
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހަތަރު މެންބަރަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި މިއަތޮޅު ދަރަވަންދޫ، ނަސްފަރު އަލްއުސްތާޒު ޢަރީފު އަޙުމަދު ނަސީރުގެ އިތުރުން މުލަކަތޮޅު ދިއްގަރު އަނީސާ މަންޒިލު އިދުރީސް އިސްމާޢިލު އާއި މިލަދުންމަޑުލު ދެކުނުބުރި ވެލިދޫ ބޯށިމާގޭ ޢަބްދުﷲ ޢަލީ އާއި ހެންވޭރު އެލިއަތުވިލާ މަރްޔަމް ޝަމްމާ އިބްރާހިމްވެސް ވަނީ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ޢައްޔަން ކުރައްވާފަ އެވެ.
މި ބޭފުޅުންނަށް މެމްބަރު ކަމުގެ ހުވާ ކުރެއްވުމާއި މެމްބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު އެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޙައްގުތައް ލިބިގެންވާ ފަރާތްތަކަށް އެ ޙައްގު ލިބެންވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވުމަށާއި މިކަމުގައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުމެއް ވެދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ބޭފުޅުންގެ ތެރެއިން ޓްރައިބިއުނަލްގެ ރައީސް ކަމަށް ޢައްޔަން ކުރެއްވީ އިދުރީސް އިސްމާޢިލް އެވެ. އަދި ނާއިބު ރައީސް ކަމަށް ޢައްޔަން ކުރެއްވީ ޢަބްދުﷲ ޢަލީ އެވެ.
މިބޭފުޅުންނަށް ހުވާ ލައިދެއްވީ ސްޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ޢަރީފު އެވެ.