ސެންޓޭ: ދަނޑުމަތީގައި ޔަގީން ނަމެއް

Sentey

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ވިދާލި އެއް ކުޅުންތެރިއަކީ ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. ނިއު އަށް މިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ހޯދައިދިނުމުގަ އާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓަރ ފައިނަލުން އެ ޓީމަށް ޖާގަ ހޯދައިދިނުމުގައި ސެންޓޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ދިވެހި ފުޓްބޯޅައިގެ ތެރެއަށް ގިނަ ކުޅުންތެރިންތަކެއް ނެރެފައިވާ ބ. އޭދަފުއްޓަށް އުފަން ސެންޓޭ ،25، ގެ ޝައުގުވެރިކަން ވަރަށް ކުޑައިރުއްސުރެ ފުޓްބޯޅަ އަށް ހުއްޓެވެ. ރަށުގެ އެހެން ކުދިންނާ އެކު އޭނާ ކުޑައިރު ފައްކާކުރި ހުނަރުތައް އެންމެ ފުރަތަމަ ފާހަގަވީ 2006 ވަނަ އަހަރު ކްލަބު އީގަލްސް އިން އޭދަފުށީގައި ބޭއްވި ޓްރެއިނިން ކޭމްޕެއްގަ އެވެ. އެ ކޭމްޕްގައި އެންމެ ފާހަގަކުރެވުނު ތިން ކުޅުންތެރިންގެ ތެރޭގައި ސެންޓޭ ހިމެނިގެން އޭނާ ކުޅެން މާލެ ދިޔަ ނަމަވެސް، އެ އަހަރު ނިމުމުން އޭނާ ވަނީ އެނބުރި ރަށަށް އައިސްފަ އެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ ސެންޓޭ ރަނގަޅު ފުރުސަތަކަށް އިންތިޒާރުކުރަމުން ދަނިކޮށް، އޭނާގެ ހިދުމަތަށް 2008 ވަނަ އަހަރު އެދުނީ އޭރު ދެވަނަ ޑިވިޝަނުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. އޭވައިއެލްގެ ހުށަހެޅުން ގަބޫލުކޮށް ސެންޓޭ ވަނީ 2008 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި އެ ޓީމާ ގުޅިފަ އެވެ. އެކަމަކު ސެންޓޭގެ ކުޅުން ބޮޑަށް ފާހަގަވެގެން ދިޔައީ 2009 ވަނަ އަހަރު އޭވައިއެލް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ހިސާބުންނެވެ. އެ އަހަރު އޭނާ ދެއްކި މޮޅު ކުޅުމާ އެކު ބޮޑެތި ކްލަބުތަކުގެ ލޯ އޭނާ އަށް އަމާޒުވި އެވެ. އަދި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ބަންގާޅުގައި އޮތް ސާފް ގޭމްސް އަށް ނެގި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުން ސެންޓޭ ޖާގަ ހޯދި އެވެ.

ފުރަތަމަ ޑިވިޝަނުގައި އޭވައިއެލް އަށް އެއް ސީޒަން ކުޅެދިނުމަށް ފަހު، ސެންޓޭ ވިސްނީ ބޮޑު ކްލަބަކުން ފުރުސަތު ހޯދުމަށެވެ. މިގޮތުން ރާއްޖޭގެ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ދާދިފަހަކާ ޖެހެންދެން ހޯދަމުން އައި ކްލަބް
ވެލެންސިއާ އިން ފުރުސަތު ލިބުމުން އޭނާ ދެވަނަ ވިސްނުމަކަށް ނުގޮސް ވެލެންސިއާ އަށް ބަދަލުވި އެވެ.

“އޭރު ބޭނުންވީ ދެން ބޮޑު ކްލަބަކަށް ކުޅެން. އެހެންވެ ވެލެންސިއާ އަށް ބަދަލުވީ،” ސެންޓޭ ބުންޏެވެ.

