ހުން އަންނާނެކަމަށް ރަޖާލުން 1

4474193

ކަމެއް ނުވަނީސް އެކަމެއް ވެދާނެކަމަށް ކުރަންވީ ހުރިހާ ތައްޔާރީއެއްވުުމުން “ހުން އަންނާނެކަމަށް ރަޖާލުން” މިފަދަ މުހާވަރާއަކުން މިހާރުވެސް އެތައް ބަޔަކު މިސާލު ޖަހައި އުޅެއެވެ. އެހެން ނަމަވެސް މިހާރު މިފަދަ ބަސްތަކުން، އަނެކާ އާ މުޚާތަބު ކުރަނީ، ކުރަން އުޅޭ ކަމަކާ މާ ގަދައަށް އަޑުއަރުވައި، ތަފާތު މަހެފިލުތަކުގައި ދެކެވޭ “ފޮނި” ވާހަކަތަކާ ގުޅިގެންނެވެ. ފިނިމައިޒާން ތަކުގަ އެވެ. މީހުން ޖަމާވާ ޖޯލިފަތި ތަކުގަ އެވެ. ހޮޓާ ރެސްޓޯރަންޓްފަދަ ތަންތާނގައި ފުރާ ދުއްވާ އުޅަނދު ފަހަރުގަ އެވެ. އެކަމަކު ޒުވާނުން، މި ސަކަރާތް ޖަހަނީ ފޭސްބުކް ނުވަތަ ތުވިޓާ ފަދަ ސޯސައަލް ނެޓްވޯކް ތަކުންނެވެ.

ޒުވާންކަމަށް ދައުރުކުރަމުން އައި އަޅުގަނޑުގެ އެންމެ “ޗާލާކީ” ދުވަސްވަރު (މީގެ 18 ވަރަކަށް އަހަރުކުރިން) އޭދަފުއްޓަކީ ބިމުގެ ދަތިކަން ފޯރާފައިވާ ރާއްޖޭގެ މަދުރަށްތަކުގެ ތެރެއިން ރަށެއްކަމަށް އޭރުގެ ސަރުކާރުންވަނީ މުޅިރާއްޖެއަށް އިއުލާން ކޮށްފަ އެވެ. ޓީވީއާ ރޭޑިއޯއިންނެވެ. ނޫސްމަޖައްލާ ތަކާއި ތަފާތު ޖަލްސާ ތަކުގަ އެވެ.

 “އަރާނޭ އަރާނޭ ބޮޑުމާލި އަރާނޭ” ފަދަ ބަނދިތަކުން، ކާބަފައިން ޒަމާނުގައި ކުޑަކުދިން މަސަލަސް ކުރެވުނަސް މިއަދުގެ ޒުވާނުން ނުވަތަ 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުންފެނި، ކުރިއަރަމުން އަންނަ ރަށްފުށު މީހާވެސް އެފަދަ ނާނާތަކަށްދޭ ސަމާލުކަން މިއަދުވަނީ ކުޑަވެފަ އެވެ.

Eydhafushi, Baa Atol, Maldives.Eydhafushi, Baa Atol, Maldives.

އަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައިވީ ނަމަވެސް “ތޮއްޖެހިފައިވާ” އޭދަފުށި (ކުޑަމާލެ) މިއަދުވެސް މިފެންނަނީ މީގެ ވިއްސަކަށް އަހަރުގެ ކުރީގެ ހާލަތުގައިވާ ތަނެވެ. މިރަށުގެ ބިންހިއްކާ ވާހަކައަކީ އެވާހަކައެއް ދައްކާތާ “ލައްކަ ޒަމާން” ވެފައިވާ ވާހަކަ އެކެވެ. އޮނޑިދޯނި ފަހަރުގައި އިންޖީނުއެޅިތާ ވީދުވަހެއް މިވާހަކައަށްވެސް ވެދާނެ އެވެ. ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުނެވެ.

ދަތުރުފަތުރުގެ ނިޒާމުން ގުޅިލާމެހިވެފައިވާ ބަވަނަވަމުންދާ ދުނިޔޭގައި “ގިމަތައެއް” (ފެރީ ތާމިނަލެއް) ނެތުމުން އޭދަފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކުން އުފުލަންޖެހޭ ހިތްދަތި “ވޭން” ޚުދު އަޅުގަނޑަށްވެސް ތަހައްމަލު ކުރެވެއެވެ. އެބައިމީހުން ބޯހިޔާވާނެގޮތަކާއި، ފާޚާނާ ކުރެވޭނެފަދަވެސް ނެތެވެ. އަބަދުވެސް ދައްކަނީ މިއަންނަމަހު ފެރީ ޓާމިނަލު އަޅާ ވާހަކައެވެ. އެކަމަކު އެ މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

