އޭދަފުށީގައި މާސްޓާސް ޑިގްރީއަށް ކިޔަވައިދޭން ފަށައިފި

އޭދަފުށީގައި މާސްޓާސް ޕްރޮގްރާމް އިފްތިތާހު ކުރުމުގެގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން-- ފޮޓޯ / އަބޫ ޔައުލާ
އޭދަފުށީގައި މާސްޓާސް ޕްރޮގްރާމް އިފްތިތާހު ކުރުމުގެގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން– ފޮޓޯ / އަބޫ ޔައުލާ

ވިލާ ކޮލެޖުން ބ. އަތޮޅު އޭދަފުށީގައި ހިންގަމުންދާ ކެމްޕަހުގައި މާސްޓާސް ޑިގްރީއަށް ކިޔަވައި ދޭން ފަށައިފި އެވެ.

މިދިޔަ އަހަރު ހުޅުވުނު މި ކެމްޕަހުގައި މާސްޓާސް ޑިގްރީގެ އިތުރުން މިހާރު ވަނީ ބެޗްލާސް ޑިގްރީގެ އިތުރު ކޯހެއް ވެސް ފަށާފަ އެވެ.

ގާތްގަނޑަކަށް 80 ވަރަކަށް ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި މާސްޓާސް ޑިގްރީއަށް ކިޔަވައިދިނުން ފަށާފައިވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބ އަތޮޅު އޭދަފުށީގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މިހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖު ރާއްޖޭގެ މަތީ ތައުލީމުގައި ހާއްސަ ވެފައިވަނީ އެ ކޮލެޖުން ރާއްޖޭ ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމާއި އެ ކޮލެޖުން ފޯރުކޮށްދެމުންދާ ކޯސްތަކުގެ ފެންވަރު ރަނގަޅުކަމުން ކަމަށެވެ.

ގައުމީ ޔުނިވާސިޓީ ފިޔަވައި ރާއްޖޭ ދަރިވަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސް ގާއިމުކޮށްގެން ކިޔަވައިދިނުމުގެ މަސައްކަތްކުރަމުންދާ ވިލާ ކޮލެޖު ވެގެން ގޮސްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ހުޅުވާފައިވާ ކެމްޕަހެއްގައި މާސްޓާސް ޑިގްރީގެ ކޯސްތައް ހިންގާ ފުރަތަމަ މަތީ ތައުލީމު ފޯރުކޮށްދެމުންދާ މުއައްސަސާއަށެވެ.

ރާއްޖޭގެ ތައުލީމީ ހާލަތު މިހާރު ތަރައްގީވެގެން ގޮސްފައިވާ މިންވަރަށް އިޝާރާތްކުރައްވާ ޑރ އަންވަރު ވިދާޅުވީ މިހާރު ރާއްޖޭގެ ތައުލީމީ ހާލަތު ކުރިއަރާފައި މިވަނީ ދުވަހަކު ވެސް އުއްމީދުކުރި މިންވަރަށް ނޫން ކަމަށެވެ. އެގޮތުން މީގެ 15 ވަރަކަށް އަހަރު ކުރިން އަތޮޅު ތެރޭގައި މާސްޓާސް ޑިގްރީއަށް ކިޔަވަން ފެށޭނެކަމަށް އުއްމީދު ނުކުރައްވާކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖުން މިހާރު މަސައްކަތް ކުރަމުންދަނީ ޕީއެޗްޑީއަށް ރާއްޖޭގެ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށާއި ނަމަވެސް މިއީ އަމިއްލަ ކޮލެޖުތަކުން އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ޑރ އަންވަރު ވިދާޅުވި އެވެ.

