ރަށް ތަރައްގީކުރަން ބޭނުންނަމަ ކައުންސިލުތައް ބާރުވެރި ކުރުވަންޖެހޭ: ހިސާން

Hisan in eyudha

ރަށް ތަރައްގީކުރަން ބޭނުންނަމަ ކައުންސިލުތައް ބާރުވެރިކުރުވަން ޖެހޭކަމަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ އޭދަފުށީގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ނޫން ގޮތަކަށް ދެނެއް ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ.

“މިހާރު މިއޮތް ސަރުކާރުގައި އެބައޮތް މެނިފެސްޓޯއެއް. އެ މެނިފެސްޓޯގައި އެބޭފުޅުންގެ ލާމަރުކަޒީ ސިޔާސަތުވެސް އެބައޮތް. އެ ސިޔާސަތުގައި މި ބުނަނީ ތިމަންނަމެން ލޯކަލް ކައުންސިލުތައް ޖަވާބުދާރީ ކުރުވާނެ މިނިސްޓްރީއެއް ހަދާނަމޭ. އެކަމަކު މިހާރު މިއިވޭ އަޑުތަކަކި ކޮންމެ އަތޮޅަކަށް ޕްރޮވިންސް މިނިސްޓަރެއް ނުވަތަ ސްޓޭޓް މިނިސްޓަރެއް އަންނަ ވާހަކަ. މި ވިދާޅުވަނީ އެއްކަލަ އެޓޮލްސް ޑިވެލޮޕްމަންޓް ހަދާވާހަކަ. ކޮންމެ މިނިސްޓްރީގަ މިނިސްޓަރެއް ހުންނާނެޔޭ. އަޅުގަޑުމެން ބޭނުމެއް ނޫނޭ އަނެއްކާވެސް ކުރިން އޮތް ސިސްޓަމަކަށް އަނބުރާދާކަށް. ކަތީބުންނާ އަތޮޅުވެރިންނެއް،” ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކައުންސިލުތައް ބާރުވެރި ކުރުވައި، ރައްޔިތުންނާ ގާތުން އެ ހިދުމަތްތައް ދެވޭނެ ކައުންސިލުތަކެއް އޮންނަން ބޭނުންވާ ކަމަށެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިވާނީ އެ ކައުންސިލުތަކަށް މާލީގޮތުން ލިބެން ޖެހޭ އިނާޔަތްތަކާއި އާމްދަނީ ލިބޭނެ ގޮތްތަކެއްވެސް ހޯދައިދެވިގެން ކަމަށެވެ.

“އަޅުގަނޑު މި ވައުދުވަނީ އިރާދުކުރެއްވިއްޔާ މި ދާއިރާއަށް ވަންނަ ފައިސާގެ ތެރެއިން އަދި ރަށަށް ވަންނަ ފައިސާގެ ތެރެއިން ރަށުގެ އިގްތިސޯސް ކަނޑައަޅާފައި އޮންނަ ފަޅާއި، ފަޅުރައްތަކުގެ ތެރެއިން ލިބޭ އާމުދަނީގެ ބޮޑު އިންސައްތައެއް އެއީ ސިދާ ކައުންސިލުތަކުގެ އާމްދަނީ އަކަށް ހަދައިދޭނަމޭ. އަޅުގަނޑުމެން އަނބުރާ ރައްޔިތުންގެ އެކައުންޓް ރައްޔިތުންނަށް ގެނަސްދޭނަމޭ. ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނީ ކައުންސްލުތަކަށް އެކިގޮތްގޮތުން ވަންނަ ފައިސާ އަށް. އެއީ މަގުތައް ހަދަން ވިޔަސް، އެމްބިއުލަންސް ގަންނަން ވިޔަސް ނުވަތަ ޕްރީ ސްކޫލް ޓީޗަރަށް މުސާރަ ދޭން ވިޔަސް އޭރުން ކައުންސިލަށް އެކަންތައް ކުރެވޭނެ،” ހިސާން ވިދާޅުވި އެވެ. “ވޯޓް ދީފަތިބި ކައުންސިލަރުން މެދުވެރިކޮށް ރަށް ތަރައްގީ ކުރާނަން. އަޅުގަނޑު އަޅުގަނޑުގެ ވޯޓެއް ވިއްކައެއް ނުލާނަން. އަޅުގަނޑު އިކްލާސްތެރިކަމާއެކު ތިޔަބޭފުޅުން ތަމްސީލުކޮށްދޭނަން. އަޅުގަޑަށް ތިޔަ ބޭފުޅުން މި ފުރުސަތު ދެއްވައިފިނަމަ، ތިބޭފުޅުން އެކަމާ ހިތާމަ ކުރައްވާކަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުޖެހޭނެ.” ހިސާން ވިދާޅުވި އެވެ.

