ރަށްވެހި ތަރައްގީގެ ނަމޫނާ އޭދަފުށި
ލިޔުނީ؛ ޢަބްދުﷲ މުޢާޒު

މި ޒަމާނުގެ ތަރައްޤީގެ މައިގަނޑު ހުރިހާ މަސްދަރެއް ހިމެނޭ ވަކި އެއްރަށެއް އޭދަފުށި ނޫނީ ނެތެވެ. އެހެން ބައެއް ރަށްރަށުގައި ވެސް ރަށްވެހި ތަރައްޤިގެ ބައެއް ކަންކަން އެބަހުއްޓެވެ. އެހެންނަމަވެސް އޭދަފުއްޓަކީ ނަމޫނާ ރަށަކަށް ބެލެވޭ އެތައް އެތައް ކަމެއް ވެ އެވެ.
އިހުޒަމާނުއްސުރެ ރައްޔިތުންގެ މަސައްކަތްތެރިކަމެވެ. ވަކި ޚާއްޞަ މަސައްކަތްތަކަކަށް އަރާއޮތް މިންވަރެވެ. އެ މަސައްކަތްތަކުގައި މުޅި ރާއްޖެ އަށް ނަމޫނާ ރަށަކަށް ވެފައި އޮތް އޮތުމެވެ. އެގޮތުން ފޭލި ވިޔުމަކީ އޭދަފުއްޓަށް ޚާއްޞަވެފައި އޮތް އަގުހުރި، އެހާމެ ހުނަރުވެރި މަސައްކަތެކެވެ. ކަށިކެޔޮފަތު ކުނާ ވިޔުމުގައި ވެސް ދެވަނައެއް ނެތް ފަދަ ކުޅަދާނަ ބަޔަކަށް އޭދަފުށީ މީހުން ވި އެވެ. އަނެއްކޮޅުން އޭދަފުއްޓަކީ ޒަމާނުއްސުރެ ރާއްޖޭގައި ނަންހިނގާ މަސްވެރި ރަށެކެވެ. ފުރާދުއްވާ އުޅަނދުފަހަރު ގިނަވެފައި، އުޅަނދުފަހަރަށް އަންނަމުންދާ ކޮންމެ ހެޔޮ ބަދަލެއް އެންމެ ކުރިން އޭދަފުށީގެ އުޅަނދުފަހަރުން ފެނިގެން ދެ އެވެ. ދޯނިފަހަރުގައި އިންޖީނު އެޅުމުން ފެށިގެން، ފައިބަރ އުޅަނދުފަހަރާއި ސްޕީޑްލޯންޗް ފަހަރަށްދާންދެން ފުރަތަމަ ގެންގުޅެންފެށި ރަށްރަށުގެ އިސްސަފުން އޭދަފުށި ފާހަގަކުރެވިގެން ދެއެވެ.
އެއްފަސްކުރުމުގެ ކާމިޔާބީ އެންމެ ހެޔޮގޮތުގައި އެންމެ ފުރަތަމަ ފެންނަން އޮތް ރަށަކީ ވެސް އޭދަފުއްޓެވެ. ނަވާރަސަތޭކަ ފަސް ދޮޅަހުގެ އަހަރުތަކުގައި ސަރުކާރުން މީހުން ބަދަލުކުރި ގިނަ ރަށްރަށުން ބަދަލުކުރި ރަށްރަށުގައި ނުތިބެ ފައިބައިގެން ދިޔަ ނަމަވެސް އޭދަފުށީގައި ވަޒަންވެރި ކުރުވި ތިން ރަށުގެ ރައްޔިތުން އޭދަފުށި ދޫކޮށެއް ނުދެ އެވެ. އޭދަފުށީގެ ރައްޔިތުންނާއި ހިޖުރަކުރި ތިން ރަށުގެ ރައްޔިތުން ގުޅިލާމެހި އެއްބައެއްގެ ގޮތުގައި ރަށް ތަރައްޤީކޮށް ކުރިއަރައި ދިއުމަށް ކުރި ބުރަމަސައްކަތުން އެއްފަސްކުރުމުގެ ކާމިޔާބު މޮޑެލަކަށް އޭދަފުށި ވަނީ ވެފަ އެވެ. ހަމަހަމަ ފުރުޞަތާއެކު އިޤްތިޞާދީ، އިޖުތިމާއީ، އުމްރާނީ ކުރިއެރުމުގައި ނަސްލީ ތަފާތުކުރުމެއް ނެތި އެންމެންނަކީ އޭދަފުށީ މީހުންނެވެ.
ރާއްޖޭގެ ތަޢުލީމީ ނާރެހުގައި ވެސް އޭދަފުއްޓަކީ ނަމޫނާއެކެވެ. މާލެ ފިޔަވައި ނިޒާމީ ތަޢުލީމެއް ޒަމާނީ ފެންވަރުގައި ފުރަތަމަ ދެވެން ފެށުނީ އޭދަފުށީގަ އެވެ. ބ. އަތޮޅު ކޮމިއުނިޓީ ސްކޫލު ހުޅުވުމާ ހަމައިންނެވެ. އޭގެކުރިން ވެސް އޭދަފުއްޓަކީ ތަޢުލީމީ ރަށެކެވެ. މަދަރުސަތުއްސަޢާދާ އާއި މަދަރުސަތުލް ބަހިއްޔާއިން އުފެއްދި އެތައް ސަތޭކަ ދަރިންނެއް ޤައުމުގެ އެންމެ އިސް ސަފުގަ އާއި އެކި ފެންވަރުގެ ޤައުމީ ޚިދުމަތުން ފާހަގަވެގެން ގޮސްފައިވެއެވެ.
