އުމެއިރާގެ ކައުންސިލަރުކަން ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ތުޅާދޫ ކައުންސިލްގެ ޑީއާރްޕީ މެމްބަރު އުމެއިރާ: އޭނާ އަކީ މެމްބަރެއް ނޫން ކަމަށް ކައުންސިލުން ނިންމި ނިންމުން ކޯޓުން ވަނީ ބާތިލްކޮށްފައި —

މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ހާޒިރުވެފައި ނުވާ ކަމަށް ބުނެ، ބ. ތުޅާދޫ ކައުންސިލްގެ މެންބަރުކަމުން ވަކިކޮށްފައިވާ ޑީއާރްޕީ މެމްބަރު އުމެއިރާ އަބޫބަކުރަކީ އަދިވެސް ކައުންސިލަރެއް ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.

ކޯޓުން މިގޮތަށް ކަނޑައަޅާފައި ވަނީ، ކައުންސިލުން އުމެއިރާ ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން އުމެއިރާ ވަކިކޮށްފައި ވަނީ އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑިވެލޮޕްމަންޓުން ހިންގި ކޯހެއްގައި ބައިވެރިވެވައިގަތުމަށް މާލެ ވަޑައިގެން ހުންނެވި ދުވަސްވަރު ކައުންސިލުން ބޭއްވި ޖަލްސާތަކަށް ހާޒިރުނުވާ ކަމަށް ބުނެ އެވެ. އެ ކޯހަށް އުމެއިރާ ވަޑައިގެންނެވީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް އަންގާފައި ކަމަށް ވިދާޅުވި ނަމަވެސް އެކަން ކައުންސިލުން ދޮގުކުރެ އެވެ.

ތުޅާދޫ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އުމެއިރާ ކޯހުގައި ހުރި މުއްދަތުގައި ކައުންސިލުން ބާއްވާފައި ޖަލްސާތަކުގެ ޔައުމިއްޔާ އަށް ބަލާއިރު، އެ މުއްދަތުގައި ކައުންސިލްގެ ޖަލްސާތައް ބާއްވާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 115 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ޖަލްސާތަކުގެ ޔައުމިއްޔާ އުމެއިރާ އަށް ފޮނުވާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އުމެއިރާ ރަށުން ބޭރުގައި 21 ދުވަސް ވަންދެން އުޅުއްވީ ކައުންސިލަށް ލިޔުމަކުން އަންގައި، ހުއްދަ ހޯދައިގެން ކަމަށް ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އާމިރު ހަސަން ކުރެއްވި ހުކުމުގައި ވަނީ އުމެއިރާ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވީ މަގުބޫލު އުޒުރެއް ނެތި ކަމަށް ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ބާތިލް ކަނޑައެޅުމެއް ކަމަށް ކޯޓު ހުކުމުގައިވެ އެވެ. އެ ހުކުމުގައި ކަނޑައަޅާފައި ވަނީ އުމެއިރާ މެމްބަރުކަމުން ވަކިނުވާ ކަމަށެވެ. — ހަވީރު-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.