Hisan1

“އަޅުގަޑެއް ތިބޭފުޅުންނަށް ދޮނގެއް ހަދައިގެނެއް ވޯޓެއް ނުހޯދާނަން. އަޅުގަނޑު ތިބޭފުޅުންނަކަށް ތެލި، ތަށި، ހުށައެއް ނާޅާނަން، ހަކުރެއް ވެސް ނުގެންނާން. އަޅުގަނޑު ތިބޭފުޅުން ކައިރީ މި ދަންނަވާހާ ވެސް އެއްޗަކީ އަޅުގަނޑު ތިބޭފުޅުންގެ އަޑު އަހާނަމޭ. އަޅުގަނޑު ތިޔަބޭފުޅުންގެ އަޑު އިއްވަދޭނަމޭ. އިޚްލާސްތެރިކަމާއެކު އަޅުގަނޑު ތިބޭފުޅުން ތަމްސީލް ކޮށްދޭނަމޭ. ދާއިރާއަށް ހޯދަދޭންޖެހޭ ކޮންމެ ތަރައްގީގެ މަޝްރޫއަކަށް ކޮންމެ ކަމަކަށް ތިބޭފުޅުންގެ ހައްގުގައި ދަންނަވާންޖެހޭ ކޮންމެ ވާހަކައެއް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ދައްކާނަމޭ. އެހެންވީމާ އަޅުގަނޑެއް ކޮމްޕިއުޓަރެއް ކައިރީގައި އިދެގެން ޚިޔާލީ ފަލްސަފާގެ މައްޗަށް ކުރަހާ މަންޒަރެއް ހުވަފެނެއްގެ ގޮތުގައި ތިޔަ ބޭފުޅުންނަށް ދައްކުވައިގެން ވޯޓެއް ނުހޯދާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ވޯޓެއް ދެއްވައިގެން އަޅުގަނޑު ހޮވިއްޖެނަމަ އެއީ ތިބޭފުޅުން އަޅުގަނޑާ ހަވާލުކުރާ އަމާނާތެއް” ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާލުވީ އޭނާ އޭދަފުށި ދާއިރާގެ ގޮނޑިއަށް އިންތިހާބު ކޮށްދެއްވައިިފިނަމަ ސަރުކާރާގުޅިގެން މި ދާއިރާއަށް ގެންނަންޖެހޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށްވެސް ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުންވާ ވައުދުތައް ނުފުއްދޭނަމަ ނުވަތަ ދާއިރާއަށް ހޯދައިދޭންޖެހޭ ހިދުމަތްތައް ނުދީފިނަމަ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Amhed Rasheed / SEET

    ލާމަރުކަޒީ ޤާނޫނުގެ މުހިންމުކަން އިހުސާސްކުރެވޭ ކޮންމެ މީހަކުވެސް އެވާހަކަ ދައްކާނެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ބޭނުން ނުވާނީ ކާކުބާ؟ ޕާސްޕޯރޓް ހަދަންވީމަ މާލެއަށް، އޮޑިދޯނިފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދަންވީމަ މާލެއަށް، އައިޑީ ކާޑް ހަދަންވީމަ މާލެއަށް، ގޭގަ މަސައްކަތްކުރާ ބަންގާޅު މީހާގެ ވާރކްވިސާ ފީދައްކަންވީމަ، ހަމަ މާލެއަށް…..ކޮންމެ ކަމަކަށްވެސް މާލެއަށް….މާލެއަށް…..ހަމަ މާލެއަށް…..އޭރުންތާ، ނުހަމަ ގޮތުގަ ހޯދާފަހުރި ފައިސާއިން، މާލޭގައި ޢިމާރަތްކޮށްފައި ހުރި ތަންތަނުން، ކޮޓަރި ކުއްޔަށް ހިފައިގެން، “އެބޭފުޅުން” ނަށް އާމްދަނީ ހޯދައިދެވޭނީ……ވިސްނާ….އަދިވެސް ވިސްނާ…..

    ރައްދު
  2. އަލީ

    މި އެމްޑީޕީ މީހުން އަބަދުވެސް ދައްކާނީ ލާމަރުކަޒީ ގާނޫނުގެ ވާހަކަ . އެނޫންވާހަކައެއް ނޭންގޭނެ ދައްކާކަށް . ކުރީގެ ފެއިލްވި ކައުންސިލަރ އަބޭވެސް އަބަދުވެސް ދައްކާނީ ލާމަރުކަޒީ ގާނޫނުގެ ވާހަކަ. ތިހެން ކިޔާލަ ކިޔާލަ ތިބެން ޖެހޭނީ. ތިލަ އަކަށް ފަތަކަށް ނޯ ވޯޓް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.