އިންސާފުގެ އިންތިޒާރުގައި…!

Vahaka

މިއީ މާލެ އަށް އުފަންވި ދިވެހި ދެ ބެއިންގެ ހަޔާތަށް އަނިޔާވެރި ބައްޕައެއްގެ ސަބަބުން އެ ދެ އަންހެނުންގެ ހަޔާތަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ހިމެނޭ ހަގީގީ ހާދިސާއެކެވެ. މި ހާދިސާގައި ހިމެނޭ ފަރާތްތަކުގެ ޒާތީ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެންގެ އަސްލު ނަމާއި ބައެއް އަދަދުތައް ވަނީ ބަދަލު ކުރެވިފަ އެވެ. މިއީ ވަރަށް އިބުރަތްތެރި ފިލާވަޅުތަކެއް ހިމެނޭ ވާހަކައެކެވެ.

——————————–

 ދެބަދޭތެރޭގައި އަހަރެން އޮތް އިރު ފޯން ރިންގްވާހެން ހީވި އެވެ. ނަމަވެސް ޔަގީނެއް ނުވެއެވެ. ފަތިހު ފަހެއް ޖަހަންދެން “މޮޑަން ފެމިލީ” ސީރީޒްގެ ފުރަތަމަ ސީޒަން ނިންމާލާފައި ނޫނީ ނުނިދަންވެގެން ކުރި “ހިތްވަރު”ގެ ނަތީޖާ އެވެ. ގޯލްޑަން ގްލޯބް އެވޯޑު ލިބިފައިވާ އެ ސީރީޒް އެހާ ވެސް އަހަރެންގެ ހަޔާތާ ގުޅެއެވެ. ނަމަވެސް އެހެން ގޮތަކަށެވެ. އެ ސީރީޒްގައި އުޅޭ އާއިލާތަކުގެ މެދުގައި ކިތައްމެ ހަމަ ނުޖެހުންތަކެއް ހުއްޓަސް، އާއިލީ މެންބަރުންގެ މެދުގައި އުފެދޭ ކޯޅުންތައް ހައްލު ކުރާ ގޮތް އަހަރެންނަށް ވަރަށް ކަމުދިޔައީ އެވެ.

ނަމަވެސް އަހަންނާއި އަހަރެންގެ އަންހެން ކޮއްކޮ ފިރާޝާގެ ހަޔާތް މިއާ މުޅިން ތަފާތެވެ. އަހަންނަށާއި ކޮއްކޮ އަށް ސީދާ ޖިސްމާނީ އަނިޔާއެއް ނުކުރި ނަމަވެސް، އަހަރެމެންގެ މަންމަ އަށް ބައްޕަ ދިން ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަންމަގެ އިތުރުން އަހަރެމެން ދެ ދެބެއިންނަށް ވެސް އެކަމުން ކުރި ނަފުސާނީ އަސަރު އަދިވެސް ހަޔާތުން ފިލައިގެން ނުދާތީ އެވެ. އެކަމުގެ ސަބަބުން އަހަރެމެން ދެ މީހުންގެ ހަޔާތް އަދިވެސް އެދެވޭ ގޮތަކަށް ބައްޓަން ކުރަން ނަފުސާނީ ހުރަސްތަކެއް ސިކުނޑިން ކުރިމަތި ކުރާތީ އެވެ.

އެންމެ ބޮޑު ވޭނަކީ އަހަރެމެންގެ މަންމަ މިހާރު އެކަމުގެ ސަބަބުން ދުނިޔެއިން މޮޔަވެ “ސައިކޯ” ވެފައިވާތީ އެވެ.

ކަންނެތް ގޮތަކަށް އަހަރެންގެ އެނދުމަތީގައި ބޭއްވިފައިވާ މޮބައިލް ފޯން ނެގީމެވެ. ފިރިމީހާ އޮތީ އަނެއްކޮޅަށް އެނބުރި ގަދަ ނިދީގަ އެވެ.

ޑިސްޕްލޭ ބަލައިލި އިރު އެއީ އަހަރެންގެ ކޮއްކޮ ފިރާޝާގެ ކޯލްއެކެވެ. ދެން ކޯލް ކެނޑުނެވެ. މިނެޓެއް ވަންދެން ރިންގް ވީ ކަންނޭނގެ އެވެ. ފޯންގައިވާ ގަޑިއަށް ބަލައިލިއިރު ފަތިހު 5:34 ކަމަށް ދެއްކި އެވެ.

މިހާ ފަތިހު މެލޭޝިޔާއިން އޭނާ އަހަރެންނަށް ގުޅަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ކުއްލިއަކަށް ސިއްސައިގެން ދިޔަ އެވެ. ކޮފީ ތައްޓެއް ތުންފަތުގައި ނުޖެހުނަސް ހަމަ އެ ދަނޑިވަޅު “މޯނިން ކެނޑިއްޖެ” އެވެ. އަނެއްކާ ކިހިނެއް ވީ ބާވައެވެ؟ ފިރާޝާގެ ފިރިމީހާއަށް ގޮތެއް ވީ ބާވައެވެ؟ އޭނާގެ 6 އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ކަމެއް ވީ ބާވައެވެ؟

އަހަރެންގެ ސްމާޓްފޯނަށް ގެއްލިފައި އިންދާ އަނެއްކާ ވެސް ރިންގް ވާން ފަށައިފިއެވެ. ފިރާޝާއެވެ.