އޭދަފުށީ ވިލާ ކޮލެޖު ކެމްޕަހުގައި އަލަށް ފެށި ބެޗްލާސް ޑިގްރީ އޮން އެޑިއުކޭޝަން، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން ކޯހާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މިޒްނާ ގާސިމް ވިދާޅުވީ ވިލާ ކޮލެޖުން މީގެ ކުރިން ހަމައެކަނި މާލޭގައި ހިންގަމުން އައި ކޯސް އެންމެ ފުރަތަމަ އަތޮޅުތެރޭގައި ހިންގޭ ކެމްޕަހަކީ އޭދަފުށީ ކެމްޕަސް ކަމަށެވެ. އަދި މި ކޯހަކީ މީގެ ކުރިން ވެސް ބްލޮކް މޯޑާއި ރެގިއުލާ މޯޑުގައި ކިޔަވައިދެމުންދިޔަ ކޯހެއް ކަމަށާއި އެހެންނަމަވެސް މި ކޯސް އަތޮޅު ތެރޭގައި ހުރި ވިލާ ކޮލެޖުގެ ކެމްޕަސްތަކުގައި ހަމައެކަނި ބްލޮކް މޯޑަށް ކިޔަވައިދޭން ފެށުމުން އަތޮޅުތަކުގައި ތިބި ތައުލީމީ ދާއިރާގެ ފަރާތްތަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާ ހާއްސަވެފައިވާ މާސްޓާސް ކޯހަކީ ވިލާ ކޮލެޖުގެ ފެކްލަޓީ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ހިންގަމުންދާ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ފެކަލްޓީގެ ޑީން އަލީ ރަޝީދު ވަނީ އަމިއްލަ ރަށުގައި އާއިލާއާއި އެކު ވަޒީފާގައި ތިބެގެން ކިޔެވެމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހުރިހާ ދަރިވަރުން ހެޔެގޮތުގައި ހިފުމަށް އެދިވަޑައިގެންފަ އެވެ.

ވިލާ ކޮލެޖުގެ ކަރިކިއުލަމް ޑިވެލޮޕާ އަހުމަދު ޝާކިރު (ކަށިމާ ޝާކިރު)ގެ ވާހަކަފުޅުގައި ވެސް ލިބިފައި އޮތް ރަނުގެ ފުރުސަތުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވި އެވެ. ރާއްޖޭގައި މީގެ ކުރިން ތައުލީމީ ދާއިރާގައި ކިޔަވައިދެމުންދިޔަ ފެންވަރު މިއަދު މާޒީވެ ގޮސްފައިވާ ކަމަށާއި، މިއަދު ރާއްޖޭގެ ތައުލީމު އައިސްފައިވާ ހިސާބަށް އެ ތައުލީމު އައިސްފައިވަނީ އަލް މަރުހޫމު އިބްރާހިމް ނާސިރު އިންދެވި އޮށުން ކަމަށް ދިވެހި ތާރީހު ދިރާސާ ކުރައްވަމުން ގެންދިއުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ޝާކިރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި އޭދަފުށީ ރަށު ކައުންސިލުގެ މެމްބަރު އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖު ކެމްޕަހެއް އޭދަފުށީގައި ހުޅުވުމަށް ކުރެވުނު މަސައްކަތްތައް ސާފުކޮށް ދެއްވާފަ އެވެ. އެގޮތުން ވިލާ ކޮލެޖުގެ އިސްވެރިންނާއި އެކު 2011 ވަނަ އަހަރުން ފެށިގެން ކުރެވެމުން ދިޔަ މަޝްވަރާތަކުން ކޮލެޖުގެ ކެމްޕަހެއް އޭދަފުށީގައި ހުޅުވިގެން ދިޔައީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިކަން ފާހަގަކުރެއްވި އެވެ.

އޭދަފުށީގައި ވިލާ ކޮލެޖުން ގާއިމުކޮށްފައިވާ ކެމްޕަހުގައި މާސްޓާސް ޑިގްރީއަށް ކިޔަވައިދިނުން ފެށުމަށް ބޭއްވުނު ޖަލްސާގައި އެ ރަށުގެ ތައުލީމަށް ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އޭދަފުށީ ރައްޔިތުންގެ ފަރާތުން ވަނީ ޑރ އަންވަރަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. މިފިލާ ޑރ އަންވަރާއި ހަވާލުކޮށްދެއްވީ އޭދަފުށީ ރަށު ކައުންސިލުގެ ރައީސް އަލީ ވަހީދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.