އޭދަފުއްޓަކީ މަދުންނަމަވެސް މަސްވެރިން ހަރަކާތްތެރިވާ ރަށެކެވެ. މަސްވެރިން ނުވަތަ ވަދުވެރީން ބާނާ މަސްކޮޅު ވާޓަރުމަތިން، އެބަޔަކު ހިތުހުރި ތާކަށް ބާލަމުންދާ މަންޒަރު ފެނުމުން ބައެއް ފަހަރު ހިނިވެސް އާދެއެވެ. އެހެން އެވަނީ މަސްމާރުކޭޓެއް ނެތުމުންނެވެ. އެ މާރުކޭޓެއްވެސް ކޮންމެ އަހަރަކު ދެފަހަރު ރަށުގެ ކޮންމެވެސް ސަރަހައްދަކު އަޅައެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ލޮލަށް އެ މަސްމާރުކޭޓް ނުފެންނަ ކަމެވެ.

werimage000

ރަށަށް ގެންނަ މުދާ ބާލަކަށްވެސް ވަކި ސަރަހައްދެއްނެތެވެ. ބަނދަރުމަތީގެ ހުރިހާ ސަރަހައްދެއްވެސް ހަމަ “ފްރީ” އެވެ. އަދި އެހެން ވާހަކަ އެކެވެ. އޮނޑި ދޯނިފަހަރަށް ތެޔޮއަޅާ މަންޒަރަކީވެސް އަޖައިބުން ފުރިފައިވާ މަންޒަރެކެވެ. މި މަންޒަރުން އަޅުގަނޑަށް ސިފަވަނީ ހަތްދިހައިގެ އަހަރުތަކެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތްކަމެވެ. އެބުނާ “ޝެޑެއް” ހުރިނަމަ ކިހާބޮޑު ފަސޭހައެއް ލިބުނީސް ހެއްޔެވެ؟ މިކަހަލަ ޝެޑްތައްވެސް ހުންނަނީ ޚިޔާލީ އެއްޗެއްގެ ގޮތުގައި ވައްމޭޒު ދޮށުގައި ދެކެވޭ ވާހަކަތަކުގަ އެވެ.

ދެން އޮތީ ކުނީގެ ވާހަކަ އެވެ. ކުނިގޮޑެއް އޮތެއް ކަމަކު އެކަމެއް މެނޭޖެއް ނުކުރެވެ އެވެ. ގޮނޑަށް އަޅާ ކުންޏަށްވުރެ ރަށުގެ ހޭޅިފަށަށް އުކާލާ ކުނި ވަކިމަދެއް ނުވާނެ އެވެ. އެބުނާ ކުނިކޮށިވެސް “ވިއްސާރަވިލާ” ނަގާހެން ރަށަށް ނުވެހި ދަނީއެވެ. އެކަމަކު މިކަމަށްވެސް ހާދަވަރަކަށް ބައްދަލުވުންތައް ބޭއްވި، ސަރަހައްދު ކަނޑައަޅައި ދެންމެ ދެންމެ މަސައްކަތް ފަށައިފާނެ ހެންވެސް ހީވެ އެވެ.

ކަރަންޓާ ބޯފެނުގެ ޚިދުމަތްވެސް ވަކި ސަހަލެއް ނޫނެވެ. “ފެންހޮޅި އަޅަނީ”، “އާ އިންޖީނު އަންނަނީ”، “ކޮންނަ ބޯޓު ދަތުރުކުރަނީ” އޭ ނުބުނާ އެއްވެސް އަހަރެއް ފާއިތުވީހެނެއް ހިއެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް އެ ވާހަކަތައް ދެކެވެނީ “ކުޑަމާލެ” އޭ ބުނާ އުސޫލުން ރައްޔިތުން “ހައްދާފައި” ތިއްބުމުގެ ބޭނުމުގައި ކަމަށް ވެދާނެ އެވެ.  މިހާރުވެސް އޭދަފުށީގައި ބޭނުންކުރާ އިންޖީނުތައް ހާލުބޮޑު ބަލި މީހަކަށްވުރެ ވަކިން ހާލު ރަނގަޅެއް ނުވާނެހެން ހީވެ އެވެ. އެ އިންޖީނުތައް ހިންގަނީ އެތަނުގެ ޑޮކްޓަރުންގެ މޮޅު ބޭސްފަރުވާގެ ސަބަބުން ކަމީ އޭދަފުށީގެ ކުދިބޮޑު އެންމެން ދަންނަ ހަގީގަތެކެވެ. (ނުނިމޭ)

[ނޯޓް: މިއީ، “އަލިފުތާގެ ގަލަމުން” މިނަމުގައި އީޓީއަށް ލިޔުންތެރިޔަކު ލިޔުންވަމުންދާ ކޮލަމެކެވެ]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. meeru

    “އަރާނޭ އަރާނޭ ބޮޑުމާލި އަރާނޭ”ތީ ތެދެކެވެ. ހަމަ ރަގަޅަށްވެސް މިއަދުގެ އޭދަފުށީ ގިނަޒުވާނުން ހައްދާލެވެނެއެވެ. ގަބޫލު ނުކޮށްފިނަމަ ގެއިންނެރެލާނެއެވެ. ނޫނީ ދީނުން ބޭރުވީއޭ ބުނާނެއެވެ. އެހާވެސް ނާތަހުޒީބެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.