ކަރަމްގެ ތަޤްދީރު


ހެނދުނުގެ ވަގުތެވެ. ގަޑިން 10:30 ވީއެވެ. ހަސީނާގެ ގޭގައިވަނީ ހަމަހިމޭންކަމެވެ. އިވެމުންދާ އަޑަކަށްހުރީ ހަސީނާ ބަދިގޭގައި ހެނދުނުގެ ސައިތައްޔާރުކުރާ އަޑެވެ. ހަސީނާއަކީ ވަޒީފާއެއްގައިއުޅޭ މުރާލި އަންހެނެކެވެ. ހަސީނާގެ ފިރިމީހާވަނީ މީގެ 2 އަހަރުކުރިން ދުނިޔެ ދޫކޮށްގޮސްފައެވެ. ހަސީނާގެ ހުރި ހަމައެކަނި ބައިވެރިއަކީ އޭނާގެ ދަރިފުޅު ކަރަމްއެވެ.

ކަރަމްއަކީ ހަސީނާއަށް ވަރަށް ކަމޭހިތާ، ހެޔޮލަފާ ދަރިއެކެވެ. ކޮންމެ މަޔަކަށްވެސް އެކަހަލަ ދަރިއެއް ލިބޭތޯ ހަސީނާ އަބަދުވެސް ދުޢާކުރިއެވެ. ނަމަވެސް އެ އުފާވެރިކަމުގެ ދުވަސްތައް ހިތާމަވެރި ދުވަސްތަކަކަށް ބަދަލުވީ އެކަކަށްވެސް ހިލަމެއް ނުވެއެވެ. ޚުދު ކަރަމް އަކަށްވެސް ނުވިސްނުނެވެ.

ކަރަމްގެ އުޅުން މުޅިން ބަދަލުކޮށްލީ ކަރަމްގެ ދެރައްޓެހިންނެވެ. އަހިވަކާޖެހި އަހިވައް ފާވާނެޔޭ ބުނާބީދައިން ކަރަމްވެސް ހަލާކުވީ ކަރަމްގެ ދެރައްޓެހިންނާ ހެދިއެވެ.

ހަސީނާއަށް ހުރެވުނީ ހަސީނާގެ ދިރިއުޅުމާމެދު ފިކުރު ކޮށްލަކޮށްލައެވެ. މުޅިމީހާހުރީ ފިކުރުތަކެއްގެ ތެރެއަށް ގެނބިފައެވެ. ހަސީނާގެ ގައިން ފުރާނަ ދޫވިކަހަލައެވެ. ކުއްލިއަކަށް ހަސީނާގެ ހަށިގަނޑަށް ދިރުންލިބުނީ ކަރަމް ހަސީނާއަށް މަންމާއޭކިޔާ ގޮވާލިއަޑަށެވެ. ހަސީނާ ކުރީގައި އުފަލުގައި އުޅުނުދުވަސްތައް އަލުން ލިބުނީކަމަށް ހީކޮށް އުފާވެރި ހިނތުންވުމަކާއެކު ކަރަމްއަށް ބަލައިލިއެވެ.

ނަމަވެސް ކަންވެގެންދިޔައީ ހަސީނާ އުއްމީދުކުރިގޮތާ މުޅިން ޚިލާފަށެވެ. ކަރަމް ހަރުކަށިގޮތެއްގައި ހިނގާލާފައިއައިސް ހަސީނާގެ ކައިރީގައި ހުއްޓުނެވެ. ކަރަމް ހަސީނާގާތު ފައިސާއަށް އެދުނެވެ. އެހެން ދުވަސްތަކެކޭވެސް އެއްގޮތަށެވެ. ހަސީނާ ކަރަމްއަށް ފައިސާދޭން ބޭނުންވިއެވެ. އެކަމަކުވެސް ހަސީނާގެ ހިތާދެކޮޅަށް ކަރަމްއަށް ފައިސާ ނުދޭން ނިންމިއެވެ. އަދި މަޑުމައިތިރިކަމާއެކު ކަރަމް ގާތު ފައިސާ ނުދެވޭނެކަމަށް ބުންޏެވެ.