“ކޮއްކޯ، ކިހިނެއް ވީ މި ގަޑީގަ؟” އަހަންނަށް މަޑުމަޑުން ބުނެވުނެވެ.

“ދޮންތާ…” ފިރާޝާގެ އަޑު އިވުނެވެ. ނަމަވެސް ދެން ހިމޭންވިއެވެ.

ފިރާޝާގެ އަޑު ނީވި އިރުކޮޅެއް ވުމުން ނެޓްވޯކް ކަނެކްޝަންގެ މައްސަލައެއް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އިރުކޮޅަކުން އޭނާ ބުނެފިއެވެ. “ދޮންތާ، ބައްޕަ އަށް ހާޓް އެޓެކެއް ޖެހިއްޖެ!”

އަހަރެން ހުއްޓުމަކަށް އައެވެ. ބައްޕަ… މިއީ އަހަރެން ދަންނަ ބަހެއް ނޫނެވެ. އަދި އެނގެން ބޭނުންވާ ބަހެއް ވެސް ނޫނެވެ. ސަބަބަކީ އަހަރެމެން ދެބެއިންގެ ހަޔާތް ބަރުބާދުކޮށްލީ އެ ބުނާ “މީހާ”އެވެ. ބައްޕަ އެވެ.

އަހަރެންގެ ހިތުގައި ތަފާތު ޖަޒުބާތުތައް އެނބުރެން ފަށައިފި އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މަންމަގެ އިތުރުން ފިރާޝާ އާއި އަހަރެން ވެސް ކޮންމެވެސް ވަރަކަށް މިހާރު “ސައިކޯ”ކަން އަހަރެންނަށް ފަހުމްވެއެވެ. ހަޔާތުގައި އަހަރެމެން ދެ ކުދިން ނިންމާ ކަތި ނިންމުންތަކުގެ ސަބަބުންނެވެ.

އަހަރެންގެ އެންމެ ކުޑައިރުގެ ހަނދާނަކީ އެއް ރޭ ދަންވަރު 3:00 ގައި ގޭތެރޭގައި އަޑު ގަދަވެގެން ހޭލެވުމެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 6 އަހަރެވެ. ފިރާޝާ އަށް 2 އަހަރެވެ. އަހަރެމެން ދެ ކުދިން ނިދަނީ ހަމަ މަންމަ އާއި ބައްޕަ އުޅޭ ކޮޓަރީގައެވެ. އެ އެއް ކޮޓަރީގެ އެޕާޓްމަންޓަކީ ހަގީގަތުގައި ސްޓޫޑިއޯ އެޕާޓްމަންޓެކެވެ. މިހެންވެ، ބަދިގެ އާއި ފާހާނާ އާއި ކާކޮޓަރިއާ ސިޓިން ރޫމަކީ ވެސް އެއް ތަނެކެވެ.

ނަމަވެސް އޭރު އަހަރެމެންގެ ސިކުނޑި ވަރަށް ޅައެވެ. ބޮޑެތި މީހުން ކުރާ ކަންތައްތައް ފަހުމެއް ނުވެއެވެ. މިހެންވެ، ބައެއް ރޭރޭ ދަންވަރު މަންމަގެ “ފާޑެއްގެ ރުއިމަކަށް” ފިރާޝާ އަށް ހޭލެވި ކަންބޮޑުވެގެން އަހަރެން ހޭލައްވާލުމުން، މަންމަ އާއި ބައްޕަ ނިދާ އެނދާ ދިމާލަށް ބަލައިލުމަށް ފަހު “ހެދުމެއް ނުލާ އޮތަސް ބައްޕަ އެއޮތީ މަންމަގެ ކައިރީގައި ނޫންހޭ، އެހެންވީމާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ނޫންހޭ” ކިޔާފައި ފިރާޝާ ހިތްހަމަޖައްސުވާލައި އަނެއްކާ ވެސް ނިންދަވާލަމެވެ. ނަމަވެސް އެއްވެސް ނިވާކަމެއް ނެތް ހާލަތުގައި ބައްޕަ މަންމަގެ ގައިމަތީގައި ތެޅިފޮޅެމުންދާދިއުން އެއީ ކޮން ކަމެއްކަން އެއިރު އަހަރެންގެ ޅަ ސިކުނޑިއަކަށް ރޭކާއެއް ނުލައެވެ. ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ބައްޕަ މަންމަގެ ގައިގާ ބައްދާލައިގެން އޮންނަލެއް ވަރުގަދަކަމުން މަންމަ އެއޮތީ ބައްޕަގެ މުށުތެރޭގައި ކަމަށް ދެކި، މަންމަ އެއޮތީ “ރައްކާތެރިވެފައި”ކަން ކަމަށް ދެކި، އެކަމުން ލިބޭ ހިތްހަމަޖެހުމެވެ.

ނަމަވެސް އެރޭ ތަފާތެވެ. މަންމައެއް ވެސް ބައްޕައެއް ވެސް އެނދަކު ނެތެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަދި ފިރާޝާ ހޭލާތޯ އޭނާގެ އަތް ދެތިންފަހަރު ތަޅުވާލީމެވެ. ނަމަވެސް ހިލަމެއް ނުވިއެވެ. މާތްކަލާނގެ އޯގާތެރިކަން ކަންނޭނގެ އެވެ. ނަސީބަކުން ފިރާޝާ ހަމަ އެރޭ އެއްގޮތަކަށް ވެސް ހެއެއް ނުލިއެވެ.

