ވޯޓު ދޭންވީ ކޮންކަހަލަ ޝަހުސިއްޔަތަކަށް؟

ބ. އޭދަފުށި: ނޮވެމްބަރ 16، 2013ގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރުގައި މީހަކު ވޯޓު ލަނީ:
ބ. އޭދަފުށި: ނޮވެމްބަރ 16، 2013ގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރުގައި މީހަކު ވޯޓު ލަނީ:

 

މިހާރު ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ސައިންސް ފިކްޝަން ވާހަކަ ލިޔުންތެރިޔާ ޑަގްލަސް އެޑަމްސް 1984 ގައި ލިޔުނު ވާހަކަ ފޮތެއް ކަމަށްވާ “ސޯ ލޯންގް އެންޑް ތޭންކްސް ފޮ އޯލް ދަ ފިޝް” (“އަލްވަދާއު، އަދި ހަދިޔާ ކުރި ހުރިހާ ކަނޑުމަހަށް ޝުކުރިއްޔާ” ގައި ލިޔެފައިވެއެވެ؛ “ޑިމޮކްރެސީ އަކީ މެޖޯރިޓީ ނުވަތަ ބައި ގިނަ މީހުންގެ އިސްތިއުމާރެވެ”.
މިކަމާ ގުޅިގެން މި ފޮތުގައި އުޅޭ ނާވިލު ޝަހުސިއްޔަތަކު ސުވާލު ކޮށްފައިވެއެވެ: “އެހެންވާއިރު އަހަރެމެން ރައްޔިތުން ވޯޓު ލާން ދިއުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟” މި ކަމުގެ ޖަވާބުގައި ޑަގްލަސް ލިޔެފައިވެއެވެ: “އާނއެކެވެ. އެއީ އަހަރެމެންގެ ވާޖިބެކެވެ. ސަބަބަކީ ‘ބޮނޑުންގެ’ ތެރެއިން ނުބައި ‘ބޮނޑަކު’ ވެރިކަމަށް އަތުވެދާނެތީ އެވެ.”

ވޭތުވެދިޔަ ރިއާސީ އިންތިހާބުގައި ވެސް ދިވެހި ރައްޔިތުންނަށް ކުރިމަތިވީ މި ފަދަ “ބޮޑު މަންޒަރަކާ” އެވެ. ތިރީސް އަހަރުގެ “އަނިޔާވެރިކަން” ނިމުމަކަށް ގެނެސް، ދިވެހި ރައްޔިތުންނަށް “ފަރުދީ މިނިވަންކަމާއި ތާހިރު ދިރިއުޅުމެއް” ހޯދައިދޭނެ ކަމަށް ބުނި “ބޮނޑުން” އެއިރު ވެރިކަމަށް އައިސް ކުރީ އެ މީހުންގެ މެނިފެސްޓޯއާ މުޅިން ދެކޮޅުވެރި ކަންތައްތަކެކެވެ. އެގޮތުން ސިޔާސީ ބާރު ގަދަ ކުރުމަށްޓަކައި ނުވަތަ “ކޮންސޮލިޑޭޓް” ކުރުމަށްޓަކައި ސިޔާސީ ގޮތުން ރާއްޖޭގެ ބާރުގަދަ ފަރާތްތަކުގެ ތާއީދު ހޯދުމަށްޓަކައި މި ބުނާ ބޮނޑުންގެ ފަހަތުގައި ތިބި ފަރާތްތަކުން ވަނީ އެ ބޮނޑުންގެ އެންމެ މުހިންމު ސިޔާސަތު އެ ބޮނޑުންގެ ތިން އަހަރުގެ ވެރިކަމުގައި “ހައިޖެކް”ކޮށްފަ އެވެ. ތިރީސް އަހަރުގެ “އިހުމާލު” ވުމުން ސަލާމަތްވުމަށްޓަކައި މާލޭގެ ދަފުތަރުގައި ޖެހި ގޯތިގެދޮރުގެ ދަތިކަން ފިލާނެކަމަށް އުއްމީދުކޮށްގެން “ރެފިއުޖީން”ގެ ގޮތުގައި ތިބެ މުސްކުޅިވެ މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާ “ރާއްޖެތެރޭ” ބިކާރީންނާއި އެ މީހުންގެ އާއިލާތަކުގެ އިހުސާސްތަކަށް ބެލުމެއް ނެތި ވެށި ފަހި މާލެ ޕްރޮގްރާމުން އަނެއްކާވެސް “މާލޭގެ ބޭފުޅު ގަދަރުވެރިންނަށް” ބިންތައް ދީ، އެ މީހުންގެ ވޯޓު ހޯދި އެވެ. އެއީ މާލެއިން ބިން ހިބައަށް ލިބެން ތިބި މީހުން ކަމަށް ވިޔަސް މެއެވެ.

