ކަޅު ނަސްލުގެ މީހަކު އެމެރިކާގެ ރައީސް ކަމަށް ވުން އެއީ އެ ގައުމުގެ ތާރީޚުގައި ދުށް އެންމެ ފަޚުރުވެރި އެއް މަރުހަލާ ކަމަށް އެމެރިކާގެ އެތައް މިލިއަން ރައްޔިތުން ގަބޫލު ކުރެއެވެ. ނަމަވެސް ދެވަނަ ޓާމަށް ހޮވުމަށް ފަހު ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮބާމާ އަކީ އެމެރިކާގެ އެންމެ ނާކާމިޔާބު ރައީސްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
“އޮބާމާ މިހާރު މަސައްކަތެއް ނުކުރައްވާ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަ ކުރާކަށް. އެ މަނިކުފާނު މިހާރު މަސައްކަތް ކުރައްވަނީ ކުދިކުދި ތާކުންތާކު ނުޖެހޭ ކާމިޔާބީތައް ހޯއްދެވުމަށް،” އެމެރިކާގެ މަޝްހޫރު ސިޔާސީ ކޮމެންޓޭޓަރު ޗާލްސް ކްރޯތޭމާ ދާދި ފަހުން ވިދާޅުވި އެވެ.
އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ މިދިޔަ ހަފުތާގައި އޮބާމާ ދެއްވި “ސްޓޭޓް އޮފް ދަ ޔޫނިއަން” ތަގުރީރު ވެސް ބޮޑަށް ސިފަ ވަނީ އޮބާމާގެ ފުރަތަމަ ހަތަރު އަހަރު އަމިއްލަފުޅަށް “ކުށްވެރިކުރެއްވުން” ފަދަ ތަގުރީރަކާ ކަމަށް ކްރޯތޭމާ ވިދާޅުވި އެވެ.
“އެ ތަގުރީރު އަޑުއަހާލުމުން ހީވީ އޮބާމާއާ ދެކޮޅަށް ކެމްޕޭން ކުރައްވާ ބޭފުޅަކު ލިޔުއްވާފައިވާ ތަގުރީރެއްހެން،” ކްރޯތޭމާ ފާޑުވިދާޅުވި އެވެ.
ބައެއް ސިޔާސީ ފަރާތްތައް ވިދާޅުވާ ގޮތުގައި އޮބާމާގެ މިވީ ފަސް އަހަރުގެ ތެރޭގައި އެމެރިކާގެ މުއްސަނދިންނަށް ވަނީ ވަރަށް ބޮޑަށް ފައިދާ ކޮށްފަ އެވެ. ނަމަވެސް އެހެން އެންމެންގެ ހަޔާތް ވަނީ “ހުއްޓުމަކަށް” އައިސްފަ އެވެ. އަދި މިހެންވެ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ވަނީ އިތުރަށް ބޮޑުވެފަ އެވެ.
“އޮބާމާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ބޮޑަށް ސިފަވަނީ އެ މަނިކުފާނުގެ މިވީ ފަސް އަހަރު ދުވަހުގެ މަސައްކަތް އަނެއްކޮޅަށް ޖަހާލުން ކަމަށް ފެނޭ. ސަބަބަކީ ކަންތައްތައް ވަނީ އެހާ ވެސް ގޯސްވެފައި،” އެހެން ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އޮބާމާއާމެދު މީހުންގެ ހިޔާލު ތަފާތު ވެފައިވާ މިންވަރަކީ ބައެއް ރައްޔިތުން އޮބާމާ ތައާރަފު ކުރެއްވި ބޭސްފަރުވާގެ ނިޒާމު ނުވަތަ “އާސަންދަ” ޕްރޮގްރާމަކީ އެންމެ ކާމިޔާބު ސިޔާސަތު ކަމަށް ދެކޭއިރު އަނެއް ބަޔަކު ދެކެނީ އެއީ އެ މަނިކުފާނުގެ އެންމެ ބޮޑު “ފޭލިވުން” ކަމަށް ވެސް ވުމެވެ. “އޮބާމާކެއާ”ގެ ނަން ދީފައިވާ މި އާސަންދަ ޕްރޮގްރާމަށް ތިން އަހަރު ވީއިރު، 36 ޕަސެންޓް އެމެރިކާ ރައްޔިތުން ދެކެނީ މިއީ އެ މަނިކުފާނުގެ އެންމެ ބޮޑު