ހިޔާލުތަކުގެ ތެރެއިން އަހަރެން އަނެއްކާވެސް މި ދުނިޔެއަށް ރުޖޫއަވީ ދެން ފިރާޝާ ފޯނުން ބުނި އެއްޗަކުންނެވެ. “ދޮންތާ، ބައްޕަ އޮތީ އައިޖީއެމްއެޗް އައިސީޔޫގަ…”

އެ ހިސާބުން ފިރާޝާ ހުއްޓުނެވެ. ކީއްވެކަން އަހަރެންނަށް ވިސްނުނެވެ.

“ދެން އަހަރެން ކިހިނެތް ހަދަންވީ؟” އަހަރެންގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

އެ ބައްޕަ ދުވަހަކު ވެސް ދެކެން އަހަރެން ބޭނުން ނުވާތީ އެވެ. މަރުވިޔަސް ސަންދޯއް ބަލައިލަން ވެސް ނުދާނަން ކަމަށް އަހަރެން ކުރިން ވެސް ފިރާޝާ ގާތުގައި ވާނީ ބުނެފައެވެ.

“ދޮންތާ،” ފިރާޝާ އަނެއްކާވެސް ބުނެލިއެވެ. “ދޮންތަ ދާންވާނެ. އަހަރެންގެ މަތިން ނަމަވެސް ދާންވާނެ. ދޮން މަންމަ އަހައިފިއްޔާ ބުނޭ މިއީ ދޮންތައެއް ނޫނޭ މިއައީ، މިއައީ ފިރާއޭ…”

އެކަހަލަ ނުލަފާ މީހަކަށް ފިރާޝާ ހަމްދަރުދީ ވަނީ ކީއްވެ ކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. ފަހަރެއްގައި އެ ހުރިހާ ނާމާން ހާދިސާތަކެއް ހިނގީ ފިރާޝާ މާކުޑައިރު ކަމުގައި ވާތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެއީ އަހަރެންގެ ހަނދާނުން ފިލައިދާނެ ކަންތައްތަކެއް ނޫނެވެ.

“ދޮންތާ، ޕްލީޒް،” އަހަރެން އެއްޗެކޭ ނުބުނެ ހުރުމުން ފިރާޝާ އާދޭސް ކުރިއެވެ.

“އޯކޭ،” އަހަރެންނަށް ބުނެވުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ބައްޕަ ދެކެލަން ދާން ނިންމީ މުޖުތަމައުގެ ލަދަށް ކަމަށް ވެސް ވެދާނެއެވެ.

ނަމަވެސް މި ބުނި ރޭގެ ކަންތައްތައް ހަނދާނުން ފިލާނީ ކިހިނެއް ހެއްޔެވެ؟

އެ ރޭ ފިރާޝާގެ ހިލަމެއް ނުވުމުން އަހަރެން އެނދުން ތެދުވެ ހިނގައިގަތީ މަންމަގެ ބައްޕަ ނުވަތަ ކާފަގެ ގެ ބައިކުރުމުން ހަދާފައިވާ ހަނިގޯޅިގަނޑާ ދިމާއަށެވެ. އަންހެނެއްގެ ރުއިމުގެ އަޑު އަންނަ ދިމާއަށެވެ.

ކޮޓަރީގެ ދޮރުން ބޯދިއްކޮށް އަހަރެންނަށް ފުރަތަމަ ބަލައިލެވުނީ މައި މަގާ ދިމާއަށެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ ދަންވަރުގެ އެ ވަގުތުގައި ވެސް އަވައްޓެރިންތައް އެ ތަނަށް ތޮއްޖެހިފައި އޮތުމުންނެވެ. އެމީހުން ތިބީ އަހަރެމެންގެ ގޯޅިގަނޑުގެ ތެރެއަށް ނަޒަރު ހުއްޓިފައެވެ. ނަމަވެސް އެމީހުންގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނެއެވެ. ތިބީ ފާޑަކަށް ގަބުވެފައެވެ.

އަހަރެން ދެން ބޯ އަނބުރާލީ މަންމަ އަށް ލިބިފައިވާ ބަޔާ ޖެހިގެން ހުރި މަންމަގެ އެއްބަނޑު އެއްބަފާ އަންހެންކޮއްކޮ ނުވަތަ އަހަރެންގެ ބޮޑުދައިތަގެ ބަޔާ ދިމާލަށެވެ.

އެ ވަގުތު އަހަރެންނަށް ފެނުނީ އަހަރެންގެ ހަޔާތް އެފުށްމިފުށަށް ޖެހެން ދިމާވި މަންޒަރެވެ. ޅަ ސިކުނޑިއަކަށް ބަރުދާސްތު ނުކުރެވޭ ފަދަ މަންޒަރެކެވެ.

އަހަރެންގެ ހިޔާލަށް އައީ އަހަރެންގެ މަންމަގެ އިސްތަށިގަނޑު އަތަށް މުއްކަވާލާފައި މަންމަގެ ބޯ ފަޅައިގެން ދާވަރަށް، ފާރުގައި ބައްޕަ މަންމަގެ ބޯ ޖެހިތަނެވެ.

އެ ވަގުތު މަންމަ ލަވައިގަތް ހަޅޭއް އެއީ ދުވަހަކު ވެސް އަހަރެންގެ ހިތުން ފިލައިގެންދާނެ ކަމެއް ނޫނެވެ.

