
ބ. އޭދަފުށީ ދާއިރާގެ ތަރައްގީއަށް ކުރެވޭ އެކިއެކި ކަންކަމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓްރަސްޓް ފަންޑެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް ވިދާޅުވީ އޭނާގެ ނަމުގައި ޓްރަސްޓް ފަންޑެއް ގާއިމުކުރެއްވެމަށް ނިންމެވީ ދާއިރާގެ ރައްޔިތުންނަށް އެންމެ ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ މަޖިލީހަށް ހޮވުނަސް ނުވަތަ ނުހޮވުނަސް ޓްރަސްޓް ފަންޑް އަންނަ މަހު ގާއިމުކުރެވި، ފަންޑުން ހަރަދުކުރެވޭނެ ގޮތްތައް އާންމުކުރެވޭވަރު ވާނޭކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
”އަޅުގަނޑަކީ މީގެ އެތައް އަހަރެއްކުރިން ފެށިގެން އެކިކަހަލަ ކަންކަމުގައި ރާއްޖޭގެ އެކިސަރަހައްދުތަކުގެ އާންމުންނަށް އެކިވަރުގެ އެހީތެރިކަން ދެމުން އަންނަމީހެއް. މި އެހީތައް އޭދަފުށި ދާއިރާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް މިހަދަނީ. އެގޮތުން ތައުލީމީ އަދި އެހެނިހެން ދާއިރާތަކަށް މި ފަންޑުން އެހީތެރިކަން ލިބިގެން ދާނެ ދާއިރާގެ ކޮންމެ ރަށަކުން އެދުނު ކަމުގައިވިޔަސް،” ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ފަންޑުން އެހީ ދޫކުރަމުންގެންދާނީ އެކަމަށް ކަނޑައަޅާ ކޮމެޓީއަކުން ބެލުމަށްފަހު އެކަމަކީ މިވަގުތައް މުހިއްމު އަދި ރައްޔިތުންނަށް ލާބަޔާ މަންފާކުރާނެގޮތެއް ބަލައިގެން އެންމެ އެކަށީގެންވާ ކަންކަމަށް ކަމަށެވެ. އަދި މިހާރު ދެމުންގެންދާ އެހީތައްވެސް ކުރިޔަށްއޮތް ތަނުގައި މި ފަންޑުގެ ދަށަށް ބަދަލުވެގެން ދާނެކަމަށް ސަލީމް ވިދާޅުވި އެވެ.
ބ. އަތޮޅުގެ ރަށްރަށުގެ އާންމު ރައްޔިތުންނަށާއި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް މީގެ އެތައް އަހަރެއްކުރިން ފެށިގެން ސަލީމް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެކިކަހަލަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަލީމް އޮފީހުން ވަރަށްބޮޑެތި އެހީތައް ކޮންމެ ދުވަހަކުވެސް ދެވެމުންދާކަން އެ އޮފީހުން ބުނެއެވެ.
ސާބަސް ސަލީމް، ސަލީމުވަރެއްނެތް. ޢެދަފުށީގައި ލާރި ހުރި މީހުންވެސް އެބަތިބި، ތިގޮތަށް ޚަރަދުކޮށްލަން ބުނަންކެރޭ މީހަކު ނެތް، ސަލީމަކީ ހަމަ އެއްވަނަ. ސަލީމަށް ތިކަންކުރެވިދާނެ، ކުރިން އަހަރެންވެސް ހީކުރީ އެއެވެސް ކަމަކާ އުލޭ އިއްޒަތްތެރި މެންބަރެއް ނޫނޭ. ނަމަވެސް މިހާރުއެގިއްޖެ، ސަލީމަކީ ރަށަށް ލޯބި ހުރެގެން މަސައްކަތްކުރެވިދާނެ އަދި ކުރައްވާ ބޭފުޅެއްކަން. އަދިވެސް ވަރަށް ފަށްފަށުން ސަލީމަށް ޝުކުރިއްޔާ، ބާރަށް ކުރިޔަށް، ކުރިޔަށް ބާރަށް.