![3176](http://new.eydhafushitimes.com/wp-content/uploads/2012/12/3176.jpg)
މިހާރު ދިރާގުގެ އެންމެބޮޑު އަމާޒަކީ ބްރޯޑް ބޭންޑްގެ އިންޓަނެޓްގެ ޚިދުމަތް އެދެވޭ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށްދިނުންކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ.މިދިޔަ ހުކުރު ދުވަހުގެރޭ އޭދަފުށީ ކޮރަލް ޕާކް ރެސްޓޯރަންޓްގައި “އީޓީ” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އަމާޒަކީ މާލެއެކޭ އެއްފެންވަރެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބްރޯޑް ބޭންޑް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިނުން ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ތެރޭގައި އެކަން ކުރެވޭނީ ތަފާތު ޓެކްނޮލޮޖީސް ބޭނުންކޮށްގެން ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
“ދިރާގުން ބޭނުންވަނީ އެކި ރަށްތަކުގެ ތަފާތު ކުޑަކޮށްލަން. ހުރިހާ އެންމެންނަށްވެސް ނެޓަށް މިއަދު ވަދެވެން އެބަޖެހޭ. އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ އިންޓަނެޓްގެ ހިދުމަތް އެދެވޭ ގޮތަކަށް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން،” އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ 70 މިލިއަން ޑޮލަރު (899 މިލިއަން ރުފިޔާ) ގެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓަކީ މުޅި ރާއްޖެއަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފުޅާކުރުމަށް ފެއްޓި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން މިހާރު ކޭބަލް އިންސްޓޯލް ކުރުމަށްފަހު އެއަށް ޓެސްޓްކޮށް ހިދުމަތްދެމުންދާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
“އިތުރު ރަށްރަށަށް ތްރީޖީ ދެމުން ގެންދެވެނީ އޭގެ (ސަބްމެރިން ކޭބަލް) ސަބަބުން. އެކަމަކު އޭދަފުއްޓަށް ސީދާ ކޭބަލް ޓާމިނޭޓްވެފަ އޮންނާތީ، އޭދަފުއްޓަށް އައީ ކޮން ބަދަލެއްތޯ ބަލާއިރު މިހާރު ކޮންމެވެސް ބަދަލުތަކެއް ފެންނާނެ. އެއީ ކޮލިޓީގެ ބަދަލުތައް. އޭދަފުއްޓަށް ލިބިފަހުރި އިންޓަނެޓްގެ ކެޕޭސިޓީ މެދުކެނޑުމުގެ ކަންތަކާއި، ކުރިން ދިމާވާ ދަތިތަކުގެ ވަރަށް ގިނަ ކަންތައްތައް ވަރަށް ބޮޑަށް މިހާރު ކުޑަވެގެންދާނެ.” ދިރާގު ބައެއް އިސްވެރިންނާއެކު އީޓީއަށް ދެއްވި އިންޓަވިއުގައި އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.