ކަރަމް ރުޅިއައިސްގެން ވަނީ ކަރަމްގެ ކޮޓަރިއަށެވެ. ކޮޓަރީގެދޮރު ވަރަށްބާރަށް ބަންލާފައި ޖެހިއެވެ. ކަރަމްގެ ރުޅި ގަދަވަނީއެވެ. ކަރަމްގެ ވިސްނުމަށް ކުއްލިގޮތަކަށް އައީ އެހެންކަހަލަ ޚިޔާލެކެވެ. ކަރަމް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކަރަމް ހަސީނާގެ ކޮޓަރިއާ ދިމާއަށް ގޮސް މަޑުމަޑުން ކޮޓަރިތެރެއަށް ވަނެވެ. ވަރަށް ސިއްރުސިއްރުންނެވެ. ދެން ކަރަމްގެ ނަޒަރު ކޮޓަރީގެ ތެރެއަށް ހިންގާލިއެވެ. ކަރަމްގެ މަންމަ ހުރިތޯއެވެ. ހަސީނާގެ ހިލަމެއް ނުވުމުން ކަރަމް ހަސީނާގެ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަލަމާރީގައިހުރި ހަސީނާގެ ހެދުންތަކުގެ އަޑިބެލިއެވެ. ކަރަމްއަށް ފެނުނީ ކަރަމް ބޭނުންވެގެން އެއުޅޭ އެއްޗެވެ. އެއެއްޗަކީ ހަސީނާގެ ލާރިއަޅާ ދަބަހެވެ. ކަރަމް އަނެއްކާވެސް ކޮޓަރިއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. ހަސީނާގެ ހިލަމެއް ވޭތޯއެވެ. އެއަށްފަހު ކަރަމް ހަސީނާގެ ދަބަހުން އެއްހާސް ރުފިޔާ ވަގަށް ނެގިއެވެ. މަޑުމައިތިރިކަމާއެކު ލާރިދަބަސް އޮތްތަނަށް ލާފައި ހަސީނާގެ ކޮޓަރިން ނުކުތެވެ. ކަރަމް މިސްރާބުޖެހީ ގޭންބޭރަށް ދިއުމަށެވެ. ގެއިން ނިކުމެވުނީ ހަސީނާގެ ކުރިމައްޗަށެވެ. ހަސީނާއަށް ކަރަމްގެ އަތުގައި އޮތް ފައިސާތައް ފެނުނެވެ. ކަރަމް އަވަސްއަވަހަށް ފައިސާތައް ކަރަމްގެ ފަޓްލޫނުގެ ފަހަތު ޖީބަށް ލިއެވެ. ހަސީނާ ހަރުކަށި ގޮތަކަށް ކަރަމްއާ ސުވާލުކުރިއެވެ. ” ކަރަމް ކޮންލާރިއެއް ތިގެންގުޅެނީ. ތިލާރިތައް ހަމަމިވަގުތު މަންމައާ ޙަވާލުކުރޭ!” ހަސީނާ އެހެންކިޔާފައި ކަރަމްގެ އަތުގައި ހިފިއެވެ. ނަމަވެސް ކަރަމް އެއްވެސް ޖަވާބެއްނުދީ ހަސީނާ ކޮއްޕާލާފައި ދުއްވައިގަތެވެ.
އޭގެ ތިންގަޑިއިރު ފަހެވެ. ކަރަމްއިނީ ކަރަމްގެ ދިރިއުޅުން ހަލާކުކޮށްލި ރައްޓެހިންގެ ގާތުގައެވެ. ދުނިޔޭގައިލެއްވިހާ ނުބައިފާފަތަކަށް އަރައިގަތުމަށް މަގުފައިކުރުވާ މަސްތުވާތަކެތީގެ ބޭނުންކުރާށެވެ. ހަސީނާގެ ބުރަ މަސައްކަތުން އެއްކޮށްފައިވާ ލާރި ފެނަށް ދުއްވާށެވެ.

ހަސީނާގެ ހަޔާތުން ހިތާމަވެރި އެއްދުވަސް ނިމިގެން ދިޔައީއެވެ. ހިތާމަވެރިކަމުގެ އަނެއްދުވަހަށް މަރުޙަބާކިޔާކަށް ހަސީނާ އެއްގޮތަކަށްވެސް ބޭނުމެއް ނެތެވެ. ހަސީނާ ދުނިޔޭގައިހުރީ ހަމައެކަނި ކަރަމް އަށްޓަކައެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީވެސް އިމްތިޙާނެކެވެ.