ދެން އަހަރެންނަށް ފެނުނީ މަންމަގެ ބޯ ފަޅާލާފައި މަންމަގެ ހަށިގަނޑު ގުޅައަކަށް ބިމަށް ޖެހިތަނެވެ. އަހަރެން އުޅޭ މާލޭގެ ބަސްތީ ހިސާބުން ގޭންސްޓާރަކު އެއް ފަހަރަކު އެހެން ގޭންގްސްޓާރަކަށް ދިން ހަމަލައެއް ފަދައިންނެވެ. ނަމަވެސް މިއީ ދެ ފިރިހެނުންނެއް ނޫނެވެ. މިއީ ފިރިހެނަކު ނިކަމެތި އަންހެނަކަށް “ހޭއަރުވާލާ” މަންޒަރެވެ. އަދި އެ އަންހެނަކީ އަހަރެންގެ މަންމައެވެ.

އެ ވަގުތު އަހަރެންނަށް ވީ ގޮތެއް ނޭނގެއެވެ. މުޅި މީހާއަށް ހުއްޓުން އެރިއެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓުނު ކަހަލައެވެ. އަހަރެން ގަބުވިއެވެ. “ކުޅި ބަލަން” ތިބި އަވައްޓެރިން ފަދައިންނެވެ.

އެ ހާދިސާއިން އަހަރެން ފަހުން ހަނދާން ހުރީ އެންމެ ކަމެކެވެ. އެއީ ބޮޑުބޭގެ ދަރިފުޅު އިބްރާހިމްބެ ކުރި ކަންތަކެވެ.

އޭނާ އަށް ވެސް އެއިރު އުމުރުން 6 އަހަރެވެ. ނަމަވެސް އަހަރެމެން އެންމެންނަށް ވުރެ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރިކަން ދޭހަވިއެވެ. އަހަރެންނަށް ފެނުނީ އޭނާގެ ބަޔަށް ވަދެ ދެން އަތަށް ކަތިވަޅިއެއް ހިފައިގެން ނުކުތް ތަނެވެ. ނަމަވެސް ހަމަ އެ ވަގުތު އޭނާގެ ބައްޕަ އަދި އަހަރެންގެ ބޮޑުބޭބެ އޭނާގެ އަތުގައި ހިފަހައްޓާ މަތަކުރިއެވެ. އަދި އިސްމާލްބެ ވެސް އެ ހިސާބުން ހުއްޓުން އަރައި ގަބުކައިފައި ހުރިތަން ފެނުނެވެ.

އޭގެ އަހަރުތަކެއް ފަހުން އަހަރެން އޭނާއާ އެކަމާ ސުވާލު ކުރީމެވެ. އޭނާ ބުނީ އަހަރެންގެ މަންމަ އަކީ ވެސް އޭނާގެ މަންމަ ފަދަ ކަމަށެވެ. ސަބަބަކީ އޭނާގެ މަންމަ އާއި އަހަރެންގެ ބޮޑުބޭބެ ކައިވެނި ކުރީ ނުގަބޫލުގައެވެ. ސަބަބަކީ މާމައެވެ. މާމަ އަކީ އެއިރު މާލޭގައި ނަގާ ކިޔާ ރީތި ދޮން އަންހެނެކެވެ. ކޮންމެވެސް “ގަނޑުވަރަކަށް” ނިސްބަތްވާ “ބޭފުޅެ”ކެވެ. ނަމަވެސް ބޮޑުބޭބެއަކީ ސާދާ މިޒާޖެއްގެ މީހެއް ކަމުން، މާރުކޭޓުގައި ގާޑިޔާ ދަމާ މުސްކުޅިއެއްގެ ފަގީރު އަންހެންދަރިއަކާ އިނދެ އިބްރާހިމްބެ ލިބުނީއެވެ.

ހަމައެކަނި އިބްރާހިމްބެ އެއް ނޫނެވެ. އަދި އެހެން އަންހެން ކުއްޖެއް ވެސް މެއެވެ. ނަމަވެސް ބޮޑުބޭބެ އާއި އިބްރާހިމްބެ ހަން ދޮން ވުމުން މާމައަށް ކަމުގޮސްފައި، އިބްރާހިމްބެގެ އަންހެން ކޮއްކޮ އާއި މަންމަގެ ހަން ކަޅު ވުމުން މާމަ އެ ދެމައިން ކާފަގެ ގެއިން ބޭރުކޮށްލީ އެވެ. އިބްރާހިމްބެގެ އަންހެން ކޮއްކޮ އޭގެ އަހަރުތަކެއް ފަހުން އަހަރެން ގާތުގައި ބުނީ މާމަ މަރުވެއްޖައުމަށް ދާން ދެން ވެސް އެ ފަކީރާ މާމަ އަނގައިން ނުބުނާ ކަމަށެވެ. އަދި މި ގޭގައި އުޅުނުއިރު އެއް ދުވަހަކު ޓީވީއެމްއިން ދެއްކި ޕްރޮގްރާމެއްގައި ސުޕަމޮޑެލް ނައޯމީ ކޭމްޕްބެލް ފެނިފައި “އޭނާ މޮޑެލްއަކަށް ވީ ކިހިނެތްހޭ، އޭނާއަކީ ކަޅު ކުއްޖެއް ނޫންހޭ” މާމަ ބުނި އަޑު އެހި ކަމަށެވެ.