މިއީ ސިޔާސީ ދާއިރާ އަށް މާ ބޮޑު ސިޔާސީ ތަޖުރިބާއެއް ނެތް ނަމަވެސް ނިޔަތް ރަނގަޅު އާ ‘ބޮނޑަކު’ ކުރިމަތިލީމާ ވީ ކަމެއް ކަމަށް ވެސް ބައެއް ދިވެހި ރައްޔިތުން ދެކެއެވެ. ސަބަބަކީ 30 އަހަރުގެ “މޫތައް ލުހެލުމަށްޓަކައި” އެހީތެރިވެދޭނެ ކަމަށް ބުނެ “ބޮަލަށް އެރުނު” ނާޖާއިޒު ވިޔަފާރީގެ ފައިދާ ނަގާނެ ބަޔަކަށް ހުރިހާ ކަމެއް އެ “ބޮނޑު” ދޫކޮށްލުމުންނެވެ. ދެން، ސިޔާސީ “ބާރުވެރިކަން ހޯދައިދޭނެ ކަމަށް ބުނި އެހެން ބޮނޑުން”ގެ އަޑު ގަދަކޮށް، އާ “ބޮނޑުގެ” ލީޑަޝިޕް ވަރުގަދަ ވަރުގަދަކޮށްދޭނެ ކަމަށް ބުނަމުންނެވެ. އެގޮތުން އެ ބޮނޑަށް އެ ފަދަ ބާރުވެރިކަން ގެނެސްދެވިދާނެ ކަމަށް ބެލެވޭ އެހެން ބޮނޑުންނަށް ފަޅުރަށްތަކާއި ރިސޯޓުތައް ދިން ކަމަށް ތުހުމަތު ކުރެވުނެވެ. ދިވެހި ސަރުކާރާ އެކު ހަދަން އޮތް ގައުމީ އެއާލައިނެއް އަމިއްލަ ބޮނޑެއްގެ އަތްމައްޗަށް ދޫވެ، މާލެ ސަރަހައްދުގެ ސިނާއީ މަސައްކަތްތައް ވެސް ވަކި ބޮނޑެއްގެ އަތްމައްޗަށް ދޫކޮށްލަން ދިޔުން ހިމެނެ އެވެ. މިދިޔަ ނޮވެމްބަރު މަހު އާ ރައީސަކު ހޮވުނީމާ މިހާރު ގިނަ ބަޔަކު ސުވާލު ކުރަނީ، 30 އަހަރުގެ ވެރިކަމުގައި “ވަފާތެރިކަން” ގަނެލަން ވެރިޔަކު ބޭނުން ކުރި އުކުޅުތައް، މި އާ ‘ބޮނޑު’ ވެސް ބޭނުން ނުކުރި ނަމަ، އެއްކަހަލަ “6000 ވޯޓު” އޭނާ އަށް ލިބި، މިއަދު ގައުމުގެ ވެރިކަމުގައި ހުންނާނީ “ޑިމޮކްރެސީ” އާއި “އިސްލާހަށް” ތާއީދު ކުރެއްވި ނޫސްވެރިޔާ ބާވަ އެވެ؟