މިހެންގޮސް ކިޔާފާ ނުކިޔާނެ ވަކިކަމެއް ނެތެވެ. ރަށްވެހި ތަރައްޤީގައި އެންމެ މުހިންމު އެއް ބަހާއަކީ ޞިއްޙީ ޚިދުމަތެވެ. ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މާލެ ފިޔަވައި ރާއްޖޭން ލިބެން އޮންނަ އެންމެ ރަނގަޅު ޞިއްޙީ ފަރުވާއެއް އޭދަފުށިން ލިބެން ހުރެއެވެ. ހެލްތު ސެންޓަރގެ ނަމުގަ އާއި ޞިއްޙީ މަރުކަޒުގެ ނަމުގަ އެވެ. އެންމެ ފަހުން އަތޮޅު ހޮސްޕިޓަލުގެ ގޮތުގަ އެވެ.
ލަފާފުރުމުގެ ފަސޭހަކަން އެންމެ ފުރަތަމަ ލިބުނު ރަށްތަކުގެ ތެރޭގައި ވެސް އޭދަފުށި ހިމެނިގެން ގޮސްފައި ވެ އެވެ. މާލެ ފިޔަވައި ޓެލެފޯނުގެ ޚިދުމަތް އެންމެ ފުރަތަމަ ލިބިގެން ދިޔަ އެއް ރަށަކީ އޭދަފުއްޓެވެ. ޒަމާނުއްސުރެ ރީތި މަގުތަކެއް އޮތް އޭދަފުށީގެ މަގުފާރުތައް ރޭނި މަގުފާރުތަކުގައި ސިމެންތިޖެހިގެން ދިޔަ ފުރަތަމަ ރަށަކަށް ވެސް އޭދަފުށި ވި އެވެ.
ރަށުގެ ބޮޑު އާބާދީ އަށް އެކަށޭނަ، ރާއްޖޭގައި ނެތްވަރުގެ ބޮޑު ހުކުރު މިސްކިތެއް ބިނާކުރެވިގެން ދިޔަގޮތަކީ ޒަމާންތަކަށް ދެމިގެންދާނެ ނަމޫނާ މިސާލެކެވެ. ގެސްޓް ހައުސްގެ ވާހަކަ އާއްމުކޮށް މީހުންދައްކާ އުޅުނު ޒަމާނެއް ނޫނެއް ކަމަކު “ޕާމްކޯޓް”ގެ ނަމުގައި ޒަމަނާ އެންމެ އެކަށީގެންވާ މަތީފެންވަރުގައި މެހުމާނު ސަރާއެއް (ގެސްޓް ހައުސްއެއް) އޭދަފުށީ ރައްޔިތުން ހިންގި އެވެ. ނަރުދަމާ ނިޒާމް ޤާއިމުކުރެވި، ދަނާލުގެ ޚިދުމަތާއެކު ބިނާކުރެވިފައިވާ އިޖުތިމާއީ ދުޅަހެޔޮކަމުގެ ބިނާތަކުން ލިބިދޭ ޚިދުމަތްތަކުގެ ނަތީޖާ ހެޔޮވާނެ އެވެ.
ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުން އޭދަފުއްޓާ ގުޅިފައިވާ ކާމިޔާބީތަކާއި ޤައުމީ ފެންވަރުގައި ޤައުމަށް ރީތި ނަން ހޯދައިދިނުމުގައި އޭދަފުށީގެ ކުޅުންތެރިންގެ ނަން ދުވަހަކު ވެސް ފަނޑުވުމެއް ނެތެވެ.
ވިޔާފާރި އާއި މަސައްކަތްތެރިކަން ރަނގަޅު ފެންވަރެއްގައި ތަރައްޤީކޮށް އޭދަފުއްޓަކީ ދެވަނަ މާލެއޭ ބުނާ ވަރަށް ތަރައްޤީގެ ހަރުފަތްތައް ގިރާކޮށްފައިވެ އެވެ. ސައުވީސް ގަޑިއިރުގެ ކަރަންޓްގެ ޚިދުމަތާއި، ބޭންކިންގެ ޚިދުމަތާ ގުޅިލާމެހިފައި ވުމުން އޭދަފުށީގެ އިޤްތިޞާދީ އިންޖީނު ހުއްޓުމެއްނެތި ދަނީ ބާރަށް ކުރިއަށެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެކަން ކަށަވަރުވެ ޔަޤީންވެއެވެ. އެހެންވެ، ރަށްވެހި ތަރައްޤީގެ ނަމޫނާ ރަށަކީ އޭދަފުއްޓޭ ނުބުނެވޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.
ނޯޓް: އަބްދުﷲ މުއާޒަކީ ނޫސްވެރިކަމުގައި އަލިގަދަ ނަމެކެވެ. ހާއްސަކޮށް، އެކި މަޖައްލާތަކުގައި އޭނާގެ ލިޔުންތެރިކަމުގެ ކުޅަދާނަކަން ދައްކުވައިދީފައިވާ އެތަކެއް އާޓިކަލެއް ވަނީ ޝާއިއު ކޮށްފަ އެވެ. ބ. ދަރަވަންދު އަށް އުފަން މުއާޒް އޭދަފުށީ ޓައިމްސް އަށް ލިޔެދެއްވަން ނިންމަވައި، މިފަހަރު ލިޔެދެއްވި އާޓިކަލަކީ އޭނާގެ ހިތުގައި އޭދަފުއްޓާ ދޭތެރޭ އުފެދިފައިވާ ޝުއޫރެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...