ކޮންމެއަކަސް އިބްރާހިމްބެ ވެސް ފަހުން އަހަރެންގެ ގާތުގައި ބުނީ ކަތިވަޅި ހިފައިގެން ބައްޕަގެ ފުއްކިބަ ދުއްވާލަން ނުކުތް ތަނާ ބޮޑު ބޭބެ އެކަން މަތަކުރުމުން އެހިސާބުން ގަބުވެ، ފަހުން ވީ ގޮތް ހަނދާން ނެތް ކަމަށެވެ.

އަހަރެންނަށް ވެސް ވީ ވަރެވެ. އެރޭ ކަންތައްތައް ނިމުނީ ހޮސްޕިޓަލުން ކަމެއް ނުވަތަ ފުލުސް އޮފީހުން ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އަހަރެންގެ ހަނދާންތައް ދެން ހުންނަން ފެށީ އެ ރެއަށް ފަހު ގޭތެރެއިން ބައްޕަ ނުފެންނަ ކަމެވެ. އޭގެ ދުވަސްތަކެއް ފަހުން ބޮޑުދައިތަގެ ބައިގައި ގެންގުޅޭ “ރާއްޖެތެރޭ” އަންހެނަކު ބުނީ ކާފަގެ އެދުމަށް މަންމަ އަހަރެންގެ ބައްޕަގެ ކިބައިން ވަރިވީ ކަމަށެވެ. ނަމަވެސް ކާފަ މިހާރު ދުނިޔެއަކު ނެތެވެ. އަދި ވަރި އެއީ ކޮން އެއްޗެއްކަން އެއިރަކު އަހަރެންނަށް ފަހުމެއް ނުވެއެވެ. ބައްޕަ އާ މަންމަ ކައިވެނި ކުރީ ވެސް ކާފަ އާއި މާމަގެ ނުގަބޫލުގައިކަން އަހަރެންނަށް އެނގުނީ މާފަހުންނެވެ.

އިބްރާހިމްބެ އެ ރެއަށް ފަހު ސްކޫލްގައި ވެސް ނެގިމަޑުވެފައި އިންނަ ކުއްޖަކަށް ބަދަލުވިއެވެ. މިކަމުގެ ސަބަބުން މަޖީދިއްޔާގެ އެހެން ކްލާސްމޭޓުން އޭނާ “ބުލީކޮށް” އޭނާއާ ދިމާއަށް “އަންހެންދުޅާ”އޭ ކިޔަންފެށިއެވެ. ނަމަވެސް އޭނާ އެކަމާ އަޅައެއް ނުލައެވެ. އޭނާ ބޮޑުވެގެން ފަހުން މަސައްކަތްކުރަން ފެށީ ގެވެށި އަނިޔާއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްގައެވެ.

އިބްރާހިމްބެ ބުނި އެހެން ވާހަކައެއް ވެސް އަަހަރެންގެ ހަޔާތަށް ބޮޑު އަސަރެއް ކުރިއެވެ. އޭނާ ބުނީ އެރޭ އޭނާ ކަތިވަޅި ހިފައިގެން ނުކުތުމުން އޭނާގެ ބައްޕަ ނުވަތަ އަހަރެންގެ ބޮޑު ބޭބެ އޭނާގެ އަތުގައި ހިފާ މަތަކޮށްފައި ބުނީ “އިސްލާމް ދީނުގައި ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކަށް އެހެން މީހުން ވަނުމަކީ ރަނގަޅު ކަމެއް ނޫން” ކަމަށެވެ.

ނަމަވެސް އަހަރެން އެކަމެއް ގަބޫލެއް ނުކުރަމެވެ. ފިގްހް އެކަޑަމީން ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެންގެ މަންމަ ކޮންމެ ރެއަކު ކައިވެނިތެރެއިން ބައްޕަ “ރޭޕް” ކުރާ މަންޒަރު ޚުދު އަހަރެންގެ ލޮލަށް ފެނި، މަންމައަށް އެކަމުން ލިބުނު ޖިސްމާނީ އަނިޔާގެ އިތުރުން ނަފުސާނީ ގެއްލުން މިހާރު ވެސް ފެންނަން އޮތީމައެވެ. ޝަހުވާނިއްޔަތަށް އަންހެން މީހާ ތައްޔާރީ ހާލަތްތައް ހަމަ މިއުޅޭ ދިވެހި ފިރިހެނުންނަށް ނުވިސްނެނީ ހެއްޔެވެ؟ އެކަމަށް އަންހެން މީހާ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން “ރެޑީ”ވުމުގެ އިތުރުން “މޫޑު” ވެސް ބޮޑު ބައެއް ކުޅޭކަން އިލްމްވެރިންނޭ ކިޔައިގެން މިއުޅޭ މީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ނުވަތަ މިއީ ދީނީ ފޮށާ އޮޅައިގެން އުޅޭ ބައެއް ސިޔާސީ ވެރިން ދިވެހި އަންހެނުން އަޅުވެތި ކުރުމަށް ގެންގުޅޭ އުކުޅެއް ނޫން ބާވައޭ ވެސް، މި ފަދަ ކަންތައްތަކާ ހުރެ އަހަރެންގެ ހިތަށް އަރައެވެ.