އަނެއްދުވަހުގެ ހެނދުނެވެ. ކަރަމް އަނެއްކާވެސް ހަސީނާގެ ގާތު ލާރިއަށް އެދުނެވެ. މިއަދުވެސް ހަސީނާ ހަރުކަށިބަހުން ލާރިދިނުމަށް އިންކާރު ކުރީއެވެ. ކަރަމްގޮސްވަނީ ހަސީނާގެ ކޮޓަރިއަށެވެ. ހަސީނާގެ އަލަމާރި އެފުއްމިފުށަށް ޖެހިއިރުވެސް ލާރިދަބަހެއް ނުފެނުނެވެ. ކަރަމް ހަސީނާގެ ކޮޓަރި އެއްކޮށް ބަލާހޯދިއެވެ. ހަސީނާގެ ކޮޓަރިން އެއްވެސް ލާރިއެއް ނުފެނުމުން މުޅިގެ ހޭވިއެވެ. ގޭގައިހުރި ތަކެތި އުކާ ހަލާކުކުރިއެވެ.

ކަރަމް ހަސީނާގާތު ލާރިދަބަސް ވީތަން އެހިއެވެ. ހަމައެއާއެކު ހަސީނާ ކަރަމްއަށް ޖަވާބުނުދޭންވެގެން ހަސީނާގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ކަރަމް ހަސީނާގެ އަތުގައި ވަރަށްބާރަށް ހިފާ އަތް އަނބުރާލިއެވެ. ދެން ކަރަމް ހަސީނާގެ ބުރަކަށީގައި އަޅާކޮއްޕާލިއެވެ. ކޮއްޕާލިލެއް ބާރުކަމުން ހަސީނާގޮސްޖެހުނީ ފާރުގައެވެ. ޖެހުމާއެކު ހަސީނާ ހޭނެތިގެން ވެއްޓުނެވެ.

ކަރަމް ހިނގާފައިދިޔައީ ގޭން ބޭރަށެވެ. ކަރަމްގެ މައިމީހާއަށް ހެދުނު ގޮތާމެދު އެއްވެސް ދެރަކަމެއް ކަރަމްގެ މޫނުމަތިން ފެންނާކަށް ނެތެވެ. ކަރަމް ދިޔަގޮތަށް ދިޔައީ ކަރަމްގެ ރައްޓެހިން ގާތަށެވެ. ރައްޓެހިން ގާތުގައި މިއަދު ލާރި ނުލިބުނުވާހަކަ ބުންޏެވެ. އެހެންބުނުމުން އެތަނުންއެކަކު ކަރަމްގާތު މަގުމަތިން ވައްކަންކުރުމުގެ ޚިޔާލުދިނެވެ. ކަރަމް އެއްބަސްވިއެވެ.

ތިންމީހުން އެކީގައި މަގުމައްޗަށް ނިކުތެވެ. ތިންމީހުންގެ ނަޒަރު ހުއްޓުނީ އެތާހުރި އަންހެންކުއްޖަކަށެވެ. އޭނާހުރީ ޓެކްސީއެއްގެ ޑްރައިވަރަށް ފައިސާދޭށެވެ. ތިންމީހުން އެއްފަހަރާ ލަވަކިޔަމުންގޮސް އެއަންހެންކުއްޖާއަތުން އޭނާގެ ދަބަސް އަތުލުމާއެކު ދުއްވައިގަތެވެ. ނަމަވެސް އެތިންމީހުންގެ ކުރިމައްޗަށްހުއްޓުނީ ފުލުހުންގެ ދެމީހުންނެވެ. ފުލުހުން އެތިންމީހުން ހައްޔަރުކޮށް އެއަންހެންކުއްޖާގެ ދަބަސް އޭނާއަށް ރައްދުކުރިއެވެ.

ފުލުހުން އެތިންމީހުންނާ ސުވާލުކުރިއެވެ. ވެގެންދިޔައީ އެއްވެސް އިންސާފެއް ނެތްގޮތަކަށެވެ. ވައްކަންކުރުމުގައި ތިންމީހުންގެ ހިއްސާވެސް އެއްވަރެވެ. ނަމަވެސް ކަރަމްގެ ދެ ރައްޓެހިން ހުރިހާކަމެއް ކަރަމްގެ ބޮލުގައި އަޅުވާފައި ސަލާމަތްވީއެވެ. މިހާރު ކަރަމްއަށް ވިސްނިއްޖެއެވެ. އޭނާގެ ރައްޓެހިން އޭނާ ހުސްކޮށްލުމަށްފަހު ލަނޑުދިނީއެވެ. ކުރެވުނު ކުށް އިހްސާސްވެއްޖެއެވެ. އެކަމަކު ވަގުތު ފައިތުވެއްޖެއެވެ.