މިއީ ވަކި ޕާޓީއަކަށް ޖެހެވޭތީ ދެކެވޭ ވާހަކައެއް ނޫނެވެ. ވަކި “ކުލައަކަށް” ލޯބި ނުކުރާ “އަވިއައިނެއް” އަޅައިފި ކޮންމެ ދިވެހި ދަރިއަކަށް މި ވޭތުވެދިޔަ 33 އަހަރު ފެންނާނީ މިގޮތަށެވެ. ސަބަބަކީ މި އާ ‘ބޮނޑު’ 2008 ގެ އޭނާގެ “އަނެއް” ދިވެހިރާއްޖޭގެ މެނިފެސްޓޯގައި ބުނެފައިވާ ފަދައިން ރާއްޖޭގެ ހުރިހާ ވެސް މައްސަލައަކީ 30 އަހަރުގައި “މަރުކަޒީ ސަރަހައްދުތައް” ގާއިމު ނުކުރި ތާނގައި ގޯތިގެދޮރުގެ މައްސަލަ އިންތިހާ އަށް ބޮޑުވުން ކަމަށްވާއިރު، މިކަމުގައި ވެސް އަމިއްލަ މަސްލަހަތު އިސްކޮށްފައިވާތީ އެވެ.

މާލޭގެ ކޮންމެ ކޮޓަރިއެއް “ސްޕާ”އަކަށް ބަދަލުވެ، ކުޑަދަރިންނަށް އެ ކުދިންގެ މައިންބަފައިންގެ “އަނބިިފިރިކަމުގެ ގުޅުންތައް” ހިންގާ މަންޒަރުތައް ފެންނަ ހިސާބަށް މި ވޭތުވެދިޔަ 30 އަހަރާއި އެއާ ޖެހިގެން އައި ތިން އަހަރު ވަނީ ގޮސްފަ އެވެ. ކިޔަވާނެ މޭޒެއް ނެތިގެން މަންމަގެ ފަހާފޮށި މޭޒެއްގެ ގޮތުގައި ބޭނުންކުރަން ޖެހުމެވެ. “ޝިފްޓް” ބަހައިގެން އާއިލާގެ މީހުން ނިދަން ޖެހުމާއި މިފަދަ އެތައް “ނަފުސާނީ” ގެއްލުންތަކެއް ލިބެމުން އަންނަ ޖީލުތަކެއް އުފެދެން ދިމާވުމެވެ. އެހެންކަމުން ރާއްޖެ ޓީވީގައި ރޯކޮށްލި “ކުދި ބޮއްތައް” ނުވަތަ ހުމާމް ފަދަ “ސައިކޯ” މީހުން އުފެދެން ދިމާވީ ކިހިނެއްކަން ރަނގަޅަށް ހާމަވެއެވެ. ނަމަވެސް ހިތާމައަކީ އެ މަސްރަހުން ސަލާމަތް ކޮށްދޭނެ ކަމަށް ބުނި އާ “ބޮނޑު” ވެސް ސިޔާސީ ބާރަށް ދަހިވެތިވެ، 30 އަހަރުގެ ވެރިޔާގެ ބާރު ކަނޑުވާލުމަށް ހަމައެކަނި ފޯކަސް ކުރުމުން އޭނާ އަމިއްލަ އަށް ވަޒަންކުރި “ބޮޑު މަންޒަރު” ޚުދު އޭނާ އަށް ވެސް ފުސްވުމެވެ.

ކޮންމެއަކަސް މިއީ މިހާރުގެ ތާރީހެވެ. އެހެންކަމުން މާޒީއަކީ އަހަރެމެންނަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. އަހަރެމެންނަށް ބަދަލު ކުރެވޭނެ ހަމައެކަނި ކަންތައްތަކަކީ އަހަރެމެން މިއަދު އަދި މާދަމާ ނިންމޭނެ ނިންމުންތައް ނުވަތަ “ޑިސިޝަން”ތަކާއި އަމަލުތަކެވެ.

ކޮންމެއަކަސް އަންނަ މާޗް މަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަހަރެމެން، ދިވެހި ރައްޔިތުން، “ފާރަވެރި”ވާން ޖެހޭ ކަންތައްތަކެއްވެއެވެ. ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ތިބުމަށެވެ. އެގޮތުން އަހަރެމެން އިންތިހާބު ކުރާ ފަރާތްތައް “ވިކޭނެ” އަގެއް ވެސް އޮންނާނެ ކަމީ، އަހަރެމެން ކިތަންމެ ހިތްހަމަނުޖެހޭ ކަމަކަށް ވިޔަސް އަދި ހިތާމަވެރި ކަމަކަށް ވިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ސަބަބަކީ 30 އަހަރުގެ “އަނިޔާވެރިކަމާ” ދެކޮޅަށް އެންމެ އަޑުހަރުކޮށް ބަސް ބުނި ބޮނޑުންތަކުގެ ތެރެއިން ވެސް ބައެއް “ބޮނޑުން” ވިކިފައިވެއޭ ކިޔާތީ އެވެ.