vvވެލެންސިއާ އަށް އޭނާ ބަދަލުވި އަހަރު ވެގެންދިޔައީ އޭނާގެ އިތުރުން ކްލަބަށް ވެސް ވަރަށް “ވައި” އަހަރަކަށެވެ. ވެލެންސިޔާގެ ހާލަތު ވެސް ދަށްވުމާ އެކު ސެންޓޭގެ ކުރިމަގަށް ވެސް ބަލައި ޖެހިގެން އައި 2011 ވަނަ އަހަރުގެ ސީޒަނުގައި ސެންޓޭ ފުރަތަމަ ފަހަރަށް ނިއުގެ ނޫ ޖޯޒީގައި ނުކުތެވެ. ކާމިޔާބު ސީޒަނެއް ނިއުއާ އެކު އެއަހަރު ހޭދަކުރި ނަމަވެސް ދެން އައި ސީޒަންގައި އޭނާ ފެނިގެން ދިޔައީ ވިކްޓަރީގެ ރަތް ޖޯޒީގަ އެވެ. ވިކްޓްރީގައި ހޭދަކުރި 2012 ވަނަ އަހަރުގެ ސީޒަން ވެގެންދިޔައީ ސެންޓޭގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އައި އެންމެ އުނދަގޫ އަހަރަށެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑުބައެއް އޭނާއަށް ހޭދަކުރަން ޖެހުނީ ކުޅުމާ ދުރުގަ އެވެ. އެކަމަކު މިދިޔަ އަހަރު އޭނާ އަލުން ނިއުރޭޑިއަންޓާއި ގުޅުނު ހިސާބުން އަނެއްކާ ވެސް ނަސީބު ސެންޓޭގެ އަތުގައި ހިފިއެވެ. ސެންޓޭ ސިފަކުރާގޮތުގައި މިދިޔަ އަހަރަކީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރެވެ. މިދިޔަ އަހަރު އޭނާ ވަނީ ނިއުއަށާއި ގައުމީޓީމަށް މުހިއްމު ގޯލްތަކެއް ވެސް ކާމިޔާބުކޮށްދީފަ އެވެ.

ސެންޓޭގެ ހިތްގައިމު ލަނޑުތަކާ މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ސީޒަނުގައި ނިއުގެ ސަޕޯޓަރުންގެ އެއް ބަތަލަކީ އޭނާ އެވެ. މިދިޔަ ސީޒަނުގައި ސެންޓޭ ވަނީ 19 ލަނޑު ޖަހައިފަ އެވެ.

“މިދިޔަ އަހަރު ވަރަށް ރަނގަޅަށް ދިޔައީ. އެއީ ހަމަ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން. ދެން މިދިޔަ އަހަރު ނިއުގެ ކޯޗަކަށްހުރި ޕޮޕޯފްގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު އެއީ ވަރަށް މޮޅު ކޯޗެއް. ވަރަށް ހިތްހަމަޖެހޭ މިދިޔަ ސީޒަނާ މެދު،” ސެންޓޭ ބުންޏެވެ.

ސެންޓޭ ދެކޭގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުމެވެ. މި ފުރުސަތު އޭނާ އަށް އެންމެ ފުރަތަމަ ދީފައިވަނީ 2011 ވަނަ އަހަރު އޭރު ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. އޭގެ ފަހުން ގައުމީ ޓީމް ކުޅުނު ކޮންމެ މުބާރާތެއްގައި ސެންޓެގެ ބޭނުން އައީ ކުރަމުންނެވެ. މިހާރު އޭނާއަކީ ގައުމީ ޓީމުގެ އެޓޭކިންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ކަތުމަންޑޫގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އޭނާ ވަނީ ތިން ގޯލް ވެސް ކާމިޔާބުކޮށްދީފަ އެވެ.

1546460_748217598523645_1226156827_nސެންޓޭގެ ހުނަރާ މެދު ފުޓްބޯޅަ ބަލާ އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރެއެވެ. ދިވެހިންގެ އިތުރުން ރާއްޖެ އަންނަ ބިދޭސީ ކޯޗުން ވެސް ސެންޓޭ އާއި ދޭތެރޭ ދެކެނީ ހާއްސަ ނަޒަރަކުންނެވެ. މިދަޔަ އަހަރު ނިއުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ބަލްގޭރިޔާގެ ކާމިޔާބު މޭސްތިރިޔާ ޕޮޕޯފް އެންމެ ގަޔާވާ ކުޅުންތެރިންގެ ލިސްޓުގައި ސެންޓޭގެ ނަން ހިމެނެއެވެ. ނިއުރޭޑިއަންޓް ދޫކޮށް އޭނާ ބަދަލުވި އޮމާންގެ ކްލަބަށް ސެންޓޭ ގެންދިއުމަށްޓަކައި ޕޮޕޯފް މަސައްކަތްތަކެއް ވެސް ކުރި އެވެ. އެކަމަކު އެ ކްލަބަށް ދިމާވި ފައިސާގެ މައްސަލަތަކަކާ ހުރެ ސެންޓޭ އަށް އެ ފުރުސަތު ގެއްލުނެވެ. އެކަމަކު އަދިވެސް ސެންޓޭ ހުރީ އެފަދަ ފުރުސަތަކަށް އިންތިޒާރުކޮށްގެންނެވެ.

“ރަނގަޅު އޮފަރއެއް ލިބިއްޖެއްޔާ ކޮންމެ ގައުމަކަށް ވެސް ދާން މިހިރީ ތައްޔާރަށް،” ސެންޓޭ ބުންޏެވެ.

ސެންޓޭ ހުރީ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކުރަން ބޭނުންވެފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ ވެސް އޭނާގެ ހުވަފެނެކެވެ.

“ފުޓްބޯޅަ ކެރިއަރުގައި އެންމެ ދެކެން ބޭނުންވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބޭ ދުވަސް،” ސެންޓޭ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.