އަހަރެން އަދި ބުރުގާއެއް ނާޅަމެވެ. ނަމަވެސް ކޮންމެވެސް ދުވަހަކު އަޅަން މި ހުންނަނީ ނިޔަތް ގަނެގެނެވެ. އެކަމަކު އެއީ ކޮން ދުވަހެއް ކަމެއް ބުނާކަށް ނޭނގެއެވެ. އަހަރެންގެ ހަޔާތް މިހާ މުޑުދާރުވެފައި އޮތީމާ، އަހަރެންގެ ހަމައެކަނި ރީތި ކަމަކީ މުޅި އާއިލާއިން ވެސް ރީތި ފަން އިސްތަށިގަނޑެއް އަހަރެންނަށް ލިބިފައިވާތީ ކަމަށް ވެސް ވެދާނެއެވެ. އަދި މިހެންވެ އަހަރެންގެ މުޑުދާރުވެފައިވާ ހަޔާތުން ފެންނަން ހުރި ހަމައެކަނި ރީތިކަމަކީ އަހަރެންގެ މި ރީތި އިސްތަށިގަނޑު ކަމަށްވާތީ އެކަން އަހަރެން އަދި ފޮރުވަން ބޭނުން ނުވަނީ ކަންނޭނގެއެވެ. ހަޔާތަށް އެހެން ރީތި ކަމެއް އަންނަން ދެނެވެ. އަހަރެންގެ ފިރިމީހާ ބުނަނީ އެ ރީތި ކަމަށް ވާނީ ދަރިއަކު ލިބުން ކަމަށެވެ. ނަމަވެސް އެކަމަށް އޭނާ ޕްރެޝަރެއް ނުކުރެއެވެ. “ފައިރޫޒާ ބޭނުން ވީމާ ހަމަ ދަރިއަކު ހޯދަންވީ،” އޭނާ އަބަދު ވެސް އަހަރެންނާ ދިމާއަށް ބުނަނީ އެހެންނެވެ.

އެކަމާ އަހަރެން އުފާވެއެވެ. ސަބަބަކީ އަހަރެންނަށް ނަފުސާނީ އަސަރުކޮށްފައިވާ މިންވަރު ބޮޑުކަމުންނެވެ. މިހާރު ވެސް އެކަނި މަގުމަތީގައި އުޅޭކަށް ނުކުރެއެވެ. ފިރިހެނުން ދެކެ ގަންނަނީ ފާޑެއްގެ ބިރެކެވެ. އަދި ބަސްތީގައި ބޯދިގުކޮށްފައި ތިބޭ ޒުވާން ފިރިހެނުން ފެނުމުން އަހަރެންގެ ހިތް ބިރުން ފިނިވެގެން ދެއެވެ. އަހަރެންގެ ބައްޕަ ވެސް ބޯދިގުކޮށްފައި ހުންނާތީ ކަންނޭނގެއެވެ. މިކަމާ ހުރެ އެރެއަށް ފަހު އަހަރެން ސްކޫލަކަށް ނުދަމެވެ. އަދި ފިރާ ވެސް ސްކޫލަކަށް ނުފޮނުވަމެވެ. އަހަރެމެންނަށް ބޭނުންވާ އެއްޗެހި ގަނެދެނީ އަދި ހޯދައިދެނީ ބޮޑުބޭބެ އެވެ. ބޭރަށް ދަނީ ހަމައެކަނި އިބްރާހިމްބެއާ އެކު އެވެ.

އަހަރެންގެ ފިރިމީހާ އަކީ ވެސް އާދަޔާ ޚިލާފު މީހެކެވެ. އޭނާއަކީ ދީންވެރި މީހެކެވެ. ތުނބުޅި ދިގުކޮށްފައި ފައިކުރި ކުރުކޮށްފައި ތާކިހާ އަޅާތީ ހިސާބުގަނޑު މީހުން އޭނާއަށް މަލާމަތް ކުރުމުގެ ގޮތުން “ހާބީ”އެކޭ ބުނާނެ އެވެ. ނަމަވެސް އޭނާ އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. އޭނާގެ އަގީދާ އެއަށް ވުރެ މާ ވަރުގަދައެވެ.

އަހަރެންގެ ފިރިމީހާއާ އަހަރެންނާ ދިމާވުން މިއީ ނަސީބެއް ކަމަށް އަހަރެން ގަބޫލު ކުރަނީ މިހެންވެއެވެ. އޭނާއާ ދިމާވީ އޭނާ އަކީ އިބްރާހިމްބެގެ ކްލާސްމޭޓަކަށް ވާތީއެވެ. އިބްރާހިމްބެ އަށް އައި ގަބުކަމުގެ ސަބަބުން އެހެން ހުރިހާ ކްލާސްމޭޓުން އޭނާ ބުލީ ކުރަމުން ދިޔައިރު، އިބްރާހިމްބެގެ ނަފުސާނީ ގޮތުން ހިތްވަރު ދިނީ އޭނާއެވެ. އޭގެ ފަހުން އިބްރާހިމްބެ އާއެކު ސްކޫލަށް ދަނީ ވެސް އަދި އަންނަނީ ވެސް އޭނާއެވެ. އޭނާ އަންޑަސްޓޭންޑިން ކަމުންނެވެ. އޭނާއަށް އަހަރެން ހިތްކިޔަން ފެށީ އެ ހިސާބުންނެވެ.