ނާކާމިޔާބީ ކަމަށެވެ. ނަމަވެސް އަނެއްކޮޅުން 26 ޕަސެންޓް ރައްޔިތުން ދެކެނީ މިއީ އޮބާމާގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ދާދި ފަހުން ނެގުނު ހިޔާލު ހޯދުމުގެ ދިރާސާއަކުން ދެއްކި ގޮތުގައި އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ދިޔަ “ހަނގުރާމަ” ހުއްޓާލުމާއި އުސާމާ ބިން ލާދިން މަރާލުމަކީ 7 ޕަސެންޓް މީހުން ދެކޭ ގޮތުގައި އެ މަނިކުފާނުގެ ދެވަނަ އަށް އެންމެ ބޮޑު ކާމިޔާބީ އެވެ. ނަމަވެސް އަނެއްކޮޅުން އިދިކޮޅު ރިޕަބްލިކަން ޕާޓީއާއެކު މަސައްކަތް ނުކުރެއްވުމަކީ 9 ޕަސެންޓް ރައްޔިތުން ދެކޭ ގޮތުގައި އޮބާމާގެ ބޮޑު ފޭލިވުމެކެވެ. އަދި ރައްޔިތުންނާ ސަރުކާރާ ދެމެދު ރަނގަޅަށް މައުލޫމާތު ބަދަލު ނުކުރެވި މުއާމަލާތް ނުކުރެވުމަކީ އޮބާމާގެ ބޮޑު ނާކާމިޔާބެއް ކަމަށް 5 ޕަސެންޓް ރައްޔިތުން ދެކެއެވެ.
ނަމަވެސް އޮބާމާގެ ކާމިޔާބާއި ނާކާމިޔާބު ބޮޑަށް ބިނާވެފައިވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރާ ރައްޔިތުންނާއި އިިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭ ގޮތާމެދު ކަމަށް ވެސް ބައެއް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެގޮތުން ފާހަގަ ކޮށްލެވެނީ ރިޕަބްލިކަން ޕާޓީއަށް ތާއީދު ކުރާ މީހުންގެ ތެރެއިން 40 ޕަސެންޓް ދެކެނީ އޮބާމާގެ “އެއްވެސް ކާމިޔާބީއެއް ނުވާ” ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުގެ ތެރެއިން 39 ޕަސެންޓް ރައްޔިތުން ބުނަނީ އޮބާމާގެ އާސަންދަ އަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ދާދި ފަހުން ނެގި އެހެން ހިޔާލު ހޯދުމުގެ ދިރާސާއަކުން ދެއްކި ގޮތުގައި އޮބާމާއަކީ “ކާމިޔާބު” ރައީސްއެއް ކަމަށް ދެކެނީ އެންމެ 14 ޕަސެންޓް އެމެރިކާ ރައްޔިތުންނެވެ. އަދި އޭނާއަކީ “ބޮޑު ފޭލިވުމެއް” ކަމަށް 37 ޕަސެންޓް ރައްޔިތުން ދެކެއެވެ.
ސިޔާސީ ކަންތައްތައް ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވާ އަދި އެހެން ވާހަކައެއް ވެސް ވެއެވެ؛ އެއީ މަގާމުގައި ހުންނަވާއިރު އެއްވެސް ރައީސަކު އެމެރިކާ ރައްޔިތުން ބަލައިނުގަންނަ ކަމެވެ. އެގޮތުން ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވެސް ވެރިކަމުން ފައިބާވަޑައިގަތުމަށް ފަހު އޭނާގެ މަގުބޫލުކަން އިތުރުވެފައިވާކަން އެ ފަރާތްތަކުން ފާހަގަ ކުރައްވައެވެ. ނަމަވެސް މިހާރުން މިހާރަށް ބަލާއިރު ހިޔާލު ހޯދުމުގެ ދިރާސާތަކުން ދައްކާ ގޮތުގައި އޮބާމާއަކީ މި ވޭތުވެދިޔަ 100 އަހަރުގައި އެމެރިކާ ދުށް އެންމެ ނާކާމިޔާބު ރައީސް އެވެ.