅަށެވެ. ފުރަތަމަ، ކުލާހުގައި ރަނގަޅު ރިޕޯޓެއް ހޯދިނަމަވެސް ފަހުންފަހުން ހަމަ ކޮންމެ ކުލާހެއްގައިވެސް އެންމެ ދަށްކުދިންގެ ތެރޭގައި ހިމެނެމުންގޮސް ދެކުލާހެއްގައި ރިޕީޓްވެސް ވިއެވެ.

ދުވަސްކޮޅެއްފަހުން މަންމައާއި ބައްޕަ ގުޅުނެވެ. އެއަށްފަހުވެސް ދެކުދިން ހޯދިއެވެ. މާއިންއަށް އޮތީ ހަމައޭނާގެ މާމައާއެކު މަސައްކަތްކުރުމެވެ. ބޮޑުގޯތިތެރެ ކުނިކެހުމާއި ކެއްކުމާއި ކޮއްކޮމެންނަށް ކާންދިނުމެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކުރެވެނީ ގޭއެންމެންގެ އަންނައުނު އަވީގައި އިނދެގެން އަތުންދޮވެ ސާފުކުރުމެވެ. ގޭގެއަށް ލައިގެންކާނެ ތަކެތި ހޯދަން ދިއުމެވެ.

މިހާރު މާއިންއަކީ ފުރާފުރިހަމަ ވެފައިވާ ޅަޒުވާނެކެވެ. އުއްމީދުތަކެއްހުރި ޢަޒުމް ވަރުގަދަ ކެރޭ ކުއްޖެކެވެ. އޭނާފަދަ އެހެންކުދިންވެސް މިކަހަލަ ޢާއިލީ މައްސަލަތަކުން ސަލާމަތްވެފައިވުމަށް އޭނާ ވަރަށް އެދެއެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤުތައް އެކުދިންނަށް ހަމަހަމަކަމާއެކީ ލިބޭނޭހެން މަސައްކަތްކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެކެވެ.

މާއިން ސިއްސައިގެން ދިޔައެވެ. އޭނާގެ ގައިގައި ބޯޅައަކުން ޖެހުމުންނެވެ. ގެއްލިފައި އިން ދުރުމާޒީން އަނބުރާ ދުނިޔޭގެ ހަމަހޭވެރިކަމަށް އާދެވުނީ އެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.