އޭނާއާ ކައިވެނި ކޮށްގެން އުޅޭތާ މި ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އަހަރެންގެ ޖިސްމަށް އަދި ނަފުސަށް އަނިޔާ ލިބޭނެ އެއްވެސް ކަމެއް ނުކުރެއެވެ. ދަރިއެއް ހޯދުމަށް އާއިލާގެ ތެރެއިން ކިތައްމެ ޕްރެޝަރެއް އަޔަސް އޭނާ އެކަން ވަނީ އަހަރެންގެ އަތްމައްޗަށް ދޫކޮށްލައިފައެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެން އެކަމަށް ތައްޔާރު ވަންދެނެވެ. ސަބަބަކީ މަންމަ އަށް ބައްޕަ ކުރި އަނިޔާތަކުގެ އަސަރު އަހަރެންނާއި އަހަރެންގެ ކޮއްކޮ ފިރާޝާ އަށް އެހެން ގޮތްގޮތުން ވެސް ކޮށްފައިވާތީ އެވެ. އެ ހަޑިހުތުރު ޗައިލްޑް އެބިއުސް ވާހަކައިގެ ތަފުސީލަށް ދާކަށް ނެތީމެވެ.

ނަމަވެސް މަންމަ އަޅައެއް ނުލައެވެ. ހުންނަނީ ފާޑަކަށް ގަބުކައިފައެވެ. ބައްޕަގެ ފަހުން ސިފައިންގެ މީހަކާ އިނދެ، އެއް އަހަރު ތެރޭގައި އަނެއްކާވެސް ވަރިފަށަށް އަރައި، އާ ފިރިހެން ދަރިއަކު ދޫކޮށްލާފައި ދިޔައިރު ވެސް، މަންމަގެ ކަމަކީ ހެނދުނުން ފެށިގެން ނިދަންދެން “ކަސޯޓީ” ޑްރާމާތައް ބެލުމެވެ. ކަނީ ވެސް އަހަރެން ކައްކާފައި ދިނުމުންނެވެ. އެހާ ކުޑައިރު އަހަރެންނަށް ރިހަ ކައްކަން ދަސްވީ ވެސް މިހެންވެއެވެ. ކުޑަ ފިރިހެން ކޮއްކޮއަކު ދަރިއެއްހެން ގެންގުޅެން ޖެހުމުންނެވެ. ފިރާޝާއަށް އަޅާލުމުގެ އިތުރުންނެވެ. ފަހަރެއްގައި އަހަރެންގެ ފިރިމީހާއާއެކު ދަރިއެއް ހޯދަން އަހަރެން އަދި ޖެހިލުންވަނީ މިހެންވެ ކަމަށް ވެސް ވެދާނެއެވެ. ސަަބަބަކީ ދެ ކުދިން ބޮޑުކޮށް، އެ މީހުން ވެސް މިހާރު ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުން ފަށާފައިވާތީއެވެ. “ދަރިންތަކެއް” ބޮޑު ކުރުމުގެ “ތަޖުރިބާ” ލިބިފައިވާތީ ކަންނޭނގެއެވެ.

އަހަރެންނަށް އަހަރެމެންގެ މަންމަ ސައިކޯ ކަން ހަގީގަތުގައި ޔަގީންވީ ފިރާޝާ އޭނާގެ ފިރިމީހާ މެލޭޝިޔާގައި ކިޔެވުމަށްޓަކައި ފުރި ދުވަހުއެވެ. އެ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އާއިލާގެ އެންމެން ދިޔައެވެ. އެއްކަލަ ބޮޑުދައިތަ ގެންގުޅޭ އަންހެން މީހާގެ ފިރިހެން ދަރިފުޅު ވެސް ދިޔައެވެ.

ވަކި ހިސާބަކުން މަންމަ އެންމެންނަށް އައިސް ކްރީމް ދޭ ހިތްވިއެވެ. ނަމަވެސް އަހަރެން އެކަމާ އިއުތިރާޒު ކުރީމެވެ. ސަބަަބަކީ މަންމަ އެއްކަލަ އަހަރެންނަށާއި ފިރާޝާ އަށް ޖިންސީ ގޯނާ ކުރާ ކުއްޖާ އަށް ވެސް ދައުވަތު ދިނީމެވެ. މިކަމާ މަންމަ އެއް ފަރާތްކޮށްލާފައި އަހަރެން ޝަކުވާ ކުރީމާ މަންމަ ބުނިހާ ވެސް އެއްޗަކީ: “އޭނާ ވެސް ދެރަވާނެ ނޫން” އެވެ.

މިހާހިސާބުން މަންމައަށް ރަނގަޅު ނުބައި ނޭނގޭކަން އަހަރެންނަށް ޔަގީންވިއެވެ.

އާއިލާގެ ހުރިހާ އެންމެންނާއި އެ ޒުވާނާ ގޮވައިގެން މަންމަ އައިސްކްރީމް ބޯން ދިއުމުން އަހަރެން ކުރި ކަމަކީ އިބްރާހިމްބެގެ ކުޑަ އަންހެން ކޮއްކޮ އަދި އަހަރެންނާ ދެބެންގެ ދެދަރި އައިޝާ އާ އެއްކޮށް ޕާކަށް ކުޅެން ދިއުމެވެ.