ކަރަމްހުރީ ޖަލުގަ އެވެ. ރޯށެވެ. މަންމަގާތު މާފަށްއެދޭނެ ގޮތެއް ނޭނގިފައެވެ. އެވިސްނުމުގެ ތެރޭގައި ކަރަމް ރޯންހުއްޓާ ފުލުހެއް އައިސް ކަރަމް ޖަލުން ނެރުނެވެ. ފުލުސްމީހާ ކަރަމްއަށް ވީގޮތް ކިޔައިދިނެވެ. ކަރަމް ޖަލުން ސަލާމަތްކޮށްދިންގޮތްވެސް ކިޔައިދިނެވެ.

ކަރަމް ޖަލުން ސަލާމަތްކޮށްދިނީ ކަރަމްގެ ބައްޕަފަރާތު ބޭބެއެއް ކަމަށްވާ ޒަކަރިއްޔާއެވެ. އޭނާ ކަރަމް ޖަލުން ސަލާމަތްކޮށްދިންކަމަށްޓަކައި ކަރަމް އޭނާއަށް ޝުކުރު އަދާކުރިއެވެ. ޒަކަރިއްޔާއާއެކު ގެއަށްދާން މިސްރާބުޖެހިއެވެ. ޒަކަރިއްޔާ ކަރަމްއަށް ނަޞޭހަތްލާދިނެވެ. ހަޅޭވެސް ލެވިއެވެ. ހަމްދަރުދީވެސް ވިއެވެ. ކަރަމް ރަނގަޅުވާނެކަމަށައި މީގެފަހުން ގޯސްޢަމަލެއް ނުކުރާނެކަމަށް އޭނާގެ ބޭބެގާތު ހުވާކުރިއެވެ.

ޒަކަރިއްޔާ ކަރަމްގޮވައިގެން ގޮސް ގެއަށްވަނެވެ. ކަމަކުދާކަށްނެތެވެ. ހަސީނާ މިއޮތީ ވެއްޓިފައެވެ. ހޭހުރިތޯ ބެލިއިރު ހެއެއްވެސް ނެތެވެ. ވީކީއްތޯބެލިއިރު ހަސީނާ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. މިއީ ކަރަމްގެ ތަޤްދީރެވެ.

ކަރަމްއަށްލިބުނީ ކެތްނުކުރެވޭވަރުގެ ފުން ހިތާމައެކެވެ. ކަރަމް، ކަރަމްގެ މަންމަ ހަސީނާ އުނގުމައްޗަށްލައިގެން އިނދެ ރޮނީއެވެ. އެތަންބަލަން ބައިވަރު މީހުންތައް އެއްވިއެވެ. ކަރަމްއަށް ހިތްވަރު ލައިދިނެވެ. ކަރަމް، ފުރާނަނެތް ހަށިގަނޑެއް ކައިރީގައި އިނދެ މާފުކޮށްދިނުމަށްއެދި ގިސްލަނީއެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. ޒަކަރިއްޔާބޭބެ ތަޢުބާވާންބުނުމުން ކަރަމް ތަޢުބާވާން ނިންމިއެވެ. މާތްﷲގެ ހަޟްރަތަށް މާފަށްއެދި ދުޢާކުރި އެވެ.

ދުވަސްތައް ފާއިތުވަމުންދަނީއެވެ. ކަރަމްގެ ޙަޔާތް މުޅިން ބަދަލުވެއްޖެއެވެ. ކަރަމް މިހާރު ވަގުތަށް ނަމާދަށްދެއެވެ. ޤުރުއާން ކިޔަވައެވެ. މިހާރު ކަރަމް އުޅެނީ ވަރަށް ބޮޑު ހޮޓަލެއްގެ މެނޭޖަރެއްގެ މަގާމްގައެވެ. ފަޤީރުންނަށް ޞަދަގާތް ކުރެއެވެ. ކަރަމްވެގެންދިޔައީ އެންމެންނަށް ރީތި ނަމޫނާއަކަށެވެ. މީހުންގެ ދޫދޫމަތިން އިވެމުންދަނީ ކަރަމްއަށް ތައުރީފްގެ ބަސްތަކެވެ. މިގޮތުގައި ކަރަމް އުފަލުގައި އުޅެމުންގެންދިޔައެވެ. މިއީ ކަރަމްގެ ތަޤްދީރު އޮތްގޮތެވެ.
= ނިމުނީ =

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.