ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޑޭޓާ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަނީ

މި އަހަރުގެ ޓެލެކޮމް ފެއާ ހުޅުވުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު– އީޓީ ފޮޓޯ

ރާއްޖޭގެ ތަރައްގީގައި ޒަމާނީ ޓެކްނޮލޮޖީގެ ހިއްސާ އިތުރަށް ފުޅާކުރުމަށް ކެބިނެޓުން ނިންމާފައިވާ “މޯލްޑިވްސް އައިޓީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް” މަޝްރޫއުގެ ދަށުން ރާއްޖޭގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޔުނިކޭޝަން މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު އިއްޔެ ބ. އޭދަފުށީގައި ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޓެލެކޮމް ފެއާ ހުޅުއްވައިދެއްވުމަށް މިރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 57 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ޑޭޓާ ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ޣާޒީ ބިލްޑިން ހިމެނޭ ސަރަހައްދުގައި 15 ބުރީގެ އިމާރާތެއް ޒަމާނީގޮތަކަށް ބިނާކޮށްގެން ކަމަށެވެ.

”މި މަޝްރޫއު ނިމުމާ އެކީ، ދިވެހިރާއްޖޭގެ ސަރުކާރުން ދޭ ކޮންމެ ހިދުމަތަކަށް ވެސް، ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ ގޭގެ ސިޓިން ރޫމުގައި ހުރެގެން އެޕްލައިކުރެވޭ ނޫނީ ހިދުމަތަކަށް އެދެވޭނެ ގޮތް މެދުވެރިވެގެންދާނެ،” ޑރ. ޝަމްހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގައި ކިޔަވާކުދިންނަށް ވަރަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި މޮޅު ޓީޗަރުން ނޫނީ އެހެން ލެކްޗަރާއިން ދީފައި ހުންނަ ފިލާވަޅުތައް ވަގުތުން ނުވަތަ އޮންލައިންކޮށް ބަލާލުމުގެ ފުރުސަތު މި ޕްރޮޖެކްޓުގެ ތެރެއިން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާލޭގެ ނެޝަނަލް ލައިބްރަރީގައި ހުރި ފޮތްތަކާއި ދުނިޔޭގެ އެހެން ތަންތަނުގެ ލައިބްރަރީތަކުގައި ހުރި ވަސީލަތްތައް މި ޕްރޮޖެކްޓްގެ ތެރެއިން ކުދިންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޝަމްހީދު ވިދާޅުވީ އައިޓީ ދާއިރާ ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި މި މަޝްރޫއުގެ ތެރެއިން “ގައުމު މިއޮތް ހާލުގައި ވެސް” މިހާ ބޮޑު މަޝްރޫއެއް ސަރުކާރުން އިއުލާންކުރުމަކީ އޭގެ ރަމްޒެއް ކަމަށެވެ.

“މޯލްޑިވްސް އައިޓީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް” މަޝްރޫއު ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ ހަފްތާތެރޭގަ އެވެ.

ރައީސް އޮފީހުން ބުނީ އެއީ ސަރުކާރުން ކަނޑައަޅާފައިވާ ތަރައްގީގެ އޮނިގަނޑުގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކޮށް، ސަރުކާރާއި ދައުލަތުން ދޭ ހިދުމަތްތައް ގައުމީ ކޮމްޕިއުޓަރު ވިއުގަ މެދުވެރިކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހިންގާ މަޝްރޫއެއް ކަމަށެވެ.

ލުއި ފަސޭހަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުވައި ދިނުމަކީ ވެސް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް މަޝްރޫއުގެ މަގުސަދެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.