އޭގެ ފަހުން މަންމަގެ އެއްވެސް އިދިކީލި ހަރަކާތަކާ މެދު އަހަރެން ޝަކުވާއެއް ނުކުރަމެވެ. މަންމަގެ ހުރިހާ ނޭއްގާނީ ކަމަކަށް މައާފު ކުރީމެވެ. ސަބަބަކީ ޝަކުވާ ކުރެވޭނީ ހަމަ ބުއްދި ހުރި މީހަކާ ނޫން ހެއްޔެވެ؟

ފިރާޝާ މެލޭޝިޔާ އަށް ފުރުމަކީ ވެސް އަހަރެމެން ދެބެއިންގެ ނަސީބެވެ. ސަބަބަކީ މަންމަ ދިރި ހުރި ނަމަވެސް ފުރާނަ ނެތް މަސްގަނޑެއްގެ ސިފައިގައި ގޭގައި އުޅޭތީ މައެއްގެ ލޯބިން މަހުރޫމު ވެގެން ބޮޑުވި ފިރާޝާ އަށް ވެސް ކޮށްފައި ހުރި ނަފުސާނީ އަސަރުތަކުގެ ސަބަބުންނެވެ.

އެގޮތުން އަހަރެމެންގެ ފިރިހެން ކޮއްކޮ ފައިޒަންގެ ބައްޕަ ވަރިކޮށްފައި ދިއުމަށް ފަހު މަންމަ ދެން ކޮންމެ ދުވަހަކު ގެއަށް ގެންނަ “ބިޓުން”ގެ ނަތީޖާއަކަށްވީ ފިރާޝާ ވެސް އެ ދިރިއުޅުން އިހުތިޔާރު ކުރުމެވެ. ވާނީ ވެސް އެހެންނެވެ. ސަބަބަކީ ކޮންމެ ޅަ ސިކުނޑިއަކަށް ވެސް ވިސްނޭނީ އޭނާގެ ބެލެނިވެރިންނަކީ ދުނިޔޭގައި ތިބި އެންމެ “ގަދަ” އަދި “ވިސްނޭ” މީހުންގެ ގޮތުގައެވެ.

މިހެންވެ، މަންމަ ނާސި ވިޔަފާރިއެއް ފެށި ނަމަވެސް، ފިރާޝާ ވެސް އެ ދިމާއަށް ދިއުން އެކަށީގެންވެއެވެ. ބޮޑުދައިތަގެ ދެ އަންހެންކުދިން ސީ.އެޗް.އެސް.އީ އަށް ނުދެވިގެން އުޅެނިކޮށް ބުރުގާ އަޅުވާ ގޭގައި “ބަންދު”ކޮށްލި ނަމަވެސް، އަމީނިއްޔާގެ ގްރޭޑް ހައެއްގައި އުޅެމުން ފިރާޝާ “ބިޓިން” ކަންތައް ފަށައިފި އެވެ. އެއް ރެއަކު ގެއަށް ވައްދާ ފިރިހެން ކުއްޖަކު ދެވަނަ ރެއަކު ނުފެނެއެވެ. މުޅިން ވެސް “ވަން ނައިޓް ސްޓޭންޑް” އެވެ.

ނަމަވެސް މަންމަ އާ ހިލާފަށް ފިރާޝާގެ ގަދަ ކަމަކީ ފިރިހެނުން އޭނާ ހައްލާ ނުލެވޭ ކަމެވެ. ފިރާޝާ ފިރިހެން ކުދިން ގެންގުޅެނީ އޭނާގެ ދަށުގައެވެ. އޭނާގެ އަޅުވެތިކަމުގައެވެ. ޒުވާން ފުރައިގެ ފިރިހެންކުދިން “މެނިޕިއުލޭޓް” ކުރަން އޭނާ ވަަރަށް ކުޅަދާނައެވެ. އަދި ފިރާޝާގެ ދަލުގައި ޖެހޭ މާލޭގެ އިއްޒަތްތެރި އާއިލާތަކުގެ ފިރިހެން ކުދިން ވެސް މަދެއް ނޫނެވެ.

ނަމަވެސް ފިރާޝާގެ ފަރުވާލެއް ނެތެވެ. މަންމަގެ ހަޔާތުގެ ކަންކަން ފެނިފައި އޭނާއަށް ފިރިހެނުން ފެންނަނީ އިތުބާރު ނުކުރޭ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ. މިހެންވެ، އޭނާ “ކުޅެން” ބޭނުން ވަރަށް “ކުޅެފައި” ދޫކޮށްލަނީއެވެ. “ޑަމްޕް” ކޮށްލަނީއެވެ.

ބައެއް ކުދިން ހިތްހަލާކުވެގެން ގޯޅިގަނޑުގައި ރޯން ވެސް ހުރެއެވެ. ފިރާޝާއަކީ މަންމަ އާއި މާމަގެ ރީތިކަން ލިބިފައިވާ ކުއްޖެއްކަމުން، ރީތި “ބިޓަކު” އެއްލާލުމުން ބަރުދާސްތު ނުކުރެވިގެން ކަމަށް ވެސް ވެދާނެއެވެ. އެއް ފަހަރު މި ފަދަ ކުއްޖަކު ރޯން ހުއްޓާ އިސްމާލްބެ އައިސް ހަމްދަރުދީ ވުމުގެ ގޮތުން އޭނާގެ ކޮނޑުގައި އަތްލުމުން، އަދި އެއަށް ވުރެ ބާރަށް ރޮމުން ރޮމުން ގޯޅިގަނޑުން ނިކުމެގެން ދިޔައެވެ. ގޮއްލަރު ފިރިހެނުންނަށް ވެސް ނަފުސާނީ އަދި ޖުޒަބާތީ އަސަރު ކުރާކަން އަހަރެންނަށް އެނގުނީ އެ އެ ވަގުތުއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.