ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް މާޒިޔާ ފައިނަލަށް

އޭދަފުށީ ޓީމުގެ އާދަމް ޝިމާން އަތުން އަތުން ބޯޅަ ހޯދަން މާޒިޔާ ކުޅުންތެރިއަކު މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު
އޭދަފުށީ ޓީމުގެ އާދަމް ޝިމާން އަތުން އަތުން ބޯޅަ ހޯދަން މާޒިޔާ ކުޅުންތެރިއަކު މަސައްކަތްކުރަނީ. — ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ދެވަނަ ސެމީ ފައިނަލްގައި އޭދަފުށީ ޒުވާނުންގެ ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ، މާޒިޔާ މުބާރާތުގެ ފައިނަލުން އިއްޔެ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު، ދެ ޓީމު ވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ވަނީ އޭދަފުށީގެ ދެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. މެޗުގައި މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު އިރުފާން އާއި އިސްމާއިލް އަލީފް އަހުމަދާއި އަބްދުލް ވާހިދު އިބްރާހިމާއި މިސްބާހު އިބްރާހިމް އަދި މުހައްމަދު ސައިފް އެވެ. މާޒިޔާގެ އަޔާޒް އަހުމަދު ޖެހި ޕެނަލްޓީ އޭދަފުށީގެ ބަދަލު ގޯލްކީޕަރު މުހައްމަދު ހިސާން ވަނީ ދިފާއުކޮށްފަ އެވެ. ހިސާން މެޗަށް އެރުވީ އިތުރު ވަގުތުގަ އެވެ.

އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ސުހޭލް އާއި އަހުމަދު ހުމެއިދާއި ހަސަން އަބްދުލް ލަތީފު އަދި އިސްމާއިލް ފައުޒީ އެވެ. އޭދަފުށީގެ ކެޕްޓަން އަނަސް މުހައްމަދާއި އަފްރާހު އަބްދުލް އަޒީޒްގެ ޕެނަލްޓީތައް މާޒިޔާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެ ޓީމަށް ވެސް މަދު ފުރުސަތުތަކެއް ތަނަވަސްކުރެވުނު މެޗު އޭދަފުށިން ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމުގެ ހުސެއިން ނަޒީހަށް ރަތްކާޑު ދެއްކިއިރު، ދެވަނަ ހާފު ނިމެނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހުސެއިން ޝިހުބާނަށް ވަނީ އިތުރު ވަގުތުގައި ރަތްކާޑު ދައްކައިފަ އެވެ.

އެންމެ ފުރަތަމަ ބޭއްވި އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2011 ވަނަ އަހަރު ހޯދި މާޒިޔާއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ކްލަބް އީގަލްސް އެވެ. އީގަލްސް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި މުބާރާތުގެ ފައިނަލް ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

(ޚަބަރު: ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.