ތެދެކެވެ. ފެނާއި ތެލަކީ އެކަތިވާނެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ގުދުރަތީ ނިޒާމެވެ. އިންސާނުންނަށް ބަލާއިރު ހަމަ ކޮންމެ މީހަކު ވެސް “ގަނެލެވޭނެ” އަގެއް ވެއެވެ. އެކަން ފަޅާއަރަނީ އެ މީހާ “ޕާޓީ ބަދަލުކުރާ” ހިސާބުންނެވެ. މިކަން އެންމެ ރަނގަޅަށް ދޭހަވަނީ “ރަހުމްކުޑަ ކަމަށް” އެއް ޕާޓީއަކަށް ތުހުމަތު ކުރުން މަތީ ހުރެފައި ހަމަ ކުއްލިއަކަށް އެއްކަލަ “ރަހުމް ކުޑަ” ޕާޓީއަށް އެއް ދުވަހު އިރު އަރާއިރު ބަދަލުވާ ވުމުންނެވެ. “މިނިވަން” ކެންޑިޑޭޓެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރުމަށް ފަހު، “ތިމަންނަ އަށް ތާއީދު ކުރާ ފަރާތްތަކުން މިހާރު ބޭނުން ވަނީ މި ގޮތޭ” ކިޔާފައި ކޮންމެ ވެސް “ކުލަ” ހެދުމެއް ލާ މީހާއެވެ. ހަގީގަތަށް ބަލާއިރު، ގޮނޑި ކާމިޔާބު ކުރުމަށް ފަހު މި ފަދަ ފަރާތްތަކުން ކުރާ ކޯލްތަކަށް، “އިއްޒަތްތެރި” މި ފަދަ މެންބަރުން ފަހުން ޖަވާބު ނުދޭ ކަމީ ވެސް މިހާރު އެންމެން ދަންނަ ކަމެކެވެ.

އެހެންކަމުން މިއީ ދިވެހިންނަށް އާ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ވަޅު ކައްޓަފުޅި ދާންޏަށް ހޭނުމަކީ އަހަރެމެންގެ ދިމުގްރާތީ ޒިންމާއިން ރެކެވެން ދެއްކޭ ބަހަނަކާއަކަށް ނުހެދޭނެއެވެ. ސަބަބަކީ އަހަރެމެން މިއަދު އަޅާ ކޮންމެ ފިޔަވަޅެއް އަންނަން އޮތް ޖީލުތަކުން ދެނެގަންނާނެތީއެވެ. ވަކިިން ޚާއްސަކޮށް އަހަރެމެންގެ އާއިލާތަކާއި ގާތް ރަހްމަތްތެރިންނާއި އަވައްޓެރިންނެވެ. “ބައްޕަ އާއި މަންމަ މި ކަހަލަ ދަނޑިވަޅެއްގައި ހެދީ މިހެންނެއް ނޫންހޭ” ދަރިފުޅު ހިތާމަ އާއި މާޔޫސްކަމާއެކު ބުނާނެ ދުވަސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް، އަހަރެމެންނަކީ ޒިންމާދާރު މައިންބަފައިން ކަމަށް ދައުވާ ކުރަނީ ނަމަ، ހަނދާން ބަހައްޓަން ޖެހެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، “މިނިވަން” ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައި، އެކަން ކާމިޔާބު ކުރުމަށް ފަހު ދެން އެންމެ ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވައި، ނުވަތަ ފައިސާ އޮއްސާ ޕާޓީއަށް ދީލާލީ މަދު މެންބަރުންނެއް ނޫނެވެ. “އެއީ މި ވަގުތު އަހަރެންގެ ކޮންސްޓިޓުއެންސީ އެދޭ ގޮތޭ” ބުނި ކަމަށް ވިޔަސް އެއީ ގަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. ސަބަބަކީ ތިމާ ހޮވުނީ “މިނިވަން” ކެންޑިޑޭޓެއް ގޮތުގައެވެ. އެހެންކަމުން، ފަސް އަހަރުގެ ދައުރު ހަމަ ނުވަނީސް، ދައުރުގެ މެދު ތެރެއިން، ތިމާގެ ވޯޓު ދިން ފަރާތްތަކުގެ “ހިތް ބަދަލު ވެއްޖެ” ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއާ ޚިލާފަށް ތިމަންނާ “ވިކުނީ” ކަމަށް ބުނުން މާ އައުލާކަން ބޮޑުވެގެން ވެއެވެ. ސަބަބަކީ މުނާފިގު ކަމަކީ އިސްލާމް ދީން ވެސް އެންމެ ނުރުހޭ އެއް ކަމަކަށް ވާތީއެވެ.

