އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ގުރޫޕް އޭގެ ދެ މެޗުން އެފްސީ ސޫޕާއި ފެއިމްސް ޔުނައިޓެޑް މޮޅު ވެއްޖެއެވެ.
ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސް އާއި އެފްސީ ސޫޕް ބައްދަލުކުރި މެޗު 4-1 އިން އެފްސީ ސޫޕް ކާމިޔާބު ކުރިއިރު އެފްސީ ސޫޕަށް ގޯލުތައް ކާމިޔާބު ކޮށްދިނީ އަހުމަދު އަޝްހަމާއި މުހައްމަދު ފާސިރުގެ އިތުރުން ފަތީން ޚާލިދު އަދި ހައްފާފް ސިދުގީއެވެ. ފޯސީޒަންސް ރިސޯޓުގެ ހަމަ އެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ނާފިޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ސޫޕްގެ މުހައްމަދު ފާސިރެވެ.
ފެއިމްސް ޔުނައިޓެޑާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗު ފެއިމްސް ޔުނައިޓެޑް ކާމިޔާބު ކުރީ 6-1 އިންނެވެ. ފެއިމްސް ޔުނައިޓެޑުގެ އަލީ ޒުބެއިރު މި މެޗުގައި ހެޓްރިކް ހެދިއިރު މައުމޫން އަބްދުލް ގައްޔޫމާއި އިޝާން އިބްރާހިމް (ސައްޓު) އަދި ޢަބްދުﷲ ޒަޢީމް (އައްބި)، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލު ޖަހައިފައެވެ. ދަ ޗެލެންޖާސް އަށް ސުން ކަނޑުވާލަދިން ގޯލު އެޓީމަށް ޖަހައިދިނީ ސިމާން ސައީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑަށް ހެޓްރިކް ހަދައިދިން އަލީ ޒުބެއިރެވެ.
މާދަމާ ހަވީރު މި މުބާރާތުގައި ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގެ ސޮނެވާފުށި ރިސޯޓާއި ސަޖި އެންޑް ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އަނަންތަރަ އާއި ހުސް ސޮނގުންނެވެ.