އެހެންކަމުން “ޑިމޮކްރެސީ”އޭ ކިޔައިގެން ދިވެހި ރާއްޖޭގައި މިއަދު ބައިނަލްއަގުވާމީ ދުނިޔެއިން އަޅުވާފައިވާ އަނދުނާ މެދު ދިވެހި ރައްޔިތުން ސަމާލު ވާން ޖެހެއެވެ. ސަބަބަކީ، ދުނިޔޭގެ ތާރީޚުން މިހާތަނަށް ފެންނަ ގޮތުގައި، ޑިމޮކްރެސީއަކީ “އެންމެ ރަނގަޅު” ނިޒާމެއް ނޫނެވެ. ނަމަވެސް އެއީ އެންމެ “ގެއްލުން ކުޑަ” ނިޒާމެވެ. މިކަމުގެ މިސާލެއްގެ ގޮތުން، ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް މި ދެންނެވި އާ ‘ބޮނޑު’ގެ ޕާޓީން ބޭއްވި ޕްރައިމަރީގައި ރާއްޖޭގައި ހުރި ފުންނާބު އުސް ނަފުސާނީ އިލްމްވެރިޔަކު ފޭލިވުމަކީ މި ކަމުގެ ހެއްކެކެވެ.

ދެވަނަ ބޮޑު ހަނގުރާމަ އިނގިރޭސީންނާއި އެ މީހުންނާ ގުޅިފައިވާ ފަރާތްތަކަށް ކާމިޔާބު ހޯދައިދެއްވުމުގައި އެއިރު އެންމެ އިސް ރޯލެއް އަދާކުރެއްވި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ވިންސްޓަން ޗާޗިލް ވިދާޅުވެފައިވަނީ “ޑިމޮކްރެސީ އަކީ އެންމެ ނުރައްކާތެރި ބާވަތުގެ ސަރުކާރު ކަމަށެވެ. ނަމަވެސް އެއީ މިހާތަނަށް ތަހުލީލު ކުރެވުނު އެންމެ ސަކަރާތް ސިޔާސީ ނިޒާމުގެ ތެރެއިން އެންމެ ‘ގެއްލުން ކުޑަ’ ނިޒާމު’ ކަމަށެވެ.” “ކާމިޔާބީ ހޯދުމަކީ ފޭލިވުމަކަށް ފަހު ވެސް ކާމިޔާބަށް ދަތުރު ކުރުުމަށް ޖަހާ މިސްރާބެވެ” އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަދަ މުހިންމު ކަމަކަށް ހުރިހާ ދިވެހި ރައްޔިތުން މިއަދު ތައްޔާރުވަމުންދާއިރު އަހަރެމެން ރައްޔިތުން ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ މިއެވެ: ޑިމޮކްރެސީއެއްގައި އެންމެ އަޑު ގަދަވާނީ، އަދި އެހެން ކަމުން އެންމެ ރުއް ގިނަ ވާނީ، ފައިސާ އާއި ނުފޫޒު ގަދަ މީހާގެ އެވެ. އެހެނަސް، ނުބައި އެތައް “ބޮނޑުން”ގެ ތެރެއިން “ގެއްލުން ކުޑަ ބޮނޑެއް” އިހުތިޔާރު ކުރުން އޮތީ އަހަރެމެންގެ ފަރުދީ އަތްމަތީގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.